ކ. މާލެ
|
25 ފެބްރުއަރީ 2023 | ހޮނިހިރު 12:01
އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ސިސްޓަމްތައް
އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ސިސްޓަމްތައް
ގެޓީ އިމޭޖަސް
ޔޫކްރެއިން ރަޝިއާ ހަނގުރާމަ
ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް، ހަނގުރާމައިގެ މަސްރަހު ބަދަލުވާނީ ކިހިނެއް؟
 
ޕެޓްރިއޮޓް މިސައިލް ސިސްޓަމެއްގެ އަގު އެއް ބިލިއަން ޑޮލަރަށް އަރައި
 
ޕެޓްރިއޮޓް މިސައިލް ސިސްޓަމްތަކަކީ އެމެރިކާ އަސްކަރިއްޔާގެ އެންމެ ފާހަގަކޮށްލެވޭ އެއް އުފެއްދުން
 
ޕެޓްރިއޮޓް މިސައިލް ސިސްޓަމްތައް މާޗު މަހު ޔޫކްރެއިންގެ އަސްކަރިއްޔާއަށް ލިބޭނެ

ޖެނުއަރީ މަހު، ޔޫކްރެއިންގެ އަސްކަރިއްޔާއިން ވަނީ އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ސިސްޓަމް ބޭނުންކުރުމުގެ ތަމްރީނުތައް ފަށައިފައެވެ. އެމެރިކާއިން ރަޝިޔާ، ޔޫކްރޭން އަދި ޔޫރޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް ލޯރާ ކޫޕަރު ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި މި ޕްރޮސެސްއަށް "އެތައް މަސްތަކެއް" ނަގާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ރަޝިއާ ޔޫކްރެއިން ހަނގުރާމައިގައި ވަރަށް އަވަހަށް މިޒަމާނީ ހަތިޔާރުތައް ބޭނުންކުރަން ފަށާނެއެވެ. އެހެންނަމަވެސް އުފެދޭ ސުވާލަކީ އެންމެ ފަހުގެ އުގުހުރި ހަތިޔާރުތަކުން ހަނގުރާމައިގެ މައިދާނަށް އަންނާނީ ކޮން ބަދަލުތަކެއްތޯ؟

ކުރު އިންތިޒާރެއް

ޔޫކްރެއިނަށް ޕެޓްރިއޮޓް ސަރފޭސް ޓު އެއަރ މިސައިލް ސިސްޓަމްތައް ފޯރުކޮށްދިނުމުގެ މަޝްވަރާތައް އިތުރުވެގެންދިޔައީ ރަޝިއާއިން އެގައުމުގެ އުމުރާނީ ބިނާތަކަށް، ހާއްސަކޮށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ ތަންތަނަށް ދެމުންދާ ހަމަލާތައް އިތުރުވެ އެގައުމުގެ ގިނަ ސަރަހައްދުތަކަކުން ކަރަންޓު ކެނޑެން ފެށުމާ ގުޅިގެންނެވެ. ޔޫކްރެއިންގެ އަސްކަރިއްޔާއިން އެސް-300 އެއަރ ޑިފެންސް ސިސްޓަމަކުން ފޮނުވާލި މިސައިލް ހަމަލާއެއް، އޮޅިގެން ޕޮލެންޑްގެ ޝެވާދޮވް އަވަށަށް އަމާޒުވެ، ދެ ދަނޑުވެރިން މަރުވި ހާދިސާއާ ގުޅިގެން މި މަޝްވަރާތައް އިތުރުކުރެވުގެންދިޔައެވެ. އަދި ޕޮލެންޑުން ޕެޓްރިއޮޓް އެންޓީ އެއަރ ކްރާފްޓް މިސައިލްތައް ހޯދުމުގެ ބަދަލުގައި ޖަރުމަނުން އެ ސިސްޓަމްތައް ހޯދުމަށްވެސް އެދެންފެށިއެވެ.

އެހެންނަމަވެސް އޭރު ޖަރުމަނުން ބުނަމުން ދިޔައީ އެގައުމުން ދެކެނީ ޕެޓްރިއޮޓް ސިސްޓަމްތަކަކީ ނޭޓޯގެ ގައުމުތަކުގައި ނުވަތަ ނޭޓޯގެ "ޓެރިޓަރީ" ގައި ހުންނަން ޖެހޭ ސިސްޓަމްތަކެއް ކަމަށެވެ. ނަމަވެސް މަޝްވަރާތަކަށް ދެ މަސް ދުވަހަށް ފަހު ޖަރުމަނުން ވަނީ ހިޔާލު ބަދަލުކޮށްފައެވެ. އެގޮތުން މި އަހަރުގެ ޖެނުއަރީ މަހު ޖަރުމަނު އަދި އެމެރިކާއިން ވަނީ ޔޫކްރެއިނަށް ޕެޓްރިއޮޓް އެންޓި އެއަރ ކްރާފްޓް މިސައިލް ބެޓެރީ ފޮނުވަން އެއްބަސްވެފައެވެ. މިކަން އިއުލާނުކުރައްވާފައި ވަނީ ޖަރުމަނުގެ ޗާންސެލާ އޯލާފް ޝޮލްޒް އަދި އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެ ބޭފުޅުން ފޯނުން ގުޅުއްވާ ކުރިއަށްގެންދެވި މަޝްވަރާތަކަކަށްފަހު އާންމުކުރި ގުޅިފައިވާ ބަޔާނަކުންނެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ޔޫކްރެއިނަށް ފޯރުކޮށްދޭނެ ކަމަށް ބުނެފައިވާ ޕެޓްރިއޮޓް އެންޓި އެއަރ ކްރާފްޓް މިސައިލް ބެޓެރީ އަކީ އެގައުމަށް ލިބޭ ދެ ވަނަ ބެޓެރީއެވެ. މީގެ ފުރަތަމަ ބެޓެރީ އެގައުމަށް ދެނީ އެމެރިކާއިންނެވެ. ފުރަތަމަ ބެޓެރީ އެގައުމަށް ދެނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެމެރިކާއިން ޔޫކްރެއިނަށް ދިނުމަށް އިއުލާނުކުރި 1.8 ބިލިއަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީގެ ޕެކޭޖުގައެވެ. މާހިރުން ފާހަގަކުރާގޮތުގައި ޕެޓްރޮއިޓް ސިސްޓަމްތަކަކީ މިހަނގުރާމާގައި އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދޭ އެންމެ އަގުބޮޑު އެއް ހަތިޔާރެވެ. އެގޮތުން އެއް ޕެޓްރިއޮޓް ސިސްޓަމްގެ އަގު އެއް ބިލިއަން ޑޮލަރަށް އަރާނެކަމަށް ރިޕޯޓުތައް ބުނެއެވެ. އެއީ މިސައިލްތަކަށް އެކަނި 690 މިލިއަން ޑޮލަރު އަދި ސިސްޓަމްގެ އެހެނިހެން ސާމާނަށް 400 މިލިއަން ޑޮލަރެވެ.

ޕެޓްރިއޮޓް ސިސްޓަމްތައް ތަކަކީ އެމެރިކާއިން 1980ގެ އަހަރުތަކުގެ ތެރޭގައި އުފެއްދި ސިސްޓަމްތަކެކެވެ. މި ސިސްޓަމްތައް އެންމެ ފުރަތަމަ ބޭނުންކޮށްފައި ވަނީ 1991 ވަނަ އަހަރުގެ ގަލްފް ހަނގުރާމައިގައެވެ. އަދި އޭގެ ފަހުން 2003 ވަނަ އަހަރު އެމެރިކާއިން އިރާގަށް އަރައި ދިން ހަމަލާތަކުގައިވެސް މި ސިސްޓަމްތައް ބޭނުކޮށްފައިވެއެވެ. މި ސިސްޓަމްތަކަށް ބޮޑެތި ބަދަލުތަކެއްވެސް ވަނީ ގެނަސްފައެވެ. އެގޮތުން އެންމެފަހުން ގެނައި ބަދަލުތަކާއެކު (ޕެޓްރިއޮޓް އެޑްވާންސްޑް ކޭޕަބިލިޓީ – ޕީއޭސީ-3) ސިސްޓަމްގެ ރާޑަރުތައް އިތުރަށް ފުރިހަމަކޮށްފައިވެއެވެ. ސިސްޓަމްތަކުން ފޮނުވާލާ މިސައިލްތައް އަމާޒަށް ވާސިލްވުމުގެ އިންސައްތަ އިތުރުކޮށްފައިވާއިރު، ސަރފޭސް ޓު އެއަރ އިންޓަރސެޕްޓަރ މިސައިލްތައްވެސް ވަނީ އިތުރަށް ކުރިއަރުވާފައެވެ.  

ޔޫކްރެއިނަށް ފޯރުކޮށްދެނީ މިސިސްޓަމްތަކުގެ ކޮން ވަރޝަންއެއް ކަމެއް ސާފު ނޫން ނަމަވެސް ބޮޑަށް ބެލެވެނީ ޔޫކްރެއިނަށް ފޯރުކޮށްދެނީ ޕީއޭސީ-3 ކަމަށެވެ. މި ސިސްޓަމްތައް ލިބުމާއެކު ޔޫކްރެއިން ވެގެންދާނީ ޕެޓްރިއޮޓް ސިސްޓަމްތައް ބޭނުންކުރާނެ ނުވަތަ ބޭނުން ކުރަން ރާވަމުންދާ 19 ވަނަ ގައުމަށެވެ.

އެމެރިކާ އަސްކަރިއްޔާގެ ސިފައިން، ޕެޓްރިއޮޓް މިސައިލް ސިސްޓަމްތަަކަކާއެކު - ގެޓީ އިމޭޖަސް

ޕެޓްރިއޮޓް ސިސްޓަމްތައް ޔޫކްރެއިނަށް ގެންދެވޭނީ ކޮން އިރަކުން؟

ޔޫކްރެއިން އޮތީ ބޮޑު ހަނގުރާމައެއްގެ ތެރޭގައިކަމުން، އެގައުމުގެ އަސްކަރިއްޔާގެ އޮފިސަރުން ޕެޓްރިއޮޓް ސިސްޓަމްތައް ބޭނުންކުރަން ތަމުރީނު ކުރުމަކީ ގިނަ ވަގުތު ނަގާނެ ކަމެއް ނޫނެވެ. އަދި ޕެޓްރިއޮޓް ސިސްޓަމްތަކާ ދާދި އެއްގޮތަކަށް އުފައްދާފައިވާ އެސް-300 ސިސްޓަމްތައް ބޭނުންކުރަން ޔޫކްރެއިންގެ އަސްކަރިއްޔާ ފަރިތަވުމަކީވެސް މިކަން ފަސޭހަ ކޮށްދޭނެ ކަމެކެވެ.

އާ މިސައިލް ޓެކްނޮލޮޖީ ހޯދުމުގައި ރަޝިޔާ އަދި ޔޫކްރޭންގެ އެންޓި އެއާކްރާފްޓް މިސައިލް ޓްރޫޕް ތަކުން ވެސް ގެންގުޅެނީ ގާތްގަނޑަކަށް އެއް އުސޫލެކެވެ. އެގޮތުން އައު ސިސްޓަމްތައް ލިބުމުން، ހާއްސަ ވަސީލަތްތައް ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒެއްގައި އެ ސިސްޓަމްތައް ބޭނުންކުރުމުގެ ތަމުރީނުތައް އޮފިސަރުންނަށް ދެވޭނެއެވެ. އެއަށްފަހު، އެންޓި އެއާކްރާފްޓް މިސައިލް ޔުނިޓްތަކުން އެ ހަތިޔާރާއި، އަސްކަރީ ސާމާނާއި، ސްޕެއާ ޕާޓްސްއާއި، އާލާތްތައް ބަލައިގަންނާނެއެވެ.

ދެން އޮންނަ މަރުހަލާގައި ހިމެނެނީ އެ އެންޓި އެއަރ ކްރާފްޓް މިސައިލްތައް ލައިވްކޮށް ޓެސްޓުކުރުމެވެ. ޔޫކްރެއިންގެ މިހާރުގެ ހާލަތައް ބަލާއިރު، އެމެރިކާގެ އަސްކަރީ އިންސްޓްރަކްޓަރުންގެ ބެލުމުގެ ދަށުން، މިކަން ކުރިއަށްގެންދާނީ އެގައުމުގެ އަސްކަރިއްޔާއިން ދާއިމީކޮށް ސިފައިން ބައިތިއްބާފައިތިބޭ ތަންތަނުގައެވެ. އެއަށްފަހު އެސިސްޓަމްތައް ދަތުރަށް ތައްޔާރުކޮށް، އެއާފީލްޑެއް ނުވަތަ ބަނދަރެއް ފަދަ ލޯޑިން ސްޓޭޝަނަކަށް ފޮނުވާލާނެއެވެ.

އެންމެ ފަހު މަރުހަލާގައި، ސިސްޓަމްތައް ލިބުނު ޔުނިޓްތައް، ވައިގެ މަގުން، ކަނޑުން، ރޭލުން ނުވަތަ ފައިމަގުގެ އޮޕަރޭޝަންތަކަށް ތައްޔާރުވުމަށް، އެކި ސަރަހައްދުތަކަށް ފޮނުވާ ލެވޭނެއެވެ.

ޔޫކްރެއިން ރަޝިއާގެ ހާލަތައް ބަލައި މާޗު މަހު ޕެޓްރިއޮޓް ސިސްޓަމްތައް ހަނގުރާމައަށް ތައްޔާރުވާނެކަމަށް ލަފާކުރެވޭކަމަށް ރިޕޯޓުތައް ފާހަގަކުރެއެވެ.

އެމެރިކާ އަސްކަރިއްޔާގެ ސިފައިން، ޕެޓްރިއޮޓް މިސައިލް ސިސްޓަމްތަަކަކާއެކު ތުރުކީގެ އަސްކަރީ ބޭސް އެއްގައި - އޭއެފްޕީ

ޔޫކްރެއިންގެ އަސްކަރިއްޔާއަށް ޕެޓްރިއޮޓް ސިސްޓަމްތައް ލިބުމުން ވާނީ ކިހިނެއް؟

ޕެޓްރިއޮޓް މިސައިލް ސިސްޓަމް، ހާއްސަކޮށް ޕީއެސީ-3 އަކީ ދެބަސްވުމެއް ނެތް ގޮތުގައި އެމެރިކާގެ އަސްކަރިއްޔާއިން އުފައްދާފައިވާ އެންމެ ޒަމާނީ އަދި ކުޅަދާނަ އެއް އުފެއްދުމެވެ. އެމެރިކާގެ އިތުރުން ޖަރުމަނުން ޔޫކްރެއިނަށް ފޯރުކޮށްދޭން ނިންމާފައިވާ ޕެޓްރިއޮޓް ބެޓެރީއާއެކު އެގައުމުން ޔޫކްރެއިނަށް 40 މަރޑަރ އިންފޭންޓްރީ ހަނގުރާމަވެރި އުޅަނދުވެސް ޔޫކްރެއިނަށް ފޮނުވާނެކަމަށް، ޖަރުމަނު ސަރުކާރުން ވަނީ ބުނެފައެވެ. މިއީ ޔޫކްރޭންގެ ސިފައިންނަށް ހުޅަނގުގެ ހަތިޔާރު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެކެވެ.

ޕެޓްރިއޮޓް މިސައިލް ސިސްޓަމްތަކާއި ބޮޑެތި ހަނގުރާމަ މަތީ އުޅަދުތައް ލިބުމުން ޔޫކްރޭންގެ ސިފައިންނަށް އެފް-15 އަދި އެފް-16 ފަޔަރ ޖެޓްތައް ލިބުމުގެ ފުރުސަތުވެސް އިތުރުވެގެންދެއެވެ.

ހަނގުރާމައިގެ މަސްރަހު މިހާރު އޮތް ގޮތުން، ޕެޓްރިއޮޓް ސިސްޓަމްތައް ލިބުމަކީ ޔޫކްރެއިނަށް މުހިންމުކަމެކެވެ. އަސްކަރީ މާހިތުން ފާހަގަކުރާ ގޮތުގައި، މި ސިސްޓަމްތަކަކީ ސްޓްރެޓެޖީ އަކައި ނުލައި މިސައިލް ހަމަލާތަކުން ދިފާއުވުމަށް ބެނުންކުރެވޭނެ ސިސްޓަމްތަކެކެވެ. މިގާބިލުކަމަކީ ޔޫކްރެއިންގެ އަސްކަރިއްޔާއަށް ބޭނުންތެރިކަމެކެވެ. މިއީ ވައިގެ މަގުންނާއި ކަނޑުގެ މަގުން ދެވޭ ކްރޫޒް މިސައިލާއި ޓެކްޓިކަލް ބެލިސްޓިކް މިސައިލާއި އޮޕަރޭޝަނަލް ބެލިސްޓިކް މިސައިލް ހަމަލާތަކުން ދިފާއުވުމަށް ރަނގަޅު ސިސްޓަމެކެވެ.

ބޮޑަށް ބެލެވޭގޮތުގައި، ޔޫކްރެއިނަށް ދެވެ ޕެޓްރިއޮޓް ސިސްޓަމްތައް ބޭނުންކުރާނީ އެގައުމުގެ ވެރިރަށް ކިއެވް ގެ ދިފާއު ވަރުގަދަކޮށް، އެސިޓީއަށް ދެވޭ މިސައިލް ހަމަލާތައް ހުއްޓުވުމަށެވެ. އަދި ސަރަހައްދީ ސިޓީތަކާއި ހަކަތަ އުފައްދާ މުހިންމު ވަސީލަތްތައް ހިމެނޭ ގޮތަށް ޔޫކްރޭންގެ ހުރިހާ އިދާރީ އަދި ސިޔާސީ މަރުކަޒުތައް ދިފާއު ކުރުމަށް ދިހަވަރަކަށް ޕެޓްރިއޮޓް ބެޓެރީ ބޭނުންވާނެއެވެ. މިހާރުގެ ހާލަތައް ބަލައި، ކުރިއަށްއޮތް ތަނުގައި ޔޫކްރެއިނަށް އެމްއައިއެމް-104 ގެ ގިނަ ޕެޓްރިއޮޓް ސިސްޓަމްތައް ލިބުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ.

އެސް-300 ސަރފޭސް ޓު އެއަރ މިސައިލް ސިސްޓަމްތަކެއް - ސްޕަޓްނިކް

ޕެޓްރިއޮޓް ސިސްޓަމްތައް ބޭނުން ނުކުރެވިދާނެކަމުގެ ކަންބޮޑުވުން

ޔޫކްރެއިނަށް ޕެޓްރިއޮޓް މިސައިލް ސިސްޓަމްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރަމުންދާއިރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ސިސްޓަމްތަކަށް ބޭނުންވާނެ އެންޓި އެއަރ ކްރާފްޓް ގައިޑެޑް މިސައިލްތަކުގެ އަދަދު މަދުވުމެވެ. ރަޝިއާއިން ޔޫކްރެއިނަށް ދެމުންދާ މިސައިލް ހަމަލާތަކުގެ އަދަދު ކުރިން އަންދާޒާކުރެވުނު ވަރަށްވުރެ އިތުރުވެފައިވާއިރު، އެކަށީގެންވާ އަދަދަކަށް މިސައިލް ނުލިބިއްޖެ ނަމަ، ޔޫކްރެއިނަށް ލުބުނު ދެ ޕެޓްރިއޮޓް ބެޓެރީ، ބޭނުން ނުހިފޭ ބޭކާރު ހަތިޔާރުތަކަކަށް ވެގެންދާނެއެވެ.

މީގެ އިތުރުން، މި ސިސްޓަމްތަކަކީވެސް އެންމެ ފުރިހަމަ ސިސްޓަމްތަކެކޭވެސް ނުބުނެވޭނެއެވެ. މި ސިސްޓަމްތަކުގައިވެސް ބަލިކަށި ބައެއް ކަންކަންހުރެއެވެ. އެގޮތުން، ޕެޓްރިއޮޓް އޭއެން/އެމްޕީކިޔު-53 ގެ މަލްޓިފަންކްޝަނަލް ރާޑަރުން ހަމަލާތައް ދެނެގަތުމުގެ ބާރު ކުޑައެވެ. އަނެއްކޮޅުން، މިއީ ހަމައެކަނި ޕެޓްރިއޮޓް ސިސްޓަމްތަކުގައި ހުރި ބަލިކަށިކަމެއްވެސް ނޫނެކެވެ. ރަޝިޔާގެ އެސް-300/400 މިސައިލް ޑިފެންސް ސިސްޓަމްގެ މަލްޓިފަންޝަނަލް ރާޑަރުތަކުގައިވެސް ޓާގެޓް އިލިމިނޭޝަން އަދި މިސައިލް ގައިޑެންސް ބަލިކަށިއެވެ.

އެހެންނަމަވެސް ރަޝިއާގެ ސިސްޓަމްތަކުގައި މި އުނިކަންތައް ފޫބެއްދުމަށް އެސް-300 އަދި އެސް-400 އެންޓި އެއާކްރާފްޓް މިސައިލް ޑިވިޝަންތަކަށް 5އެން66އެމް ޓައިޕްގެ ލޯ އަލްޓިޓިއުޑް ޑިޓެކްޓަރު ނުވަތަ 96އެލް6އީ ޓައިޕްގެ ހައި އަލްޓިޓިއުޑް ޑިޓެކްޓަރު ފޯރުކޮށްދީފައި ހުރެއެވެ. މީގެ އިތުރުން އެންޓި އެއާކްރާފްޓް މިސައިލް ޑިވިޝަންތަކަށް ސަރޗްލެސް ޓާގެޓް ޑެޒިގްނޭޝަން، ރާޑަރ ކޮމްޕްލެކްސް ހުންނަ ސިސްޓަމް ކޮމާންޑް ޕޯސްޓްތަކުން ލިބެއެވެ.

އެހެންކަމުން، ޔޫކްރެއިނުން ޕެޓްރިއޮޓް މިސައިލް ސިސްޓަމްތައް ބޭނުންކުރާ ނަމަ، އެގައުމުގެ އަސްކަރިއްޔާގެ ސަރޗް އެންޑް ޓަރގެޓިން ގާބިލުކަން އިތުރުކުރުމަށް އެހެނިހެން ގޮތްތައް ފޯރުކޮށްދޭންޖެހޭނެއެވެ. ބޮއިންގް އީ-3 ސެންޓްރީ ބޭނުންކޮށްގެން ޑޭޓާ ހޯދުމަށް ބައެއް މާހިރުން ލަފާދީފައިވީ ނަމަވެސް މިކަމަށް ވަކި އަދަދެއްގެ އީ-3 މަތިންދާބޯޓުތައް ޔޫކްރޭންގެ ވައިގެ ސަރަހައްދަށް ބަދަލުކޮށް އިތުރުކުރަން ޖެހޭނެތީ މިއީވެސް އެންމެ ރަނގަޅަށް ފައިދާކުރާނެ ކަމަކަށް ނުބެލެވެއެވެ.

މިކަން ހައްލުކުރުމަށް ބޭނުންވާނެ އިތުރު ވަސީލަތްތަކާއި މެދު އެމެރިކާ އާއި އެގައުމުގެ އެކުވެރި ގައުމުތަކުން އެއްބަސްވާނެ ކަމަށް ނުބެލެވޭކަމަށް މާހިރުން ފާހަގަކުރި ނަމަވެސް، މިކަން ހައްލު ކުރުމަށް ކޮންމެސް ކަމެއް ކުރަން ޔޫކްރެއިންގެ އަސްކަރިއްޔާއަށް މަޖުބޫރުވާނެއެވެ. އެހެންކަމުން މިއީ ޔޫކްރެއިނަށް އުފުލަންޖެހޭނެ ބޮޑު ގޮންޖެހުމަކަށް ވެގެންދިއުމުގެ ފުރުސަތު އެބައޮތެވެ.

ޕޮލެންޑްގެ އަސްކަރިއްޔާގައި ހުރި ޕެޓްރިއޮޓް މިސައިލް ސިސްޓަމްތައް - ރޮއިޓާސް

ޕެޓްރިއޮޓް ސިސްޓަމްތަކާ ދެކޮޅަށް ރަޝިއާއިން ހަނގުރާމަ ކުރާނީ ކިހިނެއް؟

ހަނގުރާމައިގެ ތެރެއިން ޕެޓްރިއޮޓް އެއަރ ޑިފެންސް ސިސްޓަމެއް ރަޝިއާގެ އަސްކަރިއްޔާއިން އަތުލައިގަތުމަކީ ނާދިރުކަމެކެވެ. އެންމެ ބޮޑު އެއް ސަބަބަކީ މިއީ ހަނގުރާމައިގެ އެންމެ ކުރީ ސަފުގައި ބޭނުންކުރާ ހަތިޔާރަކަށް ނުވުމެވެ. އެހެންކަމުން ޔޫކްރެއިނަށް ލިބޭ ޕެޓްރިއޮޓް ސިސްޓަމްތައް ބަހައްޓާނެ ކަމަށް ބެލެވެނީ އެގައުމުގެ އަސްކަރިއްޔާގެ ފަހަތު ސަފުގައި ވެރިރަށް ކިއެވްއާ ކައިރި ސަރަހައްދެއްގައެވެ.

މިފަދަ ތަނެއްގައި މި ސިސްޓަމްތައްބަހައްޓައިފި ނަމަ، އެ ސިސްޓަމްތައް އަތުލައިގަންނަން ބޭނުން ނަމަ ރަޝިއާއިން އޮފެންސިވް އޮޕަރޭޝަނެއް ކުރިއަށްގެންދަން މަޖުބޫރުވާނެއެވެ. އެހެން ނަމަވެސް މިފަދަ އޮޕަރޭޝަނެއް ކާމިޔާބުވާނެ ކަމުގެ މާބޮޑު ޔަގީންކަމެއް ނެތެވެ. ޔޫކްރެއިނުން ބޭނުންކުރަމުންދާ އެމް142 ހައި މޮބިލިޓި އަރޓިލަރީ ސިސްޓަމްތަކުގެ ތެރެއިން ސިސްޓަމެއްވެސް އަދި ރަޝިއާއަށް އަތުލައިގަނެވިފައެއް ނުވެއެވެ.

ޔޫކްރެއިނަށް ގެންދެވޭ ޕެޓްރިއޮޓް ސިސްޓަމްތައް އަތުލައި ގަތުމަކީ ރަޝިއާގެ އަސްކަރިއްޔާގެ އަމާޒަކަށްވުން ގާތެވެ. އެހެން ނަމަވެސް މިއީ ހައި މޮބިލިޓީ ސިސްޓަމެއް ކަމުން، އެއްފަހަރާ ގިނަ ހަމަލާތަކެއް ދިނުމަށްފަހު އެހެން ސަރަހައްދަކަށް ގެންދިއުމުގެ ފުރުސަތު ބޮޑެވެ. އެއް ސަރަހައްދެއްގައި މާގިނަ އިރު، އެ ސިސްޓަމްތައް ނުހުންނަ ނަމަ، ސީދާ ސިސްޓަމްތައް ބަހައްޓާފައި ހުރި ސަރަހައްދު ހޯދުންވެސް ރަޝިއާ އަސްކަރިއްޔާއަށް ފަސޭހައެއް ނުވާނެއެވެ.

ޕެޓްރިއޮޓް ސިސްޓަމްތައް ފޫއަޅުވާލައި ނުވަނަ އެ ސިސްޓަމްތައް ފުނޑުފުނޑު ކޮށްލުމަށް ރަޝިއާ އަސްކަރިއްޔާއިން އެކްސް-31ޕީގެ ގައިޑެޑް އެއަރ ޓު ސަރފޭސް މިސައިލާއި ބޮމުގެ ހަމަލާތައް އެ ސިސްޓަމްތަކަށް އަމާޒުކުރުމަކީ ގާތްކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
40%
0%
0%
60%
0%
0%
ކޮމެންޓް