ސީރިއަސްކޮށް މިކަން ބަލާނެ މީހަކު ހޯދަން ވަރަށް ދަތި


ބަރޓް ފަރޓެލް؛ ޑޯންޓް ފޮރގެޓް އީޖާދު ކުރި މީހާ
އަދުގެ ހަލަބޮލި ދުނިޔޭގައި ކޮޅުކޮޅު މައްޗަށް ހަލުވި ދުވެލީގައި ހޭލަމޭލަވަމުން ދާން މަޖުބޫރުވެފައި ވާ އިރު، ތާ އަބަދު ގެންގުޅޭ އެންމެ ޒަރޫރީ އެއްޗެހި ބޭއްވުނު ތަން ހަނދާން ނެތިގެން އުޅެން ޖެހޭ ފަހަރު އާދެއެވެ. ދުއްވަން ގެންގުޅޭ އެއްގަމު އުޅަނދުގެ ތަޅުގަނޑި، އެއަށް ޖަހާ ގޮތަށް ނަގަން ހަނދާން ނެތި، އޮފީހަށް ވަދެގެން ގޮސް، ވާނެ އެއްޗެއް ވެ، އުޅަނދުގެ ވެރި ފަރާތް ކަމަށް އަމިއްލައަށް ދަޢުވާ ކުރާ ފަރާތުން އެ އުޅަނދެއް ގެންދާ ފަހުންވެސް ރެއަކާލާފައި އެބަހުއްޓެވެ. ސައިކަލުން ފައިބައިގެން ދާއިރު، ވަށިގަނޑަށް ލީ ލެޕްޓޮޕް މަތިން ހަނދާން ނެތި، އެޕަރޓްމަންނަށް ވަދެވޭ ގޮތް އެބަވެއެވެ. ހުރިހާ ކަމެއްވެސް ގޮސް ގުޅެނީ ހަނދާނާއެވެ. ހަނދާން ނެތުމާއެވެ.
މިއީ އާދައިގެ ކަމެއްހެން ހީވި ނަމަވެސް، ތާ އަބަދު ވާން ވެއްޖެ ނަމަ ގެއްލުން ބޮޑު ކަމެކެވެ. މި ކަމަށް ހައްލެއް ހޯދާދިން އެކަކީ، ދިރިއުޅުމުގައި މިކަން ތަހައްމަލު ކުރަން ޖެހިފައި ހުރި ކާފައެއް ކަމަށް ވާ، ޢުމުރުން 83 އަހަރުގެ ބަރޓް ފަރޓެލްއެވެ. ފަރޓެލްގެ އުފެއްދުން ދައްކާލީ އީޖާދީ ދުނިޔޭގެ އެންމެ ވަރުގަދަ ވެސްޓިވަލް ގެ ގޮތުގައި ސިފަ ކުރަމުން އަންނަ ކޮންޒިއުމަރ އިލެކްޓްރޯނިކްސް ޝޯވގައެވެ.
ޝޯވގެ އެހެން ސްޓޯލްތަކާ އަޅާ ބަލާއިރު ފަރޓެލްގެ ސްޓޯލުގައި މާ ބޮޑު ކަމެއް ވާހެން، ބަލާ ބެލުމަށް ހީ ނުވި ނަމަވެސް، އޭނާގެ އާ އީޖާދަކީ، އެންމެ އާދައިގެ މީހާއަށްވެސް އެކަމުގެ ސަބަބުން ބޮޑު ފައިދާއެއް ކޮށްފާނެ ފަދަ އީޖާދެކެވެ. ބައެއްގެ ފުރާނަވެސް ސަލާމަތް ކޮށްދީފާނެ އީޖާދަކަށް، އެ އީޖާދު ވެދާނެ ކަމަށް ފަރޓެލް ޤަބޫލު ކުރެއެވެ.
ފަރޓެލްއަކީ އޭނާ ދުއްވަން ގެންގުޅޭ ކާރުގެ ތެރޭގައި ފޯނު ބޭއްވުމަށްފަހު، އެޕަރޓްމަންޓްއާ ހިސާބަށް ދެވުމުން ނޫނީ އެ ކަން ހަނދާން ނުވުމުގެ ތަކުލީފު، އެތައް ފަހަރަކު އުފުލާފައި ވާ މީހެކެވެ. "ޑޯންޓް ފޮގެޓް"ގެ ނަން ދީފައި ވާ މި އާ އީޖާދަށް މަގު ފަހި ވީ ގޮތަކީވެސް އެއީއެވެ. ފަރޓެލްގެ "ޑޯންޓް ފޮގެޓް" ޑިވައިސް އެކުލެވިގެން ވަނީ 2 ބައެއްގެ މައްޗަށެވެ. އެއީ އުޅަނދުގައި ހަރުކޮށްފައި ހުންނަ ބަޔާއި، އެމީހަކު ދިރިއުޅޭ އެޕަރޓްމަންގެ ދޮރުމަތީގައި ހަރުކޮށްފައި ހުންނަ ބައެވެ.
"ޑޯންޓް ފޮގެޓް"ގެ 2 ބައިގެ ތެރެއިން އުޅަނދުގައި ހަރުކޮށްފައި ހުންނަ ޑިވައިސް ފަރުމާ ކޮށްފައި ވަނީ، އުޅަނދުގެ އިންޖީނު ނިވާލުމުން، އެ ޑިވައިސްއަށް އެކަން ދެނެގަނެވޭ ގޮތަށެވެ. އިންޖީނު ނިވާލާ ހިސާބުން، ހަނދާން ނެތިދާނެހެން ހީވާ ހުރިހާ ކަމެއް ހަނދާން ކޮށްދޭ މެސެޖެއް، އެ ޑިވައިސްއިން ޖަހާދެއެވެ. އެއީ އަމިއްލައަށް ރެކޯޑް ކޮށްފައި ވާ މެސެޖެއް ކަމުން، ބޭނުން ކޮންމެ ކަމެއް އެ މެސެޖު މެދުވެރިކޮށް ހަނދާން ކޮށް ދެއެވެ. މިސާލަކަށް، 7 ވަނަ ފަންގިފިލާއަށް، ސިޑިން ހިނގާފައި އެރުމުގެ ކުރިން، ތިރީގައި ހުރި ފިހާރައިން ކިރު ދަޅެއް ގަނެގެން އެރުން ކަހަލަ ކަންކަންވެސް ހަނދާން ކޮށްދެވިދާނެއެވެ. ނޫނީ ތަޅުދަނޑިފަތި ހިފައިގެން މައްޗަށް އަރަންވެސް ހަނދާން ކޮށްދޭ ގޮތަށް، ޑިވައިސް ސެޓް ކުރެވިދާނެއެވެ.
ގެއިން ނުކުންނަމުން ކޮންމެހެން ހަނދާން ކުރަން ޖެހޭ ކަންކަން ހަނދާން ކޮށްދޭ ގޮތަށްވެސް ޑިވައިސް ސެޓް ކުރެވިދާނެއެވެ. އޭގައި އޮތީ އެމީހަކު ޚިޔާރު ކުރާ ގޮތެކެވެ.
ބޭރު ޤައުމުތަކަށް ބަލާއިރު، ދުރު މަންޒިލްތަކަށް ކުރަން ޖެހޭ ދަތުރުތައް ގިނައެވެ. ބައެއް ފަހަރު، ކާރު ތެރެއިން ދަރިފުޅު ބާލަން ހަނދާން ނެތި، ހިތާމަވެރި އެތައް ހާދިޘާއެއްވެސް ހިނގާފައި އެބަހުއްޓެވެ. އެހެން ކަމުން، ފަރޓެލްގެ "ޑޯންޓް ފޮގެޓް" އަކީ ފުރާނަ ސަލާމަތް ކޮށްދޭ ޑިވައިސްއެކޭވެސް ބުނެވިދާނެތާއެވެ.
މާލީގޮތުން މާބޮޑު ތަނަވަސްކަމެއް ނެތް ފަރޓެލް ހުރީ، އޭނާގެ އުފެއްދުން މަރކެޓް ކުރާނެ ފަދައެއްވެސް ނެތި، އިންވެސްޓަރެއްގެ އިންތިޒާރުގައެވެ. އިންވެސްޓަރެއްގެ އިންތިޒާރުގައި ހޭދަވާ މި މުއްދަތުގައިވެސް ދެ އަތް އުރާލައިގެން ހުރުމުގެ ވިސްނުމެއް، ފަރޓެލްގެ ނެތެވެ. އޭނާ ވަނީ، "ޑޯންޓް ފޮގެޓް"ގެ އެޕްލިކޭޝަނެއް ލޯންޗްކޮށްފައެވެ. މިއީވެސް ވޮއިސް އެލަރޓް އުސޫލުން ކަންކަން ހަނދާން ކޮށްދޭ އެޕްލިކޭޝަނެކެވެ. އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކުގައިވެސް މި އެޕްލިކޭޝަން ބޭނުން ކުރެވެއެވެ.