Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސުނާމީގެ ހަނދާންތައް

ރައީސް އާއި އިމްރާންގެ ނަޒަރުން "ސުނާމީގެ ވަހަކަ": އެންމެން ފެންކަޅިކޮށްލި ޖަޒުބާތީ ވަގުތުކޮޅެއް!

ސުނާމީގައި ކުރެވުނު އިހުސާސްތައް ރައީސް އާއި އިމްރާން ހިއްސާކުރެއްވި އިރު ޖަލްސާގެ ބައިވެރިންނަށް ވެގެންދިޔައީ ޖަޒުބާތީ ވަގުތުކޮޅަކަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2022 | އަންގާރަ 02:43
އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާވެގެން ދިޔައީ އެތައް ބަޔަކަށް ޖަޒުބާތީ ޖަލްސާއަކަށް، ކަރުނަ ހިފަހައްޓައެއް ނުލެވުނު

އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާވެގެން ދިޔައީ އެތައް ބަޔަކަށް ޖަޒުބާތީ ޖަލްސާއަކަށް، ކަރުނަ ހިފަހައްޓައެއް ނުލެވުނު

މިއީ ޤައުމުގެ ވަލީއުލްއަމުރުގެ ހައިސިއްޔަތުން ވިދާޅުވި ވާހަކަފުޅެއް ނޫނެވެ. މިއީ ގައުމުގެ އިސް މޭސްތިރިޔާގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅެއްވެސް ނޫނެވެ. އަދި މިއީ ރާއްޖޭގެ ޒަޢާމަތާއި ހަވާލުވެ ހުންނެވި އިސް އާރުކާޓީގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅެއް ވެސް ނޫނެވެ. މ.ކޮޅުފުށީގައި ބޭއްވި ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ރައީސް ދެއްކެވި މި ވާހަކަފުޅަކީ ބައްޕައެއްގެ ހިތަށް ކުރެވުނު ބިރުވެރި އިހުސާސްތަކުގެ ވާހަކައެވެ. ފިރިއެއްގެ ހައިސިއްޔަތުން ތަޖުރިބާ ކުރެއްވި ހިތްދަތި ކަންކަމުގެ ވާހަކައެވެ. ދަރިއެއްގެ ހައިސިއްޔަތުން، ބޭބެއެއްގެ ހައިސިއްޔަތުން އިހުސާސްކުރެވުނު ފުން ޖަޒުބާތުތަކުގެ ވާހަކައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ދެކެވަޑައިގަންނަވާ ނަޒަރަށް ވުރެ 2004ގެ ސުނާމީ ކާރިސާގެ ޚިޔާލުތައް ރައީސް ޞާލިހު އަށް އަރިސްވަނީ އެގޮތުގެ މަތީންނެވެ. ކަންދިމާކުރި ގޮތުން އެ ދުވަހު އެމަނިކުފާނު ހުންނެވީ އެމަނިކުފާނުގެ އުފަން ރަށްކަމަށްވާ ހިންނަވަރުގައެވެ. ސުނާމީ ކަރިސާގެ ނާމާން ހަނދާންތަކަކީ ގިނަ ދިވެހިންނެކޭ އެއްފަދައިން އެމަނިކުފާނުގެ ހިތްޕުޅުންވެސް ފިލައިގެން ނުދާނެ ފަދަ ބިރުވެރި، ޖަޒުބާތުން ފުރިގެންވާ ހަނދާންތަކެކެވެ. އެމަނިކުފާނުގެ ސުނާމީގެ ހަނދާންތައް ގޮސްގުޅެނީ އުމުރުން އެންމެ ނުވަ އަހަރުގެ އަންހެން ދަރިކަނބަލުން ޒާރާ އޭނާގެ ގޭގެ ކުރިމަތީގައި ހުރި ގަހަކަށް އަރާ އިން ބިރުވެރި މަންޒަރު ސިފަކުރެވޭ ކުރެއްވުމާއި ހިސާބުންނެވެ. ސުނާމީގެ ރާޅު ހިންނަވަރުގެ ގޯޅިތައް ތެރެއަށް ބިންދާލި އިރު އެ މައުސޫމް ދަރިފުޅު ގަހެއްގެ މަތީގައި އިންނެވި މަންޒަރު ފެނުނު ވާހަކަ ރައީސް ޞާލިހު ހިއްސާކުރެއްވީ އަސަރާއި އެކުގައެވެ. ރައީސް އަށް އެ ދުވަހުގެ ހަނދާންތައް އާވެގެން ދަނީ ތުއްތު ފިިރިހެން ދަރިފުޅު، އެ ދުވަހު ފާރެއް މަތީގައި ހުންނެވި މަންޒަރު ހިތްޕުޅަށް ގެނެވޭ ހިސާބުންނެވެ. އުމުރުން އެންމެ ހަތް އަހަރުގެ ފިރިހެން ދަރިފުޅު އެ ތަނުގައި ހުރި އިރު ބައްޕައެއްގެ ހައިސިއްޔަތުން ހިތަށް ވެރިވި ބިރުވެރިކަމުގެ ވާހަކަ ބަޔާންކޮށްދޭނީވެސް ވަކި ކިހިނަކުންތޯއެވެ؟ އެ ވާހަކަތައް ކިޔާދެއްވުން ރައީސް އަށް ވެވަޑައިގަތީ އުނދަނގޫ ކަމަކަށެވެ. އެ ދުވަހުގެ ވާހަކަތައް ރައީސް ދެއްކެވި އިރު ހުންނެވީ ފެންކަޅިވެވަޑައިގަންނަވާފައެވެ.

ރައީސްގެ ވާހަކަ އެ ހިސާބަށް ގޮސް ދަރިކަލުންނާއި ދަރިކަނބަލުންގެ ވާހަކަކުރިއަށް ގެންދެވި އިރު، ޖަލްސާގައި އެ ވާހަކަ އަޑުއައްސަވަން އިންނެވި އަނބިކަނބަލުން ފަޒްނާ އަހުމަދު އަށް އެ ވަގުތުކޮޅުވީ އިންތިހާ ޖަޒުބާތީ ވަގުތުކޮޅަކަށެވެ. އެކަމަނާ އަށް އެ ވާހަކަތައް ކުރިއަށް ގެންދެވި ވަގުތު ލޯފުޅުން ކަރުނަ އޮހުނީ، އެ ދުވަހު މައެއްގެ ހިތަށް ވެރިވެގަތް މާޔޫސްކަން އަލުން ހަނދާނަށް އައުމުން ލިބުނު ހިތްދަތިކަމާއި އެކުގައެވެ.

ރައީސްގެ ވާހަކަފުޅު ކުރިއަށް ގެންދެވި އިރު އެ ދުވަހު ރަށުގައި ތިބި އެމަނިކުފާނުގެ އާއިލާއާ މެދު ހިތްޕުޅުގައި އުފެދުނު ޝުޢޫރުތަކުގެ ވާހަކަ ބަންޑުންކޮށްލެއްވިއެވެ. އެންމެ ހަންހާރަވެތި މަންމާފުޅާއި، އެބަޔަކާމެދު އެމަނިކުފާނު ޒިންމާވެވަޑައިގަންނަވާ އާއިލާގެ ބޭފުޅުންގެ އިތުރުން ލޯބިވާ އަނބިކަނބަލުން ފަޒްނާ ވެސް އޭރު ހުންނެވީ ރަށުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސުނާމީގެ ލޮނުގަނޑުގައި ޖެހި އެ ދުވަހު އެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެމަނިކުފާނުގެ ހިތްޕުޅުގައި އުފެދުނު ކަންބޮޑުވުމުގެ ވާހަކަ ރައީސް ސިފަކޮށްދެއްވި ވަގުތުކޮޅު ވެގެން ދިޔައީ އެ ޖަލްސާގެ އެންމެހާ ހާޒިރީން ފެންކަޅިކޮށްލި ވަގުތުކޮޅަކަށެވެ. ޖަލްސާގެ ކުރީ ސަފުގައި ތިއްބެވި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންނަށް ބެލިއަސް، އާއްމު ރައްޔިތު މީހާ އަށް ބެލިޔަސް ފެންކަޅިވެފައިވާ ލޯތަކުން ފެނުނީ ސުނާމީގެ ހަނދާންތައް އާކުރާ އިރު އަޅުގަނޑުމެން ދިވެހިންގެ ހިތްތައް އެއްހަމަވާ މިންވަރެވެ. އެ އެންމެންގެ ހަމަހިމޭންކަމާއި، އިސްދަށަށް ޖަހާލާފައިވާ މަންޒަރު ފެނުމުން، އެ ދުވަހު އަޅުގަނޑުމެން ދިވެހިން އެއްބައިވަންތަކޮށްދިން ހާލަތު އަންދާޒާކޮށްލެވެއެވެ.

ރައީސްގެ އެ ވާހަކަފުޅު ކުރިއަށް ގެންދެވި ވަގުތު ކޮންމެ މީހަކަށްމެ ކުރެވުނީ އެ ދުވަހު އަމިއްލަ ތަޖުރިބާގެ ހަނދާންތަކެވެ. އަމިއްލަ އާއިލާ އާއި ލޯބިވާ ގާތްތިމާގެ މީހުންނާއި އެކުވެރި މިތުރުންގެ ހާލަތާ މެދު ސުވާލު އުފެދުނު ހަނދާތައް އެންމެންނަށް ހަނދާން އާވި ކަހަލައެވެ. މިއަދުވެސް ސުނާމީ އިން ލިބުނު ޒަޙަމްތައް އެ އެންމެންގެ ހިތުގައި ދިރި އާވާ ފަދައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި ފަދައިން އެ ހިތާމަވެރި ހާދިސާގެ މައްޗަށް ދިވެހިންނަށް ހިތްވަރު ލިބުނީ މާތްﷲ ދީލަތިވަންތަކަމާއި އޯގާތެރިކަމުންކަން ކަށަވަރެވެ. ރައީސް ވަނީ އެ ދުވަހު ދިވެހިންނަށް ލިބުނު ހިތްވަރަކީ ހިތްތަގުގައި އޮތް އީމާންތެރިކަންކަމަށް ސިފަކުރައްވާފައެވެ. ރައީސް ވިދާޅުވީ ތެދުފުޅެކެވެ. އެ ދުވަހު ދިވެހިން އެ ކާރިސާއިން އަރައިގަތުމުގައި ބާރަކަށް ހެދީ ދިވެހިންގެ އެއްބައިވަންތަކަމެވެ. އެ ދުވަހު ދިވެހިންގެ ފަންވަރަކަށްވީ ދިވެހިންގެ އެއްބަނޑު އެއްބަފާކަމެވެ. އެ ދުވަހު ދިވެހިންގެ ބުންވަރަކަށްވީ ދިވެހިންގެ އަޙުވަންތަކަމެވެ.

މާޒީގެ ތެރެއަށް ޖެހިލާއިރު ސުނާމީގެ ބިރުވެރި އަޑު އެންމެ ގަދައަށް ގުގުމާލީ މ.ކޮޅުފުށީގައެވެ. އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ވަނީ އެ ދުވަހު ކޮޅުފުށީގެ ހާލަތު، ދުލުން ސިފަކޮށްދެއްވާފައެވެ. ސުނާމީގެ ފުރަތަމަ ރާޅާއެކު އެތައް ބަޔަކު ކަނޑަށް ދަމައިގެން ދިޔަ ވާހަކަ އާއި ދެވަނަ ރާޅާއެކު އޭގެ ތެރެއިން ގިނަ ބަޔަކު ރަށަށް އެތެރެވި ގޮތުގެ ވާހަކަ ވިދާޅުވުންވީ މިނިސްޓަރަށް ވެސް ދަތިފުޅުކަމަކަށެވެ. ސުނާމީގެ ރާޅާއެކު ކޮޅުފުށްޓަށް ގެނުވި ހިތްދަތިކަން ސިފަކޮށްދެއްވާނެ ބަސްމަގު ޚިޔާރުކުރެއްވުން އެމަނިކުފާނަށްވީ އުނދަގޫކަމަކަށެވެ. މަރުވެފައިވާ މައްޔިތުން ވަޅުލުމުގައި ހޭދަކުރި ވަގުތު އެކަކު އަނެކެއްގެ ކިބައިން ލިބިގަތް ހިތްވަރަކީ ފަޚުރުވެރިވުން ހައްގުކަމެކެވެ. އެ ދަތި ހާލަތުގައި ވެސް ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ރަށުގެ ކުދިބޮޑު އެންމެން ކޮނޑާއި ކޮނޑުޖައްސައިގެން އެ ދުވަހު ކުރި މަސައްކަތަކީ އެކުވެރިކަމުގެ ލާމަސީލު މިސާލެއްކަން މިނިސްޓަރުގެ ވާހަކަފުޅުން ފަހުމުވެއެވެ.

އިމްރާން އެ ވިދާޅުވީ ތެދުފުޅެކެވެ. ކާނެ އެއްޗެއް ނެތި، އަރުތެރެ ހިކިފައިވަ ހާލު ބޯނެ ސާފު ބޯފެންފޮދަކަށް އިންތިޒާރު ކުރި ދިވެހިން އެ ދުވަހު ދިވެހިންގެ ތެރޭގައި ތިއްބެވެ. ކައްކާނެ ގޮތެއް ނޭގި އާއިލާ އަށް ބަނޑުފުރާނަމުއްތިކޮށްދޭނެ ގޮތަކާ މެދު ހާސްކަންމަތީ ތިބި އެތައް ބަޔަކު ތިއްބެވެ. ވަންނާނެ ގެދޮރެއް ނެތި ބިކަ ހާލުގައި ޖެހުނު އެތައް ބަޔަކު ތިއްބެވެ. ކުޑަ ހިނގުކޮޅެއްގެ ތެރޭގައި، ބުރަ މަސައްކަތުން އާރާސްތުކުރި ދިިރިއުޅުން ވިއްސިވިހާލިވެގެން ދިޔަ މަންޒަރު ލޮލުން ދެކުނު އެތައް ބައެކެވެ. އެ ދުވަހުގެ ވާހަކަ މިހެން ލިޔެލާ ދެތިން ބަހަކުން، ޕޯޑިއަމްއެއްގައި ދައްކާ ވާހައިގެ މަދު ލަފްޒުތަކަކުން ބަޔާންކޮށްދެވިދާނެ ހެއްޔެވެ؟ އެ ދުވަހުގެ ހަނދާންތައް ދިވެހިންގެ ހިތުގައި ކަނޑާ ނެގިފައި ވަނީ އެއަށްވުރެ ފުން ޒަހަމްތަކަކާއި އެކުގައެވެ. މިއީ އެއަށްވުރެ ފުން، އެއަށް ވުރެ އަސަރު ހުރި ވާހަކަތަކެކެވެ. އެއަށްވުރެ ޖަޒުބާތާއި، އިހުސާސްތައް ގިނަ ވާހަކައެވެ.

ސުނާމީ ކާރިސާގައި ނިޔާވި މީހުންގެ ފުރާނަ އަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިިންވަރުކުރައްވާށިއެވެ. އަދި އެ ދުވަހު ދިވެހިން އިސްކުރި އެކުވެރިކަމާއި ރަހުމަތްތެރި ގާތްކަން ދިވެހިންގެ ކިބައިގައި އަބަދުވެސް ލަހައްޓަވާށިއެވެ. އާމީން!

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު