ކ. މާލެ
|
21 ޑިސެންބަރ 2022 | ބުދަ 22:56
ކުނި މެނޭޖް ކުރުމުގެ އައު ގާނޫނުގައި ތަފާތު މުހިންމު ކަންކަން ހިމަނާފައިވޭ
ކުނި މެނޭޖް ކުރުމުގެ އައު ގާނޫނުގައި ތަފާތު މުހިންމު ކަންކަން ހިމަނާފައިވޭ
ސޯޝަލް މީޑިއާ
ކުނި މެނޭޖް ކުރުން
ކުނި މެނޭޖްކުރުމުގެ ގާނޫނު - އެނގެންވީ މުހިންމު ކަންކަން
 
ކުނި މެނޭޖުކުރުމުގެ ޙިދުމަތުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުން ހިމެނޭ
 
މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެރަށަކާ އެކަށީގެންވާ މިންވަރެއްގެ، އަދި ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ގޮތަކަށް ބައްޓަން ކުރެވިފައިވާ ކުނި މެނޭޖުކުރާ ނިޒާމެއް ހުންނަންޖެހޭ

ކުނި މެނޭޖުކުރުމުގެ ޤާނޫނަކީ، ދިވެހިރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތުގައި ރާވައި ހިންގައި، ކުނިން ކުރާ ނޭދެވޭ އަސަރުތައް ނައްތާލައި ނުވަތަ މަދުކޮށް، ތިމާވެއްޓާއި ޢާންމު ޞިއްޙަތު ރައްކާތެރިކޮށް، ކުނި މެނޭޖުކުރުމުގެ އުސޫލުތަކާއި މިންގަނޑުތަކާއި އިޖުރާއަތްތައް ކަނޑައެޅުމުގެ ޤާނޫނެވެ. މިގޮތުން މި ޤާނޫނުގައި ކަނޑައަޅާފައިވާ ކުރުން މަނާ ކަމެއް ކޮށްފި ނަމަ އަޅާނެ އިދާރީފިޔަވަޅުތަކާ އަދަބުތަކާ، ޖިނާޢީ ދަޢުވާކުރެވޭނެގޮތް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ކުނީގެ ސަބަބުން ތިމާވެށި ތަޢައްޔަރުވުމާއި، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް ބާރުއެޅުމާއި، ކުނި އުފެއްދުން ހުއްޓުވުމަށް ބާރުއެޅުމާއި، ކުނި އުފައްދާ މިންވަރު މަދުކުރުމާއި، ކުނި އަލުން ބޭނުންކުރުމާއި، ކުނި ރީސައިކަލްކުރުމާއި، ކުނިން ބޭނުންތެރި މާއްދާތައް އިޢާދަކުރުމަށް ބާރުއެޅުން ހިމެނެއެވެ. އަދި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެރަށަކާ އެކަށީގެންވާ މިންވަރެއްގެ، އަދި ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ގޮތަކަށް ބައްޓަން ކުރެވިފައިވާ ކުނި މެނޭޖުކުރާ ނިޒާމެއް ޤާއިމުކޮށް، އެ ޙިދުމަތް ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުމަށް މަގުފަހިކުރުން ވެސް ހިމެނެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށާއި ތަންތަނާއި ޞިނާޢީ މަސައްކަތްކުރުމަށް ދޫކޮށްފައިވާ ރަށްރަށާއި ތަންތަނާއި، އެނޫންވެސް މީހުން ދިރިއުޅޭ ރަށްރަށް ފިޔަވައި އެކިއެކި ބޭނުންތަކަށް ދޫކޮށްފައިވާ ނުވަތަ ބޭނުންކުރެވޭ، ކުނި އުފެދޭ ނުވަތަ އުފައްދާ ތަންތަނުގައި އެތަނަކާ އެކަށީގެންވާ އަދި ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭ ގޮތަކަށް ބައްޓަންކުރެވިފައިވާ ކުނި މެނޭޖުކުރާ ނިޒާމުތަކެއް ޤާއިމުކޮށް ހިންގުމަށް މަގުފަހިކުރުން ހިމެނެއެވެ. އަދި ރަށު ފެންވަރުގައި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖުނުކުރެވޭ ކުނި މެނޭޖުކުރުމަށް އެކަށީގެންވާ ސަރަޙައްދީ ކުނި މެނޭޖުކުރުމުގެ ނިޒާމެއް ޤާއިމުކޮށް، އެ ނިޒާމުތައް ހަރުދަނާ ގޮތެއްގައި ހިންގުމަށް މަގުފަހިކުރުމާއި، ޢާންމު ބޭނުންތަކުގެ ޙިދުމަތެއްގެ ގޮތުގައި ކުނި މެނޭޖުކުރުމުގެ ޙިދުމަތްތައް ފޯރުކޮށްދިނުމުގައި، އެ ޙިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޒިންމާތަކާއި އިޙުތިޔާރުތަކާއި، އެ ޙިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައެޅުން ވެސް ހިމެނެއެވެ.

ކުނި މެނޭޖުކުރުމުގެ ޤަޞްދުގައި ދޭ ގެއްލުމުގެ ސަބަބުން ނުވަތަ ކުނި މެނޭޖުކުރުމުގެ ނިޒާމު ހިންގައި ބެލެހެއްޓުމުގައި އިހުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމާ ގުޅިގެން އެފަދަފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުން ހިމެނިގެންދާއިރު ކުނި މެނޭޖުކުރުމުގެ ޙިދުމަތުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމާއި، ކުނި މެނޭޖުކުރުމުގެ ނިޒާމް ހިންގުމުގައި ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމާއި، ކުނި މެނޭޖުކުރުމުގެ ޙިދުމަތް ދިނުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި، ކުނި މެނޭޖުކުރުމުގެ ހުރިހާ މަރުޙަލާއެއްގައި ކުނި އުފައްދާ ފަރާތް ޒިންމާކުރުވުން ވެސް ހިމެނެއެވެ.

ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ކުނި އުފެއްދުމާއި މެނޭޖުކުރުމާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާތަކުން ލާޒިމުކުރާ ކަންކަން ތަންފީޛުކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ އިތުރުން ކުނި މެނޭޖުކުރުމުގެ ޙިދުމަތް ދިނުމަށް ދެމެހެއްޓެނިވި އަދި އެކަށީގެންވާ އަގުތައް ކަނޑައެޅޭނެ ނިޒާމެއް ޤާއިމުކުރުން ވެސް މި ގާނޫނުގައި ހިމެނިފައިވެއެވެ. މި ޤާނޫނުގައި ބަޔާންކުރާ ކަންކަން ތައްފީޛުކުރުމުގައި އުސޫލުތަކެއް ނަގަހައްޓަންޖެހެއެވެ. އޭގެ ތެރޭގައި ކުނި މެނޭޖުކުރުމުގެ މަސްއޫލިއްޔަތަކީ، ދައުލަތް ހިންގުމުގެ މަސްއޫލިއްޔަތު އެކި ފަންތިތަކުގައި ޙަވާލުކުރެވިފައިވާ އިދާރާތަކާއި، އެކިއެކި ސިނާޢަތްތަކާއި، ވިޔަފާރިތަކާއި، އަދި މުޅި މުޖުތަމަޢުއާއި ވަކިވަކި ފަރުދުން ޙިއްޞާވާންޖެހޭ ކަމެއްކަން އަދި ތިމާވެއްޓަށް ނުރައްކަލެއް ކުރިމަތިވެ، އިޢާދަ ނުކުރެވޭފަދަ ގެއްލުމެއް ލިބިދާނެކަމުގެ ބިރު އޮންނަ ޙާލަތެއްގައި، އެކަން ޢިލްމީގޮތުން ފުރިހަމައަށް ސާބިތުކުރެވިފައި ނެތުމަކީ ތިމާވެއްޓަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށްޓަކައި ފިޔަވަޅު އެޅުން ފަސްކުރަންޖެހޭ ސަބަބެއް ނޫންކަން ހިމެނެއެވެ.

ކުނި މެނޭޖުކުރުމުގެ ޙިދުމަތްދިނުމުގައި ތަފާތު ނުކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ޙިދުމަތް ދިނުމާއި، އެކަށީގެންވާ ފެންވަރެއްގައި ހަރުދަނާ އުޞޫލުތަކެއްގެ މަތިން ޙިދުމަތް ދިނުމާއި، ދެފުށް ފެންނަ ސިޔާސަތެއް ގެންގުޅުން އަދި އިޤްތިޞާދީ މިންގަނޑުތަކަށް ފެތޭގޮތަށް ޙިދުމަތުގެ އަގު ކަނޑައެޅުމާއި ފަސޭހަކަމާއެކު ޙިދުމަތް ހޯދޭނެ އިންތިޒާމު ހަމަޖެއްސުމާއި ހަމަހަމަކަން ޤާއިމުކުރުން ހިމެނެއެވެ.

ތިމާވެއްޓަށް ގެއްލުން ލިބޭފަދަ ޢަމަލެއް ނުވަތަ ތިމާވެށި ތަޢައްޔަރު ވާނެފަދަ ޢަމަލެއް ކުރާ ކޮންމެ ފަރާތަކުން، އެ ޢަމަލެއްގެ ސަބަބުން ތިމާވެއްޓަށާއި މުގުތަމަޢުއަށް ލިބޭ ގެއްލުން ކުޑަކުރުމަށާއި އިޢާދަކުރުމަށްޓަކައި، އެކަމުގެ މާލީ ޒިންމާ ފުރިހަމަގޮތުގައި އުފުލަންޖެހެއެވެ. އަދި ކުންޏާއި ކުނިން އިޢާދަކުރެވޭ ތަކެތި، އެ ކުނި އުފެއްދި ތަނާ ދުރުނޫން ހިސާބެއްގައި މެނޭޖުކުރުމަށް އިސްކަންދިނުމުގެ އިތުރުން އުފައްދާ ނުވަތަ ބޭނުންކުރާ ތަކެތީގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރުތައް ކުޑަކުރުމަށް ދައުލަތުން ކުރާ މަސައްކަތުގައި އެފެއްދުންތެރިންނާއި، ތަކެއްޗާއި ޙިދުމަތް ބޭނުންކުރާ ފަރާތްތަކުން ޙިއްޞާވާންޖެހޭކަމާއި، އެފަދަ ތަކެތި އުފެއްދުމާއި ރައްކާތެރިކަމާއެކު ނައްތާލުމާ ދެމެދުގައި، އެފަރާތްތަކުން ޒިންމާތަކެއް އުފުލަން ޖެހޭކަން ދެނެގަތުން މި ގާނޫނުގައި ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް