ކ. މާލެ
|
20 ޑިސެންބަރ 2022 | އަންގާރަ 14:24
ފުލުހުންގެ އިދާރާއިން ހެކިތަކާއި، މައްސަލަތަކާ ގުޅޭ މައުލޫމާތު ލީކުވާ ވާހަކައަކީ އައު ވާހަކައެއް ނޫން
ފުލުހުންގެ އިދާރާއިން ހެކިތަކާއި، މައްސަލަތަކާ ގުޅޭ މައުލޫމާތު ލީކުވާ ވާހަކައަކީ އައު ވާހަކައެއް ނޫން
އަމްނާ އިމާދު
އިއްސެގެ މަރުގެ މައްސަލަ
ފުލުހުންގެ ތެރެއިން މައުލޫމާތާއި ހެކި ލީކުވުން- އައު ވާހަކައެއް ނޫން
 
އެކަންކަމުގައި ހިމެނޭ ފަރާތްތައް ޒިންމާ ކުރުވޭނަމަ އެކަންވެސް އެނގެން ޖެހޭ
 
ފުޓޭޖުތައް މިގޮތަށް ދައުރުވުމަކީ ފުލުހުންގެ ތެރެއިން އެކަން ބެލެން ޖެހޭނެ ކަމެއް
 
ވީޑިއޯ އާންމުކޮށްފައިވަނީ ސޯޝަލް މީޑިއާގައި ހިންގާ ޕޭޖަކުން

ފުލުހުންގެ އިދާރާއިން ހެކިތަކާއި، މައްސަލަތަކާ ގުޅޭ މައުލޫމާތު ލީކުވާ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. މީގެ ކުރިންވެސް އެފަދަ އެތައް މައްސަލަތަކެއް ފެންމަތިވެފައިވެއެވެ.

އެންމެ ފަހުން މި ފެންމަތިވި އެއް މައްސަލައަކީ ސިނަމާލެ ބްރިޖްގައި ސައިކަލަކާއި ކާރެއް ޖެހި، ވިޔަފާރިވެރިޔާ އިސްމާއިލް މޫސާ (ޖަމްބޯ އިއްސެ) މަރުވި އެކްސިޑެންޓުގެ މަންޒަރު ފެންނަ ވީޑިއޯ ލީކުވި މައްސަލައެވެ.

އެ ވީޑިއޯ އާންމުކޮށްފައިވަނީ ސޯޝަލް މީޑިއާގައި ހިންގާ ޕޭޖަކުންނެވެ.

ވީޑިއޯ އިން ފެންނަނީ ރަތް ލައިޓު ދިއްލިފައި ވަނިކޮށް، އެއާޕޯޓާ ދިމާއަށް ދާ މަގަށް އިއްސެ ސައިކަލުގައި ހުރަސް ކުރާ ތަނެވެ. ހަމަ އެވަގުތު ހުޅުމާލޭ ކޮޅުން އައި ކާރެއް ސައިކަލާ ޖެހި އެކްސިޑެންޓު ވީއެވެ.

ވީޑިއޯއިން ފެންނަނީ ޓްރެފިކް ލައިޓުން ފެށިގެން ބްރިޖާ ވީކޮޅަށް 3 ވަނަ ހުރި ހޮޅިދަނޑީގައި ހަރުކޮށްފައިވާ ފުލުހުންގެ ކެމެރާގެ ފުޓޭޖެކެވެ. ވީޑިއޯގެ އެއް ކަނެއްގައި، (321 އެއާޕޯޓް- އައިއެންޓީ) ޖަހާފައި އޮވެއެވެ.

ފުލުހުންގެ ކެމެރާއެއްގެ ފުޓޭޖެއް ސޯޝަލް މީޑިއާގެ ޕޭޖަކުން ލީކުވީ ކިހިނެއްތޯ ނޫސްވެރިން ސުވާލުވެސް ކުރިއެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ، ފުލުހުންގެ ސީސީޓީވީ ކެމެރާ ފުޓޭޖުގެ އެކްސެސް ފުލުހުންގެ އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޝަންގެ ވަރަށް ގިނަ މުވައްޒަފުންނަށް އޮންނަ ކަމަށެވެ.

އޭގެ އިތުރުން، މީހަކު މަރުވުމަށް މެދުވެރިވި އެކްސިޑެންޓެއްގެ މަންޒަރު ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ދައުރު ކުރުމަކީ މަރުހޫމްގެ އާއިލާ އަށް ނުހަނު ހިތްދަތިކަން ގެނުވާނެ ކަމެއްކަން ފާހަގަކޮށް ފުލުހުން ވަނީ އެ ޙާދިސާގެ މަންޒަރުތައް ދައުރު ނުކުރުމަށް އެދިފައެވެ.

އެހެންނަމަވެސް، ފުލުހުންގެ ކެމެރާއެއްގެ ފުޓޭޖުތައް މިގޮތަށް ދައުރުވުމަކީ ފުލުހުންގެ ތެރެއިން އެކަން ބެލެން ޖެހޭނެ ކަމެކެވެ. މިފަދައިން ހޯދާ ވީޑިއޯތަކާއި ފުޓޭޖުތަކަކީ ބައެއް ފަހަރު ބޮޑެތި މައްސަލަތައް ސާބިތު ކުރުމުގައި މުހިއްމު ހެކިތަކަކަށް އެބަ ވެގެން ދެއެވެ.

އެހެންނަމަވެސް، ލީކުވި ގޮތެއް ނޭނގި މިފަދައިން ފުލުހުންގެ ބޭނުމަށް ހޯދާ މައުލޫމާތުތައް އަބަދު މައުލޫމާތު ލީކުވާނަމަ، ފުލުހުންގެ ޚިދުމަތް ހޯދާ ފަރާތްތަކަށްވެސް އެކަމުގެ ކަންބޮޑުވުން އޮންނާނެއެވެ. މި ޙާލަތުގައި ފުލުހުންގެ ސީސީޓީވީ ކެމެރާ ފުޓޭޖުގެ އެކްސެސް ފުލުހުންގެ އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޝަންގެ ވަރަށް ގިނަ މުވައްޒަފުންނަށް އޮންނަކަމަށް ބުނެ ނިންމާލެވޭކަށް ނެތެވެ.

އޭގެ މާނައަކީ ފުލުހުންނަށް ހުށައެޅޭ މައްސަލަތަކާ ގުޅިގެން އާންމު ރައްޔިތުންގެ ފޯނާއި ޒާތީ މައުލޫމާތު ފުލުހުންގެ ބޭނުމަށް ނަގާއިރުވެސް، އެތަކެތި ލީކުވެދާނެ ކަމަށް ބަލައިގެން އުޅެންވީބާއެވެ؟ ފުލުހުންގެ ތެރެއިން އެކިއެކި ގޮތްގޮތުން މައުލޫމާތާއި ހެކިތައް ލީކުވާ ވާހަކައަކީ އާ ވާހަކައެއް ނޫން ނަމަވެސް، މިކަންކަން ހުއްޓުވޭނެ ގޮތްތަކެއް އޮންނަން އެބަޖެހެއެވެ. އަދި އެފަދަ މައްސަލަތައް ބެލޭ މިންވަރާއި، އެކަންކަމުގައި ހިމެނޭ ފަރާތްތައް ޒިންމާ ކުރުވޭނަމަ އެކަންވެސް އެނގެން ޖެހެއެވެ.

ވީޑިއޯ އާންމުވި ގޮތް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނި ނަމަވެސް، އެފަދަ އެހެން މައްސަލަތަކެކޭ އެއްގޮތަށް މި މައްސަލައަށްވެސް ވީނުވީއެއް އާންމު ރައްޔިތުންނަށް ސާފު ނުވެ ނިމޭނީބާއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް