ކ. މާލެ
|
13 ޑިސެންބަރ 2022 | އަންގާރަ 16:28
ކަސްޓަމްސް - ސެލްބީ އިންވެސްޓްމަންޓުގެ ވާހަކަތައް ކަސްޓަމްސްއިން ވަނީ ދޮގުކޮށްފައި
ކަސްޓަމްސް - ސެލްބީ އިންވެސްޓްމަންޓުގެ ވާހަކަތައް ކަސްޓަމްސްއިން ވަނީ ދޮގުކޮށްފައި
ރާއްޖެ އެމްވީ
އެލުމިނިއަމް ފަތިން ނަގާ ޑިއުޓީ
ސެލްބީ އިންވެސްޓްމެންޓުން ދައްކަނީ ހަގީގަތާއި ޚިލާފު ވާހަކަތަކެއް، އެލުމިނިއަމް ފައްޗަށް ޑިއުޓީއެއް ނުނަގާނެ - ކަސްޓަމްސް
ސެލްބީއިން ހުށަހަޅާފައިވާ ސަޕޯޓިންގ ޑޮކިއުމެންޓްތަކުގައި އެ ޝިޕްމެންޓްގައިހުރީ އެލުމިނިއަމް ޑޯރ އަދި ވިންޑޯ ފްރޭމްކަމަށް ބަޔާންކޮށްފައިވޭ
އެލްމުނިއަމް ފައްޗަށް 0 އިންސައްތަ ނެގުމަށް ކަނޑައެޅުމުގެ މައިގަނޑު މަޤްސަދަކީ، އެލްމުނިއަމް މަސައްކަތްކުރާ ސިނާއަތު ރާއްޖޭގައި ތަރައްޤީކޮށް ކުރިއެރުވުން
ތަކެތީގެ އަގު އުފުލުމަށް މަގުފަހިވާގޮތަށް ކުރެވޭ މިފަދަ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށްވެސް އިލްތިމާސްކޮށްފައިވޭ

ސެލްބީ އިންވެސްޓްމެންޓުން އެލުމިނިއަމް ފައްޗަށް ޑިއުޓީ ނަގާކަމަށް ބުނެ ދައްކަމުން ދަނީ ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ސެލްބީ އިންވެސްޓްމަންޓުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގެދޮރުގެ ބޯހިޔާވަހިކަން ހޯދުމަށް ދޮރުޖަހަން ބޭނުންކުރާ އެލުމިނިއަމް ފަތިން ނަގަމުން އައި 0 އިންސައްތައިގެ ޑިއުޓީގެ ބަދަލުގައި މިހާރު ނަގަން ނިންމާފައިވަނި 10 އިންސައްތަ ކަމަށެވެ. އެހެންކަމުން މީގެ ފަހުން އެތެރެކުރާ އެލުމިނިއަމުން އިތުރު 10 އިންސައްތަ އަގުބޮޑުވާނެ ކަމަށެވެ.

އަދި 1 ޖެނުއަރީ 2023 އިން ފެށިގެން ޖީއެސްޓީ 8 އިންސައްތައާއެކު އިތުރު 2 އިންސައްތަ ލުމުން ޖުމްލަ 12 އިންސައްތަ އަށް އެލުމިނިއަމްގެ އަގުބޮޑު ވާނެކަމަށެވެ.

މިކަމާއި ގުޅިގެން ކަސްޓަމްސް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ސެލްބީ އިންވެސްޓްމެންޓްގެ ޕޯސްޓުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އެޗް.އެސް ކޯޑަށް ކުއްލިއަކަށް ބަދަލެއް ގެނެސް، ޑިއުޓީ ރޭޓް މަތިކޮށްފައިވާކަމަށް ފާހަގަކޮށްފައިވީނަމަވެސް، އެލުމިނިއަމް ފައްޗަށް 0 އިންސައްތަ އަދި ވިންޑޯ ފްރޭމަށް 10 އިންސައްތަ ނަގަމުންދަނީ 2020 ވަނަ އަހަރުން ފެށިގެންކަމުގައެވެ.

ކަސްޓަމްސް އިން ބުނީ އެކުންފުނިން އެތެރެކުރުމަށް ރާއްޖެއަށް ގެނެސްފައިވާ ޝިޕްމަންޓަށް ހުށަހަޅާފައިވާ ގުޑްސް ޑިކްލަރޭޝަންގައި އެލުމިނިއަމް ފަތިކަމަށް ބަޔާންކޮށްފައިވީނަމަވެސް، ހުށަހަޅާފައިވާ ސަޕޯޓިންގ ޑޮކިއުމެންޓްތަކުގައި އެ ޝިޕްމަންޓްގައިހުރީ އެލުމިނިއަމް ޑޯރ އަދި ވިންޑޯ ފްރޭމްކަމަށް ބަޔާންކޮށްފައިވާތީ، ޝިޕްމަންޓްގައި ހިމެނެނީ ފަތިތޯ ނުވަތަ ފްރޭމްތޯ ޔަޤީންކޮށް އެޗް.އެސް ކޯޑު އިސްލާޙްކުރުމަށް އެފަރާތަށް ދެންނެވިފައިވާ ކަމަށެވެ.

އަދި މިގޮތަށް ދެންނެވުމުން ކޯޑު އިސްލާޙްކޮށް ހުށަހަޅާފައިވަނީ، ޑޯރ ފްރޭމްގެ ގޮތުގައި ކަމަށެވެ. ވުމާއިއެކު، ކަސްޓަމްސްއިން މުދަލުގެ ޑިކްލަރޭޝަން ނިންމާފައިވަނީ އެކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް ކަސްޓަމްސް އިން ބުނެއެވެ. އަދި ދިވެހިރާއްޖޭގެ އެކްސްޕޯޓް/އިމްޕޯޓް ޤާނޫނުގައި އެލުމިނިއަމް ވިންޑޯ ފްރޭމް (އެޗް.އެސް. ކޯޑް: 7610100014) އަށް ޑިއުޓީގެ ގޮތުގައި 10 އިންސްތައް ނަގަން ކަނޑައެޅިފައިވާއިރު، އެލްމުނިއަމް ފަތި (އެޗް.އެސް. ކޯޑް: 7604100012) އަށް ޑިއުޓީގެ ގޮތުގައި ނެގުމަށް ކަނޑައެޅިފައިވަނީ 0 އިންސްތައެވެ. ސެލްބީ އިންވެސްޓްމެންޓްގެ ފަރާތުން ގެނެސްފައިވާ ޝިޕްމަންޓަކީ ކަސްޓަމްސްއިން ބަލައި ފާސްކޮށް ދޫކުރުމުގެ މަރުޙަލާ ފުރިހަމަވެފައިވާ ތަކެތިކަމަށް ނުވާއިރު، މިތަކެތި އަދިވެސް ހުރީ މާލޭ ކޮމާޝަލް ހާބަރުގައި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސްއިން ބުނީ އިމްޕޯޓް އެކްސްޕޯޓް މުދާ ކްލިއަރކުރުމުގެ މަސައްކަތް ހިނގާގޮތަކީ، މުދަލުގެ މައުލޫމާތު ހިމެނޭގޮތަށް ވެރިފަރާތުން މުދާ ޑިކްލެއާކުރުމުން، ޑިކްލެއާކުރާގޮތަށް ބަލައި، ކަނޑައެޅިފައިވާ ޑިއުޓީ ރޭޓުން ޑިއުޓީ ދެއްކުމުން މުދާ ދޫކުރުމެވެ. އަދި މިގޮތުން މުދާ ދޫކުރުމަށް ބަލައިފާސްކުރާއިރު، ކުރިން ގުޑްސް ޑިކްލަރޭޝަންގައި ބަޔާންކޮށްފައިވާ މައުލޫމާތާ ފުށުއަރާ ކަމެއް ފާހަގަވާނަމަ، އެއަންނަ އުނި/އިތުރާ އެއްގޮތަށް ޑިކްލަރޭޝަން އިސްލާޙްކުރެވެއެވެ. މިގޮތުން ސެލްބީ އިންވެސްޓްމެންޓްގެ ފަރާތުން ރާއްޖެއަށް ގެނެސްފައިވާ މުދާ ޝިޕްމަންޓް ބަލައިފާސްކޮށް ދޫކުރާއިރު، ޝިޕްމަންޓްގައި ހިމެނެނީ އެލްމުނިއަމް ފަތިކަމަށްވާނަމަ، އެފަރާތުން ޑިއުޓީގެ ގޮތުގައި އިތުރަށް ދައްކާފައިވާ ފައިސާ ރިފަންޑްކުރެވޭނެ ކަމަށެވެ.

އެކްސްޕޯޓް އިމްޕޯޓް ޤާނޫނުގައި ބަޔާންކުރެވިފައިވާ ޑިއުޓީ ރޭޓްތަކަށް ރިއާޔަތްކޮށް މުދާ ކްލެސިފައިކުރެވެނީ ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ ހާމަނައިޒްޑް ސިސްޓަމްސް (އެޗް.އެސް) ކޮންވެންޝަންގައި ބަޔާންކޮށްފައިވާ ގޮތުގެމަތީންނެވެ. މިގޮތުން ކްލެސިފައިކުރާއިރު، މުދަލަށް ކަނޑައެޅިފައިވާ ކޯޑަކީ ކުއްލިއަކަށް ބަދަލުވާނެ އެއްޗެއްނޫނެވެ. ބަދަލު ގެނެވުނުނަމަވެސް، އެ ބަދަލެއް މައިގަނޑުގޮތެއްގައި އަންނާނީ އެކްސްޕޯޓް/އިމްޕޯޓް ޤާނޫނަށް ގެނެވޭ އިސްލާހަކާ ގުޅިގެންނެވެ. މިގޮތުން އެލްމުނިއަމް ފައްޗަށް 0 އިންސައްތަ އަދި ވިންޑޯ ފްރޭމަށް 10 އިންސައްތަ ނަގަމުންދަނީ 2020 ވަނަ އަހަރު އެކްސްޕޯޓް/އިމްޕޯޓް ޤާނޫނަށް ގެނެވުނު އިސްލާހާއި ގުޅިގެން ކަމަށް ވަނީ ބުނެފައެވެ.

އަދި އެލްމުނިއަމް ފައްޗަށް 0 އިންސައްތަ ނެގުމަށް ކަނޑައެޅުމުގެ މައިގަނޑު މަޤްސަދަކީ، އެލްމުނިއަމް މަސައްކަތްކުރާ ސިނާއަތު ރާއްޖޭގައި ތަރައްޤީކޮށް ކުރިއެރުވުމަށް ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މި ކަންކަން މިހެންހުރިއިރު، ސެލްބީ އިންވެސްޓްމެންޓް ފަދަ ރާއްޖޭގައި ދިގުމުއްދަތަކަށް، ފުޅާދާއިރާއެއްގައި އިމްޕޯޓްކުރުމުގައި ހަރަކާތްތެރިވާ ކުންފުންޏަކުން ރައްޔިތުންނަށް ހަޤީގަތް އޮޅޭގޮތަށް މިފަދަ ބަޔާނެއް ނެރުނީތީ އެ ސަރވިސްގެ ފަރާތުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ.

އަދި، ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުގެ ލިޔެކިއުން ނިންމުމާއި މުދާ ކްލިއަރކުރުމުގެ އުޞޫލް ރަނގަޅަށް އެނގިތިބެ، ރައްޔިތުންނަށް އޮޅޭގޮތަށް މިފަދަ ބަޔާންތައްނެރެ، ތަކެތީގެ އަގު އުފުލުމަށް މަގުފަހިވާގޮތަށް ކުރެވޭ މިފަދަ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ. ހަމަމިއާއެކު، މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީގޮތުން އެ މުއައްސަސާއިން އަޅަންޖެހޭ ފިޔަވަޅު އެއްވެސް ފަސްޖެހުމެއްނެތި އަޅާނެކަމަށް ވަނީ ބުނެފައެވެ.

- ކޮމެންޓް