ކ. މާލެ
|
24 ނޮވެންބަރ 2022 | ބުރާސްފަތި 19:02
މަހާތީރުގެ ނައިބެއްގެ ގޮތުގައި އަންވަރު ފެނިގެންދިޔައީ 1993 ވަނަ އަހަރު
މެލޭޝިއާގެ ސިޔާސީ މަސްރަހު
އަތުކުރި އޮޅާލެއްވިތާ 25 އަހަރު ފަހުން، އަންވަރަށް މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ ސަވާރީ!
 
މަހާތީރަށްފަހު ގައުމު ދެކޭނެ ދެވަނަ ލީޑަރަކީ އަންވަރު އިބްރާހީމް ކަމަށް ގިނަ ބަޔަކު އިއްތިފާގުވޭ
 
މެލޭޝިއާގެ ސިޔާސީ މައިދާނުގައި އެންމެ ނުފޫޒުގަދަ އެއް ޝަޚްސިއްޔަތުކަމުގައިވާ މަހާތީރުގެ ވެރިކަމުގައި، އަންވަރު އެތައް އަހަރެއް ހޭދަކުރެއްވީ ޖަލުގައި

ގައުމެއްގެ ސިޔާސީ މަސްރަހަކީ ސަރާސަރު މަގެއްކަމުގައި ވާނަމަ، އެ މަގުގެ އެއްފަރާތަކުން ހިނގަމުންގޮސް، އެ މަގުގެ ހަލަބޮލިކަން އެންމެ ގަދަވި ދަނޑިވަޅު، ގައުމީ މަސްލަހަތު އިސްކުރައްވައި، ގައުމުގެ އެންމެ އިސް ލީޑަރުގެ ގޮތުގައި މަގުގެ މެދަށް  ނުކުންނެވި އެއް ބޭފުޅަކީ، ނޮވެމްބަރު 24، 2022 ވީ ބުރާސްފަތި ދުވަހު، މެލޭޝިއާގެ ބޮޑުވަޒީރު ކަމުގެ މަގާމުގެ ހުވާ ކުރެއްވި އަންވަރު އިބްރާހީމްއެވެ.

މި ދަތުރުފުޅުގައި އަންވަރު އިބްރާހީމް އުޅުއްވާތާ އަހަރުތަކެއް ވަނީ ފާއިތުވެފައެވެ. ބޮޑުވަޒީރު ކަމުގެ މަގާމަށް ހަމަ ދެންމެދެންމެ އިންތިޚާބުވެވަޑައިގަތީ ކަމަށް ހީވި ދެ ފަހަރެއް ތާރީޚުން ފެންނަން އެބައޮތެވެ.

މެލޭޝިއާގެ ސިޔާސީ މައިދާނުގައި އެންމެ ނުފޫޒުގަދަ އެއް ޝަޚްސިއްޔަތު ކަމުގައިވާ މަހާތީރު މުހައްމަދުގެ ވެރިކަމުގައި، އަންވަރު އިބްރާހީމް އެތައް އަހަރެއް ހޭދަކުރެއްވީ ޖަލުގައެވެ. މަހާތީރަކީ، އިރެއްގައި އަންވަރަށް އެންމެ ގާތުން އިރުޝާދު ދެއްވާ، ސިޔާސީ މައިދާނަށް ހޭހަން ކުރައްވަމުން ގެންދެވި ލީޑަރެވެ. ނަމަވެސް، އެ ދެބޭފުޅުންގެ މެދުގައި އުފެދި، ކެނޑެމުން ދިޔަ ގުޅުންތައް ވީ މެލޭޝިއާގެ ސިޔާސީ މަސްރަހު ބައްޓަންކުރުމުގެ މީޒާނަކަށްވެސްމެއެވެ. އަދި އެ މީޒާނުގައި އަންވަރު އިބްރާހީމްގެ ދަރަޖަ ބަޔާން ކޮށްދެނިވި ކަމަކަށްވެސްމެއެވެ.

ބޮންތިއަށް

މިހާރު އުމުރުފުޅުން 75 އަހަރުފުރިފައިވާ އަންވަރު އިބްރާހީމްގެ ނަން، މެލޭޝިއާގެ ސިޔާސީ މައިދާނުގައި ގުގުމަންފެށީ، ދަސްވެނިވާން ތައްޔާރުވަމުން ދިޔަ ސިޔާސީ ލީޑަރެއްގެ ގޮތުގައެވެ. މެލޭޝިއާގެ އިސްލާމިކް ޔޫތު މޫވްމަންޓް ނުވަތަ 'އޭބިމް' އުފެއްދެވި ހިސާބުންނެވެ. ސިޔާސީ މަސްރަހުގެ ކަންކަން ގާތުން ބަލަން ތިބި އެތައް ބަޔަކަށް އަންވަރު ސިހުން ގެންނެވީ، މެލޭޝިއާގެ ވެރިކަން ކުރުމުގެ ތާރީޚުގައި ދިގު ރެކޯޑެއް އޮތް ޔުނައިޓަޑް މެލޭޒް ނޭޝަނަލް އޯގަނައިޒޭޝަން (އުމްނޯ)އާ 1982 ވަނަ އަހަރު ގުޅިވައިޑަތުމާ އެކުގައެވެ.

ކޮންމެ ގޮތެއްވިއަސް، އަންވަރުގެ އެ ނިންމެވުން ވީ ސިޔާސީ ގޮތުން ހުޝިޔާރު ނިންމެވުމަކަށެވެ. ސިޔާސީ ހަރުގަނޑުން އަންވަރު ކުރިއަށް ވަޑައިގަންނަވަމުން ގެންދެވީ އިންތިހާ ހަލުވި ދުވެލީގައެވެ. ސަރުކާރުގެ މުހިންމު ވުޒާރާތަކެއްގެ މޭސްތިރިކަންވެސް ކުރެއްވިއެވެ. މަހާތީރުގެ ނައިބެއްގެ ގޮތުގައި އަންވަރު ފެނިގެން ދިޔައީ 1993 ވަނަ އަހަރުއެވެ. އަދި މަހާތީރަށްފަހު ގައުމު ދެކޭނެ ދެވަނަ ލީޑަރަކީ އަންވަރު އިބްރާހީމް ކަމަށް ގިނަ ބަޔަކަށް އިއްތިފާގުވެވުނެވެ. ނަމަވެސް، 1997 ވަނަ އަހަރު ކުރިމަތިވި އޭޝިއާގެ މާލީ ކާރިސާގެ ހިޔަނި، އެ ތަސްވީރަށް އެޅުނެވެ. އިގުތިސާދާއި ކޮރަޕްޝަންގެ ކަންކަމުގެ ކޯޅުންގަނޑު ގަދަވެގެންނެވެ.

ޖަލު ގޮޅި

ސެޕްޓެމްބަރު 1998ގައި، އަންވަރު އިބްރާހީމް މަގާމުން ދުރުކުރެވުނެވެ. އޭނާވެސް ދުލެއްނުދެއްވައެވެ. މަހާތީރާ ދެކޮޅަށް އާންމު މުޒާހަރާތައް ކުރިއަށް ގެންދެވުމުގެ އެންމެ އިސް ސަފުގައި ހުންނެވިއެވެ. މެލޭޝިއާގައި ޑިމޮކްރަސީ ހަރުދަނާކުރުމަށް ގޮވާލައި، އެތައް ޖީލެއްގެ އެކްޓިވިސްޓުންނަށް ނުފޫޒު ފޯރުވި ރިފޯމާސީ ހަރަކާތުގެ ފެށުމަކީވެސް އެއީއެވެ.

މާ ގިނަ ދުވަހެއް ނުވެ، އަންވަރު އިބްރާހީމް ހައްޔަރު ކުރެވުނެވެ. އެއް ޖިންސުން ގުޅުން ހިންގުމާއި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުކޮށް، އޭނާގެ މައްޗަށް ކުށް ސާބިތުކޮށް، ހުކުމް އިއްވިއެވެ. އެ ދައުވާއަށް އަންވަރު އިބްރާހީމް ކުރެއްވީ އިންކާރެވެ.

އިސްލާމީ ވެރިކަމެއް ހިންގަމުން އަންނަ މެލޭޝިއާގައި، އެއް ޖިންސުން ގުޅުން ހިންގުމަކީ ޖިނާއީ ކުށެކެވެ. އެފަދަ ކުށެއް މީހެއްގެ މައްޗަށް ސާބިތުކޮށް، ހުކުމް އިއްވާފައި ވަނީ މަދު ފަހަރަކުއެވެ. އަންވަރު އިބްރާހީމްގެ މައްޗަށް އިއްވި ހުކުމަކީ، ސިޔާސީ މަގުސަދެއްގައި އިއްވި ހުކުމެއް ކަމަށް ބުނެ، ބައިނަލްއަގުވާމީ ފެންވަރުގައި، އެ ހުކުމާ ދެކޮޅަށް އަޑުވެސް އުފުލިއެވެ. ކޮރަޕްޝަންގެ ތުހުމަތުގައި 6 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންވަރުގެ މައްޗަށް އިއްވުމާއެކު، މެލޭޝިއާގެ މަގުތަކުގައި ވަރުގަދަ މުޒާހަރާތަކެއްގެ ހުޅުގަނޑު ފަޅައިގެން ދިޔައެވެ. އެއް ޖިންސުން ގުޅުން ހިންގިކަމުގެ ކުށުގައި، 9 އަހަރުގެ ޖަލު ހުކުމެއް އަންވަރުގެ މައްޗަށް އިއްވީ އޭގެ 1 އަހަރު ފަހުންނެވެ.

އޭނާގެ މައްޗަށް ކުށްތަކެއް ސާބިތުކޮށް، ހުކުމްތަކެއް އިއްވާފައިވަނީ، ސިޔާސީ މައިދާނުގައި މަހާތީރުގެ މައްޗަށް އޮތް ނުރައްކަލެއް ކަމުގައި އަންވަރު ވެދާނެތީ ކަމަށް އޭނާ އަބަދުވެސް ގެންދެވީ ވިދާޅުވަމުންނެވެ.

މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަގާމުން މަހާތީރު ދުރުވެވަޑައިގެންނެވިތާ އަހަރެއް ފަހުން، 2004 ވަނަ އަހަރު ނިމެން ދަނިކޮށް އަންވަރު އިބްރާހީމް ޖަލުން މިނިވަން ކުރެވުނެވެ. އެއީ އެއް ޖިންސުން ގުޅުން ހިންގިކަމުގެ ކުށުގައި އަންވަރުގެ މައްޗަށް ތަންފީޒުކުރަމުން ދިޔަ ހުކުމް، މެލޭޝިއާގެ ސުޕްރީމް ކޯޓުން ބާތިލު ކުރުމާ ގުޅިގެންނެވެ.

ދެކޮޅުވެރިކަން އިތުރުވުމާއި އައު ދައުވާތަކެއް

މިނިވަންވެވަޑައިގަތުމާއެކު އަންވަރު އިބްރާހީމް ދެން ފެނިގެން ދިޔައީ މެލޭޝިއާގައި އޭރު އުފެދެމުން ދިޔަ އިދިކޮޅު ބާރުގެ ލީޑަރުގެ ގޮތުގައެވެ. 2008 ވަނަ އަހަރުގެ އިންތިޚާބުތަކުގައި އިދިކޮޅުން ދިޔައީ ކުރިއެރުންތަކެއްވެސް ހޯދަމުންނެވެ.

އަނެއްކާވެސް އަންވަރުގެ މައްޗަށް، އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތު އަމާޒު ކުރިއެވެ. އެއީ 2008 ވަނަ އަހަރުގެ ތެރޭގައެވެ. އެފަހަރުވެސް، އެ ދައުވާއަށް އަންވަރު ކުރެއްވީ އިންކާރެވެ. އެއީ އޭނާ ހަވާސާކޮށްލުމަށްޓަކައި ސަރުކާރުން ޖެހި މަޅިއެއްކަމަށް އަންވަރު ގެންދެވީ ވިދާޅުވަމުންނެވެ.

އަންވަރު އިބްރާހީމްއާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކުން އޭނާއަށް ސަލާމަތް ހޯއްދެވުނީ ޖެނުއަރީ 2012 ގައި މެލޭޝިއާގެ ހައިކޯޓަކުން އެ ދައުވާތައް ބާތިލުކުރުމުންނެވެ. ހައިކޯޓުން އެކަން ކުރީ، އެކަށީގެންވާ ހެކި ނެތްކަމަށް ބުނެއެވެ.

ޖެހިގެން އައި އަހަރު، މެލޭޝިއާގެ އިދިކޮޅު ފައުޖު އާ އުސްމިންތަކަކަށް ގެންގޮސްދެއްވުމުގެ މުގުލުގައި ހުންނެވީ އަންވަރު އިބްރާހީމްއެވެ. އެއީ ބަރިސާން ނޭޝަނަލް ކޯލިޝަންއަށް އެހާތަނަށް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ވެއްޓުމެވެ.

ނަމަވެސް، އަންވަރު ސިޔާސީ އަޒުމުގައި އަނެއްކާވެސް ބަޔަކު ކޮޅުފައިން ޖެހީއެވެ. 2014 ވަނަ އަހަރުގެ ސްޓޭޓް އިލެކްޝަންއަށް ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވަނިކޮށް، މީގެ ކުރިން އޭނާ އެ ކުށަކުން ބަރީއަވެވަޑައިގެންފައި ވާ ކަމަށް ކޯޓުން ނިންމި ނިމުން ބަދަލުކޮށް، އަނެއްކާވެސް އަންވަރަށް އޮތް ތަނަކީ ޖަލު ކަމުގައި ހެދިއެވެ.

ސިޔާސީ އެނބުރިއައުން

2016 ވަނަ އަހަރު ވެގެން ދިޔައީ މެލޭޝިއާގެ ސިޔާސީ މަސްރަހަށް ސިހުން ގެނުވި އަހަރަކަށެވެ. އަންވަރު އިބްރާހީމްގެ ސިޔާސީ ވާދަވެރި މަހާތީރު، ސިޔާސީ މައިދާނުން މުސްކުޅިވެވަޑައިގެން ހުންނެވި ހުންނެވުން ނިމުމަކަށް ގެންނަވައި އަލުން ސިޔާސީ ރޭހުގައި ވާދަކުރައްވަން އިއުލާން ކުރެއްވިއެވެ.

އޭރު އުމުރުފުޅުން 92 އަހަރުގެ މަހާތީރު ވިދާޅުވަމުން ގެންދެވީ، އޭރު ބޮޑުވަޒީރު ކަމުގައި ހުންނެވި ނަޖީބުއްރައްޒާގަށް އަމާޒުވަމުން ދިޔަ ކޮރަޕްޝަންގެ އިލްޒާމުތަކުން ފުދިއްޖެކަމަށެވެ.

ސިޔާސީ މައިދާނަށް އެނބުރި ވަޑައިގެންނެވުމަށްޓަކައި މަހާތީރު ޑީލް ހެއްދެވީ، އޭރުވެސް ޖަލުގައި ހުންނެވި އަންވަރު އިބްރާހީމްއާއެވެ އިދިކޮޅު ލީޑަރުންގެ މެދުގައި އޭރުވެސް އަންވަރުގެ މަގުބޫލުކަން އިންތިހާއެވެ. ފެނިގެންދާނޭ ހީ ނުކުރާހާ ގާތްކޮށް، މަހާތީރާއި އަންވަރު ފެނިގެންދިޔައެވެ. ދެބޭފުޅުން ކުރެއްވި ސަލާމަކުން، ސިޔާސީ އާ ގޮށެއް ޖެއްސެވިފަދައެވެ.

2018 ވަނަ އަހަރުގެ އިންތިޚާބުގައި، މަހާތީރު އިސްކޮށް ހުންނަވައިގެން ނެރުއްވި ޕަކަތާން ހަރަޕާން އެލަޔަންސުން ކުރި ހޯދިއެވެ. ގައުމުގެ ވެރިކަން ކުރުމުގައި ބަރިސާން ނޭޝަނަލްއިން ދަމަހައްޓަމުން ދިޔަ 61 އަހަރުގެ ރެކޯޑް ފުނޑުފުނޑުކޮށްލިއެވެ. ޕަކަތާން ހަރަޕާން ކޯލިޝަން އެކުލެވިގެންވީ 4 ޕާޓީއެއްގެ މައްޗަށެވެ. މެލޭޝިއާގައި އޮތް ހުރިހާ ނަސްލެއްގެ ހަގީގީ ބައިވެރިވުން އެކުލެވިގެން އެ ގައުމުގެ ވެރިކަމަށް އައި ފުރަތަމަ ކޯލިޝަނަކީވެސް އެއީ ކަމަށް ބުނެވެއެވެ.

އަނެއްކާވެސް މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ ލަގަން ނަންގަވައި، ވައުދުވެވަޑައިގެންނެވި ގޮތަށް އަންވަރު މިނިވަން ކުރެއްވީ މަހާތީރުއެވެ. ފުރިހަމަ އަފޫއާންމެއް ދެއްވައި، 2 އަހަރު ދުވަހުގެ ތެރޭގައި އަންވަރާ ލަގަން ހަވާލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ސިޔާސީ، އެ ބަދަހި ގުޅުމުގައި އަނެއްކާވެސް ކުނި ޖެހެން ފެށިއެވެ. ބާރުތައް ހަވާލުކުރެއްވުމަށް މަހާތީރު ކުޅުއްވަމުން ގެންދެވި ކުޅިގަނޑު ބަދަލު ކުރައްވަން ފެއްޓެވުމުންނެވެ. ސިޔާސީ ވާދަވެރިކަމުގެ ހިތިކަން ދިޔައީ އިންތިހާއަށް ގަދަވަމުންނެވެ.

ފެބުރުއަރީ 2020ގައި މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަގާމުން މަހާތީރު އިސްތިއުފާ ދެއްވުމާއެކު، ކޯލިޝަން އިނދަޖެހުނެވެ. ތާރީޚު ނުދެކޭފަދަ ހާޖާނުގެ އަނދަވަޅަކަށް ގައުމު ވެއްޓިގެން ދިޔައެވެ. އަންވަރު އަނެއްކާވެސް ސިޔާސީ މައިދާނުގައި ހުންނެވީ ގިނިކަންޏާއެވެ.

އާ ސަރުކާރު އިނދަޖެހުމާއެކު، މެލޭޝިއާގެ ވެރިކަމަށް އަނެއްކާވެސް އުމްނޯ ގެނެވުނެވެ. އަދި އާ ބޮޑުވަޒީރުކަމުގެ މަގާމަށް މުހްޔިއްދީން ޔާސީން އިސްކުރެވުނެވެ.

އޭގެ އަހަރެއްހާ ދުވަސް ފަހެވެ. ކޮވިޑް-19ގައި މުޅި ދުނިޔެ އިނދަޖެހެމުން ދިޔަ ބާރުމިނުގައި، މެލޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގައި އޭނާއަށް އޮތް ތާއީދު ފަނޑުވާން ފެށުމުން، ބޮޑުވަޒީރު ކަމުގެ މަގާމުން މުހްޔިއްދީން އިސްތިއުފާދެއްވިއެވެ. އަދި އޮކްޓޯބަރު 2022ގައި، އުމްނީގެ އިސްމާއީލު ސަބްރީއާ މެލޭޝިއާގެ ބޮޑުވަޒީރުކަން ހަވާލު ކުރެވުނެވެ. ބާރު ކަށަވަރުވާނެ ކަމަށް ބައްލަވައި، އަވަސް އިންތިޚާބެއްވެސް އިއުލާން ކުރެވިގެން ދިޔައެވެ.

ނަމަވެސް، ނަތީޖާ ނުކުތީ މުޅިން ޚިލާފަށެވެ. ސާފު އަޣުލަބިއްޔަތު ނެތެއްކަމަކު، އެންމެ ގިނަ ގޮނޑި ގެންދިޔައީ އަންވަރުގެ ޕަކަތާން ހަރަޕާން އެލާޔަންސްއިންނެވެ. ސަރުކާރު އެކުލަވާލެވޭނެ މެޖޯރިޓީ ނެތި، ދުވަސްތަކަކު އޮތުމަށްފަހު، މެލޭޝިއާގެ އާ ބޮޑުވަޒީރަކީ އަންވަރު އިބްރާހީމް ކަމުގައި ކަނޑައަޅުއްވައި، އެކަން އިއުލާން ކުރެއްވީ މެލޭޝިއާގެ ރަސްކަމުގެ ކޯލިޝަނުންނެވެ. ބޮޑުވަޒީރު ކަމުގެ މަގާމަށް ވަޑައިގަތުމަށް އަންވަރު އަތުކުރި އޮޅާލެއްވިތާ 25 އަހަރުގެ ދިގު އިންތިޒާރަކަށް ނިމުން ގެނެސްދެއްވަމުންނެވެ.

މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ ސަވާރީގައި އަންވަރަށް އޮތީ މާ އޮމާން ރާސްތާއެއް ކަމުގައި ދެންނެވުމަކީ ހަގީގަތުން ހަވާސާވެލުން ކަމުގައިވެސް ވެދާނެއެވެ.

ކޮމެންޓް