ކ. މާލެ
|
8 ނޮވެންބަރ 2022 | އަންގާރަ 16:26
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް
ރައްޔިތުންގެ މަޖިލިސް
ދައުލަތުގެ ބަޖެޓްގެ ބަހުސް
ހުށަހެޅިފައިވާ ބަޖެޓުން ކަށަވަރުކޮށްދެނީ ހަމަހަމަކަން: މީކާއީލް
 
މިބަޖެޓްގެ 5 ބިލިއަން ރުފިޔާ ސިއްހަތަށް ޚާއްސަކޮށްފައިވާއިރު، މިއަދު އެއްވެސް ރައްޔިތަކު ތީމުގޭ ޕޭމަންޓްމަތީގައި އާދޭސްކުރަން އިންނާކަށް ނުޖެހޭކަމަށް ވިދާޅުވި
 
ޖުމްލަކޮށް ހުރިހާ ރައްޔިތުންނަށް ދޭ ސަބްސިޑީގެ ނިޒާމު ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށްގެންދިޔުމަށް ޓާގެޓްކުރެވޭ ސަބްސިޑީއަކަށް ބަދަލުވާންޖެހޭކަމަށް ވިދާޅުވި

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަކީ ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަކަން ކަށަވަރުކޮށްދޭ ބަޖެޓެއްކަމަށް, ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ބަޖެޓް ބަހުސްގައި ވާހަކަފުޅުދައްކަވަމުން މީކާއީލް ވިދާޅުވީ، ބަޖެޓެއްގެ ބޭނުމަކަށްވާނީ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އަހަރުން އަހަރަށް ރަނގަޅުވުންކަމަށެވެ. އަންނަ އަހަރުގެ ބަޖެޓް ފާސްވެގެންދާއިރު، އަހަރުން އަހަރަށް ރައްޔިތުންގެ ދިރިއުޅުން ބަދަލުވެފައިވާ ގޮތް ދެނެގަންނަންޖެހޭކަމަށް މީކާއީލް ވިދާޅުވިއެވެ.

މީގެކުރިން ސިއްހީ ނިޒާމާއި ތައުލީމާއި ބޯހިޔާވަހިކަން ހޯދަން ރައްޔިތުން އުޅުނު ގޮތަށް އަލިއަޅުއްވާލައްވަމުން މީކާއީލް ވިދާޅުވީ، އެކަންކަން ކަށަވަރުވަނީ ސަލާންޖަހައިގެންކަމަށެވެ. ނަމަވެސް މިހާރު ހުށަހެޅިފައިވާ ބަޖެޓާއެކު ހަމަހަކަން ކަށަވަރުކޮށްދޭކަމަށް މީކާއީލް ވިދާޅުވިއެވެ.

މިބަޖެޓްގެ 5 ބިލިއަން ރުފިޔާ ސިއްހަތަށް ޚާއްސަކޮށްފަވާއިރު، މިއަދު އެއްވެސް ދިވެހި ރައްޔިތަކު ތީމުގެ ޕޭމަންޓް މަތީ އާދޭސް ދަންނަވަން އިންނާކަށް ނުޖެހޭ. ޔަގީންކަން އޮވޭ ކޮންމެ ދިވެހި ރައްޔިތަކަށްވެސް އޭނަގެ ބޭސްފަރުވާ ދައުލަތުން ކަށަވަރުކޮށްދޭނެކަން. މި ބަޖެޓުން އެބަފެނޭ އަހަރަކަށްފަހު އަހަރެއް ސިއްހީ ނިޒާމު ޚަރަދުކުރާ މިންވަރު އިތުރުވާތަން.
މީކާއީލް އަހުމަދު ނަސީމް /ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު

މީކާއީލް ވިދާޅުވީ ބަޖެޓްގައި ތައުލީމަށް ކަނޑައަޅާފައިވާ 4.6 ބިލިއަން ރުފިޔާއިން ކުރިން ބޮޑުންނަށް ރިޒަރވްކޮށްފައި ހުންނަ ސްކޮލާރޝިޕް މިހާރު ކޮންމެ ރައްޔިތަކަށްވެސް ކަށަވަރުކޮށްދޭކަމަށެވެ. ހިލޭ ޑިގްރީއަށް މިހާރު ކޮންމެ ކުއްޖަކަށްވެސް ކިޔެވުމުގެ ފުރުސަތު އޮންނަކަމަށް މީކާއީލް ވިދާޅުވިއެވެ.

މީގެއިތުރުން މީކާއީލް ވިދާޅުވީ ޓެކްސްގެ ނިޒާމު ކަށަވަރުކޮށްދިނީ އެމްޑީޕީންކަމަށާއި މިބަޖެޓްގައިވެސް 23.5 ބިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި އަންނަ އަހަރު ލިބޭނެކަމަށް އަންދާޒާކޮށްފައިވާކަމަށެވެ. ޖީއެސްޓީ ބޮޑުކުރަން ނިންމާފައިވާ މިދަނޑިވަޅުގައި މުޅި ޓެކްސްގެ ނިޒާމަށް ބަދަލުތަކެއް ގެންނަން ވިސްނަންޖެހޭކަމަށާއި، އެއް ރައްޔިތަކާ އަނެއް ރައްޔިތެއްގެ އަތުން ޓެކްސް ނަގާ ފަރަގު ކުޑަކުރަންޖެހޭކަމަށެވެ. ޑިވިޑެންޓް ޓެކްސް ނުނަގާނަމަ އެއީ އާންމު ދިވެހި ރައްޔިތުންނަށް ވެވޭ ބޭއިންސާފެއްކަމަށް މީކާއީލް ވިދާޅުވިއެވެ.

މީގެއިތުރުން ޖުމްލަކޮށް ހުރިހާ ރައްޔިތުންނަށް ދޭ ސަބްސިޑީގެ ނިޒާމު ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ޓާގެޓްކުރެވިގެންދާ ސަބްސިޑީއަކަށް ބަދަލުވާންޖެހޭކަމަށް ވިދާޅުވިއެވެ.

އަންނަ އަހަރު ތެރޭގައި މާލޭގެ 5000 އާއިލާއަށް ބޯހިޔާވަހިކަން ކަށަވަރުވެގެންދާކަން ފާހަގަކުރައްވައި މީކާއީލް ވިދާޅުވީ، މާލޭ ރައްޔިތަކަށްވެހުރެ އަދި މާލޭގެ ދާއިރާއެއް ތަމްސީލްކުރައްވާ މެމްބަރެއްގެ ހައިސިއްޔަތުން، މިހާރު ހުށަހަޅާފައި އޮތް ބަޖެޓުން ވަރަށް ބޮޑު އުންމީދެއް ލިބިވަޑައިގަންވާކަމަށެވެ. ގުޅީފަޅާއި، ހުޅުމާލެ އަދި ގިރާވަރު ފަޅުގައި 5،000 ގޯތި ރައްޔިތުންނަށް ދެވޭނެގޮތަށް ސަރުކާރުން މި ބަޖެޓުގައި ހިމަނާފައިވާކަމަށް މީކާއީލް ވިދާޅުވިއެވެ.

އެހެންކަމުން މި ބަޖެޓު ފާސްވުމުން، މާލޭގެ ރައްޔިތުންނަށް 5،000 ގޯތި ޔަގީންވާނެކަމަށް ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ މިފަހަރު ނިމޭނީ ލިސްޓަކަށް ނަންތައް އަރައިގެންނެއް ނޫން. އިރާދަކުރެއްވިއްޔާ އަންނަ އަހަރު ބަޖެޓު ފާސްވުމާއެކު މާލޭގެ ފަސްހާސް އާއިލާއަށް ގޯތީގެ ރަޖިސްޓްރީ ކަށަވަރުވާނެ ކަމަށް އަޅުގަނޑަށް ޔަގީންކުރެވޭ.
މީކާއީލް އަހުމަދު ނަސީމް /ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު

ސިނަމާލެ އަދި މާލެ ހިޔާގެ ހާލަތަށް އަލިއަޅުވާލައްވަމުން، އެތަންތަނުގެ މަރާމާތަށްވެސް ބަޖެޓުގައި 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚާއްސަކޮށްފައިވާކަން ފާހަގަކުރައްވައި މީކާއީލް ވިދާޅުވީ، އެތަންތަން މަރާމާތުކޮށްގެން އެކަނި ނުނިމޭނެ ކަމަށެވެ. އަދި އެކަމަކީ ދެމެހެއްޓެނިވިގޮތެއްގައި ކުރަންޖެހޭނެ ކަމެއްކަން މީކާއީލް ފާހަގަކުރެއްވިއެވެ.

ޖުމްލަ ގޮތެއްގައި، އަންނަ އަހަރުގެ ބަޖެޓަކީ އުންމީދީ ބަޖެޓެއްކަމަށް މީކާއީލް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް