ވްލެޑްމިއަރ ޕުޓިން އަކީ ދުނިޔޭގެ އެންމެ ބިން ބޮޑު ގައުމުގެ ރައީސްއެވެ. ޕުޓިން އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އަސްކަރީ ފައުޖުގެ އެންމެ އިސްވެރިޔާއެވެ. ޕުޓިން އަކީ ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިއަރ ހަތިޔާރު ބޭނުންކުރެއްވުމުގެ ބާރުވެސް އޮތް ވެރިޔާއެވެ.
ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ރަޝިއާގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ޕުޓިންގެ ބާރުވެރިކަމާމެދު ސުވާލު އުފައްދާ ބަޔަކު ނެތެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު، ޕުޓިންގެ އަމުރަށް، ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރެއިނަށް އަރައި އެގައުމުގައި ދޭންފެށި ހަމަލާތަކާއެކު ފެށުނު ޔޫކްރެއިން-ރަޝިއާ ހަނގުރާމައާއެކު ޕުޓިންގެ ބާރުވެރިކަމަށް ބަދަލުތަކެއް އަންނާނެކަމަށް ހީކުރެވުނެވެ. ނަމަވެސް އަދި އެމަންޒަރެއް ނުފެނެއެވެ.
ހަނގުރާމައިގެ މައިދާނުގައި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް އަދިވެސް ޕުޓިން ހުންނެވީ ބާރުވެރިކަމާއެކު ރަޝިއާގެ ރައީސް ކަމުގެ މަގާމުގައެވެ. އެތެރޭގެ ސިޔާސީ ކޯޅުންތަކެއް ކުރިއަށްދިޔަ ނަމަވެސް ރައީސް ކަމުގެ މަގާމުގައި ޕުޓިން ހުންނެވީ އެމަގާމު ނުގެއްލޭނެ ކަމުގެ ޔަގީންކަން މަތީގައިކަމަށް މާހިރުން ފާހަގަކުރެއެވެ.
އެހެން ނަމަވެސް، ހަނގުރާމައިގެ މައިދާނުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ ނަމަ، ޕުޓިން އަށް އެމަގާމުގެ ވަރަށް އަވަހަށް ގެއްލުމުގެ ބިރު އެބައޮތްކަމަށް ވެސް މާހިރުން ބުނެއެވެ.
މާހިރުން ފާހަގަކުރައްވާ ގޮތުގައި ޕުޓިން މިވަގުތު ކުރިމަތިލައްވަމުން އެ ގެންދަވަނީ 20 އަހަރަށްވުރެ ގިނަ ދުވަސްވީ ވެރިކަމުގައި ކުރިމަތިލައްވަންޖެހޭ އެންމެ ގޮންޖެހު ބޮޑު ދުވަސްތަކާއެވެ. އެހެންނަމަވެސް، ކަމާ ބެހޭ މާހިރުންނާއި ކުރީގެ އަދި މިހާރުގެ ހުޅަނގުގެ ޑިޕްލޮމެޓުންނާއި ސަރުކާރުތަކުގެ އޮފިޝަލުން ވަނީ މަގާމު ގެއްލިދާނެކަމުގެ ސީދާ ބިރެއް، ޕުޓިންގެ އެންމެ އަރިސް ބޭފުޅުންގެ ފަރާތުންނާއި އަސްކަރިއްޔާގެ ފަރާތުން އެމަނިކުފާނަށް މިވަގުތު ނެތްކަމަށް ވެސް ފާހަގަކުރައްވާފައެވެ.
އިނގިރޭސިވިލާތުގެ ކުރީގެ ސަފީރެއް ކަމަށްވާ އެންތަނީ ބްރެންޓަން ވަނީ ޔުކްރެއިންގެ ހާލަތާއި ގުޅިގެން މަޝްވަރާކޮށް އެއްބަސްވުމަކަށް ވަޑައިގަންނަވަން ޕުޓިން ބޭނުންފުޅުވާކަމަށް އޭނާ ގަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ އެމެރިކާއާއެކު މިކަމާ ގުޅިގެން ޚާއްސަ މަޝްވަރާތައް ކުރިއަށްގެންދަން ޕުޓިން ބޭނުންފުޅުވާ ކަމަށް ގަބޫލުކުރައްވާކަމަށް ވެސް ވިދާޅުވެފައެވެ.
މީގެ އިތުރުން ހުޅަނގުން މިއަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކާއި އެގައުމުތަކުން ޔޫކްރެއިނަށް ފޯރުކޮށްދެމުންދާ އެހީތެރިކަމާއެކު ވެސް ރަޝިއާގެ އަސްކަރިއްޔާގެ ބާރު ގަދަކުރެވޭނެ ކަމުގެ އުންމީދު ޕުޓިން ކުރައްވާކަމަށް ބްރެންޓަން ފާހަގަކުރައްވައެވެ. އެގޮތުން ޕުޓިންގެ އަމާޒަކީ އަސްކަރިއްޔާގެ ސިފައިންގެ އަދަދު އިތުރުކޮށް، ހަތިޔާރު އިތުރުކުރުން ކަމަށް ވިދާޅުވިއެވެ.
ރަޝިއާ ވެރިކަން ކުރައްވަން ޕުޓިން ފައްޓަވާފައި ވަނީ 1999 ވަނަ އަހަރުއެވެ. މިވީ 23ށް އަހަރުގެ ތެރޭގައި ތަފާތު ގޮންޖެހުންތަކާ ކުރިމަތިލައްވާ ޕުޓިން ވަނީ ކާމިޔާބު ހޯއްދަވާފައެވެ. އޭގެ ތެރޭގައި ދާހިލީ ކާރިސާތަކާއި ހަނގުރާމައިގެ އިތުރުން އެމަނިކުފާނާ ދެކޮޅަށް ކުރެވުނު މުޒާހަރާތައް ވެސް ހިމެނެއެވެ.
މިހާރު ރަޝިއާގެ ވެރިކަމުގައި ޕުޓިން މިހުންނެވީ އިދިކޮޅު އެއްވެސް ވާދަވެރިއެއް ނެތިއެވެ.
ފެބްރުއަރީ މަހު "ޚާއްސަ އަސްކަރީ އޮޕަރޭޝަނެއްގެ" ނަމުގައި ޕުޓިން ޔޫކްރެއިންގައި ފެއްޓެވި ހަނގުރާމައަކީ 1962 ވަނަ އަހަރުގެ ކިއުބަން މިސައިލް ކާރިސާއަށްފަހު ރަޝިއާ އާއި ހުޅަނގުގެ ގުޅުންތައް މިހާ ބޮޑަށް ހީނަރުވެގެން ދިޔަ ފުރަތަމަ ހާދިސާއެވެ. މިހަނގުރާމަ އާއެކު ހުޅަނގުން މިވަނީ މީގެކުރިން އެގައުމުތަކުން ރަޝިއާ ދެކޮޅަށް އަޅާފައިނުވާފަދަ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެގައުމާ ދެކޮޅަށް އަޅާފައެވެ.
ޔޫކްރެއިން ރަޝިއާ ހަނގުރާމައިގެ މިހާރުގެ ހާލަތަށް ބަލާއިރު، ޕުޓިންގެ އަސްކަރިއްޔާއިން ލަދުވެތި، ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިލާން ޖެހިފައިވާކަމަށް ބޭރުގެ މީޑިއާތަކުން ސިފަކުރެއެވެ. ރަޝިއާގެ އާންމުން އަސްކަރިއްޔާއާ ގުޅުމަށް ޕުޓިން އަމުރުކުރެއްވުމާއެކު އެތައް ހާސް ބަޔަކު ވަނީ ގައުމު ދޫކޮށް ފިލައިފައެވެ. އަދި މިހާރު ޕުޓިން ދަނީ ނިއުކްލިއަރ ހަތިޔާރު ބޭނުންކުރައްވާނެ ކަމުގެ އިންޒާރު ވެސް ދެއްވަމުންނެވެ.
ޕުޓިން އަށް ވާގިވެރިވާ ޗެޗްނިޔާ ހަނގުރާމަވެރިންގެ ލީޑަރު ވަނީ ރަޝިއާ އަސްކަރިއްޔާގެ ބައެއް އިސްވެރިން އެންމެ އެކަށީގެންވާ ގޮތުގައި ހަނގުރާމާގައި އަމަލުނުކުރައްވަމުން ނުގެންދަވާ ކަމަށް ތުހުމަތުކުރައްވާ، އެކަމުގެ ޝަކުވާ އުފުއްލަވާފައެވެ.
އެހެންނަމަވެސް ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންގެ ފަރާތުން ސީދާ ބަހުގެ ހަމަލާތަކާއި ފާޑުކިއުން ޕުޓިން އަށް އަމާޒުވަމުންދާތަން އަދި ނުފެންނަ ކަމަށް ބްރެންޓަން ވަނީ ފާހަގަކުރައްވާފައެވެ. މިގޮތައް މިކަން އޮތް ނަމަވެސް ކުރިއަށް އޮތްތާގައި ޕުޓިންއާ ދެކޮޅަށް މީހުން ތެދުވުމަކީ އެކަށީގެންވާ ކަމެއްކަމަށް ވެސް ބްރެންޓަން ވިދާޅުވެއެވެ.
އާންމުން އަސްކަރިއްޔާއާ ގުޅުމަށް އަމުރުކުރުމާ އެކު އާންމުން ފެށި މުޒާހަރާތަކާއި ޕުޓިން އާ އެކު މަޝްވަރާތައް ކުރުމަށް ޔޫކްރެއިނުން ފަސްޖެހެމުންދާ ދިއުމާއި ޕުޓިން ވެރިކަމުގައި ހުރުމަކީ ރަނގަޅުކަމެއް ނޫންކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޖޯ ބައިޑަން ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކާ އެކު ޕުޓިން އަށް ކުރިއަށް އޮތް އަހަރުތަކުގައި ރަޝިއާގެ ވެރިކަމުގައި ހުންނެވިދާނެކަމާ މެދު މިހާރު ދަނީ ސުވާލު އުފައްދަމުންނެވެ.
މިގޮތައް ދެކެވޭ ވާހަކަތަކުގެ ތެރެއިން ޕުޓިންގެ އެންމެ އަރިސް ބޭފުޅުން ހަނގުރާމައިގެ ސަބަބުން ޕުޓިން އާ ކުރިމަތިލައްވާ ސުވާލުކުރައްވަމުން ގެންދަވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގުވާހަކައެއް ކަމަށް ކްރެމްލިންގެ ތަރުޖަމާން ޑްމިޓްރީ ޕެސްކޮވް ވަނީ މިމަހު ވިދާޅުވެފައެވެ. އެގޮތުން ޕެސްކޮވް ވަނީ އަސްކަރިއްޔާގެ ހަރަކާތްތަކާއި ގައުމުގެ އިގުތިސާދާ ގުޅޭގޮތުން މަޝްވަރާތައް ކުރައްވަމުންދާ ކަމަށާއި އެހެންނަމަވެސް އެއީ ދެބަސްވުންތައް އުފެދި ބައިބައިވުންތައް އުފެދޭ ކަމުގެ ނިޝާނެއް ނޫންކަމަށް ވިދާޅުވެފައެވެ.
ކްރެމްލިނުން ބުނާގޮތުގައި 2018 ވަނަ އަހަރުގެ އިންތިހާބު ޕުޓިން ކާމިޔާބުކުރެއްވީ ތާފާތުބޮޑު ނަތީޖާއަކާ އެކުއެވެ. މިހާރު ވެސް ޕުޓިންނަށް ރަޝިއާގެ ރައްޔިތުންގެ ބޮޑު ތާއީދެއް އެބައޮތް ކަމަށް ދަނީ ބުނަމުންނެވެ.
ހުޅަނގުގެ ބައެއް އޮފިޝަލުން ވެސް ވަނީ މިހާތަނަށް އައި އިރު، ޕުޓިންއާ ދެކޮޅު މާބޮޑު ހަރަކާތްތަކެއް ރަޝިއާގައި ކުރިއަށް ގެންގޮސްފައި ނުވާކަމަށް ބުނަމުންނެވެ. މިހާރު ވެސް އެތެރޭގެ ބައެއް ކޯޅުންތަކާއި، ޝަކުވާތަކާއި ގޮތް ނިންމުމުގައި ލަސްތަކެއް ހުރި ނަމަވެސް ވެރިިކަމުގެ ކޮންޓްރޯލް އަދިވެސް އޮތީ ޕުޓިންގެ އަތްޕުޅުގައި ކަމަށް އޮފިޝަލުން ފާހަގަކުރެއެވެ.
އެހެންނަމަވެސް އެމެރިކާގެ ބައެއް އޮފިޝަލުން ދަނީ ރަޝިއާގެ ކޮންޓްރޯލް ނުވަތަ ވެރިކަން ޕުޓިން އަށް ނުގެއްލޭނެ ކަމަށް ހީކުރެވިފައި އޮތް ނަަމަވެސް މިހާރު އެމަނިކުފާނު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއެކު އެމަނިކުފާނަށް ފިއްތުންތައް ކުރިމަތިވަމުންދާކަން ފާހަގަކުރެވޭކަމަށް ބުނަމުންނެވެ.
މިހުރިހާ ފަރާތްތަކުން ވެސް އެއްބަސްވާ އެއް ކަމަކީ ބާރުގަދަ އިންޓެލިޖެންސް ސަރވިސްއަކާ އެކު ޕުޓިން އަށް ވާގިވެރިވާ އަރިސް ފަރާތްތަކުގެ މައްޗަށް އެކުލަވާލާފައިވާ ސިޔާސީ ނިޒާމެއް ރޫޅާލައި ޕުޓިންއާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމެވެ. އަދި ޕުޓިންއާ ދެކޮޅަށް ތެދުވުމަކީ ބިރުވެރިކަމެއްގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން ސިފަކުރެއެވެ.
ރަޝިއާގައި "ކޮންމެ ކަމެއްވެސް ވުން އެކަށީގެންވާ" ކަމަށް ބުނެވުނު ނަމަވެސް ހުޅަނގާ ހިލާފަށް ރަޝިއާގައި އާންމު މީހާގެ ހިޔާލަކީ މާބޮޑު ސަމާލުކަމެއް ލިބޭ ކަމެއް ނޫން ކަމަށް މާހިރުން ފާހަގަކުރެއެވެ. އަދި ޕުޓިންއާ ވާދަކުރެއްވޭ ވަރުގެ މީހެއް ހުރިނަމަ އެމީހަކު މިހާރު ހުރީ ގައުމުން ބޭރުގައި ނުވަތަ ޖަލުގައިކަން ވެސް މާހިރުން ފާހަގަކުރެއެވެ.
ޕުޓިންއާ އެކު މަސައްކަތްކުރަމުންދަނީ އެމަނިކުފާނަށް ވާގިވެރިވާ ވަފާތެރި މީހުން ކަމަށް ވެސް ފާހަގަކުރެއެވެ.