ކ. މާލެ
|
13 އޮކްޓޯބަރ 2022 | ބުރާސްފަތި 15:57
އުދައްޔުގެ މަރުގެ ޝަރީއަތް
އުދައްޔުގެ މަރުގެ ޝަރީއަތް
ރާއްޖެއެމްވީ
އުދައްޔުގެ މަރުގެ މައްސަލަ
އުދައްޔުގެ މަރު: މާޒިން އަތުގައި ދަގަނޑުބުރިއެއް އޮއްވާ ދުށިން – ސިއްރު ހެކިވެރިން
 
"ހޭ އަރުވާލާފަ އޮންނާނޭ" މާޒިން ބުނި އަޑު އިވުނުކަމަށް ހެކިވެރިޔަކު ބުނި
 
އުދައްޔުގެ ބޭބެއާ އޭނާއަށް ހަމަލާދިންކަމަށް ތުހުމަތުކުރެވޭ މީހުން ޒުވާބުކުރި
 
އުދައްޔުގެ ބުރަކަށީގައި އިނީ ވަޅީގެ ތިލައިގެ އެއްބައި

ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ލިބުނު ޒަޚަމްތަކުގެ ސަބަބުން މަރުވި 17 އަހަރުގެ އަހުމަދު އުދައްޔުއަށް ހަމަލާ ދިންފަހުން، އެ ހިސާބުގަނޑުން މުހައްމަދު މާޒިން ދަގަނޑުބުރިއެއް ހިފައިގެން އަންނަނިކޮށް ފެނުނުކަމަށް ސިއްރު ހެކިވެރިޔަކު ބުނެފިއެވެ.

ބުރާސްފަތި ދުވަހު މި މައްސަލައިގައި ކުރިއަށް ދިޔައީ، ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިވެރިންގެ ތެރެއިން 4 ހެކިވެރިއެއްގެ ހެކިބަސް ނެގުމެވެ. މި ހަތަރު ހެކިވެރިން ވެސް ހާޒިރުކުރީ ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށެވެ. އަދި އަޑު ބަދަލުކޮށްގެން ހެކި ނަގާފައިވެއެވެ.

ދައުލަތުގެ ފަރާތުން ހުށަހެޅި ސިއްރު ހެކިވެރިޔާ ނަންބަރު 5 ހެކިބަސްދެމުން ބުނެފައިވަނީ، ހާދިސާ ހިނގިކަން އެނގުނީ ބަނދަރަށް ގޮސް ގެއަށް އައި މަގުމަތީގައި ކަމަށެވެ. އަދި ތަންކޮޅެއް ދުރުން "މީހަކު މަރުވެއްޖެ"އޭ ގޮވާތީ ދިޔައިރު، އެއީ އުދައްޔު ކަމަށާއި، ކައިރީގައި އުދައްޔުގެ ބޭބެ ހުރިކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ.

އަދި ހޮސްޕިޓަލަށް ގެންދިޔައީ ސައިކަލުގައި ކަމަށާއި، އިރުފާން އައީ ދުވެފައި ކަމަށާއި، ޝަފަގު އައީ އޭނާ ފަހަތުންކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. ހެކިވެރިޔާ ބުނީ މާޒިން އެތާ ކައިރީގައި ހުރިކަމަށާއި، އޭނާ އައީ ފުރަގަސް މަގުން ކަމަށާއި، އަތުގައި ދަގަނޑުބުރިއެއް އޮތްކަމަށެވެ.

ސިއްރު ހެކިވެރިޔާ ބުނީ ސައިކަލު ނަގަން ދިޔައިރު ޝަރަފު ހުރީ ޒާހިރު ކައިރީގައި އަވަގުރާނަ ގޮވަން ކަމަށާއި، އަތުގައި ކަޅުކުލައިގެ މުށްގަނޑެއް ލާފައި އޮތް ވަޅިއެއް އޮތްކަމަށެވެ. އެ ވަޅީގައި ފޫޓެއްވަރު ހުންނާނެ ކަމަށާއި، ޒާހިރުއާ ޒުވާބުކުރަން ޝަރަފު ހުރިކަމަށް ހެކިވެރިޔާ ބުންޏެވެ.

ޝަރަފް ރަޝީދުގެ ވަކީލު ހެކިވެރިޔާއާ ސުވާލުކުރުމުން ހެކިވެރިޔާ ބުނެފައިވަނީ، މާރާމާރީގައި ޝަރަފު ހުރިތަން ފެނުނުކަމަށެވެ. އަދި އުދައްޔުއާއި ފިރުޝާނުގެ ގައިގައި ޖަހަނިކޮށް ނުފެންނަ ކަމަށާއި، އުދައްޔުއަށް ތޫނު ހަތިޔާރަކުން ހަމަލާދިންތަން ނުފެންނަކަމަށެވެ. އަދި ފިރުޝާނަށް ހަމަލާދިންތަން ނުފެންނަކަމަށާއި، ކުރިމަތިލިތަންވެސް ނުފެންނަކަމަށެވެ.

އަހުމަދު ޝަމީމް (މުހައްމަދު މާޒިންގެ ވަކީލު) ހެކިވެރިޔާއާ ސުވާލުކުރުމުން ހެކިވެރިޔާ ބުނެފައިވަނީ، އެތަނުން އަހުމަދު ޝަމީމް ނުފެންނަކަމަށެވެ. އަދި މާޒިން އުދައްޔުއަށް އަދި ފިރުޝާނަށް ހަމަލާއެއް އަދި އެއްވެސް ޒާތެއްގެ ހަތިޔާރެއް ބޭނުންކޮށްގެން ހަމަލާދިންތަން ނުފެންނަ ކަމަށާއި، އެހެން އެއްވެސް ކަމެއް ކުރަނިކޮށް ނުފެންނަކަމަށެވެ.

ދައުލަތުން ބުރާސްފަތި ދުވަހު ހުށަހެޅި ދެވަނަ ސިއްރު ހެކިވެރިޔާ (ސިއްރު ހެކިވެރިޔާ 17) ހެކިބަސް ދެމުން ބުނެފައިވަނީ، ހާދިސާ ހިނގީ ކޮންތާކުކަމެއް ނޭނގޭކަމަށާއި، އޭނާ ހުރިތަން އޭނާއަށް އެނގޭކަމަށެވެ. މީގެ އިތުރުން އުދައްޔުއަށް ހަމަލާދިން ހާދިސާގެ ކުރިން ކަމެއް ނޫނީ ފަހުން ކަމެއް ނޭނގޭ ކަމަށާއި، ނަމަވެސް ދެފަރާތުން ޒުވާބުކުރި ކަމަށެވެ. އެއީ މާޒިންއާއި މާއިޒް އަދި މުހައްމަދު އިޔާދުކިޔާ ކުއްޖެއްކަމަށް ހެކިވެރިޔާ ބުންޏެވެ. އަދި "މުހައްމަދު ބުނީ ތިމަންނަ ކޮއްކޮ މަރުވެއްޖެއްޔާ ކަލޭމެންވެސް މަރާލާނަމޭ" ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. ހެކިވެރިޔާ ބުނީ، މާޒިން އަތުގައި ދަނޑިބުރިއެއް އޮތްކަމަށާއި، "ހޭ އަރުވާލާފަ އޮންނާނޭ" މާޒިން ބުނި އަޑު އިވުނުކަމަށެވެ.

މީގެ އިތުރުން ފިރުޝާނު ކިޔާ ކުއްޖަކު ގޮވައިގެން ދިޔައިރު އޭނާގެ ބުރަކަށީގައި އެއްޗެއް ހަރާލާފައި ހުރިކަމަށާއި، ދިޔައީ ހޮސްޕިޓަލާ ދިމާއަށްކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. ހެކިވެރިޔާ ބުނީ އޭގެ އިރުކޮޅެއް ފަހުން އިރުން ހުޅަނގަށް މާޒިންއާއި ޝަމީމް އައިސް، ގުލްފާމުގެއަށް ފާރުބުރިމަތިން ވަންނަތަން ފެންނަކަމަށެވެ. އަދި އެތަނުގައި ތިބި އެހެން ބަޔަކާ ދިމާއަށް "އޮންނާނީ ހޭއަރުވާލާފައޭ" ބުނި އަޑު އިވުނުކަމަށެވެ. އެ ދެމީހުންވެސް އެހެން ބުނިކަމަށާއި، ޝަމީމް ބުނި ހަނދާން ވަރަށް ރަނގަޅަށް އެބަހުރިކަމަށް ހެކިވެރިޔާ ބުންޏެވެ.

ޝަރަފްގެ ދިފާއީ ވަކީލު ކުރި ސުވާލުތަކަށް ޖަވާބު ދެމުން ހެކިވެރިޔާ ނަންބަރު 17 ބުނެފައިވަނީ، މާރާމާމާރީ ހިންގަން މެދުވެރިވި ސަބަބުން އެނގޭކަމަށް ބުނެފައި ނޯންނާނެކަމަށާއި، ޝަރަފް ތޫނު ހަތިޔާރު ހިފައިގެން އުޅުނުތަން ނުފެންނަކަމަށެވެ. އަދި އުދައްޔުއާއި ފިރުޝާނަށް ހަމަލާދިންތަން ނުފެންނަކަމަށާއި، ތޫނު ހަތިޔާރު ހިފައިން އުޅެނިކޮށް ނުފެންނަކަމަށެވެ. ޝަމީމްއާއި މާޒިންގެ ވަކީލު ސުވާލުކުރުމުން ހެކިވެރިޔާ ބުނެފައިވަނީ، މާޒިންއާއި މާޒިންގެ ކޮއްކޮއާއި މުހައްމަދު ޒުވާބުކުރިކަމަށެވެ. އަދި ދެފަރާތުގެ މައިންބަފައިން ތިބި ކަމަށާއި، މާޒިން މީހަކަށް "ހޭއަރުވާލާފައި ވާނެ"އޭ ބުނި އަޑު އިވުނުކަމަށެވެ.

ނަމަވެސް އަހުމަދު ޝަމީމް ވަކި މީހަކަށް ހޭއަރުވާލާނެކަމަށް ބުނި އަޑު ނީވޭ ކަމަށާއި، އެހެންނަމަވެސް "އޮންނާނީ ހޭ އަރުވާލާފައޭ، ތި އާތުންނަށް ހޭއަރުވާލާނަމޭ، މިއީ ކިންގޭ" ބުނި އަޑު އިވުނުކަމަށެވެ. ޝަމީމް އަދި މާޒިން، ފިރުޝާން އަދި އުދައްޔުއާ މާރާމާރީ ހިންގަނިކޮށް ދުށިންތޯ ދިފާއީ ވަކީލު ސުވާލުކުރުމުން ހެކިވެރިޔާ ބުނެފައިވަނީ ނުފެންނަކަމަށާއި، އެ ދެމީހުންގެ މުއާމަލާތުގައި މާޒިންގެ އަތުގައި އެއްޗެއް އޮތްކަމަށެވެ.

ދައުލަތުން ބުރާސްފަތި ދުވަހު ހުށަހެޅި ތިންވަނަ ސިއްރު ހެކިވެރިޔާ، ސިއްރު ހެކިވެރިޔާ ނަންބަރު 20 ހެކިބަސް ދެމުން ބުނެފައިވަނީ އުދައްޔުއަށް އަނިޔާ ލިބުނުކަމުގެ މައުލޫމާތު ލިބުނު ކަމަށާއި، އުދައްޔުއާ ދިމާވިކަމަށެވެ. އަދި ދިމާވީ ހެލްތު ސެންޓަރުން ކަމަށާއި، ވަޅިއެއް ބިއްމައްޗަށް ވެއްޓިފައި އޮއްވާ ފެނުނުކަމަށެވެ.

އެއީ އުދައްޔު ގައިގައި އިން އެއްޗެކޭ ޑޮކްޓަރު ބުނިކަމަށާއި، ޑޮކްޓަރު ބެންޑޭޖް ކުރަމުންދިޔަ މަންޒަރު ފެނުނުކަމަށް ހެކިވެރިޔާ ހެކިބަސްދެމުން ބުނެފައިވެއެވެ. އަދި އިރުކޮޅެއް ފަހުން ސީޕިއާރު ދޭން ފެށި ކަމަށާއި، އުދައްޔުގެ ބުރަކަށީގައި ވަޅީގެ 3-4 އިންޗި، ތިލައިގައި ތަންކޮޅެއް އިންކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. އަދި މުށްގަނޑު ބިންދައިގެން ގޮސްފައި އިންކަމަށާއި، އެތަނަށް ޕޮލިހުން އައިސް ވަޅީގެ ތިލަ ޕޮލިހުން ގެންދިޔަކަމަށެވެ.

ވަޅީގެ ތިލައާ ގުޅޭގޮތުން ސުވާލު ކުރަން ފެށުމުން ޝަމީމްގެ ވަކީލް ވަނީ، ހެކިވެރިޔާ ހާޒިރުކުރި ސަބަބުން ހާސިލްނުވާކަމަށާއި، ފުލުހުން ޗެއިން އޮފް ކަސްޓަޑީ ސާފުކުރާކަމަށް ވިދާޅުވެ، ހެކިވެރިޔާއާ ސުވާލުކުރަން ގެނައިކަމުގެ މައްޗަށް ސުވާލުކުރުމަށް އެދިފައެވެ. އަދި ގާޒީ ވަނީ ދާއިރާ ތެރޭގައި ސުވާލުކުރުމަށް ދައުލަތުގެ ވަކީލަށް އަންގާފައެވެ.

ޝަރަފްގެ ވަކީލު ވަނީ އުދައްޔުގެ ބުރަކަށިން ވަޅި ނައްޓާފައި ވައްޓާލާފައި އޮތް ވާހަކަ ހެކިވެރިޔާ ދެއްކުމުން، އޭގެ އެއްވެސް މައުލޫމާތެއް އެނގޭތޯ ސުވާލުކޮށްފައެވެ. ހެކިވެރިޔާ ބުނީ ތިލަ ފެނުނު އިރު އޮތީ ވެއްޓިފައިކަމަށެވެ.

ޝަމީމްއާއި މާޒިންގެ ވަކީލަށް ފުރުސަތު ދިނުމުން، ސިއްރު ހެކިވެރިޔާއަކީ ކާކުކަން އެނގޭ މޭރުމުން ސުވާލުކުރުމުން، ދައުލަތުން ވަނީ އެކަން ހުއްޓުވަން އެދިފައެވެ. އަދި ގާޒީ ވަނީ އެގޮތަށް ސުވާލުނުކުރުމަށް އެދިފައެވެ.

ދެން ހާޒިރުކުރެވުނީ ދައުލަތުން ބުރާސްފަތި ދުވަހު ހާޒިރުކުރި ފަހު ސިއްރު ހެކިވެރިޔާއެވެ. އެއީ ސިއްރު ހެކިވެރިޔާ ނަންބަރު 25އެވެ. ހެކިވެރިޔާ ބުނީ އުދައްޔުއާ ބައްދަލުވިކަމަށާއި، އުދައްޔު އޮތީ ވެއްޓިފައިކަމަށެވެ. އޭނާގެ ހަރަކާތެއް ނެތްކަމަށާއި، ނަގައިގެން ގޮސް ހޮސްޕިޓަލާ ހަވާލުކުރިކަމަށެވެ.

މި ހެކިވެރިޔާއާ ދިފާއުން އެއްވެސް ސުވާލެއް ކޮށްފައެއްނުވެއެވެ.

މިއަދުގެ އަޑުއެހުން ނިންމާލުމުގެ ކުރިން ގާޒީ ވަނީ، ދައުލަތުން އިތުރުހެކިން ހުށަހަޅާނަމަ އެ ފުރުސަތު ދޭން ނިންމާފައެވެ. ނަމަވެސް، ދިފާއުން ވަނި ސިއްރު ހެކިވެރިން ހާޒިރުކުރަން ދައުލަތަށް ގިނަ ފުރުސަތުތަކެއް ދޭތީ އެކަމާއި ހިތްހަމަނުޖެހިގެން ވާހަކަ ދައްކާފައެވެ.

ނަމަވެސް ސިއްރު ހެކިވެރިންނަށް އިންޒާރު ލިބެމުން އަންނާތީއާއި ސިއްރު ހެކިވެރިން ހާޒިރުކުރުމުގައި ދަތިތަކެއް ހުރިކަން ގަބޫލުކުރެވޭތީ ގާޒީ ވަނީ އިތުރު އެއް ފުރުސަތު ދައުލަތަށް ދީފައެވެ. އެހެންކަމުން ދެން މި މައްސަލައިގައި އޮންނާނީ ސިއްރު ހެކިވެރިންގެ ހެކި ނެގުމުގެ ފަހު އަޑު އެހުމެވެ.

އަދި ދީފައިވާ ތާވަލާ އެއްގޮތަށް ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށްދާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް