އެމެރިކާއިން ޔޫކްރެއިނަށް އިތުރު 600 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ދޭން ނިންމާފައިވާކަން އިއުލާނުކުރުމާއެކު އެގައުމުން ޔޫކްރެއިނަށް މިއެހީ ފޯރުކޮށްދެމުން މިދަނީ އެގައުމުގެ އަމިއްލަ ބޭނުމަކަށް ކަމަށް ގްލޯބަލް އެފެއަރޒްގެ މާހިރެއް ކަމަށްވާ ޓެންގް ޝިއަންކުން ވިދާޅުވެއްޖެއެވެ.
ޔޫކްރެއިން ރަޝިއާ ހަނގުރާމަފެށިފަހުން މިހާރު ހަތް މަސް ދުވަސް ވާން ކައިރިވެފައިވާއިރު، ރަޝިއާ އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ޔޫކްރެއިނަށް ވާގިވެރުވުމުގެ ގޮތުން އެމެރިކާއިން ވަނީ މިހާތަނަށް 15.1 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ޔޫކްރެއިނަށް ފޯރުކޮށްދީފައެވެ.
ހުކުރު ދުވަހު އެމެރިކާއިން ޔޫކްރެއިނަށް 600 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ފޯރުކޮށްދޭން ނިންމާފައިވާކަން އެމެރިކާގެ ރައީސް ޖޯ ބައިޑަން އިއުލާންކުރައްވާފައިވާއިރު، މީގެ ތެރޭގައި ޔޫކްރެއިން އަސްކަރިއްޔާގެ ތަމުރީން ޕްރޮގްރާމްތައް ހިންގުމަށް ދާނެ ޚަރަދު ވަނީ ހިމަނާފައެވެ. އަދި އަސްކަރީ ބަރު ހަތިޔާރުގައި ބޭނުންކުރާނެ ވަޒަންވެސް މީގެ ތެރޭގައި ހިމެނޭނެ ކަމަށް ވަނީ ބުނެފައެވެ.
މިއެހީގެ ސަބަބުން ހަނގުރާމައިގެ މައިދާނުގައި ޔޫކްރެއިން އަސްކަރިއްޔާއިން ރަޝިއާ އަސްކަރިއްޔާގެ ފައުޖުތަކާ ކުރިމަތިލަމުންދާކަން ފެންނަ ކަމަށާއި އަދި ބައެއް ސަރަހައްދުތަކުގައި ރަޝިއާގެ މައްޗަށް ޔޫކްރެއިނުން ކުރި ހޯދަމުންދާ މަންޒަރުވެސް ފެންނަ ކަމަށް ޝިއަންކުން ވަނީ ފާހަގަކުރައްވާފައެވެ. ހަނގުރާމަ އަކީ ފެންނަ ޚަރަދުބޮޑު ކަމެއް ކަމަށާއި ޔޫކްރެއިން އަސްކަރިއްޔާ އަށް އަދިވެސް އިތުރު ވަޒަން ބޭނުންވާ ކަމަށްވެސް ޝިއަންކުން ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް މިއީ ހަގީގަތުގައި ޔޫކްރެއިނަށް އެންމެ ބޭނުންވާ ކަންތައް ނޫންކަމަށާއި މިހާރު އެގައުމަށް ފޯރުކޮށްދެމުންދާ ހަތިޔާރަކީ ޔޫކްރެއިންގެ ރައްޔިތުންނަށް ފައިދާކުރާނެ އެއްޗެއް ނޫން ކަމަށް ޝިއަންކުން ވިދާޅުވިއެވެ. އޭނާ ވަނީ މިއީ މުޅި ޔޫރަޕްގެ ސުލްހަޔަށްވެސް މިހާރު ބޭނުންވާ ކަންތައް ނޫން ކަމަށް ވިދާޅުވެފައެވެ.
އެމެރިކާއިން ޔޫކްރެއިނަށް އެހީވުމަށް ކަމަށް ބުނެ ފޯރުކޮށްދެމުންދާ މި އެހީ އަކީ އެމެރިކާގެ އަމިއްލަ ޖިއޯޕޮލިޓިކަލް އަދި ކޮމާޝަލް ބޭނުންތަކަށް އެގައުމުން ކުރާ ކަމެއްކަމަށް ޝިއަންކުން ވަނީ ވިދާޅުވެފައެވެ.
އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިނަށް އަސްކަރީގޮތުން ފޯރުކޮށްދެމުންދާ އެހީއާ ގުޅޭގޮތުން ރަޝިއާއިން ވަނީ އެގައުމުތަކުން ޔޫކްރެއިން އަސްކަރިއްޔާއަށް އަރމީ ޓެކްޓިކަލް މިސައިލް ފަދަ ހަތިޔާރު ފޯރުކޮށްދީފި ނަމަ އެކަން ބެލެވޭނީ އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުން ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ތެރެއަށް ވަދެގަނެ އަތްގަދަކުރަން އުޅޭ ކަމަށް ކަމަށް ބުނެފައިއެވެ. އަދި މިގޮތަށް އެމެރިކާއިން ޔޫކްރެއިނަށް ކެނޑިނޭޅި އެހީ ފޯރުކޮށްދެމުން ދިއުމުގެ ހަމައެކަނި ބޭނުމަކީ މިހަނގުރާމަ އިތުރަށް ހޫނުކޮށް ޔޫކްރެއިން މެދުވެރިއެއްގެ ގޮތުގައި ބޭނުންކޮށް ރަޝިއާއާ ތޮޅުން ކަމަށް ޝިއެންކުން ވަނީ ވިދާޅުވެފައެވެ.
ޔޫކްރެއިން ރަޝިއާ ހަނގުރާމަ ފަށާފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. މި މަހުގެ 24 ވަނަ ދުވަހަށް މި ހަނގުރާމައަށް 7 މަސް ދުވަސް ހަމަވާއިރު، އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ދަނީ އަސްކަރީ ގިނަ އެހީތަކެއް ޔޫކްރެއިނަށް ފޯރުކޮށްދެމުންނެވެ.