ކ. މާލެ
|
15 ސެޕްޓެންބަރ 2022 | ބުރާސްފަތި 10:16
ކަރަންޓަށް ބޮޑު ޚަރަދެއް ކުރަމުންދާ ޖަރުމަނުވިލާތުގެ ގިނަ ކުންފުނިތަކެއްގެ ކާރުޚާނާތައް ދަނީ ބަންދުކުރަމުން
ކަރަންޓަށް ބޮޑު ޚަރަދެއް ކުރަމުންދާ ޖަރުމަނުވިލާތުގެ ގިނަ ކުންފުނިތަކެއްގެ ކާރުޚާނާތައް ދަނީ ބަންދުކުރަމުން
ރޮއިޓާރސް
ޔޫކްރެއިން-ރަޝިއާ ހަމަނުޖެހުން
ސިނާއީ މަސައްކަތްތައް ހުއްޓާލާ ވިލާތުން ފިޔަވަޅުތަކެއް ފަހަތަށް
ރަޝިއާއާއި ގުޅުން ކަނޑާލާ ނަމަ، ވިލާތުން ޤުދުރަތީ ގޭސް ބޭނުން ކުރާ މިންވަރު 15 ޕަސެންޓް ނުވަތަ ގާތްގަނޑަކަށް 60 ބިލިއަން ކޮޑި މީޓަރަށް މަދު ކުރަން ޖެހޭ
މިކަމުގެ ސަބަބުން ސިނާއީ ކާރުޚާނާތަކުގެ ތެރެއިން ގިނަ ޢަދަދެއްގެ ޔުނިޓްތަކެއް ބަންދުކޮށް، އެތައް ބައެއްގެ ވަޒީފާ ގެއްލި، އާންމުންނަށް އިތުރު ނުތަނަވަސްކަމަކާ ކުރިމަތިވާނެ
ޖަރުމަނުވިލާތަކީ، ރަޝިއާގެ ގޭހަށް އިންތިހާއަށް ބަރޯސާވެފައިވާ ޤައުމެއް

މީގެ އަހަރެއްހާ ދުވަސް ކުރިއާ އަޅާ ބަލާއިރު ގަޑިއިރަކަށް ޖެހޭ ގުދުރަތީ ގޭހުގެ މެގަވޮޓްއެއްގެ އަގު 100 ޑޮލަރަށް ވުރެ ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ވިލާތުގެ ހުޅަނގުގެ އިޤްތިޞާދުތައް މިއަދު ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން ދަނީ ފަހަތަށޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.

ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ވަރުގަދަ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާރުތަކުން ރަޝިއާއާ ދެކޮޅަށް ތަންފީޒު ކުރަމުން ދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ރައްދެއްގެ ގޮތުން، ރަޝިއާއިން ދަނީ ވިލާތަށް ފޯރުކޮށްދޭ ޤުދުރަތީ ގޭހުގެ ސަޕްލައި ހޮޅީގެ އުނގުރި ބާރު ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ވިލާތަށް ލިބެމުން ދިޔަ ޤުދުރަތީ ގޭހުގެ މަދު ސަޕްލައި އިންތިހާއަށް ހީނަރުވެ، ހަކަތަ ހޯދުމަށްޓަކާ މިއަދު ވިލާތަށް މަޖުބޫރުވެފައި ވަނީ ޖަންގަލިތަކުން ދަރުކަނޑާށެވެ.

މިހާރުވެސް ކަރަންޓަށް ބޮޑު ޚަރަދެއް ކުރަމުންދާ ޖަރުމަނުވިލާތުގެ ގިނަ ކުންފުނިތަކެއްގެ ކާރުޚާނާތައް ބަންދު ކުރަމުންދާއިރު، އެ ޤައުމުން ދަނީ ޗައިނާއާ ވަކިވުމުގެ ވާހަކަތައް ދައްކަމުންނެވެ. ހަކަތައިގެ ކާރިޘާއާއެކު ނުތަނަވަސްކަން ބޮޑުވަނީއެވެ. ހަކަތައަށް ކުރަން ޖެހޭ ޚަރަދު، ތާރީޚު ނުދެކޭ ދަރަޖައަކަށް ބޮޑުވެފައި ވާ އިރު، އުފެއްދުންތައް ބޭރުގެ ފަރާތްތަކަށް އައުޓްސޯސް ކުރުމަކީ ވީހާވެސް ދަތި ކަމަކަށް ހެދުމަކީ މަޤުޞަދެކެވެ.

މިއީ އެއްވެސް ހާލެއްގައި ކުރު މުއްދަތުގެ ކަރިޘާއެއް ކަމުގައި ލަފައެއް ނުކުރެވެއެވެ.

ވިލާތުގެ ހުޅަނގުގެ ޤައުމުތަކުން މިހާރު އިވެމުންދާ ވާހަކަތަކަކީ، މީގެ ކުރިން ބޮލީވިއާ ފަދަ ޤައުމުތަކުން އިވެމުން ދިޔަ ވާހަކަތަކެކެވެ. އިންފްލޭޝަން އުފުލުމާއި، ވަޞީލަތްތަކުގެ ބޭނުން ކުރަން ލިބޭ މިންވަރު، ދަޢުލަތުން ކޮންޓްރޯލް ކުރާ ވާހަކައެވެ.

ކުންފުނިތަކުން ފައިސާ ޚަރަދު ކުރަނީ ފައިސާގެ ބޭނުން އެންމެ ފުރިހަމައަށް ހިފޭ މަންޒިލްތަކުގައި ކަމީ ކަން ހިނގާ ޙަޤީޤަތެވެ. ފައިސާ އިންވެސްޓް ކުރުމުގައި ކުންފުނިތަކުން ބަލާ ކަންކަމުގެ ތެރޭގައި ޓެކްސްއާއި، މަސައްކަތްތެރިން ލިބޭ ގޮތާއި ތިމާވެށީގެ ޚަރަދުތައް ހިމެނެއެވެ. އެ ލިސްޓަށް، ކަރަންޓަށް ހިނގާ ހޭދަ އިތުރު ކުރުމަށް، ވިލާތުގެ ކުންފުނިތަކަށް ވަނީ މަޖުބޫރުވެފައެވެ. މިއިން އެއްވެސް ކަމަކީ ވިލާތުގެ ވިޔަފާރިތަކަށް އޮތް ޚަބަރަކަށް ނުވެއެވެ.

އެ ސަބަބަށްޓަކައި، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ލިޒް ޓްރަސް ވަނީ ތިމާވެއްޓާއި މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ވަކާލާތު ކުރާ ފަރާތްތަކުގެ އަޑު އައްސެވުން ހުއްޓަވާލައްވާފައެވެ. އަދި ބައެއް ސިޔާސަތުތަކަށް ބަދަލު ގެންނަވާފައެވެ. އިނގިރޭސިވިލާތް އޮތީ ވިލާތުގެ އިއްތިޙާދާ އެއް ހާލެއްގައެވެ. އެ އިއްތިހާދުން ވަކިވިއެއް ކަމަކު، އިނގިރޭސިވިލާތަށް ލިބުނު ސަލާމަތެއް ނެތެވެ.

ޖަރުމަނުވިލާތުން ދަނީ އެ ޤައުމު ސަލާމަތް ކުރުމަށްޓަކާ އެމެރިކައާއެކު އެއްބަސްވުންތައް އެކުލަވާލަމުންނެވެ. ނަމަވެސް، މިހާރުން މިހާރަށް އެ އެއްބަސްވުންތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރެވޭކަށް ނެތެވެ. އެހެން ކަމުން، ވީ އެންމެ އަވަހަކަށް އުމްރާނީ ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް ޖަރުމަނުވިލާތުން ދަނީ ކުރަމުންނެވެ.

ނަމަވެސް، މި ފިޔަވަޅުތަކަކީ މީގެ އަހަރުތަކެއް ކުރިން އަޅަންޖެހިފައި އޮތް ފިޔަވަޅުތަކެކެވެ. ނުވަތަ، ރަޝިއާއިން ފިއްތުންތައް ކުރިމަތި ކުރުމުގެ ކުރިން އަޅަން ޖެހިފައި އޮތް ފިޔަވަޅުތަކެއް ކަމަށްވެސް ބުނެވިދާނެއެވެ. ވިލާތުގެ އިއްތިހާދަށް ދިފާއު ލިއްބައިދޭނެ އައްޑަނައެއް ނުވަތަ ކާލާ މާންނައެއް ނެތެވެ.

ބަރކްލޭޒް ކެޕިޓަލްގެ އިޤްތިޞާދީ މާހިރުންގެ ރަޢުޔަށް ބަލާއިރު، ވިލާތުގެ އިއްތިހާދަށް ކުރިމަތިލާން ޖެހިފައި ވަނީ ދިގު ދެމިގެންދާނެ ހީނަރުކަމެކެވެ. ހަކަތައިގެ އަގުތައް އުފުލުމާއެކު، އިންފްލޭޝަން ރޭޓްވެސް ހިފާފައި ވަނީ މައްޗަށެވެ. ވިލާތުގެ މަރުކަޒީ ބޭންކުން ފިޔަވަޅުތައް ހަރުކަށި ކުރުމާއެކު، ޑިމާންޑް ހީނަރު ވާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.

ވިލާތުގެ މަރުކަޒީ ބޭންކުން ވަނީ ލޯނު ދޫކުރާ ރޭޓް 75 ބޭސިސް ޕޮއިންޓް އިތުރުކޮށް، 1.25 ޕަސެންޓަށް ބޮޑުކޮށްފައެވެ. އެއީ ތާރީޚަށް ބަލާއިރު ދަށް ޢަދަދެއް ނަމަވެސް، ވިލާތުގެ އިއްތިހާދުގެ އިޤްތިޞާދުތަކުގެ ތިޔާގިކަން ވަނީ މުޅިންހެން ހިނދިފައެވެ. ކެޕިޓަލް ޚަރަދުތައް ދަނީ އުފުލެމުންނެވެ. ހިއްސާ ގަންނަ ފަރާތްތަކުން އެކަން ކުރުމުގައިވެސް ދެވަނަ ވިސްނުމަކަށް ދާނެ ކަމަށް ބެލެވެއެވެ.

ބަރކްލޭޒްއިން އަންދާޒާ ކުރާ ގޮތުގައި މި އަހަރުގެ 4 ވަނަ ކުއަރޓަރުގައި ވިލާތު ސަރަހައްދަށް ކުރިމަތިލާން ޖެހޭ ހީނަރުކަން، 2023 ގެ ދެވަނަ ކުއަރޓަރުގެ ނިޔަލަށް ދެމިގެންދާނެއެވެ. އަދި ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ، 1.7 ޕަސެންޓް ދަށަށް ދާނެ ކަމަށްވެސް ވަނި ލަފާކޮށްފައެވެ.

އެއް ބައި ޤައުމުތަކުގެ ހާލު، އަނެއް ބައި ޤައުމުތަކަށް ވުރެ ދެރަވާނެއެވެ. 2023 ވަނަ އަހަރު، ޤައުމުތަކުގެ އިޤްތިޞާދު ކުރި އަރާ ދާނެ ކަމަށް ލަފާކޮށްފައިވާ މިންގަނޑުތައްވެސް، ބަރކްލޭޒްއިން ވަނީ މުރާޖައާ ކޮށްފައެވެ. އެގޮތުން ޖަރުމަނުވިލާތުގެ ކުރިއެރުން މައިނަސް 2.3 ޕަސެންޓް، އިޓަލީވިލާތުގެ ކުރިއެރުން މައިނަސް 2.1 ޕަސެންޓް، ފަރަންސޭސިވިލާތް މައިނަސް 1.2 ޕަސެންޓް އަދި ސްޕެއިން، މައިނަސް 1.6 ޕަސެންޓްއަށް ތިރި ވާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.

އެންމެ ބޮޑު ތަކުލީފެއް ޖެހޭނެ ކަމަށް ބެލެވެނީ ޖަރުމަނުވިލާތަށެވެ. އެހެނީ، ޖަރުމަނުވިލާތަކީ، ރަޝިއާގެ ގޭހަށް އިންތިހާއަށް ބަރޯސާވެފައިވާ ޤައުމަކަށް ވުމެވެ. ޖަރުމަނުވިލާތަށް ހޮޅިން އެތެރެ ކުރާ ގޭހުގެ ބޮޑު ސަޕްލައިއެއް އަންނަނީ ރަޝިއާއިންނެވެ. އޭގެ ފަހަތުން އިޓަލީވިލާތެވެ. އިޓަލީވިލާތަކީ އެ ޤައުމަށް ބޭނުންވާ ކަރަންޓް އުފެއްދުމުގެ 50 ޕަސެންޓް، ޤުދުރަތީ ގޭހަށް ބަރޯސާ ވާ ޤައުމެކެވެ. ހަކަތައިގެ ސަޕްލައި ހީނަރުވުމުގެ ސީދާ އަސަރު އެންމެ ބޮޑަށް ފޯރާނީ ޖަރުމަނުވިލާތާއި އިޓަލީވިލާތަށް ކަމުގައި ވީ ނަމަވެސް، އަގުތަކަށް އަންނަ ބަދަލާއެކު ފަރަންސޭސިވިލާތާއި ސްޕެއިންއަށްވެސް ލޮޅުންތަކެއް އަރާނެ ކަމަށް ބަރކްލޭޒްއިން ލަފާ ކުރެއެވެ.

4 ވަނަ ކުއަރޓަރުގައި، ވިލާތުގެ އިންފްލޭޝަން ރޭޓް، 9.3 ޕަސެންޓަށްވެސް އަރާނެ ކަމަށް ލަފާ ކުރެވެއެވެ. ކޮންމެ ގޮތެއްވިއަސް، ވިލާތުން ހަކަތައަށް ކުރާ ހޭދަ އެތައް ތަނަކުން އިތުރުވެގެން ދާނެއެވެ.

މި ދިޔަ 5 އަހަރެއްހާ ދުވަހަށް ބަލާއިރު، ވިލާތުގެ އިއްތިހާދުން ވަނީ އެވަރޭޖު ގޮތެއްގައި 400 ބިލިއަން ކޮޑި މީޓަރު (ބީސީއެމް)ގެ ޤުދުރަތީ ގޭސް، އަހަރެއްގެ މައްޗަށް ބޭނުން ކޮށްފައެވެ. 100 ބީސީއެމް އަކީ ގޭބިސީތަކުން ބޭނުން ކުރި މިންވަރު ކަމަށް ވާ އިރު، ސިނާއީ ބޭނުންތަކަށް ނަގާފައި ވަނީ 167 ބީސީއެމްގެ ޤުދުރަތީ ގޭހެވެ. އިތުރު 133 ބިލިއަން ކޮޑި މީޓަރެއްގެ ޤުދުރަތީ ގޭސް ބޭނުން ކޮށްފައި ވަނީ، ހަކަތައިގެ ސިނާއަތުގެ އެކި ދާއިރާތަކުގެ މެދުގައެވެ.

ރަޝިއާ-ޔޫކްރައިން ހަނގުރާމައިގެ ކުރިއަށް ބަލާއިރު، ވިލާތުގެ އިއްތިހާދަށް ބޭނުންވާ ޤުދުރަތީ ގޭހުގެ ސަޕްލައިގެ ގާތްގަނޑަކަށް 2 ބައިކުޅަ 1 ބައިގެ މަސްދަރަކީ ރަޝިއާއެވެ. ރަޝިއާއިން ބަދަލު ހިފުމުގެ ރޫޙުގައި އެ ސަޕްލައިއަށް ހުރަސް އަޅަން ފެށުމާއެކު ވިލާތަށް ދެން މަޖުބޫރު ވަނީ، ލިބެން ހުރި އެއްޗެއް ކޮންޓްރޯލް ކުރުމަށެވެ. އަދި އެހެން މަގުތައް ހޯދުމަށެވެ. މި ހާލަތަށް ކަންކަން ދިއުމުގެ ކުރިން، ޤައުމުތަކުގެ ލީޑަރުން އެކަމާ މަޝްވަރާ ނުކުރައްވާ އޮތީ ކީއްވެތޯ މިއީ، ފުޅާ ދާއިރާއެއްގައި ކުރެވިދާނެ ބަޙުސެކެވެ.

ބަރކްލޭޒްއިން ހިސާބު ޖަހާފައި ވާ ގޮތަށް ބަލާއިރު، ރަޝިއާއިން އެކްސްޕޯރޓް ކުރަމުން ދަނީ ވިލާތުން 5 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި އަހަރެއްގެ މައްޗަށް އެވަރޭޖުކޮށް ބޭނުން ކުރަމުން ދިޔަ ޤުދުރަތީ ގޭހުގެ ސަޕްލައިގެ 25 އަކަށް ޕަސެންޓްއެވެ. އަދި ރަޝިއާއާއި ޖަރުމަނުވިލާތް ގުޅާލާފައި ވާ ނޯރޑް ސްޓްރީމް ޕައިޕްލައިންގެ ސަޕްލައި، ވަގުތީ ގޮތުން މެދުކަނޑާލާނެއެވެ.

މިހާ ހިސާބަށް އާދެވުނުއިރު، ވިލާތުން ވަނީ ރަޝިއާއިން ސަޕްލައި ކުރަމުން ދިޔަ ގޭހުގެ ބަދަލުގައި، އެހެން މަސްދަރުތަކުން ބޮޑު އަގުގައި ހަކަތައަށް ޚަރަދުތަކެއް ކޮށްފައެވެ. ނަމަވެސް، މިއަދު ވަނީ، ޤުދުރަތީ ގޭސް ބޭނުން ކުރާ ވަރު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރަން ޖެހިފައެވެ.

ޔޫރަޕިއަން ކޮމިޝަންއިން ބުނާ ގޮތުގައި،ރަޝިއާއާއި ގުޅުން ކަނޑާލާ ކަމުގައި ވަނީ ނަމަ، ވިލާތުން ޤުދުރަތީ ގޭސް ބޭނުން ކުރާ މިންވަރު 15 ޕަސެންޓް ނުވަތަ ގާތްގަނޑަކަށް 60 ބިލިއަން ކޮޑި މީޓަރަށް މަދު ކުރަން ޖެހެއެވެ. ނަމަވެސް، އެއީ ރަޝިއާއިން އަދިވެސް ޤުދުރަތީ ގޭސް، ވިލާތަށް ސަޕްލައި ކުރާ ކަމަށް ބަލައިގެން ޖަހާފައިވާ ހިސާބެކެވެ.

ނަތީޖާއެއްގެ ގޮތުން، ވިލާތަށް މަޖުބޫރު ވަނީ އެހެން މަސްދަރުތަކުން ހަކަތަ ހޯދުމަށެވެ. އިޔާދަ ކުރަނިވި ހަކަތައިގެ ތެރޭގައި ހިމެނޭ އިރުގެ އަވިން ހަކަތަ އުފެއްދުމުގެ ޓެކްނޮލޮޖީއާއި ވައިން ހަކަތަ އުފެއްދުމުގެ ޓެކްނޮލޮޖީއަކުން އެކަނި ސަލާމަތް ލިބެން ނެތުމާއެކު، ޖަރުމަނުވިލާތުން މިހާރު ވަނީ ހަކަތަ ހޯދުމަށްޓަކާ އަނެއްކާވެސް، ތިމާވެއްޓާ ބީރައްޓެހި ބޯޓު ދެލި އަންދަން ފަށާފައެވެ.

ކަން މިހެން އޮތް އިރު، ސިނާއީ ކާރުޚާނާތަކުގެ ތެރެއިން ގިނަ ޢަދަދެއްގެ ޔުނިޓްތަކެއް ބަންދުކޮށް، އެތައް ބައެއްގެ ވަޒީފާ ގެއްލި، އާންމުންނަށް އިތުރު ނުތަނަވަސްކަމަކާ ކުރިމަތިވާނެއެވެ. އެކަމަކުގެ ޕްރެޝަރާ ކުރިމަތިލާން ޖެހިވަޑައިގަންނަވާނީ ވިލާތުގެ ލީޑަރުންނަށެވެ. މިހާރުވެސް މުޒާހަރާތައް ވަނީ ފަށާފައެވެ.

ބަރކްލޭޒްއިން އަންދާޒާ ކުރާ ގޮތުގައި ވިލާތުގެ އިޤްތިޞާދު ހެޔޮ ފާލަކަށް އެޅެން ދާއިރު، އިޤްތިޞާދީ ދުވެލީގެ ރޮނގު ތަސްވީރުވެގެން ދާނީ އިނގިރޭސި "ޔޫ" އަކުރުގެ ބައްޓަމަށެވެ. އެކަމެއްވެސް ވާން އަންނަނީ އަންމަ އަހަރުގެ މަރޗް މަހާ ހިސާބުގައި ކަމުން، މިވަގުތަށް އޮތީ ހެޔޮ ގޮތެއް ވުން އަދައިގެން ތިބުމެވެ.

- ކޮމެންޓް