ކ. މާލެ
|
2 ސެޕްޓެންބަރ 2022 | ހުކުރު 23:25
އިރާޤުގެ ޝިއީ އިމާމު މުޤްޠަދާ އައްޞަދްރު
އިރާޤުގެ ޝިއީ އިމާމު މުޤްޠަދާ އައްޞަދްރު
ސީ.އެން.އެން
އިރާޤުގެ ސިޔާސީ މަސްރަހު
މުޤްޠަދާ އައްޞަދްރު ކުޅުއްވަމުން މިގެންދަވަނީ "ގޭމް" އެއްތަ؟
 
މުޤްޠަދާ އައްޞަދްރު ސިޔާސީ މަސައްކަތްޕުޅު ހުއްޓަވާނެ ކަމަށް މީހުން ގަބޫލެއް ނުކުރޭ

ވިއްސަކަށް އަހަރުވަންދެން އިރާޤުގެ ސިޔާސީ މަސްރަހުގައި އިސްކޮށް ހަރާތްތެރިވެ ވަޑައިގެންނެވި އިރާޤުގެ ބާރުގަދަ ޝީއީ އިމާމް މުޤްޠަދާ އައްޞަދްރު ކުއްލިއަކަށް ސިޔާސީ މަސައްކަތްތަކުން އެއްފަރާތަށް ޖެހިވަޑައިގަންނަވާކަން އިއުލާންކުރެއްވުމުގެ ހަޤީޤީ މަގްސަދަކީ ކޮބާ ބާވައެވެ. ހަމަގައިމު ވެސް އެވާހަކަ ޤަބޫލު ކުރި މީހަކު ނެތެވެ.

ސަދްރު ކުރެއްވި އިއުލާނުގެ ހަޤީޤީ ބޭނުމަކީ އޭނާގެ ބާރު ދައްކާލެއްވުމެވެ. އެހެނީ އެހެން ހަމަ ވިދާޅުވުމާ އެކު އޭނާގެ ސަޕޯޓަރުން މަގުތަކަށް ނިކުމެ އެކޮޅު މިކޮޅަށް ދުއްވައިގަތެވެ. ސަރުކާރު އޮފީސްތަކާއި ޑިޕްލޮމެޓިކް މިޝަންތައް ހުންނަ ގްރީން ޒޯނަށް ސަދްރުގެ ސަޕޯޓަރުން ވަދެގަނެ ތަންތަން ހަލާކުކޮށް ލޫޓުވާ ހަދާފައި ވެއެވެ. ލޭ އޮހޮރުވުން ހިންގާ މީހުންގެ ފުރާނަޔަށް ނުރައްކާ ކުރިއެވެ. ނިމުނު ހަފްތާގެ ހޯމަ ދުވަހު އިރާޤު ދުށީ އެންމެ ލޭ އޮހޮރުވުން ބޮޑު އެންމެ ގެއްލުން ބޮޑު އެއްދުވަހުގެ ގޮތުގައެވެ. ގްރީން ޒޯން ސަރަހައްދުގައި މިހުރިހާ ދުވަހު އިށީންދެ ތިބެގެން މުޒާހަރާކުރަމުންދިޔަ ޞަދްރުގެ ސަޕޯޓަރުން ޞަދްރުގެ މިނިންމުމާއެކު ވަނީ ހަރުކަށި "މޮބް" އަކަށް ބަދަލުވެފައެވެ. ހަރުކަށި ކުރިމަތިލުންތަކުގައި އެދުވަހު އެކަނި މަދުވެގެން 21 މީހުން މަރުވެ 250 މީހުންނަށް އެކި އަނިޔާތައް ލިބިފައި ވެއެވެ. މިކަން މިގޮތަށް ހިނގަމުން ދިޔައިރު 24 ގަޑިއިރު ވަންދެން ސަދްރު އެމީހުން ހުއްޓުވަން ކުރެއްވި އެއްވެސް ކަމެއް ނެތެވެ. ހަނު ހުންނެވީ އެވެ.

މަސްރަހު ދިރާސާ ކުރާ ފަރާތްކުން ބުނަނީ ސަދްރު ބޭނުންފުޅުވީ ސަރުކާރާ ވާދަވެރި ފަރާތްތަކަށް މެސެޖެއް ދެއްވުމަށެވެ. އޭނާ އަކީވެސް އިރާޤްގެ ސިޔާސީ މަސްރަހުގައި މުހިންމު "ޕްލެޔަރެއް" ކަމެވެ. އަދި ހަރުކަށިކަން ބޭނުން ކުރަންޖެހިއްޖެ ނަމަ އޭނާއަށްވެސް އެކަން ކުރެއްވޭނެ ކަމެވެ.

މިކަމުންވެސް އެނގިގެން ދިޔައީ އިރާޤުގައި މިވަގުތު އޮތް ސަރުކާރުގެ ބަލިކަށިކަމެވެ. އަދި އެތެރެއާއި ބޭރުގައި ތިބި ވާދަވެރިންގެ ބާރުގަދަ ކަމެވެ.

މުޤްޠަދާ އައްޞަދްރު އަކީ ކޮން ބޭފުޅެއް؟

އުމުރުފުޅުން 48 އަހަރުގެ މުޤްޠަދާ އައްޞަދްރު އަކީ އިރާޤުގެ ނަންހިގާ ޝިއީ އާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. އަދި އިރާޤުގެ އެތައް މިލިއަން މީހުން އޭނާއަށް ސަޕޯޓު ކުރެއެވެ.

އޭނާގެ ބައްޕާފުޅަކީ އާޔަތުﷲ މުހަންމަދު ސާދިގު އަލް ޞަދްރު އެވެ. އޭނާއަކީ އިރާޤުގެ ކުރީގެ ރައީސް ސައްދާމް ހުސެއިނަށާއި ވެރިކަމުގައި އޭރުއޮތް ބާތު ޕާޓީއަށް ފާޅުގައި ފާޑުވިދާޅުވަމުން ވަޑައިގެންނެވި ބޭފުޅެކެވެ. އާޔަތުﷲ މުހަންމަދު ސާދިގު އަލް ޞަދްރު 1999 ވަނަ އަހަރު އަވަހާރަކޮށްލެވުނެވެ. ގަބޫލު ކުރެވޭ ގޮތުގައި ސައްދާމް ހުސައިން ނުވަތަ އޭނާގެ ސަޕޯޓަރުންގެ އަތެއް އެކަމުގައި ވެއެވެ. ބައްޕަ އަވަހާރަކޮށްލެވުމާއި އެކު އޭނާއަށް އޮތް މަޤުބޫލުކަމާއި ލޯބި މުޤްޠަދާ އައްޞަދްރުގެ މައްޗަށް ބަދަލުވެގެން ދިޔައެވެ. ޝިއީންގެ ތާއީދާއި ލޯތްބާއި އެކު މުޤްޠަދާ އައްޞަދްރު ވަނީ އިރާޤުގެ ސިޔާސީ މަސްރަހުގައި މަޤާމެއް ކަށަވަރު ކުރައްވާފައެވެ. އަދި އެންމެ ފަހުން މިޖެއްސެވި "ގޭމް"ގެ ސަބަބުން އޭނާއަށް އޮތް ތާއީދު ވަނީ އިތުރު ވެގެން ގޮސްފައެވެ.

ބޭރުގެ ބާރުތަކާއެކު އޮތީ ކޮންކަހަލަ ގުޅުމެއް؟

އެމެރިކާ ސިފައިން އިރާޤަށް އެރި ހަމައިން މުޤްޠަދާ އައްޞަދްރު ބެއްލެވީ އެމެރިކާއަކީ އޭނާގެ ދުޝްމަނެއްގެ ގޮތުގައެވެ. އަދި 2003 ވަނަ އަހަރު މަހްދީ އާމީ އުފައްދަވާ އެމެރިކާ ސިފައިންނާއި ދެކޮޅަށް ހަމަލާތައް ދޭން ފެއްޓެވިއެވެ. މިދުވަސްވަރު މުޤްޠަދާ އައްޞަދްރު އަވަޓެރި އީރާންއަށް ބަދަލުވެވަޑައިގެންނެވިއެވެ. އެނބުރި ޤައުމަށް ވަޑައިގެންނެވީ 2011 ގައެވެ. އީރާންގައި ހޭދަ ކުރެއްވި އަހަރުތަކުގެ ނަތީޖާއަކަށްވީ އިރާޤުގެ ސިޔާސީ ކަންކަމަށް އީރާންގެ ފެކްޝަންތަކުން ނުފޫޒު ފޯރުވާކަން ގާތުން ފެނިވަޑައިގެން އެކަން ހުއްޓުވުމަށް އަނެއްކާ އިތުރު މަސައްކަތެއް ފެއްޓެވުމެވެ. މާނަޔަކީ އޭނަގެ މަޤުބޫލުކަން އީރާންގައި ވެއްޓުމެވެ.

މުޤްޠަދާ އައްޞަދްރު ގަލްފް އަރަބި ގައުމުތަކާއެކު ގާތް ގުޅުންތަކެއް ދަމަހައްޓަވައެވެ.

އީރާން އަކީ ސަރަހައްދީ ސެކިއުރިޓީއަށް އޮތް ހުރަހެއް ކަމަށް ސައުދީ އަރަބިއްޔާއާއި ޔޫއޭއީ އިން ޤަބޫލު ކުރާއިރު މިކަމުގެ ފައިދާ ނެންގެވުމަށް މުޤްޠަދާ އައްޞަދްރު މަސައްކަތް ކުރެއްވިއެވެ.

ހޯމަ ދުވަހުގެ ލޭއޮހޮރުވުން ފެށުނީ ކިހިނެއް؟

އިރާޤުގައި މުޤްޠަދާ އައްޞަދްރުގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގަނީ - އޭޕީ

އެންމެ ފަހުން ބޭއްވި އާންމު އިންތިޚާބުގައި، އިރާޤުގެ ޤާނޫނު ހަދާ މަޖިލީހުގެ 329 ގޮނޑީގެ ތެރެއިން 74 ގޮނޑި މުޤްޠަދާ އައްޞަދްރު ކާމިޔާބުކުރެއްވި އެވެ. އަދި އެއީ މަޖިލީހުގައި އޮތް އެންމެ ބޮޑު ފެކްޝަނަށް ވިއެވެ. އީރާން ސަރުކާރުގެ އެއްބާރުލުން ތިބޭ ގުރޫޕުތައް ބާކީ ވާގޮތް ވިއެވެ. އީރާނުގެ ތާއީދު އޮތް ފެކްޝަންތަކަށް ލިބުނު ގޮނޑީގެ އަދަދު 48 އިން 17 އަށް މަދުވިއެވެ. އިންތިޚާބުގެ ނަތީޖާ ކޯޓު މެދުވެރިކޮށް ބާތިލުކުރުމަށް ވެސް އީރާނުގެ ތާއީދު އޮތް ފެކްޝަންތައް ފެއިލްވުމުން، ދެން މިސްރާބު ޖެހީ ސަރުކާރެއް އެކުލަވާލުމަށް ޞަދްރު ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުތަކަށް ހުރަސް އެޅުމަށެވެ. ސަރުކާރު އެކުލަވާލުމަށް ޞަދްރު މަސައްކަތް ކުރައްވަމުން ގެންދެވީ ކުރުދީންނާއި ސުންނީ އަރަބި ބައިވެރިންނާ އެކުގައެވެ.

ސަރުކާރު އެކުލަވާލެއްވުމަށް ކުރެއްވި މަސައްކަތް ކޮޅެއްގައި ޖެހޭގޮތް ނުވުމުން ޞަދްރު ޖޫން މަހު އޭނާގެ މެމްބަރުން މަޖިލީހުން ވަކި ކުރެއްވިއެވެ. އެއާއެކު ޞަދްރު އާއި އޭނަގެ ސަޕޯޓަރުން ނުހިމެނޭ ސަރުކާރެއް އެކުލަވާލުމަށް އީރާންގެ މަދަދު ލިބޭ ފަރާތްތަކުން ޖުލައި މަހު މަސައްކަތް ކުރިއެވެ. އެ ގްރޫޕްތަކުން ދިޔައީ އެކި ގޮތް ގޮތުން ޞަދްރުއަށް ޖެއްސުން ކުރަމުންނެވެ. ސަރުކާރެއް އެކުލަވާލުމުގެ ފުރަތަމަ މަރުހަލާ ކަމުގައިވާ ދައުލަތުގެ ވެރިޔަކު ހޮވުމަށް މަޖިލީހަށް ބޭނުންވާ ތިންބައިކުޅަ ދެބައިގެ ކޯރަމް ހަމަވިޔަ ނުދޭން އެ ގްރޫޕްތަކުން މަސައްކަތް ކުރަމުން ދިޔައެވެ. މިކަމާ ގުޅިގެން ޞަދްރުގެ މެމްބަރުން މަޖިލިސްކުރާގޭގެ ބޭރުގައި އިހުތިޖާޖު ކުރައްވަން ފެއްޓެވިއެވެ. ހިމޭން މުޒާހަރާ އެކެވެ.

އެންމެ ފަހުން ޞަދްރު ސިޔާސީ މަސައްކަތްތަކުން ފެޔަށް ވަޑައިގަންނަވަނީ ކަމަށް ވިދާޅުވީ އޭނާގެ އަމިއްލަފުޅު ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ރޫހީ ލީޑަރު ގްރޭންޑް އާޔަތުﷲ ކާޒިމް އަލް ޚައޭރީ، އިރާޤުގެ ޝިއީންގެ އެންމެ މަތީ ލީޑަރުގެ މަޤާމު ދޫ ކުރައްވާ އީރާންގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީގެ ފަހަތްޕުޅަށް އަރަން އެއްބަސްވެ ވަޑައިގެންނެވި ކަމަށް ލިބިވަޑައިގެންނެވި ޚަބަރާއި ގުޅިގެންނެވެ. އައް ޞަދްރު ވިދާޅުވީ ޚައޭރީ އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވާނެ ކަމަށާއި އެއީ ޞަދްރު ބަލިކޮށްލުމަށް މަޖްބޫރު ކުރުވައިގެން އީރާނުން ކުރުވި ކަމެއް ކަމުގައެވެ.

ދެންވާނީ ކިހިނެއް؟

ސިޔާސީ މަސައްކަތުން ފެޔަށް ވަޑައިގަންނަވަނީ ކަމަށް މުޤްޠަދާ އައްޞަދްރު ވިދާޅުވި ވިދާޅުވުން އެއީ ހަޤީޤަތުގައި ވެސް އިޙުލާސްތެރިކަމާއެކު ވިދާޅުވި ބަސްފުޅެއް ނަމަ ދެންތިއްބެވި ޝިއީ ލީޑަރުން ދެން ވެސް ކުރިޔަށް ވަޑައިގެންނެވޭތޯ ބައްލަވާނެ ކަމަށް ވެއެވެ.

ސިޔާސީ ދާއިރާގައި އިރާޤުގެ މައްޗަށް އީރާންގެ ނުފޫޒް ކިތަންމެ ވަރަކަށް އޮތް ނަމަވެސް އިރާޤުގެ އާންމު ރައްޔިތުން ވަރަށް ބޮޑަށް އިރާނާއި ދެކޮޅެވެ. އެހެން ކަމުން ދެން އޮންނަ އާންމު އިންތިޚާބެއް މިނިވަންވެފައި އިންސާފުވެރި ނަމަ މަގުމަތިން އިތުރު ޕާޓީތަކެއް ކުރިމަތިލާ އީރާންގެ މަދަދު ލިބޭ ފެކްޝަންތައް ބަލިކުރުން ގާތެވެ.

އިރާޤުގެ ރައީސް ބަރްހާމް ސާލިހް އަންގާރަ ދުވަހު ވިދާޅުވީ ލޭއޮހްރުވުން ނިމުމަކަށް ގެނައުމަށްޓަކައި ހަރުކަށި އަމަލުތައް ހުއްޓުވުން މުހިންމު ނަމަވެސް، އެހާ ހަމައިން ވެސް އިރާޤަށް ކުރިމަތިވި ހަޤީޤީ މައްސަލައަށް ނިމުމެއް ނާންނާނެ ކަމުގައެވެ. އޭނާ ވިދާޅުވީ އަވަސް އިންތިޚާބެއް ބާއްވައިފި ނަމަ ކޮންމެވެސް ހައްލެއް ލިބިދާނެ ކަމަށެވެ.

މުޤްޠަދާ އައްޞަދްރު ވެސް ގޮވާލައްވަނީ އަވަސް އިންތިޚާބެއް ބޭއްވުމަށެވެ. ނަމަވެސް އަވަސް އިންތިޚާބެއް ބާއްވައިގެން މިހާރު ތިއްބެވި ވެރިން ބޭނުންވާ ނަތީޖާ ނުކުމެދާނެ ކަމަށް ހީނުވާ ނަމަ، އިންތިޚާބު ހައްތަހާ ފަސް ކުރާނެއެވެ.

މިގޮތަށް ވަގުތު ދެމިގެން ދާއިރު، ކަރަންޓު ކެނޑުމާއި އިތުރުވަމުންދާ ސިއްޙީ މައްސަލަތައް ފަދަ ކަންކަން ހައްތަހާ ދާނީ ގޯސްވަމުންނެވެ. ތަކެތީގެ އަގުތައް ދަނީ ހައްތަހާ އުފުލެމުންނެވެ. އާންމުން ބޭނުން ވަނީ އެކަންކަމަށް ހައްލު ހޯދާދޭނެ ވެރިންނެވެ. އެފަދަ ވެރިން ހޮވުން ލަސްވާ ނަމަ އަނެއްކާ ވެސް އާންމުން މަގުތަކަށް ނުކުންނާނެކަން ޔަޤީނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް