މޮރީޝަސްގައި މިހާރު ކުރިއަށްދާ މޮރީޝަސް ބެޑްމިންޓަން ސީރީޒްގެ ދެ އިވެންޓެއްގެ ސެމީ ފަައިނަލުގައި ވާދަކުރި ރާއްޖޭގެ ތިން ޕެއާވެސް ބްރޯންސް މެޑަލް ހޯދައިފިއެވެ.
މެޑަލަކަށް އަމާޒު ހިފައިގެން މުބާރާތަށް ކުރިމަތިލި ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމް އަމާޒަށް ވާސިލްވުމުގެ އިތުރުން މިއީ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ މުބާރާތެއްގެ ސެމީފައިނަލްގައި ރާއްޖެ ވާދަކުރި ފުރަތަމަ ފަހަރެވެ.
އަންހެން ޑަބަލްސްގެ އިވެންޓުން ރާއްޖޭގެ ދެ ޕެއާއެށް ސެމީގައި ވާދަކޮށްފައި ވާއިރު، އޭގެތެރެއިން ދެބެންގެ ޕެއާ ކަމަށްވާ، ފާތިމަތު ނަބާހާ އާއި އާމިނަތު ނަބީހާގެ ޕެއާ ބަލިވީ، މި މުބާރާތުގެ އެއްވަނައަށް ސީޑް ކޮށްފައިވާ އަދި ދުނިޔޭގެ ރޭންކިންގެ 81 ވަނާގައި އޮތް ޖާމަނީގެ ޕެއާއެއް ކަމަށްވާ ލީސާ ކަމިންސްކީ އާއި ހަނާ ޕޯލްގެ ޕެއާ އާއި ވާދަކޮށްގެންނެވެ. މި މެޗު ޖާމަނީގެ ޕެއާއިން ގެންދިޔައީ 21-10، 21-09 އިންނެވެ.
އަންހެން ޑަބަލްސްގެ އިވެންޓުން ސެމީ ގައި ދެން ވަދަކުރި ރާއްޖޭގެ ޕެއާ ކަމަށްވާ މައިސާ ފަތުހުﷲ އާއި ނަފްހާ ނަސްރުﷲގެ ޕެއާ ބަލިވީ ދުނިޔޭގެ ރޭންކިންގެ 91 ވަނާގައި ރެކޯޑް ކުރެވިފައިވާ، އިންޑީއާގެ ޕެއާއެއް ކަމަށްވާ ޕްރަޖަކްތާ ސާވަންތާއި ސަންޖޯއިތާގެ ޕެއާ އާއި ވާދަކޮށްގެންނެވެ. މި މެޗް އިންޑިއާގެ ޕެއާއިން ކާމިޔާބުކުރީ 21-01، 21-05 އިންނެވެ.
މިކްސް ޑަބަލްސްގެ ބައިން ސެމީގައި ވާދަކުރި ރާއްޖޭގެ ޒަޔާން ޒަކީ އާއި ނަބާހާގެ ޕެއާ ބަލިވީ ދުނިޔޭގެ 41 ވަނާގައި އޮތް ޕެއާ ކަމަށްވާ މެލޭޝިއާގެ ޔޮގެންދުރަ ކްރިޝްނަން އާއި އިންޑިއާގެ ޕްރަޖަކްތާ ސާވަންތު އާއި ވާދަކޮށްގެންނެވެ. މި މެޗުގެ ސެޓުތަށް ރާއްޖެއަށް ގެއްލުނީ 21-06، 21-04 އިންނެވެ.
މުބާރާތުން ރާއްޖެ ހޯދި ކުރިއެރުމާއި ގުޅޭގޮތުން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ، މެޑަލް އަކަށް އަމާޒު ހިފައިގެން މުބާރާތުގައި ވާދަކޮށް އަމާޒަށް ވާސިލްވުމުގެ އިތުރުން ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ރާއްޖެ ވާދަކުރުމުން އެއީ ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށާއި، އެކަން ފާހަގަ ކުރާ ކަމަށެވެ. އަދި 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ރާއްޖެއަށް ރަން މެޑަލެއް ހޯދުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެން ހިނގައްޖެ ކަމަށްވެސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.