"ކުރިން ބުނިއަގު ކެންސަލްކޮށް އިތުރަށް އެތައް ފައިސާއެއް ނަގައިފި"، "ލިބޭނެ ކަމަށް ބުނި ޚިދުމަތްތަކެއް ނުލިބުނު"، "ފައިސާ ނެގި ގުރޫޕަކުން މީހުން ހައްޖަކަށް ނުގެންދިޔަ" މިއީ މީގެ ކުރީގައި ހައްޖު މޫސުމެއް ނިމޭއިރު ރާއްޖޭގެ ނޫސްތަކުގެ ފަލަ ސުރުޚީތަކެވެ. ނޫންނަމަ ހައްޖާ ގުޅޭ ޚަބަރުތަކަށް މީހުން ކޮށްފައި ހުންނަ ބައެއް ކޮމެންޓްތަކެވެ. ދޭދޭ ދެމީހުންނާއި ސައި ހޮޓާތަކުގައި ވެސް ދައްކާ އުޅޭ ވާހަކަތަކެވެ.
އެކަމަކު މިއަހަރު ހައްޖު މޫސުމް ނިމިދިޔައީއެވެ. ރާއްޖެއިންވެސް ހައްޖަށްދިޔަ މީހުން އައިސް ދުވަސްކޮޅެއް ވެގެން ހިނގައްޖެއެވެ. އެއްކަލަ ޝަކުވާތަކެއް އަދި އެހާސަރުތަކެއްގެ އަޑެއް ނުއިވެއެވެ. އަމުދުން މީޑިޔާތަކާއި ސޯޝަލް މީޑިޔާގައި ވެސް އެކަހަލަ ފާޑު ކިޔުމެއް ނެތެވެ. މިވީ ގޮތެއް ބަލާލަން ޖެހެއެވެ.
ރާއްޖެއިން ވެސް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާން ބޭނުންވާ މީހުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ. ކުޅަދާނަކަން ލިބިގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް ފަރުޟު ކުރައްވާފައިވާ އެއަޅުކަން އަދާކުރުމަށް އެފަދަ މީހުންދާން ކިތައްމެ ބޭނުންވިނަމަވެސް، އެކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޖާގަ ނުލިބުމެވެ. މިއީކީ ހަމައެކަނި ރާއްޖެއަށް އެކަނި އޮންނަ ކަމެއް ނޫނެވެ. ދެވޭ ކޯޓާގެ ދަށުން އެއްވެސް ޤައުމަކަށް އެޤައުމުގައި އެކަމަށް ބޭނުންވެފައިވާ އެންމެންނަށް އެއްފަހަރާ އެފުރުސަތު ދެވޭކަށް ނޯވެއެވެ.
ރާއްޖެއަށް ވެސް ކުރިމަތިލާން ޖެހިފައި އޮންނަނީ މި ޙަޤީގަތާއެވެ. އެހެންކަމުން ހައްޖަށް ދާން އެދޭ މީހުންގެ ޑިމާންޑު ބޮޑުވެ ކިއޫ އޮންނަނީ ވަރަށް ބޮޑަށް ދިގުވެފައެވެ.
މިއަހަރާ ޚިލާފަށް ރާއްޖޭގައި ހައްޖަށް ގެންދިއުން އޮތީ، ސަރުކާރުގެ ހައްޖު ކުންފުނި ހައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ ހައްޖު ގުރޫޕްތަކަށް ވެސް ހުޅުވާލާފައެވެ. މިއަހަރު ސަރުކާރުން މިކުރީ އާ ތަޖްރިބާއެކެވެ. ކޮވިޑާ ގުޅިގެން ހައްޖަށް ދިއުން މެދުކެނޑިފައި އޮއްވާ ލިބުނު ފުރުސަތުގައި ރާއްޖެއަށް ލިބުނު ކޯޓާތައް ދޫކުރީ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށެވެ. ވަގުތާއި ހާލަތަށް ވެސް ރިއާޔަތް ކޮށްގެންނެވެ.
މިތަޖްރިބާ ހިއްސާކުރި މިއަހަރު ހައްޖަށްދިޔަ މީހަކު ބުނީ މިއީ ރަނގަޅު ގޮތެއް ކަމަށެވެ. މީގެ ކުރިން އަމިއްލަ ހައްޖު ގުރޫޕެއް މެދުވެރިކޮށް ވެސް ހައްޖަށް ގޮސްފައިވާ އެމީހާ ބުނީ ރާއްޖެއަށް ލިބޭ ކޯޓާކޮޅުގައި ސަރުކާރުގެ ހައްޖު ކުންފުނިން އެކަން ކުރުން ރައްކާތެރިވެފައި އާއްމު ރައްޔިތުންނަށާއި ސަރުކާރަށް ވެސް ފައިދާވާނެ ކަމަށެވެ.
ވޭތުވެ ދިޔަ ތަނުގެ ތަޖުރިބާއަށް ބަލާފައި އެއީ ރަނގަޅު ވާހަކައެއް ކަމަށް ބެލެވެއެވެ. އޭގެ ސަބަބުތައްވެސް އެބަހުއްޓެވެ. އެއްކަމަކީ ރާއްޖެއިން ހައްޖަށް ގެންދާ އަމިއްލަ ގުރޫޕްތަކުން ވެސް ދުރާލާ ފައިސާ ނަގައެވެ. އަދި ކަންކަން ހަމަޖެއްސުމަށްޓަކައި އެފައިސާއިން ބައެއް އިންވެސްޓްވެސް ކުރެއެވެ. ވިޔަފާރީގައި ދެގޮތް އޮންނައިރު މަދު ފަހަރަކު ނަމަވެސް އެކަމުގައި ގެއްލުންވެ ހައްޖަށްދާން ފައިސާ ދެއްކި މީހާއަށް ވެސް އެގެއްލުންވާތަން އާދެއެވެ.
އަނެއް ކަމަކީ އެފަދަ ޖަމާއަތެއްގެ ތެރެއިން ދިމާވާ ނޭދެވޭ ކަމެއްގެ ސަބަބުން ހައްޖަށް ގެންދެވޭނޭގޮތް ނުވުމެވެ. އިތުރު ތަފްސީލެއް ނުދިނަސް ކޮންމެ ދިވެއްސަކަށް ވެސް އެކަމުގެ ޙަޤީގަތް އެނގޭނެއެވެ. މިހާލަތުގައި ވެސް ގެއްލުން ލިބެނީ ހައްޖަށްދާން ފައިސާ ދެއްކި މީހާއަށެވެ. މިފަދަ ކޮންމެ ދަނޑިވަޅެއްގައިވެސް އާޚިރުގައި އެފަދަ ރައްޔިތުމީހާގެ އަތުގައި ހިފަން ޖެހެނީ ސަރުކާރަށެވެ. ކޮންމެވެސް ގޮތެއް ހޯދައިގެން އެމީހުން ހައްޖަށް ގެންދެވޭނޭގޮތް ހަމަޖައްސަނީ ސަރުކާރުންނެވެ.
ދެން އޮތީ އަދިމާބޮޑު މައްސަލައެކެވެ. ގިނަ ބައެއްގެ ބޮޑު ޝަކުވާއެވެ. ހައްޖަށް ގެންގޮސްދޭން ގުރޫޕްތަކުން ސަރުކާރާއެކު އެއްބަސްވާ އަގަށް ފަހުން ގެނެވޭ ބަދަލެވެ. ލިޔެކިޔުމުގައި ނެތި ރައްޔިތުމީހާ އަތުން ނެގޭ ބޮޑު އަދަދެވެ. ބައެއް ފަހަރަށް އެތައް ގުނައެއް ބޮޑުކޮށް ފައިސާ ދައްކައިގެން ނޫނީ ގުރޫޕެއްގެ ހަވާލުގައި ހައްޖަށް ދާކަށް ޖާގައެއް ނުލިބެއެވެ. ފައިސާ ދައްކާ ސްލިޕްގައި ނުހިމެނި ނަމަވެސް، ޖާގަ ހޯދަން ދައްކަން ޖެހޭ އަދަދު ބޮޑުވުމެވެ. މިއީ ހަމަ ސީދާ ޙަޤީގަތެކެވެ.
މި ތަޖްރިބާތަކުގެ އަލީގައި ހަޤީގަތުގައި ވެސް ސަރުކާރުގެ ހައްޖު ކުންފުންޏަށް ރާއްޖެއަށް ލިބޭ ކޯޓާތައް ދިނުން ރަނގަޅު ކަމަށް ގިނަބަޔަކު ޤަބޫލު ކުރެއެވެ. ދެން އޮތީ ހައްޖު ކޯޕަރޭޝަންގެ ޚިދުމަތާއި ޖާގަ ދިނުމުގައި ގެންގުޅޭ އުސޫލުގެ ވާހަކައެވެ.
މިކަމުގައި ފުރަތަމަ ބަލާލަން ޖެހެނީ އެކުންފުނިން ޖާގަ ދިނުމުގައި ގެންގުޅޭ ހާމަކަމުގެ މައްޗަށެވެ. ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރު އިސްމާއީލް ހަމީދު ވިދާޅުވީ ޖާގަ ދިނުމުގައި އެއްވެސް މީހަކު ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށާއި ސިސްޓަމް ރޭވިފައިވާ ގޮތުން އެފަދަ ކަމަކަށް ފުރުސަތެއް ވެސް ނޯންނާނެ ކަމަށެވެ.
ހަމީދު ވިދާޅުވީ ހައްޖަށްދާން ފައިސާ ދައްކާ ހިސާބުން، ހައްޖަށް ދިއުމުގެ ކިއޫގައި އެމީހަކު ހިމެނިފައިވާ ހިސާބެއް ފެންނަން އޮންނާނެ ކަމަށެވެ. އަދި އެ ކިއޫ ތަރުތީބު ފަރުމާކޮށްފައިވާނީ ކުންފުނީގެ އެއްވެސް މުވައްޒަފަކަށް ބަދަލު ނުގެނެވޭނެ ގޮތައް ކަމަށެވެ. މީގެ އިތުރުން އެގޮތުގައި މިޚިދުމަތް ދެމުންގެންދާނެ ކަމުގެ ޔަޤީންކަން ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ އިސްމާއީލް ހަމީދު ދެއްވިއެވެ.
އެހެންކަމަށްވާނަމަ ހައްޖަށް ގެންދިއުމުގައި ވަކިމީހަކު ތަފާތު ނުކުރެވޭނެކަން ވަރަށް ބޮޑަށް ސާފުވެއެވެ.
ދެން އޮތީ ކުންފުނިންދޭ ޚިދުމަތުގެ ވާހަކައެވެ. މިހާތަނަށް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިޔަ އެންމެންގެވެސް ބަހަކީ ފެންވަރު ރަނގަޅު ކަމެވެ. ޚިދުމަތްތައް ރަނގަޅު ވާހަކައެވެ. އޯގާތެރިކަމާއި ކަންކަމުގައި އޮންނަ ފަސޭހަ ގޮތްތަކުގެ ވާހަކައެވެ.
މިއަހަރު ހައްޖަށް ދިޔަ އަދި މީގެ ކުރިން އުމުރާއަކަށް ދިޔަ ދެމަފިރިއަކު ބުނީ މިހާ ހިތްހަމަ ޖެހިގެން މިކަން ކޮށްލެވުނު ފަހަރެއް އަދި ނެތްކަމަށެވެ.
"ހަޤީގަތުގައިވެސް ވަރަށް ފެންވަރު ރަނގަޅު. ވަރަށް އޯގާތެރި. ވަރަށް އަޅާލާ. ވަރަށް ރަނގަޅު ބައެއް ކޯޕަރޭޝަންގައި ތިބެނީ. ވަރަށް ބޮޑަށް ޝުކުރު ދަންނަވަން" އެމީހުން ބުންޏެވެ.
އެމީހުން އެފާހަގަ ކުރާގޮތައް ހައްޖު ކޯޕަރޭޝަންގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކަމަކީ ޙަޤީގަތެއް ކަމަށް ސާފުވަނީ ކުރިންވެސް ބުނިހެން މިއަހަރުގެ ހައްޖު މޫސުމް ނިމުނުއިރު ވެސް އެފަދަ ޝަކުވާއެއް ނެތުމުންނެވެ. އަމުދުން ރާއްޖޭގެ ނޫސްތަކާއި ޓީވީ ޗެނަލްތަކުން އެފަދަ ވާހަކައެއް ނުދެއްކުމުންނެވެ. އެއާޚިލާފަށް އިވިގެން ދިޔައީ މުޅިންވެސް "ޕޮޒިޓިވް ކޮމެންޓް" ތަކެވެ.
އަދި މިއަށް ބާރު ލިބިދޭ އެހެންކަމެއްވެސް އެބައޮތެވެ. އެގޮތުން ކޮވިޑަށްފަހު މިއަހަރަކީ ހައްޖަށް ދިއުމުގެ ފުރުސަތު ހުޅުވާލި އަހަރެވެ. ޤައުމުތަކަށް ދޭނެ ކޯޓާތަކާއި ހައްޖުގެ އިންތިޒާމްތައް ބެލެހެއްޓުމުގައި ސައޫދީން ވެސް ކަންކުރާނެ ގޮތުގެ މަޝްވަރާތައް ދިގުދެމިގެން ދިޔައެވެ. އެހެން އަހަރުތަކާ ޚިލާފަށް އެކަންކަން ސާފުކޮށް ޤައުމުތަކަށް އެންގީ ތަންކޮޅެއް ލަހުންނެވެ. ރާއްޖެއަށް ވެސް އެކަމުގެ ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. ކަންކަން ރޭވުމުގައި ވަގުތު ކުޑަތައްވުމުން އުނދަގޫތަކެއް ހުންނާނެއެވެ. ނަމަވެސް އެހާ ކުރުމުއްދަތެއްގެ ތެރޭގައި ހައްޖު ކޯޕަރޭޝަނުން އެކަންކަން ނިންމާލައި ދިން ޚިދުމަތްތަކުން ރައްޔިތުންނަށް އެއިން ކަމެއްގެ ރޭކާވެސް ނުލައެވެ. ކިތައްމެ އަވަދިނެތި އެކޯޕަރޭޝަންގެ ބޭފުޅުން އުޅުއްވިނަމަވެސް ހައްޖުވެރިންނަކަށް އެކަން އިހުސާސް ވިޔަކަ ނުދެއެވެ.
މީގެ އިތުރުން ސަރުކާރުގެ ލަފަޔާއެކު ހައްޖު ކޯޕަރޭޝަނުން މުޅިން އެހެންކަމެއްވެސް މިފަހަރު ކުރިއެވެ. ކިއޫގައި ނުޖެހި ވަގުތުން ފައިސާ ދައްކައިގެން ދެވޭގޮތައް 100 މީހަކަށް ފުރުސަތު ދިނުމެވެ. މިކަންވެސް ކުރީ އެންމެންނަށް ފެންނާނެހެން ހާމަކަން ބޮޑު ގޮތެއްގައެވެ. އެކަމަށް އެދުނު އެންމެންގެ މެދުގައި މީޑިޔާތަކާއި އެންމެންގެ ހާޒިރުގައި ނެގުނު ގުރުއަތަކުން ހޮވުނު މީހުން ގެންގޮސްގެންނެވެ.
ކޮންމެއަކަސް މި ތަޖުރިބާގެ އަލީގައި ރާއްޖެއިން ހައްޖަށް ގެންދިއުމަށް ލިބޭ ކޯޓާތައް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ގިނަބަޔަކު އެދެއެވެ. އަދި އެއީ ރައްޔިތުންނަށް ލުއިފަސޭހަވެފައި ރައްކާތެރި ގޮތެވެ. ރައްޔިތުންނަށްޓަކައި އެކުންފުނި އުފެއްދި ސަރުކާރުގެ މަޤްސަދު ފުރިހަމަވެފައި ސަރުކާރަށް ވެސް އެންމެ ފައިދާ ބޮޑު ގޮތަކީ ވެސް އެއީކަމަށް ބެލެވެއެވެ.