ކ. މާލެ
|
17 އޯގަސްޓް 2022 | ބުދަ 10:17
ކުލާހަށް ހާޒިރުވެގެން ތައުލީމު ހާސިލު ކުރުމަކީ މިއަދު ޔޫކްރެއިންގެ ކޮންމެ ކޮންމެ ދަރިވަރަކަށް އޮތް ފުރުސަތެއް ނޫން
ޔޫކްރެއިންގެ ތައުލީމީ ނިޒާމް
ހަނގުރާމައިގެ ތެރޭގައިވެސް އަރީނާ އިނީ ސްކޫލަށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގައި
އޮޑެއްސާ ސިޓީގައި ސްކޫލަށް ދާ އުމުރުގެ 100000 އެއްހާ ދަރިވަރުން ތިބި އިރު، ކުލާހަށް ހާޒިރުވެގެން އުނގެނުމަށް ހުޅުވާލާފައި ވަނީ އެންމެ 10000 ފުރުސަތު
އެއީ ބޮމުން ދިފާއު ހޯދަން ވަންނާނެ ހިޔާ ނުވަތަ ބޮމް ޝެލްޓަރތަކާއި، އެއަރ ސައިރަން ޕްރޮޓޮކޯލްގެ އިތުރުން ކުއްލި ހާލަތުގައި ދަރިވަރުން އިވަކުއޭޓް ކުރެވޭ ފެންވަރުގެ ސްކޫލުތައް
ދަރިވަރުން ހާޒިރު ކޮށްގެން ކިޔަވައިދިނުމުގެ ފުރުސަތު އޮންނަނީ ހާލަތަށް އެކަށޭނަ ފެންވަރުގެ ސްކޫލަތަކަށް އެކަނި

މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރާސީ އައު އަހަރުގެ ކިޔެވުން ފަށައިގަންނަ ދުވަސްވަރެވެ. ބައެއް ޤައުމުތަކުގައި ދިރާސީ އައު އަހަރުގެ ކިޔެވުން މިހާރު ފަށާފައި ވާ އިރު، އެކަމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ޤައުމުތައްވެސް އެބަހުއްޓެވެ. އެދެވޭ، ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަކީ ޤައުމެއްގެ ހަރުދަނާ ބިންގާ ކަމުގައި ވާ ހިނދު، ވީ އެންމެ ފުރިހަމައަކަށް އެ ދާއިރާގެ ކަންކަން ކުރިއަށް ގެންދިއުމަށް ޤައުމުތަކުން ގަދަ އަޅާ މަސައްކަތް ކުރެއެވެ. ނަމަވެސް އަދުގެ ދުނިޔޭގެ ހާލަތު އޮތް ގޮތުން، އެންމެ ފުރިހަމައަށް އެކަން ކުރުމަށް ހުރަސްތަކަކާ ކުރިމަތިލާން ޖެހިފައި ވާ ޤައުމުތައްވެސް މަދެއް ނޫނެވެ. އެފަދަ އެ ޤައުމަކީ ރަޝިއާއިން ވަރުގަދަ ހަނގުރާމައެއް ކުރަމުން ދާ ޔޫކްރައިންއެވެ.

ރަޝިއާގެ ރައީސް ވްލޭޑްމިއަރ ޕޫޓިންގެ އަމުރުފުޅަކަށް އެ ޤައުމުގެ އަސްކަރިއްޔާއިން ހާއްސަ އޮޕަރޭޝަނެއްގެ ނަމުގައި ފެބުރުއަރީ 24 ވަނަ ދުވަހު ޔޫކްރައިންއަށް އަރައިގެން އަދާ ޖެހުނުއިރުވެސް ކުރަމުންދާ ހަނގުރާމައިގެ ނަތީޖާއެއްގެ ގޮތުން، ޔޫކްރައިންގެ ތައުލީމު ނިޒާމު ވަނީ މުޅިންހެން އިނދަޖެހިފައެވެ. ހަމަލާ ބަދަލު ކުރުންތަކަށް އަދިވެސް ހުއްޓުމެއް އައިސްފައި ނުވާ އިރު، ކުރިއަށް އޮތް ދިރާސީ އައު އަހަރުގެ ކިއެވުން، ކުލާސްރޫމްތަކުގައި ފެށޭނީ ޤައުމުގެ ބައެއް ސަރަހައްދުތަކުގައެވެ. އަނެއް ބައި ސަރަހައްދުތަކަކީ ގޭގައި ތިބެގެން ރިމޯޓް އުސޫލުން ކިޔަވާދޭން ޖެހޭ ސަރަހައްދުތަކަކަށް ވާ އިރު، އެއްވެސް ގޮތަކަށް ކިއެވުން ފެށެން ނެތް ސަރަހައްދުވެސް އެބަހުއްޓެވެ.

އުމުރުން އެންމެ 7 އަހަރުގެ އަރީނާ ހުރީ، ކުލާހަށް ހާޒިރުވެގެން ތައުލީމީ ހާޔާތް ކުރިއަށް ގެންދިއުމުގެ ވަރުގަދަ އަޒުމުގައެވެ. ބްލެކް ސީގެ ބަނދަރުމަތީ ސިޓީއެއް ކަމަށް ވާ އޮޑެއްސާއަކީ ޔޫކްރައިން ހަނގުރާމާގައި އެންމެ ވަރުގަދަ ކުރިމަތިލުންތައް ފެނިގެން ދިޔަ އެއް ސަރަހައްދަށް ވާ އިރު، އެ ސިޓީގައި ދިރިއުޅެމުންދާ އަރީނާއަށް، ފެބުރުއަރީ މަހުން ފެށިގެން ކުލާހަށް ހާޒިރުވެގެން ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ.

ގުރޭޑް 3 ގައި ތައުލީމު ހާސިލު ކުރާ އަރީނާގެ ދިރިއުޅުމަށްވެސް ހަނގުރާމައިގެ އަސަރު ވަނީ ފޯރާފައެވެ.

ވަރަށް ފޫހިވެފަ މި އިންނަނީ.... ވަރަށް މިސްވޭ އަހަރެންގެ އެކުވެރިން.
އަރީނާ؛ އުމުރުން 7 އަހަރުގެ ދަރިވަރު

ކަން މިހެން އޮތް ނަމަވެސް، ކުލާހަށް ހާޒިރުވެގެން ތައުލީމު ހާސިލު ކުރުމަކީ މިއަދު ޔޫކްރައިންގެ ކޮންމެ ކޮންމެ ދަރިވަރަކަށް އޮތް ފުރުސަތެއް ނޫނެވެ. އޮޑެއްސާއަށް އެކަނި ބަލާލި ކަމުގައި ވީ ނަމަވެސް އެކަން އޮތީ އެހެންނެވެ. ސްކޫލަށް ދާ އުމުރުގެ 100000 އެއްހާ ދަރިވަރުން އެ ސިޓީގައި ތިބި އިރު، ކުލާހަށް ހާޒިރުވެގެން އުނގެނުމަށް ހުޅުވާލާފައި ވަނީ އެންމެ 10000 ފުރުސަތެވެ. ސްކޫލަށް ހާޒިރުވުމުގެ އިއުތިރާޒެއް ނެތް ކަމަށް ބުނެފައި ވަނީ އެންމެ 35000 ދަރިވަރުންގެ ބެލެނިވެރިންނެވެ.

އަރީނާގެ ބައްޕަ، ޔޫކްރައިންގެ ލަޝްކަރުގައި ހަނގުރާމަ ކުރާތާ މިހާރު 3 މަސްވެއްޖެ. އަހަރެންވެސް މަސައްކަތް ކުރަން ޖެހޭ. އެހެންވެ، އަރީނާއަށް ސްކޫލަށް ދެވިދާނެ ކަމަށް އަހަރަމެން ނިންމީ. އޭރުން މުދައްރިސުންނާއި ބައްދަލުވެ، އެހެން ދަރިވަރުންނާވެސް އެކީ އުޅެލެވޭނެތާ.
އައިރީނާ؛ އަރީނާގެ މަންމަ

ހަނގުރާމަ އަދިވެސް ދަނީ ކުރިއަށް ކަމުން، ދަރިވަރުން ހާޒިރު ކޮށްގެން ކިޔަވައިދިނުމުގެ ފުރުސަތު އޮންނަނީ ހާލަތަށް އެކަށޭނަ ފެންވަރުގެ ސްކޫލަތަކަށް އެކަންޏެވެ. އެގޮތުން އެ ސްކޫލްތަކަކީ ބޮމުން ދިފާއު ހޯދަން ވަންނާނެ ހިޔާ ނުވަތަ ބޮމް ޝެލްޓަރތަކާއި، އެއަރ ސައިރަން ޕްރޮޓޮކޯލްގެ އިތުރުން ކުއްލި ހާލަތުގައި ދަރިވަރުން އިވަކުއޭޓް ކުރުމަށާއި ފުރަތަމަ ސިއްހީ އެހީ ދިނުމަށް ތަމްރީނު ލިބިފައި ވާ މުވައްޒަފުން މަސައްކަތް ކުރާ ސްކޫލަކަށް ވާންޖެހެއެވެ.

އޮޑެއްސާގެ ލީސިއަމް ސްކޫލަކީ އެ ޝަރުތުތައް ހަމަވާ ސްކޫލެކެވެ. މުޅި ސްކޫލްގެ ބޮޑުމިނަށް އޮތް ބޭސްމަންޓް ނުވަތަ ބިންގަރާހަކީ ބޮމުން ދިފާއުވެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ސަރަހައްދެކެވެ. ނަމަވެސް ސްކޫލުގެ ކުތުބުޚާނާ ހުންނަނީ ވަކި އިމާރާތެއްގައެވެ. ހަމަލާއެއްގެ ވަގުތުގައި ލައިބްރައީއިން މައި އިމާރާތަށް ދުވުމަކީ ކުރެވޭނެ ކަމަކަށް ނުވާތީ، ވަކި އެއްޗެއް އަންގަންދެން، ކުތުބުޚާނާގެ ޚިދުމަތްތައް ވަނީ މެދުކަނޑާލާފައެވެ.

އެއަރ ރެއިޑް ސައިރަން ނުވަތަ ވައިގެ ހަމަލާއެއް އަންނަން އުޅޭ ކަމުގެ ރަނގަބީލު އެޅުމާއެކު ހުރިހާ ދަރިވަރުން ބޭސްމަންޓަށް ދާން ޖެހެއެވެ.

ރަޝިއާއިން ޔޫކްރައިންގައި ހަނގުރާމަ ފެށިއިރު އެ ޤައުމުގެ ތައުލީމީ ނިޒާމު އޮތީ ފަޚްރުވެރިވުން ޙައްޤު ދަރަޖައެއްގައެވެ. ޤައުމުގެ ލިޔަންކިޔަން ދަތުމުގެ ނިސްބަތް އޮތީ ގާތްގަނޑަކަށް 100 ޕަސެންޓްގައެވެ. ނަމަވެސް ހަނގުރާމައިގެ ސަބަބުން، އެކަން ބަދަލުވެދާނެ ކަމުގެ ބިރު ވަނީ ހީވާން ފަށާފައެވެ.

އޮޑެއްސާއިން ސްކޫލްތައް ހިންގަމުން ދަނީ މައި ސަރުކާރުގެ އޮފިޝަލުންގެ އިރުޝާދުތަކަށް ބަލައިގެންނެވެ.

އަރީނާގެ މަންމަ، އައިރީނާ ހުރީ އޭނާގެ ދަރިންނަށްޓަކާ އުފާވެރި މޫނެއް ދައްކައިގެންނެވެ. ނަމަވެސް، މަސްރަހުގެ ޙަޤީޤީ ބިރުވެރިކަން، އެ މައިވަންތަ ހިތް ނުތަނަވަސް ކުރުވައެވެ. އަރީނާ ސްކޫލަށް ފޮނުވަން މިއަދު ނިންމާ ނިންމުމެއްގެ ސަބަބުން، މާދަމާގެ ހާލަތު މުޅިން ބަދަލުވެދާނެ ކަމުގެ ބިރު، އޭނާގެ ނަފްސު ހާސް ކުރުވައެވެ. ސްކޫލަށް ނުފޮނުވުމަކީ ދަރިފުޅުގެ ކިބައިން ނިގުޅައިގަނެވޭ ކިހާ ވަރެއްގެ ޙައްޤެއްކަން ވިސްނާލުމުން، ދެން ހަދާނެ ގޮތް އިތުރަށް ހުސްވެއެވެ.

- ކޮމެންޓް