ކ. މާލެ
|
15 އޯގަސްޓް 2022 | ހޯމަ 13:14
ޔޫކްރެއިން ނިއުކްލިއަރ ޕްލާންޓް
ޔޫކްރެއިން ނިއުކްލިއަރ ޕްލާންޓް
ރޮއިޓާރސް
ޔޫކްރެއިން ނިއުކްލިއަރ ޕްލާންޓް
ޔޫކްރެއިންގެ ޒަޕޮރީޒިއާ ނިއުކްލިއަރ ޕްލާންޓް ބާރުގަދަ ގޮވުމަކުން ގޮވައިފިނަމަ ދެންވާނީ ކިހިނެއް؟
 
ޕްލާންޓް ހުރީ ޔޫރަޕް ބައްރުގެ މެދު ތެރޭގައި ކަމުން ކޮންމެ ދިމާލަކަށް ނިއުކްލިއަރ "ވިލާގަނޑު" ފެތުރު ނަމަވެސް ޔޫރަޕްގެ ކޮންމެވެސް ގައުމެއްގެ ކޮންމެވެސް ބަޔަކަށް ވަރަށް ބޮޑަށް އަސަރުކޮށް ގެއްލުންވާނެ
 
ނިއުކްލިއަރ ޕްލާންޓް އަކުން ބޭރުވާ ރޭޑިއޭޝަން އަށް ހުށައެޅުމުން އެކިކަހަލަ ކެންސަރުގެ ބަލި ޖެހޭނެ
 
ނިއުކްލިއަރ ޕްލާންޓެއްގައި ގޮވުމެއް ހިނގައިފިނަމަ ހޮސްޕިޓަލުތަކަށް ވަރަށް ބާރު ބޮޑުވެގެން ދާނެ
 
ނިއުކްލިއަރ ޕްލާންޓަކުން ބޭރުވާ ރޭޑިއޭޝަންގެ ސަބަބުން މީހާ ވަގުތުން މަރުވެގެން ނުވެއްޓޭނެ ކަމަށް މާހިރުން ވިދާޅުވޭ

ރަޝިޔާ ޔޫކްރެއިން ހަނގުރާމަ ހުއްޓުމެއްނެތި ކުރިޔަށް ދާއިރު މިވަގުތު އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ޔޫކްރެއިންގެ ޒަޕޮރީޒިއާގައި ހުންނަ ބިޔަ ނިއުކްލިއަރ ޕްލާންޓަށް ހަމަލާއެއް އަރާ އެތަނުގައި ބާރުގަދަ ގޮވުމެއް ހިނގާފާނެ ކަމުގެ ބިރެވެ.

މާހިރުން ވިދާޅުވާ ގޮތުގައި އެފަދަ ގޮވުމެއް ހިންގުމަކީ ނާދިރު ކަމެއް ނޫނެވެ. ނަމަވެސް ގޮވުމަކަށް ވުރެ ބޮޑަށް މިވަގުތު ކަންބޮޑުވުން ހުރީ ދެފަރާތުން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ރޭޑިއޭޝަން ލީކް ވެދާނެތީ އެވެ.

އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ އައިއޭއީއޭއިން ވެސް ވަނީ އެކަން ފާހަގަކޮށް އެތަނުގައި ނިއުކްލިއަރ ކާރިސާއެއް ހިނގާފާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަނެއްކޮޅުން ނިއުކްލިއަރ ޕްލާންޓަށް ހަމަލާދީ ނިއުކްލިއަރ ޓެރަރިޒަމް ހިންގާކަމުގެ ތުހުމަތު ރަޝިޔާ އަދި ޔޫކްރެއިނުންވެސް އެއްފަރާތުން އަނެއް ފަރާތަށް ކޮށްފައިވެއެވެ. އެއާ އެކު އައިއޭއީއޭއިން ވަނީ ދެފަރާތުންވެސް ކެތްތެރިވެ، އަމަލުތައް ކޮންޓްރޯލް ކުރުމަށް ގޮވާލާފައެވެ.

ޒަޕޮރީޒިއާ ނިއުކްލިއަރ ޕްލާންޓްއަކީ ކޮބާ؟ އަދި އެތަން އެހާ މުހިންމު ވަނީ ކީއްވެ؟

* ޒަޕޮރީޒިއާ ނިއުކްލިއަރ ޕްލާންޓް ހުންނަނީ ޔޫރަޕް ބައްރުގެ މެދުގައެވެ. އެތަނަކީ މުޅި ޔޫރަޕްގައިވެސް ހުރި އެންމެ ބޮޑު ނިއުކްލިއަރ ޕްލާންޓް އެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު 10 ނިއުކްލިއަރ ޕްލާންޓްގެ ތެރޭގައި ހިމެނޭ ތަނެކެވެ. ޔޫކްރެއިންގައި ބޭނުންކުރާ ނިއުކްލިއަރ ހަކަތައިގެ ދެބައިކުޅަ އެއްބައި އުފައްދަނީ މިޕްލާންޓްއިން ނެވެ.

* ޒަޕޮރީޒިއާ ނިއުކްލިއަރ ޕްލާންޓް އިން 6000 މެގަވޮޓް ކަރަންޓް އުފެއްދުމުގެ ގާބިލުކަން ލިބިގެން ވެއެވެ. އެއީ 4 މިލިއަނެއްހާ ގެއަށް ފުދޭހާ ކަރަންޓެވެ.

* ޒަޕޮރީޒިއާ ނިއުކްލިއަރ ޕްލާންޓް ގާއިމްކޮށްފައިވަނީ ޔޫކްރެއިންގެ ދެކުނުން، ވެރިރަށް ކިއިވް އާއި 550 ކިލޯމީޓަރު ދުރުގައި، އަދި 1986 ގައި އެންމެ ބޮޑު ނިއުކްލިއަރ ޑިޒާސްޓްރ ހިނގި ޗެރްނޮބީލް ނިއުކްލިއަރ ޕްލާންޓްގެ ދެކުނުން 525 ކިލޯމީޓަރު ހިސާބުގައެވެ.

* ޒަޕޮރީޒިއާ ނިއުކްލިއަރ ޕްލާންޓް މިވަގުތު ހިންގަން ތިބީ ޔުކްރެއިންގެ މުވައްޒަފުންނެވެ. ނަމަވެސް ރަޝިޔާގެ މިލިޓަރީ ޔުނިޓްތަކުން އެތަން ދަނީ ގާޑު ކުރަމުންނެވެ.

* އައި.އޭ.އީ.އޭ އިން މައުލޫމާތު ދީފައިވާ ގޮތުގައި ޒަޕޮރީޒިއާ ނިއުކްލިއަރ ޕްލާންޓްގައި ސޯވިއެޓް ޑިޒައިންގެ ހަ ރިއެކްޓަރު ހުރެއެވެ. މިއިން ކޮންމެ ރިއެކްޓަރެއްގަ 950 މެގަވޮޓް ކެޕޭސިޓީ ހުރެއެވެ. އެއްމެގަވޮޓް ކެޕޭސިޓީ އަކީ 400 އާއި 900 ދެމެދުގެ ގެއަށް އެއް އަހަރު ދުވަހު ކަރަންޓް ދެވޭ ވަރެވެ.

* ޒަޕޮރީޒިއާ ނިއުކްލިއަރ ޕްލާންޓް ހުންނަނީ 2014 ވަނަ އަހަރު ރަޝިޔާ އާއި ގުޅުވާލި ކްރައިމިއާ އާއި ވެސް 200 ކިލޯމީޓަރު ދުރުގައެވެ.

* އަންގާރަ ދުވަހު އެތަން ހިންގާ ޔޫކްރެއިންގެ އޮޕަރޭޓަރުން ބުނެފައިވާ ގޮތުގައި ޒަޕޮރީޒިއާ ނިއުކްލިއަރ ޕްލާންޓް އާއި ކްރައިމީޔާގެ އިލެކްޓްރިސިޓީ ގްރިޑް އާއި ގުޅާލުމަށް ރަޝިޔާއިން ދަނީ ތައްޔާރު ވަމުންނެވެ

* ލަންޑަންގެ އިމްޕީރިއަލް ކޮލެޖްގެ ސެންޓަރ އޮފް ނިއުކްލިއަރ އިންޖިނިއަރިންގ މައިކަލް ބްލެކް އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި ޒަޕޮރީޒިއާ ނިއުކްލިއަރ ޕްލާންޓްގައި އުފައްދާ ކަރަންޓް ބޭނުން ކުރަން ރަޝިޔާ ރާވަމުންދާކަން އެއީ ރަނގަޅު ނިޝާނެކެވެ. އެތަން ހަލާކު ކޮށްލުމުގެ ގަސްތެއް ނެތްކަން އެކަމުން ދޭހަވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ދެތަން ގުޅާލާނަމަ އޮތް އެންމެ ބޮޑު ބިރަކީ ރިއެކްޓަރުތައް ފިނިކުރާ ނިޒާމަށް ބޭނުންވާ ފެން ފުދޭވަރަށް ނުލިބި ފިނިކުރާ ނިޒާމް މަސައްކަތް ނުކޮށްފާނެތީ އެކަމުގެ ބިރެވެ.

މިކަމުގައި އައި.އޭ.އީ.އޭ އިން ބުނަނީ ކީކޭ؟

* އެފަރާތުގެ ވަރަށް ބޮޑު ކަންބޮޑުވުން އެބަހުއްޓެވެ. މިދިޔަ ހަފްތާގައި އެސޯސިއޭޓަޑް ޕްރެސްއަށް ދެއްވި އިންޓަރވިއު އެއްގައި އައި.އޭ.އީ.އޭގެ ޑައިރެކްޓަރ ޖެނެރަލް ރަފައެލް މަރިއާނޯ ގްރޮސީ ވަނީ ޒަޕޮރީޒިއާ ނިއުކްލިއަރ ޕްލާންޓްގެ ކަންކަން ވަނީ މުޅިން ކޮންޓްރޯލުން ބޭރުވެފަ ކަމަށް ވިދާޅުވެފައެވެ. އަދި ރައްކާތެރި ކަމުގެ ގޮތުން ހިފަހައްޓަން ޖެހޭ ހުރިހާ އުސޫލުތަކަކާ ޚިލާފުވެފައިވާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

* އަންގާރަ ދުވަހު ނެރުއްވި ބަޔާނެއްގައި ގްރޮސީ ވަނީ ޒަޕޮރީޒިއާ ނިއުކްލިއަރ ޕްލާންޓްގެ ހާލަތު އދ ގެ ސަލާމަތީ މަޖިލީހަށް ކިޔާދެއްވަން ތައްޔާރުވަމުންދާ ކަމަށް ވިދާޅުވެފައެވެ.

* އައި.އޭ.އީ.އޭގެ އިންސްޕެކްޝަން ޓީމެއް އެތަނަށް ފޮނުވަން މަސައްކަތް ކުރާތާ އެތައް މަހެއް ވަނީ ވެފައެވެ. ނަމަވެސް ކާމިޔާބު ވާނެ ގޮތް ވަނީ ނުވެފައެވެ.

ޒަޕޮރީޒިއާ ނިއުކްލިއަރ ޕްލާންޓް ގޮވައިފިނަމަ ވާނީ ކިހިނެއް؟

* މާހިރުން ވިދާޅުވާ ގޮތުގައި އެއީ ނުވާނެ ކަމެއް ނޫން ނަމަވެސް ގޮވާފާނެ ކަންވެސް ޔަގީން ކަމާއެކު ބުނާކަށް ނޭގެއެވެ.

* ހަނގުރާމައެއް ކުރިޔަށްދާއިރު ވާނެ ގޮތެއް ނޭގޭ ކަމަށާއި އެތައްކަމެއް މެދުވެރި ވެގެންވެސް ތަން ގޮވާ ހާލަތަށް ހިނގައިދާނެ ކަމަށް މާހިރުން ވިދާޅުވެއެވެ. ސީދާ ވާނެ ގޮތެއް ބުނަން އެނގޭނީ ގޮވީ ކޮން ސަބަބަކުންކަން އެނގިގެންކަމަށް މާހިރުން ވިދާޅުވެއެވެ.

* ރިއެކްޓަރުތައް ފިނިކުރާ ނިޒާމްގެ ފެނުގެ ނިޒާމަށް ފެން މަދުވެއްޖެނަމަ ހޫނުމިން ގަދަވެ، ނިއުކްލިއަރ ފިއުލް ވިރެން ފަށާނެއެވެ. މީގެ ސަބަބުން ހައި ޕްރެޝްރެއް އުފެދި ރިއެކްޓަރު ގޮވާނެއެވެ.

* ރިއެކްޓަރު ގޮވުމާއެކު ލޮލަށް ނުފެންނަ ރޭޑިއޯ އެކްޓިވް ބޮޑު ވިލާގަޑެއް ފެތުރިގެން ދާނެއެވެ. މިއާއެކު ވަރަށް ބޮޑު ސަރަހައްދަކުން އެތައްހާސް ބަޔަކު ދުރަށް ގެންދަން ޖެހޭނެއެވެ.

* ރޭޑިއޭޝަން ލީކް އެއްގެ އަސަރު އެތައް އެތައް އަހަރަކަށް ދެމިގެން ދާނެއެވެ.

* ރިއެކްޓަރު ގޮވުމުން އުފެދޭ ނިއުކްލިއަރ ވިލާގަޑު ލޮލަށް ނުފެންނަ އިރު ލީކެއް އުޅޭކަން ދެނެގަންނާނީ ޙާއްސަ ސެންސިޓިވް އާލާތްތައް ބޭނުން ކޮށްގެންނެވެ.

* ރިއެކްޓަރ ގޮވައިފިނަމަ އިންސާނުންނަށް ކުރިމަތިވާނެ ސިއްހީ މައްސަލަތަކަކީ "އެކިއުޓް ރޭޑިއޭޝަން ޕޮއިޒަނިންގ" ނުވަތަ ރޭޑިއޭޝަން ވިހަވުން، އަދި އެކި ކަހަލަ ކެންސަރުތައް ޖެހުމެވެ. ކެންސަރު ފެންނަން ފަށާނީ ފަހުންނެވެ. ނަމަވެސް ރޭޑިއޭޝަންއަށް ހުށައެޅޭ ނިސްބަތުން އަވަސް ވެސް ވެދާނެއެވެ.

* މިސާލަކަށް ޗެރޮނޮބީލް ޕްލާންޓްގައި ރޯވުމުން އެތަން ނިއްވުމުގެ މަސައްކަތުގައި ސީދާ އުޅުނު މީހުން ތިބީ ވަރަށް ބޮޑަށް ރޭޑިއޭޝަންއަށް ހާމަވެފައެވެ. އެހެންކަމުން ދެތިން ގަޑިއިރު ތެރޭވެސް އެމީހުންގެ ހަށިގަނޑަށް ވަނީ ރޭޑިއޭޝަންގެ އަސަރު ކުރަން ފަށާފައެވެ.

* މިހާ ބޮޑަށް ރޭޑިއޭޝަންއަށް ހުށައެޅިފައި ނުވާ މީހުން ވެސް "ރޭޑިއޭޝަން ވިހަ" ވާނެއެވެ. ނަމަވެސް ފަރުވާ ދެވިއްޖެ ނަމަ އެމީހުން ވިހައިން ސަލާމަތް ކުރެވިދާނެ އެވެ.

* ރޭޑިއޭޝަންގެ މަދު މިންވަރަކަށް ހަށިގަނޑު ހުށައެޅޭ މީހުންނަށް ވެސް އެކި ކަހަލަ ކެންސަރުތައް ޖެހޭނެ އެވެ. މިކަން ދެތިން އަހަރު ނުވަތަ ދިހަ އަހަރު ފަހުންވެސް ކުރިމަތި ވެދާނެއެވެ.

ޔޫކްރެއިން ނިއުކްލިއަރ ޕްލާންޓް - ރޮއިޓާރސް

ދެން ވެދާނެ އަނެއް ގޮތަކީ ކޮބާ ހެއްޔެވެ؟

ރިއެކްޓަރެއް ގޮވުމަށް ވުރެ މާހިރުން ކަންބޮޑުވަނީ އެތަނުގައި އަލިފާން ރޯވެދާނެތީ އެވެ. މިހެން ދިމާވާނީ ރިއެކްޓަރުތައް ފިނިކުރުމަށް ބޭނުންކުރާ ފެން ފުދޭވަރަށް ނުލިބި، ފެންކެނޑި މިފަދަ ގޮތެއް ދިމާވުމުންނެވެ. ފެންމަދުވެދާނެ އެއްގޮތަކީ ދެވަނަ ޕްލާންޓް އަކާ ގުޅާލުމަށް ކުރާ މަސައްކަތުގެ ތެރޭންނެވެ. ނިއުކްލިއަރ ޕްލާންޓެއްގައި ރޯވުމުންވެސް މައިގަނޑު ކަންބޮޑުވުމަކީ ރޭޑިއޭޝަން ލީކް ވުމެވެ.

* އެތަނުން ކޮންމެ ގޮތަކުން ނަމަވެސް ރޭޑިއޭޝަން ބޭރުވުމަކީ ވަރަށް ވެސް ނުރައްކާތެރި ކަމެއްކަމަށް ކަމުގެ މާހިރުން ފާހަގަ ކުރައްވައެވެ.

* އެންމެ ކަންބޮޑުވާން ޖެހޭ ކަމަކީ ރޭޑިއޭޝަން އާވި ނުވަތަ ވިލާގަދު ދާނެ ދިމާލެއް ނޭންގޭތީއެވެ. ވަޔާ މޫސުން ހުންނަ ގޮތަކުން ވިހަ "ޕްލިއުމް" ކޮންމެ ދިމާލަކަށްވެސް ފެތުރިދާނެއެވެ.

* ޒަޕޮރީޒިއާ ނިއުކްލިއަރ ޕްލާންޓް ހުރީ ޔޫރަޕް ބައްރުގެ މެދު ތެރޭގައި ކަމުން ކޮންމެ ދިމާލަކަށް ވިލާގަނޑު ފެތުރު ނަމަވެސް ޔޫރަޕްގެ ކޮންމެވެސް ގައުމެއްގެ ކޮންމެވެސް ބަޔަކަށް އެކަމުން ވަރަށް ބޮޑަށް އަސަރުކޮށް ގެއްލުން ލިބޭނެއެވެ.

* އެހެން ނަމަވެސް މާހިރުން ވިދާޅުވަނީ ޕްލާންޓްގައި ގޮވުމެއް ހިނގުމުން ސީދާ ކަންތައް ވާނެގޮތެއް މިވަގުތު އަދި ބުނަން ނޭންގޭ ކަމަށެވެ.

* މިވަގުތު ޔަގީން ކަމާއެކު އެނގޭ ކަމަކީ އެތަނާ ކައިރީ ހަނގުރާމައިގެ ހަމަލާތައް ބަދަލު ކުރެވެމުން ދާނަމަ އެތަނަށް ގެއްލުމެއް ލިބުމުގެ ފުރުސަތު ވަރަށް ބޮޑުކަމެވެ.

ރޭޑިއޭޝަން ލީކްއެއް ހިނގައިފިނަމަ ދެންވާނީ ކިހިނެއް؟

* ނިއުކްލިއަރ ޕްލާންޓެއްގައި ގޮވުމެއް ހިނގައިފި ނަމަ ހޮސްޕިޓަލްތަކަށް ވަރަށް ބޮޑަށް ބާރު ބޮޑުވެގެން ދާނެއެވެ. އަދި ފަރުވާ ދޭންޖެހޭ މީހުން ގިނަވުމުގެ ސަބަބުން ގިނަ ބަޔަކު ފަރުވާއިން މަހްރޫމްވާން ވެސް ޖެހިދާނެއެވެ.

* މާހިރުން ވިދާޅުވާ ގޮތުގައި އަސްލު ރޭޑިއޭޝަންއަށް ހުށަނޭޅުނު ނަމަވެސް ކަންބޮޑުވެ ހާސްވުމުގެ ސަބަބުން ނަފްސާނީ ހާލަތު ބަދަލުވެ އެފަދަ އަލާމާތްތައް ފެންނަހެން ހީވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

* ނިއުކްލިއަރ ގޮވުމެއް ހިނގުމުން އެއްފަހަރާ ގިނަ އަދަދެއްގެ ބަޔަކު އެހެން ތަންތަނަކަށް ބަދަލު ކުރަން ނުވަތަ ބަދަލުވާން އުޅުމުން ކުރިމަތިވާނެ ކަންކަން ކުރިމަތިވާނެއެވެ.

* ބައެއް މީހުންނަށް ހަގީގީ ރޭޑިއޭޝަނަށް ވުރެ އެކަމުގެ ބިރުން ހަށިގަނޑަށް ކުރާ އަސަރު މާ ބޮޑުވާނެއެވެ.

* ސަރުކާރުތަކަށް ފުރަތަމަ ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ހޮސްޕިޓަލްތަކަށް ބާރު ބޮޑުވުން ހައްލު ކުރުމެވެ.

* ނިއުކްލިއަރ ޕްލާންޓެއްގައި ގޮވުމެއް ހިނގައިގެން ނަމަވެސް އަދި ނޫނީ އަލިފާން ރޯވެގެން ނަމަވެސް ރޭޑިއޭޝަން ލީކުވެއްޖެ ނަމަ ކުރިމަތިވާނީ ހުރިހާ ގޮތަކުން ބެލިއަސް ދިގު ދެމިގެންދާނެ ކާރިސާއެކެވެ. ހައްލު ކުރަން އުދަނގޫ ބޮޑެތި ލޮޖިސްޓިކް އަދި އެހެންވެސް މައްސަލަތައް ކުރިމަތިވާނެއެވެ.  

* ނިއުކްލިއަރ ޕްލާންޓްއަކުން ބޭރުވާ ރޭޑިއޭޝަންގެ ސަބަބުން މީހާ ވަގުތުން މަރުވެގެން ނުވެއްޓޭނެ ކަމަށް މާހިރުން ވިދާޅުވެއެވެ. ނަމަވެސް އެއްފަހަރާ އެތައްހާސް ބަޔަކު ބަލިވުމާއި އަދި ނަފްސާނީ ގޮތުން ކުރާ އަސަރުގެ ސަބަބުން ލިބޭ ގެއްލުން މާ ބޮޑުވާނެ ކަމަށް މާހިރުން ވިދާޅުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް