އެމްއީއެސް ކުރީގައި ހިންގި ޢިމާރާތް އަދި މިހާރު އިއްޒުއްދީން ސްކޫލް ހިންގާ އިމާރާތް އެއްވެސް ބޭނުމެއް ނުކުރުމަށް މިހާރުން މިހާރަށް ދައުލަތުގެ މައްޗަށް އަމުރެއްކޮށްދިނުމަށާއި، މިހާރު ކިޔަވަމުން އަންނަ ދަރިވަރުންގެ އިތުރުން ދަރިވަރަކު ނުވެއްދުމަށް އެދުނު އަމުރު ނެރެނުދިނެވެ.
މިގޮތަށް އަމުރު ނެރެދިނުމަށް އެދިފައިވަނީ މަންދު ކޮލެޖްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލައިގައި، ބުރާސްފަތި ދުވަހު އެ ކޯޓުން ނެރުނު އަމުރުގައެވެ. ކުރީގެ އެމްއީއެސް ހިންގި އިމާރާތުގައި މަންދުކޮލެޖް ހިންގަނިކޮށް އެތަން އެކޮލެޖުން އަތުލާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުއެވެ.
އެމްއީއެސް ކުރިން ހިންގި އިމާރާތުގައި މަންދު ކޮލެޖް ހިންގަމުން އައި މާލެ ހައި ޕްރައިވެޓް ލިމިޓެޑުގެ އަތުން 2015 ވަނަ އަހަރު އެތަން އަތުލީ އިންޓަނޭޝަނަލް ސްކޫލެއް ހިންގާފައި ނުވާ ކަމަށް ބުނެއެވެ. އެހެންނަމަވެސް ހައިކޯޓާއި ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ.
އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާ ކުރެވޭނެ ކަމަށް ވެސް ހުކުމުގައިވެއެވެ. އެކަމާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި މަންދު ކޮލެޖުން އެދެނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ނަގައި ދިނުމަށެވެ. ނަމަވެސް ޑިސްޕިއުޓު މަރުހަލާގައި ދައުލަތުން ވަނީ 15 މިލިއަން ރުފިޔާ ދިނުމަށް އެއްބަސްވެފައެވެ. އޭރު އެޑިއުކޭޝަން މިނިސްޓްރީން އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި އޮތީ މަންދު ކޮލެޖަށް ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭ އެސެސްމަންޓެއް ހަދައިދިނުމަށް އެދިފައެވެ.
އެސެސްމަންޓުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެން ވެސް ނަގައިދެވޭނީ 1.5 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް މަންދުގެ މައްސަލައިގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އެސެސްމަންޓަށް ރިއާޔަތް ކުރުމެއް ނެތި އެއާ ޚިލާފަށް ދައުލަތުން އެއްބަސްވީ ބޮޑު ބަދަލެއް ދިނުމަށެވެ.
ސިވިލް ކޯޓުގެ ނިންމުމާއި ގުޅިގެން އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވާ އިރު، ހައިކޯޓުން ބުނެފައިވަނީ ވަގުތީ އަމުރެއް ނެރެދިނުމަށް މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން އެދިފައިވާ ކަމަށެވެ. އަދި މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން އެދިފައިވަނީ، ޝަރީޢަތުން ފައިޞަލާ ކުރަނިވި ނިހާއީ ޙުކުމެއް މި މައްސަލައިގައި ކުރުމުގެ ކުރިން ނުވަތަ އެފަދަ ޙުކުމެއް ކުރުމާ ހަމައަށް މި މައްސަލައިގެ މައުޟޫޢުގައި ހިމެނޭ އެމް.އީ.އެސް ކުރީގައި ހިންގި ޢިމާރާތުގެ އެއްވެސް ބޭނުމެއް ނުކުރުމަށް މިހާރުން މިހާރަށް ދައުލަތުގެ މައްޗަށް އަމުރެއްކޮށްދިނުމަށާއި، އެމް.އީ. އެސް ކުރީގައި ހިންގި ޢިމާރާތުގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންގެ އިތުރުން ދަރިވަރަކު އެންރޯލް ނުކުރުމަށާއި، އެ ޢިމާރާތަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި އަދި ތިންވަނަ ފަރާތެއްގެ ޙައްޤެއް އެ ޢިމާރާތާ ގުޅިގެން އުފަންވާނޭ ފަދަ އެއްވެސް މުޢާމަލާތެއް އެއްވެސް ހަރާތަކާއެކު ނުކުރުމަށް އަންގައި، މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި މި ކަމާ ގުޅުންހުރި ދައުލަތުގެ އެންމެހައި އިދާރާތަކުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރާ ގުޅިގެން ދައުލަތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން އިސްތިއުނާފުކޮށްފައިވާ ސިވިލް ކޯޓުގެ ޤަޟިއްޔާ ހުށަހަޅާފައިވާ ދަޢުވާގައި ގެއްލުމުގެ ބަދަލު ހޯދުމުގެ އިތުރުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާއާއި ޙަވާލާދީ ވަކި ގޮތަކަށް ޢަމަލުކުރުމުގެ އަމުރަކަށް އެދި ހުށަހަޅާފައިވީނަމަވެސް، މިއީ މި މައްސަލައިގައި ހިމެނޭ އެއްބަސްވުން އުވާލުމާގުޅިގެން އެކަމުގެ ފަރުވާއެއް ހޯދަން އެފަރާތުން ދިވެހިރާއްޖޭގެ ކޯޓުތަކަށް ދިއުމުން ނިހާއީ ދަރަޖަ ލިބިފައިވާ މައްސަލަތަކުގައި ވެސް އެފަރާތުން އެދިފައިނުވާ އާ ކަންތައްތަ ކެއް ގެއްލުމުގެ ބަދަލު ހޯދުމަށް ލިބުނު ޙައްޤެއްގެ ދަށުން ނޭދެވޭނެ ކަމަށާއި، ޢިމާރާތް އަނބުރާ އެ ފަރާތާ ޙާވާލުކުރުމުގެ އަމުރަކަށް އެދުމުގެ ޙައްޤެއް އެފަރާތަށް ނޯންނާނެ ކަމަށާ އި އެ ޙައްޤުގެ މައްޗަށް ބިނާކޮށް އެފަރާތަށް ވަގުތީ އަމުރަކަށް އެދުމުގެ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ނޯންނާނެ ކަމަށެވެ.
އަދި ވަގުތީ އަމުރު ނެރެނުދީފިނަމަ ލިބޭނެ އިޢާދަ ނުކުރެވޭނެ ނުވަތަ ތަދާރުކު ނުކުރެވޭނެ ނުވަތަ ޙިސާބު ނުކުރެވޭނެ ގެއްލުންތަކަކީ ކޮބައިކަން އެފަރާތަށް ސާފުކޮށް ބުނެދެވިފައިނުވާ ކަމަށާއި އަދި ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓަށް ޙަވާލާދީ ފާހަގަކޮށްފައިވާ ނުކުތާތަކަށް ބަލާއިރު، އެމް. އީ. އެސް ކުރިން ހިންގި ޢިމާރާތަކީ މިހާރު ދައުލަތުން ޕަބްލިކް ސްކޫލެއް ހިންގަމުންދާ ޢިމާރާތަކަށް ވެފައި އެ ސްކޫލަށް އިތުރު ދަރިވަރުން އެންރޯލް ނުކުރުމަށާއި އެ ސްކޫލުގެ ޢިމާރާތަށް ބަދަލެއް އަންނަފަދަ ކަމެއް ނުކުރުމަށާއި މިފަދަ މޭރުމަކުން ނެރޭ ވަގުތީ އަމުރެއް ވެގެންދާނީ އެ ސްކޫލުގައި ކިޔަވަ މުންދާ ނުވަތަ ކުރިއަށް އޮތް ތަނުގައި ކިޔަވާނެ ދަރިވަރުންގެ މަޞްލަޙަތަށް ވަރަށް ބޮޑު އުނިކަމެއް ލިބިގެންދާނެ ކަމެއް ކަމަށްވާތީ މި މައްސަލައިގައި އެދިފައިވާ ވަގުތީ އަމުރަކީ ކޯޓުން ނެރެދޭންޖެހޭ އަމުރެއް ނޫން ކަމަށް ދައުލަތުން ދެކޭ ކަމަށެވެ.
ހައިކޯޓުގެ އަމުރުގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ޤަޟިއްޔާ ނިންމާފައިވާ ގޮތާމެދު ހިތްހަމަ ނުޖެހިގެން މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ މައްސަލަ ބަލަމުންދާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގެ ތެރެއިން މި ފަދަ ވަގުތީ އަމުރެއް ނެރެދިނުމަށް އެދުމުގެ ސިފަތު މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވިއަސް، މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ގާނޫނީގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ގާއިމްވެފައި ނުވާ ކަމަށެވެ. އަދި މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރު ނެރެނުދިނުމުގެ ސަބަބުން އެ ކުންފުންޏަށް މާލީގޮތުން ބަދަލު ނުދެވޭނެ ގެއްލުމަކާ ކުރިމަތި ލާންޖެހިދާނެކަމަށް ނުދެކޭ ކަމަށެވެ.
މި މައްސަލަ ބެލީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލްއާއި، އިސްފަނޑިޔާރު ހާތިފް ހިލްމީ އަދި ފަނޑިޔާރު ފާތިމަތު ފަރްހީޒާއެވެ.