ޕާކިސްތާނަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު 2 ވަނައަށް އެންމެ ފުޅާ ދާއިރާއެއްގައި ސައި އިމްޕޯޓް ކުރާ ގައުމު

2020 ވަނަ އަހަރު އެކަނިވެސް، ޕާކިސްތާނުން ވަނީ 590 މިލިއަން ޑޮލަރު، ސައިގެ އިމްޕޯޓަށް ޚަރަދުކޮށްފައި
ހީނަރުވަމުންދާ ބޭރު ފައިސާގެ ރިޒާވް ތިޔާގިކުރުމަށްޓަކާ އިމްޕޯޓް ބިލް ހެޔޮ ކުރުމުގެ ގޮތުން، ސައި ބޯ މިންވަރު މަދު ކުރުމަށް ޕާކިސްތާން ސަރުކާރުގެ އިސް ވަޒީރަކު ދެއްވި އިރުޝާދާއެކު އެ ގައުމުގެ އާންމުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިއްޖެއެވެ.
ޕާކިސްތާނުގެ މިނިސްޓަރ ފޮރ ޕްލޭނިންގް އެންޑް ޑިވަލޮޕްމަންޓް، އަހްސަން އިގްބާލް ވަނީ، ޕާކިސްތާނުގައި ސައި ބޮއެ އުޅޭ މީހުން، ދުވާލެއްގެ މައްޗަށް ސައި ބޯ މިންވަރުން 2 ޖޯޑު ނުވަތަ 1 ޖޯޑު މަދުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ވަޒީރު ވަނީ އިގުތިސާދީ ކާރިސީ އަނދަވަޅަކަށް ގައުމު ވެއްޓުނަ ނުދީ ނެގެހެއްޓުމަށް، ޕާކިސްތާނުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށްވެސް އެ ގައުމުގެ އާންމުންނަށް ގޮވާލައްވާފައެވެ.
ޕާކިސްތާނުގެ ބޭރު ފައިސާ ރިޒާވްގައި މިހާރު ހުރީ އެންމެ 9.2 ބިލިއަން ޑޮލަރު ކަމަށްވާ އިރު، އެ ފައިސާއިން އިމްޕޯޓް ބިލް ކެނޑޭނީ ގާތްގަނޑަކަށް 45 ދުވަހުގެ މުއްދަތަކަށެވެ.
ސައި ބޯ މިންވަރު ކޮންޓްރޯލް ކުރަން ލަފާދީފައިވާ އިރު، އެކަމަށް ތާއީދު ކުރާ ބަޔަކުވެސް އުޅެއެވެ.
ނަމަވެސް އެއީ ހުރިހާ ރައްޔިތުންގެ ފިކުރެއް ނޫނެވެ. އިގުތިސާދު ހެޔޮ ފާލަކަށް އެޅުނު ކަމުގައި ވީ ނަމަވެސް، ހަގީގީ ހާލަތު އިންތިހާ ގޯސް ކަމަށް ގަބޫލު ކުރާ މީހުންވެސް ޕާކިސްތާނުގައި އެބަތިއްބެވެ. އަދި ހަގީގީ މަންޒަރު ފަހުމް ނުވާ މީހުންވެސް އެހާމެ ގިނައެވެ.
ބައިނަލްއަގުވާމީ ޑިޖިޓަލް އިގުތިސާދުގެ ތަފާސް ހިސާބުތައް ފޯރުކޮށްދިނުމުގެ ރޮނގުން އިތުބާރު ހޯދާފައިވާ ސްޓެޓިސްޓަރ ޑޮޓް ކޮމްގައިވާ މައުލޫމާތަށް ބަލާއިރު، 2020 ވަނަ އަހަރު އެކަނިވެސް، ޕާކިސްތާނުން ވަނީ 590 މިލިއަން ޑޮލަރު، ސައިގެ އިމްޕޯޓަށް ޚަރަދުކޮށްފައެވެ. 220 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ޕާކިސްތާނަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު 2 ވަނައަށް އެންމެ ފުޅާ ދާއިރާއެއްގައި ސައި އިމްޕޯޓް ކުރާ ގައުމެވެ.
މި ދަނޑިވަޅަކީ ޕާކިސްތާނަށްވެސް އިގުތިސާދީ މައްސަލަތަކެއް ކުރިމަތިވެ، ކާބޯތަކެއްޗާއި ތެލާއި ގޭހުގެ އަގު އުފުލެމުން ދާ ދަނޑިވަޅެކެވެ. އިގުތިސާދު ހަމައަކަށް އެޅުވުމުގެ ނަމުގައި ޕާކިސްތާނުގެ ސަރުކާރުންވަނީ ލަގްޒަރީ ބައެއް އުފެއްދުންތައް އެ ގައުމަށް އިމްޕޯޓް ކުރުންވެސް މަނާ ކޮށްފައެވެ.
ކަން މިހެން އޮތް އިރު، ސައިތައްޓެއްގެ މިންވަރުން އިގުތިސާދީ މިސްރާބު ބަދަލު ކުރެވިދާނެ ތޯ، މިއީ އަދިވެސް ކުރެވޭ ބޮޑު ސުވާލެކެވެ.