ކ. މާލެ
|
14 ޖޫން 2022 | އަންގާރަ 15:01
އޮންލައިން ޖުވާ- މިއަދު ގިނަ ބަޔަކު މި ގޭމް ކުޅުމަށް ވަނީ ދެވިހިފާފައި
އޮންލައިން ޖުވާ- މިއަދު ގިނަ ބަޔަކު މި ގޭމް ކުޅުމަށް ވަނީ ދެވިހިފާފައި
ރާއްޖެއެމްވީ
އޮންލައިން ޖުވާ ކުޅުން
ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
 
ޖުވާ ކުޅުމަކީ ދީނުގައި ކަނޑައެޅިގެން ހަރާމް ކަމެއް
 
އެއްޗަކީ ބެޓު ކުރުން، ރެއެއްގެ މައްޗަށް އެތައް ފައިސާއެއް ޚަރަދު ކުރޭ
 
ޖުވާ ކުޅެނީ ފާޅުގައި، އިންތިޒާމު ކުރަނީ ފާޅުގައި

އޮންލައިން ޖުވާގައި ދިވެހިން މިއަދު ތަޅާ ބުރުއްސަމުން ގެންދަނީ އަސްލު ފައިސާއެވެ. ބައެއް މީހުންގެ މަހު މުސާރައެވެ. އަނެއްބައި މީހުންގެ ވިޔަފާރީގެ ނަފާ ނުވަތަ ވިޔަފާރީގެ ބޭނުމަށް ރައްކާކޮށްފައި ހުރި ފައިސާއެވެ.

އަނެއްބައި މީހުން އެހެން މީހުން އަތުން ލޯނު ނަގައިގެންވެސް އޮންލައިން ޖުވާގައި އެއްލާރި ދެލާރިއަށް ހެދޭތޯ މަސައްކަތް ކުރަނީއެވެ.

ރާއްޖޭގައި އޮންލައިން ޖުވާ ޓޭބަލްތައް ހިންގާ މީހުންވެސް އެކަން ކުރަނީ ވަރަށް އިންތިޒާމު ކޮށްގެންނެވެ. ބައެއް ޓޭބަލްތަކުގައި، އެރެއަކު ބެޓްކޮށްގެން "ޕޯކަރ ގޭމް" އިން މޮޅުވާ މީހަކަށް ޕީސީއެކްސް ސައިކަލާއި، މޮޅެތި ސްމާޓްފޯނު ލިބެން ހުރެއެވެ. ނޫނީ ފައިސާގެ އަދަދުތައް ހުރެއެވެ. ބޭނުމަކީ ޓޭބަލްތަކަށް މީހުން "އެޓްރެކްޓް" ކުރުވުމެވެ. އޭގެ ސަބަބުތައްވެސް މަދެއް ނޫނެވެ.

ޓޭބަލް ހިންގާ މީހުންނަށްވެސް އެ ޓޭބަލްއަކަށް މީހުން ގުޅި ކުޅެމުންދާއިރު ލިބޭ ޕޮއިންޓްސް ފައިސާގެ ގޮތުގައި ނެގެއެވެ. ބައެއް މީހުންނަށް ރެއެއްގެ މައްޗަށް 30،000ން މަތިން އެންމެ ޓޭބަލްއެއް ހިންގައިގެން ލިބެއެވެ. ބައެއް މީހުންނަށް އެޔަށްވުރެ އެތައް ގުނަ ބޮޑެތި އަދަދުތަކުން ލިބެއެވެ.

ޖުވާ ކުޅެނީ ފާޅުގައި، އިންތިޒާމު ކުރަނީ ފާޅުގައި:

ޓޭބަލްތައް ހިންގާ މީހުން އެކަން ކުރަނީ ސިއްރަކުންވެސް ނޫނެވެ. ފާޅުގައި ކޮންމެ ޓޭބަލްއެއްގައި އެ ޓޭބަލް ހިންގާ މީހާގެ ނަމާއި، އެކައުންޓް ނަންބަރު ފެންނަން އޮވެއެވެ. ޑޮލަރު އެކައުންޓާއި ދިވެހި ރުފިޔާ އެކައުންޓެވެ. ބައެއް ކެފޭ ރެސްޓޯރަންޓުތަކުގައި ތިބެގެން ލައިވް ކެސިނޯ ކުރިއަށް ގެންދަންވެސް ޓޭބަލްތަކުން ފުރުސަތު ހުޅުވާލައެވެ.

އޮންލައިން ޖުވާ- މިއަދު ގިނަ ބަޔަކު މި ގޭމް ކުޅުމަށް ވަނީ ދެވިހިފާފައި - ރާއްޖެއެމްވީ

މިކަން ފުޅާވެ، މިހާރު ޓޭބަލްތައް ހިންގަނީ އެކަމަށް ޚާއްސަކޮށް ކުދިންނަށް ވަޒީފާދީ، ލެޕްޓޮޕާއި، ބޭނުންވާ އާލަތްތައްވެސް ފޯރުކޮށްދީގެންނެވެ. 24 ގަޑިއިރު ޓޭބަލްތައް ހިންގާއިރު، އެތައް ބަޔަކާ މުއާމަލާތު ކުރުމާއި، ފައިސާ ފޮނުވުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ އެންމެ ފަސޭހަ ގޮތަކީ އެކަމަށް ޚާއްސަކޮށް ބަޔަކު ބޭތިއްބުން ކަމަށް ވާތީއެވެ.

މި ގޭމް ކުޅުމަށްޓަކައި ވަޓްސްއަޕްއާއި ވައިބަރ ގްރޫޕުތައް ހިންގަން ޖެހެއެވެ. ކޮންމެ ޓޭބަލްއަކަށްވެސް ވަދެވޭނީ ވަކި ކޯޑެއް ޖަހައިގެންކަމަށްވާއިރު، މި ދެންނެވި ގްރޫޕުތަކުގައި ޓޭބަލް ކޯޑުތައް ފެންނަން ހުރެއެވެ. ޓޭބަލް ހިންގާ ފަރާތުން އެކްސެޕްޓް ކުރުމުން އެހިސާބުން ޓޭބަލްއަށް ޖޮއިން ވެވެއެވެ. ޖޮއިން ވުމުން، ފޯނުގައި ހިމެނޭ ޕޮކަރ އެޕްލިކޭޝަނުން އެ ޓޭބަލް ފެނެއެވެ.

އޭގައި ޓޭބަލްއަށް ޖޮއިން ކުރުމަށް ފައިސާ ފޮނުވަންވީ އެކައުންޓުތަކާއި، ވައިބަރ ކުރަންވީ ނަންބަރަށް ދާންދެން ފެންނަން އޮވެއެވެ.

އޮންލައިން ޖުވާ- ޓޭބަލްއަށް ޖޮއިން ކުރުމަށް ފައިސާ ފޮނުވަންވީ އެކައުންޓުތަކާއި، ވައިބަރ ކުރަންވީ ނަންބަރަށް ދާންދެން ފެންނަން އޮވޭ

ސްލިޕް ފޮނުވާލުމަށްފަހު އެމީހެއްގެ ޕީޕީ ޕޮކަރ އައިޑީ ޓޭބަލް ހިންގާ މީހުންނަށް ފޮނުވާލުމުން، އެ އައިޑީއަކަށް ޕޮކަރ ކޮއިންސް ލިބިގެންދެއެވެ.

އެއްޗަކީ ބެޓް ކުރުން، ރެއެއްގެ މައްޗަށް އެތައް ފައިސާއެއް!

ޓޭބަލްތައް ހުންނަނީ އަގުކޮށްފައެވެ. -/2.5 ގެ ޓޭބަލް، -/5 އާއި، -/10 ގެ ޓޭބަލްއިން ފެށިގެން ގޮސް، -/1000ން މައްޗަށް ޓޭބަލްގެ އަގުތައް ދެއެވެ. މާނައަކީ މިސާލަކަށް -/10 ގެ ޓޭބަލްއެއްގައި 1000 ރުފިޔާ އިންވެސްޓްކޮށްގެން މީހަކު އޮންލައިން ޖުވާ ކުޅޭނަމަ، އޭނާއަށް ޓޭބަލްއިން 100 ޕޮކަރ ކޮއިން ލިބެއެވެ. އެ 100 ޕޮކަރ ކޮއިންއިން ލިބޭ ފައިދާ 10 ގުނައަށް އޭނާއަށް ލިބުމުގެ ފުރުސަތު އޮވެއެވެ.

އެހެންނަމަވެސް ބަލިވެއްޖެނަމަ، އޭނާ އިންވެސްޓްކުރި 1000 ރުފިޔާ އެ ދިޔައީ ވަޔަށެވެ. އެކަމަށް މަދު ސިކުންތު ކޮޅެއްވެސް ނުނަގައެވެ. ކުރެވޭ އެންމެ ބެޓަކުން އިންވެސްޓްކުރި ހުރިހާ ފައިސާއެއް އެއްކޮށް ގެއްލިގެން ދާނެއެވެ. އެގޮތަށް ރެއެއްގެ މައްޗަށް 10،000 ން މަތިން އިންވެސްޓްކުރާ މީހުންވެސް މަަދެއް ނޫނެވެ.

އެވަރުންވެސް މީހުން އެހާ ބޮޑަށް މި ގޭމަށް ދެވި ހިފަނީ މިއީ ފަސޭހައިން، ގިނަ ލާރި ހެދޭނެ މަގަކަށްވާތީއެވެ. ނަމަވެސް އެއީ ލޮލުގައި އެޅުވޭ އަނދުނެކެވެ.

މިސާލަކަށް އެއްކަލަ 100 ޗިޕް ކޮއިންއިން ބެޓްކޮށްގެން 350 ކޮއިންއަށް އިތުރު ކުރެވުނަސް، އެ ވީ ކުޑަ ވަގުތުކޮޅުގެ ތެރޭގައި އޭނާއަށް ލިބެނީ 3500 ރުފިޔާއެވެ. އެންމެ ހާހެއް އިންވެސްޓްކޮށްގެން 3500 ހޯދޭނެ މަގު ފަހިވުމަކީ ގިނަ ދިވެހިން މި ގޭމަށް ދެވިހިފާ ސަބަބެވެ. އެހެން ގޮތަކަށް ބުނާނަމަ، މިއީ "ކުއިކް މަނީ" ކަމުގައި ބައެއް ފަރާތްތަކަށް އޮންނަނީ ޤަބޫލު ކުރެވިފައެވެ. ނަމަވެސް ގެއްލިގެންދާ ވަގުތުގައި ގެއްލިގެންދަނީވެސް މަދަކުން ނޫނެވެ. ޖުވާ ކުޅުން ހަރާމް ވަނީވެސް އެހެންވެ ނޫންތޯއެވެ؟

އޮންލައިން ޖުވާ- ކެފޭތަކާއި ރެސްޓޯރަންޓުތަކުގައި ތިބެވެސް ގިނަ ބަޔަކު މި ގޭމް ކުޅޭ - ރާއްޖެއެމްވީ

ކިރިޔާވެސް އަތުގައި ފައިސާ ހުންނަ މީހެއްނަމަ، އެންމެ ޓޭބަލްއަކަށް ރެއެއްގެ މައްޗަށް 20،000ން މަތިން ޚަރަދުކޮށްލައެވެ. ބައެއް ފަހަރު އެ 20،000 ރުފިޔާ ބައިލައްކައަށް ހަދައެވެ. ބައެއް ފަހަރު ގެއްލުނު ފައިސާއާ ދޭތެރޭގައި ވިސްނަން އޮވެ، މީހާ ބޮޑު މާޔޫސްކަމެއްގެ ތެރޭގައި ނިދާލަން ޖެހޭ ރޭރޭވެސް މަދެއް ނޫނެވެ. 

މި ގޭމްތަކުގައި އޮންނަނީ "އިންސްޓެންޓް ކޭޝްއައުޓް" ކޮށްލެވޭ ގޮތަށެވެ. މާނައަކީ އޭނާ ބޭނުންވާ ވަރަށް ފައިދާ ލިބުމުން، ވަގުތުން ޓޭބަލްއިން ވަކިވެ، އޭނާގެ ކޮއިންސްގެ އަދަދަށްވާ ފައިސާ އޭނާއަށް ޓްރާންސްފަރ ކޮށްލާނެއެވެ. މިގޮތަށް ރެއެއްގެ މައްޗަށް އެތައް ބަޔަކު ޓްރާންސެކްޝަންތައް ހަދާއިރުވެސް ބޭންކްތަކަށްވެސް ހިލަމެއް ނުވޭތޯ މިއީ އުފެދޭ ސުވާލެކެވެ.

މުއައްސަސާތަކުގެ ވެރިންވެސް ޖުވާ ޓޭބަލްތަކުގައި:

ރާއްޖެއެމްވީން ބެލި ބެލުމުން އެނގިފައިވާ ގޮތުގައި ބައެއް ފަހަރު ބޭންކުތަކުން ޝައްކު ކުރެވިގެން ބައެއް މީހުންގެ އެކައުންޓުތައް ހޯލްޑްވެސް ކުރެއެވެ. ނަމަވެސް އެކަށީގެންވާ ފިޔަވަޅު އެކަންކަމަށް މިހާތަނަށްވެސް އެޅިފައެއް ނުވެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މަތީ ފަންތީގެ ބޭފުޅުންނާއި، ޒިންމާދާރު މަޤާމުތަކުގައި ތިއްބެވި ފަރާތްތަކުންވެސް އޮންލައިން ޖުވާ ކުޅެއެވެ. ބައެއް ޕޮލިސް އޮފިސަރުންވެސް މި ގޭމް ކުޅޭކަން ރާއްޖެއެމްވީން ބެލި ބެލުމުން އެނގިފައިވެއެވެ.

މީގެ ކުރިންނަމަ، އަވައްޓެރި ކޮލަމްބޯގެ ކެސިނޯތަކަށް ދިވެހިންވެސް ގޮސް ޖުވާ ކުޅެ އުޅެއެވެ. މީގެ ވިއްސަކަށް އަހަރުން ފެށިގެން އެކަންކަން ހިނގަމުން އައި ނަމަވެސް މިހާރު ޖުވާ ކުޅުމުގައި ލާރި ތަޅާ ބުރުއްސަނީ ގޭގޭގައި ތިބެގެންނެވެ. އޮފީސްތަކުގައި ތިބެގެންނެވެ.

ދިވެހިން އޮޕަރޭޓް ކުރާ "ޖުވާ ޓޭބަލް" ގެ އަދަދުވެސް 100ށް ވުރެ ގިނައެވެ. އޭގެ ތެރޭގައި އަތޮޅު ތެރެއިންނާއި، މާލެއިން އޮޕަރޭޓްކުރާ ޓޭބަލްތައްވެސް ބައިވަރެވެ. އޮފީސްތަކާއި، ސުކޫލުތަކާއި، ކޮލެޖު ދަރިވަރުންނާއިި، ޖަލުތަކުގައާއި، މަސްދޯނިތަކުގައިވެސް ބަރާބަރަށް މި ދެންނެވި ޓޭބަލްތަކަށް އަރާ މީހުން އުޅެއެވެ. އޭގެ ތެރޭގައިވެސް ގިނައީ ދެޖިންސުގެ ނޫކަށިފުރައިގެ ޒުވާނުންނެވެ.

އޮންލައިން ޖުވާ- ޓޭބަލްތަކަށް އަރާ މީހުންގެ ތެރޭގައިވެސް ގިނައީ ދެޖިންސުގެ ނޫކަށިފުރައިގެ ޒުވާނުން- ރާއްޖެއެމްވީ
ނަމާދު ގަޑީގަޔާއި ހުކުރު ގަޑީގައި އޮޕަރޭޓްކުރާ ޓޭބަލްތައްވެސް ހުރޭ
ރާއްޖެއެމްވީއަށް މައުލޫމާތު ދިން ފަރާތެއް

ދެން އޮތީ ޤާނޫނުގެ ވާހަކަ:

ޖުވާ ކުޅުމަކީ ސީދާ ވަކި ކުށެއްގެ ގޮތުގައި ޤާނޫނުލްއުޤޫބާތުގައި ނެތް ނަމަވެސް، އިސްލާމް ދީނުގައި ހަރާމް ކޮންމެ ކަމެއް މަނާވާނެކަން ޤާނޫނުގައި ސާފުކޮށް ބަޔާންވެގެންވެއެވެ. އެކަމުގައި ބަހުސެއް ނެތެވެ.

ޖުވާ ކުޅުން ޤާނޫނުލްއުޤޫބާތުގައި ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ މަސައްކަތްވެސް މަޖިލީހުގައި ކުރިއަށް ގެންދެވިފައިވެއެވެ. ޖުވާ ކުޅުމަކީ ޖުނަޙްގެ ތިންވަނަ ދަރަޖައިގެ ކުށްތަކެއް ކަމުގައި ހެދުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ.

އެ އިސްލާހުގައި ވާގޮތުން މި ދަރަޖައިގެ ކުށްތަކުގެ އަސާސީ އަދަބަކީ 4 މަސް ދުވަހުގެ ޖަލު ހުކުމެކެވެ. މި ދަރަޖައިގެ ކުށްތަކުގައި އަދަބު އެންމެ ބޮޑުވާ ހާލަތްތަކުގައި 10 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވޭއިރު، އަދަބު އެންމެ ލުއި ކުރެވޭ ހާލަތްތަކުގައި އެއްމަސް ދުވަހުގެ ޖަލު ހުކުމެއް ކުރެވިދާނެއެވެ. އެ ބިލުގެ މަސައްކަތް ވަކި ހިސާބަކުން ވަނީ ހުއްޓިފައެވެ.

އެހެންނޫނަސްވެސް، މިކަމުން ކުށްވެރި ނުވާނެ ގޮތެއް ނެތެވެ. ސަބަބަކީ ހުއްދަ ނޫން ގޮތުގައި ހޯދާ ފައިސާއިން މަންފާ ހޯދުމަކީ މަނީ ލޯންޑަރިންގ ގެ ތެރެއަށްވެސް ފެއްތޭނެ ކަަަމަކަށްވާތީއެވެ. ދީނުގައި ހަރާމް ކޮށްފައިވާ ކަމަކުން ހޯދާ ފައިސާއަކީ ހުއްދަ ފައިސާއަކަށް ޔަޤީނުންވެސް ނުވާނެއެވެ. އެ ފައިސާ އެކި ބޭނުންތަކަށް ބޭނުންކުރުމަކީ، މަނީ ލޯންޑަރިންގ އަށްވެސް މަގުފަހިވެގެންދާ ކަމެކެވެ.

ދެރައީ މި ކަންކަން ބަލާނެ މުއައްސަސާއެއް ނެތުމެވެ. އޮންލައިން ޖުވާގައި ދިވެހިންގެ ފައިސާތައް ވިއްސިވިހާލި ކުރަމުންދާއިރުވެސް، ޑްރަގްގެ މަސްތަކީ ހުރިހާ ނުބައި ކަމެއްގެ ބައްޕައޭ ބުނެ ނިންމާލައިގެން މުއައްސަސާތައްވެސް ނިދާފައި ތިބީއެވެ. ޑްރަގަށްވުރެ ބިރުވެރި، ނުވަތަ އެއާ އެއްވަރު މަސްތެއްގައި ޖެހި، އެކަންވެސް އަތްނުފޯރާ ހިސާބަށް ދިއުމުން މެނުވީ ފިޔަވަޅެއްވެސް އަޅާނެ ބަޔަކު ނުވާނެތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
12%
6%
48%
15%
6%
13%
ކޮމެންޓް
14 ޖޫން 2022 | އަންގާރަ 18:23
ޕްލަސް
ކޮބާ ފުލުހުން....އިންޓރލިޖެންސް....