ސީ ކޮރިޑޯރއެއް ގާއިމުކޮށް ޔޫކްރެއިންގެ ގޮވާން އެކްސްޕޯޓްކުރެވޭނެ މަގު ފަހިކުރުމަކީ ރަނގަޅު ވިސްނުމެއް ކަމަށް ތުރުކީން ބުނެފިއެވެ.
ތުރުކީއާ ރަޝިއާއާ ދެމެދު މިކަމުގެ މަޝްވަރާތަކެއް ކުރެވިފައިވާއިރު، ދެގައުމުގެ ފޮރިން މިނިސްޓަރުންގެ މަޝްވަރާތަކަށް ފަހު، ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުޓް ކަވުސޮގްލޫއާއި ރަޝިއާގެ ފޮރިން މިނިސްޓަރު ސަރްގެއި ލެވްރޮވް ވަނީ ބުދަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތުރުކީގެ ފޮރިން މިނިސްޓަރު ކަވުސޮގްލޫ ވަނީ، ޔޫކްރެއިނުން ގޮވާން އެކްސްޕޯޓް ކުރުމަށް ސީ ކޮރިޑޯރއެއް ގާއިމުކުުރުމަށް އދ.ން ގެންގުޅޭ ވިސްނުމަކީ ރަނގަޅު ވިސްނުމެއްކަމަށް ވިދާޅުވެ، މިކަން ކުރުމަށް ރަޝިއާއާއި ޔޫކްރެއިނާއެކު އިތުރު މަޝްވަރާތައް ކުރަންޖެހޭނެކަމަށް ވިދާޅުވެފައެވެ.
ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިއާއިން ޔޫކްރެއިންގައި ފެށި ޚާއްސަ އަސްކަރީ އޮޕަރޭޝަނާއެކު ޔޫކްރެއިނުން އެކްސްޕޯޓްކުރާ ގޮވާމުގެ ބާވަތްތަކަށް ވަނީ ބުރޫއަރާފައެވެ. މިއާއެކު އދ.ން ވަނީ ޔޫކްރެއިނާއި ރަޝިއާގެ އިތުރުން ތުރުކީއާއެކު މިކަމަށް ހައްލެއް ހޯދުމަށް މަޝްވަރާތައް ފަށާފައެވެ.
ކަވުސޮގްލޫ ވަނީ އަންކާރާގައި ރަޝިއާގެ ފޮރިން މިނިސްޓަރާއެކު ކުރިއަށް ގެންދެވުނު މަޝްވަރާތަކަކީ ކާމިޔާބު މަޝްވަރާތަކެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި ރަޝިއާއާ ޔޫކްރެއިނާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމާގުޅޭ މަޝްވަރާތައް ކުރިއަށް ގެންދެވުމުގެ އުންމީދު އެބައޮތްކަމަށް ވިދާޅުވެފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ކަވުސޮގްލޫ ވަނީ، ޔޫކްރެއިންގެ ބޯޓުފަހަރަށް އެގައުމުގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ހިފައިގެން ދަތުރުކުރުމަށް ރައްކާތެރި މަގެއް ހޯދައިދިނުމަށް މުޅި ދުނިޔެ ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ރަޝިއާއިން އެގައުމުގެ އުފެއްދުންތައް މާކެޓަށް ނެރުމަށް އެގައުމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ގޮވާލާގޮވާލުމަކީ ބަލައިގަނެވޭ ކަމެއްކަމަށްވެސް ކަވުސޮލްގޫ ވިދާޅުވިއެވެ.
ލެވްރޮވް ވަނީ ޔޫކްރެއިންގެ ގޮވާން ޝިޕްމެންޓްތައް ހިފައިގެން ބޯޓުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެކަމުގެ ޔަގީންކަން ދޭކަމަށާއި، ތުރުކީއާ ގުޅިގެން އެކަން ކުރަން ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައެވެ. ލެވްރޮވް ވަނީ ޔޫކްރެއިންގެ ގޮވާން އެގައުމުން އެކްސްޕޯޓްކުރުމަށް ޔޫކްރެއިނުން ބަނދަރުތައް "ޑި-މައިން" ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. މިއީ ޔޫކްރެއިންގެ ޒިންމާއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޔޫކްރެއިންގެ ގޮވާން އެކްސްޕޯޓްކުރުމަށް އެގައުމުގެ ބޯޓުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގެއް ޔޫކްރެއިނުން ދައްކަންޖެހޭ ކަމަށްވެސް ލެވްރޮވް ވިދާޅުވިއެވެ.
ޔޫކްރެއިނަކީ ދުނިޔޭގެ ބާޒަރަށް އެންމެ ގިނަ އަދަދަކަށް ގޮވާން އެކްސްޕޯޓްކުރާ އެއް ގައުމެވެ. ހުޅަނގުގެ ގައުމުތަކުން ވަނީ ބްލެކްސީއަށް ދަތުރުކުރާ ޔޫކްރެއިންގެ ބޯޓުތައް ދަތުކުރުމުގެ ފުރުސަތު ނުދީ، ޔޫކްރެއިންގެ ބަނދަރުތައް ރަޝިއާއިން ހިފަހައްޓައި، ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަދަދު ދަށްކުރުމަށް ރަޝިއާއިން މަސައްކަތްކުރާކަމުގެ ތުހުމަތުކޮށްފައެވެ. އެހެންނަމަވެސް ރަޝިއާއިން ވަނީ މިކަން ދޮގުކޮށް، ބާޒާރަށް ބަދަލުތައް އަންނަނީ ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންކަމަށް ބުނެފައެވެ.
ލެވްރޮވް ވަނީ މިކަން ހައްލުކުރުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މިކަމުގައި ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީގެ ފަރާތުން އެއްބާރުލުން ނުލިބުންކަން ފާހަގަކުރައްވައި، ޔޫކްރެއިންގެ ބަނދަރުތަކުގައި ހުރި މައިންތަކުގެ މައްސަލަ ހައްލުކުރުމަށް ޒެލެންސްކީ ދެކޮޅުހައްދަވާކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މިކަމުގައި ޔޫކްރެއިނުން ގެންގުޅޭ ވިސްނުން ބަދަލުކޮށްފިނަމަ، ރަޝިއާގެ ފަރާތުން އެއްވެސް މައްސަލައެއް ފެންމަތިނުވެ މިކަންތައް ކުރިއަށްދާނެ ކަމަށް ލެވްރޮވް ވިދާޅުވިއެވެ.
ލެވްރޮވް ވަނީ އަންގާރަ ދުވަހާއި ބުދަ ދުވަހު ކުރެވުނު މަޝްވަރާތަކުގެ ނަތީޖާ ފެންނާނެގޮތަކަށް އިންތިޒާރުކުރައްވާކަންވެސް ފާހަގަކުރައްވާފައެވެ. އަދި މިކަމުގައި ތުރުކީގެ ފަރާތުން ލިބޭ އެއްބާރުލުން ލެވްރޮވް ވަނީ ފާހަގަކުރައްވާފައެވެ.
މީގެކުރިން ތުރުކީން ވަނީ ރަޝިއާ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މަޝްވަރާތައް ކުރުމަށް މެދުވެރިއަކަށް ވުމަށް އެގައުމުން ތައްޔާރަށް އޮތްކަމަށް ބުނެފައެވެ.