Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިންޑިއާ އައުޓް ބެނަރ ނެގުން

"ކޯޓުން އަނެއް ދެ ބާރުގެ އިޙުތިޞާޞްގެ ތެރެއަށް ނުވަންނާނެ"

30 މެއި 2022 | ހޯމަ 11:30

ޤައުމީ ސަލާމަތާއި ގުޅުންހުރި ކަންކަން ނިންމާނީ ކޯޓުތަކަކުން ނޫން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 މެއި 2022 | ހޯމަ 11:30
އިންޑިއާ އައުޓް ބެނަރ ނެގި މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައި

އިންޑިއާ އައުޓް ބެނަރ ނެގި މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައި

އިންޑިއާ އައުޓް ބެނަރ ނެގި މައްސަލައިގެ ޙުކުމާއެކު، އެއް ބަޔަކު ބުނަމުން ގެންދަނީ ޙުކުމުން ދޭހަވެގެން ދިޔައީ އިންޑިއާ އައުޓް ޙަރަކާތް ހިންގޭނެ ކަމެވެ. އަނެއް ބަޔަކު ބުނަމުން ދިޔައީ، އެ ޙުކުމުން ދޭހަވަނީ އިންޑިއާ އައުޓް ޙަރަކާތާ ދެކޮޅަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރަކީ ބާތިލު ޤަރާރެއް ކަމެވެ.

އެހެންނަމަވެސް، މި ޙުކުމަކީ އެއަށްވުރެ ސާފުކޮށް، ސީދާކޮށް އޮތް ޙުކުމެކެވެ.

އަބްދުالله ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ފުލުހުން ތުހުމަތުކުރާ ކުށަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 615 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރުގެ ދަށުން ޢާންމު މަޞްލަޙަތަށް ގެއްލުންހުރި ޢަމަލެއްކުރުމުގެ ކުށުގެ ތުހުމަތެވެ.

އެ ތުހުމަތަށް ބަލާއިރު، އެ ޢަމަލު ހިންގި މީހާ އެ ޢަމަލު ހިންގީ ޢާންމު ތަނެއްގައި ހުރެގެން ކަމަށްވުން ޤާނޫނުން ލާޒިމުކުރެއެވެ. ވުމާއެކު، އެ ޝަރުތު ފުރިހަމަ ނުވާކަން ފަނޑިޔާރުން ފާހަގަކުރެއްވިއެވެ.

ފަނޑިޔާރުން ވިދާޅުވެފައިވާ ގޮތުގައި، 615 ވަނަ މާއްދާގެ ދަށުން މީހަކު ކުށްވެރިވާނީ އާންމު ތަނެއްގައި އެމީހަކު ކުރާ ކުށަކުންކަން އެ މާއްދާއިން ސާފެވެ.

"އާންމު ތަނެއްގައި ހުރި އެއްވެސް މީހަކު، އެ މީހެއްގެ ޢަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގިހުރެ އަންނަނިވި ޢަމަލުތަކުގެ ތެރެއިން  ޢަމަލެއް ކުރާނަމަ އެކުރަނީ ކުށެކެވެ" -ޤާނޫނުލްޢުޤޫބާތު ގެ 615 ވަނަ މާއްދާ

މިސާލަކަށް ދޫވެއްސަކީ އާންމު ތަނެއްކަމަށް ބެލި ނަމަވެސް، މި މައްސަލަ އަދި ފުލުހުންނާ އެއްކޮޅަށް ނިމޭކަށް ނެތެވެ. އެކަމުގެ ސަބަބުތައްވެސް ފަނޑިޔާރުން ވަނީ ސާފުކޮށްދެއްވާފައެވެ.

އެ ވާހަކައާ ގުޅިގެން ފަނޑިޔާރުން ދެއްކެވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ށ) އެވެ. އެގޮތުން ކޯޓު އަމުރެއް ހޯދުމަށްޓަކައި އެދި ހުށަހަޅާއިރު ފުލުހުން ކުރަންޖެހޭ ކަންކަމަށް ބަލާއިރު،އެ ތަނަކަށް ވަދެގެން މެނުވީޙާޞިލުކުރަން ބޭނުންވާ ކަންތައް ފުރިހަމަ ނުކުރެވޭނެކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް އޮތްކަން ބަޔާންކޮށްދޭން ޖެހޭނެކަމަށް އެ މާއްދާގައި ސާފުކޮށް އޮވެއެވެ.

ބެނަރ ނެގުމަށް ބަލާއިރު،"ހޮޅިތަކެއްގައި އާންމު ބޮޑު މަގަކަށް ކުރިމަތިވާހެން އެލުވާފައިވާ  ބެނާ އެގެއަށް ނުވަނެއްކަމަކު، ނަގަން ބޭނުންނަމަ، ނަގައިގެން ގެންދެވިދާނެކަމަށް"ޤަބޫލު ކުރެވޭކަމަށް ފަނޑިޔާރުން ވިދާޅުވެއެވެ. ވީއިރު، ރައީސް ޔާމީނުގެ ގެކޮޅަކީ އާންމު ތަނެއްކަމަށް ބެލި ނަމަވެސް އަދި ފަރުޖެއްސޭކަށް ނެތެވެ.

ފަނޑިޔާރުން ވަނީ ބެނަރ އަކީ ހެއްކެއްކަމަށް ބުނާއިރު، އެ ހެއްކެއް ނެގުމަށް ރައީސް ޔާމީނަށް އެންގެވި އެންގެވުމަކީ ހެކި ނައްތާލުންކަމަށް ނުވާނެތޯ ފަނޑިޔާރުން ކުރެއްވި ސުވާލަށްވެސް އެކަށީގެންވާ ޖަވާބެއް ފުލުހުންގެ ފަރާތުންވެސް ޕްރޮސެކިއުޝަނުންވެސް ދީފައިނުވާކަން ފާހަގަކުރައްވާފައެވެ.

ދެން ފަނޑިޔާރުން ފާހަގަކުރެއްވި އަނެއް ނުކުތާއަކީ ކޯޓު އަމުރު ނެރުއްވުމުގައި ފަނޑިޔާރުގެ ނިންމެވުމަށް ވާސިލުވި ސަބަބު ދަށު ކޯޓުގެ އަމުރުން ސާފު ނުވާކަމެވެ. އެގޮތުން ކޯޓު އަމުރު ނެރުމަކީ ތައްގަނޑަށް އޮބާ އުޞޫލުން ކުރަން އޮންނަކަމެއް ނޫންކަން ފާހަގަކުރައްވައި ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވަނީ، ފަނޑިޔާރު ވަކިގޮތަކަށް ދެކޭކަމަށް ނުވަތަ ބެލެވޭކަމަށް ބަޔާންކުރުމަކުން އަދި އެ މިންވަރުން ނުފުދޭނެ ކަމަށެވެ.

ފަނޑިޔާރު ވަކިކަމަކާމެދު ވަކި ގޮތަކަށް ދެކޭނަމަ ނުވަތަ ފަނޑިޔާރަށް ވަކިގޮތަކަށް ބެލެވޭނަމަ އޭގެ ސަބަބު ބަޔާންކުރަން ޖެހޭނެކަމަށް ހައިކޯޓުގެ ބެންޗުން ދެކިލައްވައެވެ.

ހައިކޯޓުގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން އިސްތިއުނާފު ކުރެއްވި މި މައްސަލައިގެ ފުރަތަމަ މައުޟޫޢުއަކީ، ކުށުގެ ޢަމަލަކަށް ނުފެތޭ ޙާލަތެއްގައި ބަލައި ފާސްކުރުމުގެ އަމުރު ނެރެފައިވާކަމަށް ބުނާ މައުޟޫޢުއެވެ.

ދެވަނަ މައުޟޫޢުއަކީ، ޤާނޫނުއަސާސީގެ ދަށުން ލިބިދީފައިވާ ބައެއް އަސާސީ ޙައްޤުތައް ނިގުޅައިގަނެވޭ ގޮތަށް ބަލައި ފާސްކުރުމުގެ އަމުރު ނެރެފައިވާކަމަށް ބުނާ މައުޟޫއެވެ.

ދެވަނަ މައުޟޫއާ ގުޅިގެންވެސް ފަނޑިޔާރުން ގިނަ ވާހަކަތަކެއް ވަނީ ދައްކަވާފައެވެ.

އެހެންނަމަވެސް، އެއީ މި މަރުޙަލާގައި ހައިކޯޓުން ގޮތެއް ނިންމަންޖެހޭ ނުކުތާއެއް ނޫންކަމުން، އެކަމާ ހައިކޯޓުން ވަކި ގޮތެއް ނިންމަވާފައެއް ނުވެއެވެ.

މި މައުޟޫއަށް ވަކި ގޮތެއް ނުނިންމި ކަމުގައިވީނަމަވެސް، ފަނޑިޔާރުން ވަނީ މި މައުޟޫއާ ގުޅިގެން މުހިއްމު ނުކުތާތަކެއް ފާހަގަކުރައްވާފައެވެ. ފުރަތަމަ ކަމެއްގެ ގޮތުން، ޤާނޫނުއަސާސީގައި ބަޔާންކުރާ ގިނަ ޙައްޤުތަކާއި މިނިވަންކަމަކީ، މުޅިން މުޠްލަޤަށް ދޫކޮށްފައިވާ ޙައްޤުތަކެއް ނޫން ކަމަށާއި، ޤާނޫނުއަސާސީގެ ތެރެއިންނާއި އަދި ޤާނޫނުތައް މެދުވެރިކޮށް އެޙައްޤުތަކާއި މިނިވަންކަމުގައި، އެކި މިނަށް އެކި ގޮތަށް ޙައްދުތަކާއި ހުދޫދުތައް ކަނޑައަޅާފައިވާކަން ފާހަގަކުރެއްވިއެވެ.

އެހެންކަމަށްވުމާއެކު، ކްރިމިނަލް ކޯޓުގެ އަމުރަކީ ޤާނޫނުއަސާސީގައި ބަޔާންކުރާ ޙައްޤުތައް ނިގުޅައި ގަތުމުގެ ގޮތުން ކުރިކަމެއްކަމަށް ބުނެވޭނެ ހަމައެއް ނެތްކަން ފަނޑިޔާރުން ވަނީ ފާހަގަކުރައްވާފައެވެ.

ދެންވެސް ފަނޑިޔާރުން ވަނީ އެ ނުކުތާގައި މުހިއްމު ވާހަކަތަކެއް ދައްކަވާފައެވެ. އެގޮތުން އާންމު މަޞްލަޙަތާއި އަމްނުޢާންމާއި، ޤައުމީ ސަލަމަތާއި ގުޅޭ ގޮތުން ނިންމަންޖެހޭ ނިންމުންތަކަކީ، ކޯޓުގެ އިޚްތިޞާޞުން ބޭރުގައިވާ، ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރުގެ މަސައްކަތެއްކަން ކޯޓުންވެސް ފާހަގަކުރެއެވެ.

ވުމާއެކު، ކޯޓުން އެ ބާރުތަކުގެ އިޙްތިޞާޞް ތެރެއަށް ނުވަންނާނެކަން ވަރަށް ސާފުކޮށް ޙުކުމުގައި އޮތީ ބަޔާންކޮށްފައެވެ.

ދެން އޮތީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމުގެ މައްޗަށް ރައީސް ޔާމީނުގެ ފަރާތްޕުޅުން ދައްކަވާ ވާހަކައަށް ހައިކޯޓުގެ ބެންޗުން ދެކިލައްވާ ގޮތެވެ.

ފަނޑިޔާރުން ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގައި އިންޑިޔާ ސިފައިން ޤާއިމުވެ ތިބުމޭ ކިޔައިގެން އެ ދައްކާ ވާހަކައަކީ، ޙަޤީޤަތެއްގެ މައްޗަށް ބިނާކޮށް ހިންގާ ޖާއިޒު އެންޓި-ބޭސް ޕްރޮޓެސްޓަކަށްވެސް ވެދާނެއެވެ.

ނޫނީ އެއީ ޚިޔާލެއްގެ މައްޗަށް ބިނާކޮށް ސިޔާސީ މަންފާއެއް ހޯދުމުގެ ގޮތުން ހިންގާ ނާޖާއިޒު ޙަރަކާތަކަށްވެސް ވެދާނެ ކަމަށެވެ.

މިދެގޮތްވެސް ކޯޓުގެ ކުރިމަތީގައި އޮތީ އެއް ހަމައެއްގައިކަމަށް ފަނޑިޔާރުން ވިދާޅުވެއެވެ. އެ ދެގޮތުން ކުރެ ވަކިގޮތެއް ކޯޓަކަށް ޚިޔާރެއް ނުކުރެވޭނެކަންވެސް ބަޔާން ކުރެއްވިއެވެ.

ވީއިރު، ހައިކޯޓުގެ ޙުކުމް ވަރަށް ސާފެވެ. ކްރިމިނަލް ކޯޓުގެ އަމުރު ގޯސްވީ އަމުރަށް ވާސިލުވި ސަބަބުތައް ފެންނަން ނެތުމުންނެވެ. އަމުރު ނެރުމަށް ޙަވާލާދެއްވި 615 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން މި މައްސަލައިގެ އަމަލުން ފުރިހަމަ ނުވުމުންނެވެ. އެއްވެސް ޙާލަތެއްގައި އެ އަމުރަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރި ހުރަހެއްކަމަށް ބަޔާންކޮށެއް ނޫނެވެ.

އިންޑިއާ އައުޓްރައީސް ޔާމީންހައި ކޯޓު

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
27 ނޮވެމްބަރު 2025

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި
23 ނޮވެމްބަރު 2025

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި
22 ނޮވެމްބަރު 2025

ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

22 ނޮވެމްބަރު 2025
ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ
20 ނޮވެމްބަރު 2025

ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ

20 ނޮވެމްބަރު 2025
ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ
20 ނޮވެމްބަރު 2025

ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި

20 ނޮވެމްބަރު 2025
ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި
28 އޮކްޓޯބަރު 2025

ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީން އާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އަލުން ބަލަނީ!

28 އޮކްޓޯބަރު 2025
ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީން އާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އަލުން ބަލަނީ!
22 އޮކްޓޯބަރު 2025

އޮރިޔާން ކާޑު އުފައްދައި ގެންގުޅުމާއި، ޤާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާތައް ހިމެނޭހެން އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ޝެއިޚް ނަސްރުﷲ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

22 އޮކްޓޯބަރު 2025
އޮރިޔާން ކާޑު އުފައްދައި ގެންގުޅުމާއި، ޤާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާތައް ހިމެނޭހެން އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ޝެއިޚް ނަސްރުﷲ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
19 އޮކްޓޯބަރު 2025

ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

19 އޮކްޓޯބަރު 2025
ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް