ކ. މާލެ
|
29 މެއި 2022 | އާދީއްތަ 16:12
އިންޑިއާ އައުޓް ބެނަރ ނެގި މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ކުރިއަށް ގެންދިއުން
އިންޑިއާ އައުޓް ބެނަރ ނެގި މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ކުރިއަށް ގެންދިއުން
ރާއްޖެއެމްވީ
"އިންޑިއާ އައުޓް" ބެނަރ ނެގުން
އިންޑިއާ އައުޓް ބެނަރ ނަގަން ކުރި އަމުރު ބާތިލު
ފަނޑިޔާރު ނިޔާޒު ގިނަ ސުވާލުތަކެއް ކުރެއްވި
މި މައްސަލަ ހުށައެޅުއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން
ފުލުހުންނަށް ގިނަ ސުވާލުތަކަށް ޖަވާބުދެވިފައެއްނުވޭ

ބޮޑުތަކުރުފާނު މަގުގައި ހުންނަ, ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ދަމާފައި ހުރި އިންޑިއާ އައުޓް ބޮޑު ބެނަރ ނެގި މައްސަލައިގެ ޙުކުމް ކުރުމުގެ އަޑުއެހުން ކުރިއަށް ގެންގޮސްފިއެވެ.

ޔާމީނުގެ ފަރާތުން ހުށަހެޅުއްވި ފުރަތަމަ ނުކުތާއަކީ އިންޑިއާ އައުޓް ބެނަރ ނެގުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ޖިނާއީ ކުށެއްގެ ރުކުންތައް ފުރިހަމަ ނުވާ އަމަލަކާ ގުޅިގެން ނެރެފައިވާ އަމުރެއްކަމަށް ބުނާ ނުކުތާއެވެ. ޔާމީނުގެ ހުށަހެޅުންތަކަށް ދައުލަތުން ވަނީ ރައްދުދީފައެވެ.

ޖިނާއީ މައްސަލައެއް ތަހުގީގުކުރުމުގައި އެންމެ މުހިއްމު ކަމަކީ، އެ މައްސަލައަކާ ގުޅިގެން ހެކި/ގަރީނާ ހޯދުންކަން ފާހަގަ ކުރައްވައި ދައުލަތުގެ ވަކީލު ވިދާޅުވީ، ބަލައި ފާސް ކުރުމަށް ހެކި/ގަރީނާ ހޯދުމަކީ އެކަމުގެ ފުރަތަމަ ސްޓޭޖް ކަމަށެވެ. އެގޮތުގެ މަތިން އަމިއްލަ މީހެއްގެ ތަނަކަށް ވަންނަ ނަމަ، ކޯޓު އަމުރެއް އޮންނަން ޖެހޭނެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ޔާމީނުގެ ފަރާތުން ހުށައެޅުއްވި ދެވަނަ ނުކުތާއަކީ، ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ މިންތަކާއި، އިންތިޚާބުތަކާބެހޭ މައުލޫއެއްކަން ފާހަގަ ކުރައްވައި ދައުލަތުގެ ވަކީލު ވިދާޅުވީ، އެއީ ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން އިޚްތިސާސް ލިބިގެންވާ ކޯޓަކަށް ހުށައަޅައިގެން ކުރިއަށް ގެންދެވިދާނެ މައްސަލަތަކެއް ކަމަށެވެ.

އެކަންކަމަކީ މި އަމުރާ ގުޅިގެން ގޮތެއް ކަނޑައެޅިދާނެ ކަމެއް ކަމަށް ދައުލަތުން ނުދެކެއެވެ.

ދައުލަތުން މައިގަނޑު ގޮތެއްގައި އެދިފައިވަނީ، މިއީ ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ނޫންކަމަށް ނިންމަވައިދެއްވުމަށެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު ހަސަން ޝަފީއުއެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ފުރަތަމަ ފަނޑިޔާރު ހަސަން ޝަފީއު ވަނީ ރައުޔު އިއްވަވާފައެވެ. އެގޮތުން ކޯޓު އަމުރަކީ ހަމައެކަނި ތައްގަނޑެއް ޖަހާލުމަށް ކޮށްލާ ކަމެއް ނޫންކަން ބަޔާން ކުރައްވައި ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވީ، އަމުރެއް ނެރޭއިރު އިންސާނީ ޙައްޤުތަކާއި މިނިވަންކަމަށް އަރައިނުގަންނާނެކަން އަދި ދުސްތޫރީ ރައްކާތެރިކަން ކަށަވަރު ކޮށްދެންޖެހޭ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އަމުރަށް ބަލާއިރު، އަމުރު ނެރޭ ސަބަބު ހުށައެޅިފައިވާ މައްސަލައިން ސާފު ނުވާކަމަށް ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވިއެވެ. އަމުރެއް ނެރުމުގައި ޤާނޫނީ ގޮތުން ފުރިހަމަވާން ޖެހޭ ކަންކަމާއި ނިންމުމަށް ވާސިލުވި ގޮތާއި ގުޅޭގޮތުން ސާފުވާން ޖެހޭ ކަންކަން މި އަމުރުން އެކަށީގެންވާ ގޮތެއްގައި ސާފުނުވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ނިންމުމަށް ވާސިލުވި ގޮތް ބަޔާންވެފައި ނެތުމަކީ އިސްތިއުނާފީ ޙައްޤަށްވެސް އުނި އަންނަ ކަމެއްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު ޙަސަން ޝަފީއު ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލު ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.

އެއަށްފަހު ފަނޑިޔާރު ނިޔާޒް ވަނީ ރައުޔު އިއްވަވާފައެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ އަމުރަކީ ޖިނާއީ ކުށެއްގެ ރުކުންތައް ފުރިހަމަ ނުވާ އަމަލަކާ ގުޅިގެން ނެރުނު އަމުރެއްކަމަށް ޔާމީންގެ ފަރާތުން ވިދާޅުވެފައިވާއިރު، ކޯޓުން އަމުރު ނެރެފައިވަނީ ކުށަކަށް ނުވާ އަމަލެއް ކުށެއްކަމަށް ބަލައިގެންތޯ ބަލަންޖެހޭކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވިއެވެ،

ކުށުގެ އަމަލެއް ހިނގާތީ، ނުވަތަ ކުށަކާއި ގުޅޭ ހެއްކެއް ހޯދުމަށް ކޯޓު އަމުރެއްގެ ދަށުން ވަދެވިދާނެކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ނަމަވެސް، މި މައްސަލައިގައި ބެނަރ ހަރުކުރުން ކުށަކަށްވީ ގޮތެއް ކޯޓު އަމުރުން ސާފު ނުވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އަމުރު ނެރުމަށް އެދުނީ، ގާނޫނުލްްއުގޫބާތުގެ 615 ވަނަ މާއްދާގެ 6 ވަނަ ނަންބަރުގެ ދަށުންނެވެ. އެ މާއްދާއަކީ އާންމު މަސްލަހަތަށް ގެއްލުންދިނުމާގުޅޭ އަމަލުތައް ބަޔާންކުރާ މާއްދާއެވެ.

އެ މާއްދާގެ 6 ވަނަ ނަންބަރުގައި ބަޔާން ކޮށްފައިވަނީ، ޖާއިޒު މަގުސަދެއް ހާސިލު ނުވާނެ އަމަލަކުން، ނުރައްކާތެރި، ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނަފަދަ ހާލަތެއް އުފެއްދުމަކީ އާންމު މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލެއް ކަމުގައި ބެލެވޭނެކަމަށެވެ.

ގާނޫނުލްްއުގޫބާތުގެ 615 ވަނަ މާއްދާގައި ބަޔާންކުރަނީ އާންމު ތަނެއްގައި ހުރެ ކުރާ ކުށެއްގެ ވާހަކަ ނަމަވެސް، އިންޑިއާ އައުޓް ބެނަރ އަކީ އާންމު ތަނެއްގައި ހުރި ބެނަރ އެއްކަމަށް ބެލެވެން ނެތްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެއީ ކުށަކާއި ގުޅިގެން ހޯދަމުންދާ ހެއްކެއްކަމަށް ބެލެވޭނެ އެކަށީގެންވާ ސަބަބެއްވެސް ފެންނަން ނެތްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ވުމާއެކު، ފަނޑިޔާރު ނިޔާޒުވެސް ތާއީދު ކުރައްވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލު ކަމަށް ނިންމެވުމަށެވެ.

އެހެންނަމަވެސް، ކްރިމިނަލް ކޯޓުން މި އަމުރު ނެރެފައިވަނީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ނިގުޅައިގަތުމަށްކަމަށް ބެލެވެން ނެތްކަމަށް ފަނޑިޔާރު ވިދާޅުވެއެވެ. އެ ނުކުތާއަކީ ހައިކޯޓުން ބަލާ މައުޟޫއާ ގުޅޭ ނުކުތާއެއް ނޫންކަމުން އެއީ ހައިކޯޓުން ގޮތެއް ނިންމަންޖެހޭ ނުކުތާއެއް ނޫންކަމަށް ފަނޑިޔާރު ނިޔާޒު ދެކިލައްވައެވެ.

ހަމައެއާއެކު، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަކީވެސް މުތުލަޤަށް ލިއްބައިދީފައިވާ މިނިވަންކަމެއް ނޫންކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި އިންޑިއާ ސިފައިން ތިއްބޭ ކިޔައިގެން ދައްކާ ވާހަކައަކީ ސިޔާސީ މަންފާއަށް ދައްކާ ނާޖާއިޒު ވާހަކައަކަށް ވެދާނެ ކަމަށާއި، އެއީ ރަނގަޅު ވާހަކައަކަށްވެސް ވެދާނެކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެ ނުކުތާގައި ވަކި ގޮތެއް ނިންމެވުމަކީ ހައިކޯޓުން ކުރަންޖެހޭ ކަމެއް ނޫންކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ފަނޑިޔާރު ހުސައިން ޝަހީދުވެސް ތާއީދު ކުރެއްވީ ކޯޓު އަމުރު ބާތިލު ކަމަށެވެ.

އެންމެ ފަހުން އޮތް އަޑުއެހުމުގައި ފަނޑިޔާރުންގެ ވަރުގަދަ ސުވާލުތަކެއް ކޮށްފައިވޭ:

މި މައްސަލައިގައި 23 މެއި ގައި ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން ވަނީ ގިނަ ސުވާލުތަކެއް ދައުލަަތަށް އަމާޒުކޮށްފައެވެ. ވަކިން ޚާއްސަކޮށް ފަނޑިޔާރު ނިޔާޒު ގިނަ ސުވާލުތަކެއް ކުރައްވާފައިވެއެވެ. އެގޮތުން ބެނަރ ދެމުމަކީ އާންމު މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލެއްގެ ގޮތުގައި މާނަ ކުރެވެނީ ކިހިނެއްތޯ ވަނީ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދިނުމަށް ދައުލަތުން ފުލުހުންގެ ކިބައިން އެދުނު ނަމަވެސް، ފުލުހުން ބުނެފައިވަނީ އެކަމަށް ސީދާ ޖަވާބެއް ނެތްކަމަށެވެ.

ފުލުހުން ބުނާ ގޮތުގައި ކޯޓު އަމުރު ނެރުމަށް އެދިފައިވަނީ އާންމު އުސޫލުން ހުރިހާ މައްސަލަތަކުގައިވެސް އެދޭ ތަރުތީބުންނެވެ.

ފުލުހުން ބުނެފައިވަނީ ފުލުހުން ހޯދި ހެއްކަކީ ބެނަރ ކަމަށެވެ.

އެކަމާގުޅިގެން ފަނޑިޔާރު ކުރެއްވި ސުވާލަކީ، ފުލުހުން ހޯދަން ދިޔަ ހެތްކަކީ ބެނަރ ކަމަށްވެފައި، އެ ބެނަރ މިހާރު ނަގާފައިވާއިރު، އެއީ ހެކި ނައްތާލުމަށް ވެދާނެތޯއެވެ. އަދި ކުރިން ރައީސް ޔާމީނަށް އެ ބެނަރ ނެގުމަށް އަންގަވާފައިވާއިރު، ހެތްކެއް އަމިއްލައަށް އެ ފަރާތުން ނެންގެވުމަށް ފުލުހުން އެންގީ ކީއްވެތޯ ފަނޑިޔާރު ސުވާލު ކުރެއްވިއެވެ.

އެ ސުވާލުގެ ޖަވާބުގައި ފުލުހުން ބުނީ، ފުރަތަމަ ފުރުސަތު ދިނީ އެ ފަރާތުން އަމިއްލަ އިޚްތިޔާރުގައި ބެނަރ ނެގުމަށް ކަމަށެވެ. ނަމަވެސް އެހިސާބުން ފުލުހުންގެ ވާހަކަ ހުއްޓުވައި ފަނޑިޔާރު ވަނީ އަނެއްކާވެސް އެ ސުވާލު ތަކުރާރުކުރައްވާފައެވެ. އެގޮތުން ފުލުހުން ހެތްކެއްގެ ގޮތުގައި ބަލާ އެއްޗެއް އަމިއްލަ އިޚްތިޔާރުގައި ނަގައިގެން ނައްތާލެވިދާނެތޯ ފަނޑިޔާރު ސުވާލު ކުރެއްވިއެވެ.

ދައުލަތުންވެސް ބުނެފައިވަނީ މިއީ އަދި ޕީޖީ އޮފީހަށް ހުށައެޅިފައިވާ މައްސަލައެއް ނޫން ކަމަށާއި، ފުލުހުން ނެގީ ކޮން ހެތްކެއްކަން ދައުލަތަށްވެސް ނޭނގޭކަމަށެވެ.

- ކޮމެންޓް