ކ. މާލެ
|
22 މެއި 2022 | އާދީއްތަ 13:04
މަންކީޕޮކްސް ޖެހުމުން ހަށިގަނޑު ހުންނާނެ ގޮތް
މަންކީޕޮކްސް ޖެހުމުން ހަށިގަނޑު ހުންނާނެ ގޮތް
ގެޓީ އިމޭޖަސް
މަންކީޕޮކްސް
މަންކީޕޮކްސް – ބައްޔާއި ގުޅޭ، ކޮންމެހެން އެނގެންޖެހޭ މައުލޫމާތު
 
ކުކުޅުގެ ޒަރީއާއިން މިބަލި އިންސާނުންގެ ތެރޭގައި ފެތުރޭ
 
އެފްރިކަން ރޯޑެންޓްސްއަކީ މިވައިރަސް އުފުލާ މައި ޖަނަވާރު
 
ވައިރަސް ހަށިގަނޑަށް ވަންނަތާ 7 ދުވަހާ 14 ދުވަހާ ދެމެދު ބަލީގެ އަލާމާތްތައް ފެންނަން ފަށާނެ

މަދުން ނޫނީ ނުފެންނަ މިބައްޔަކީ ސްމޯލްޕޮކްސް އާއިލާގެ ވައިރަސްއެކެވެ. އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް (ސީޑީސީ)ން ހާމަކޮށްފައިވާ ގޮތުގައި މިވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ 1958 ވަނަ އަހަރު ރާމާމަކުނުތަކެއް ބޭނުންކޮށްގެން ކުރިޔަށްގެންދިޔަ ދިރާސާއަކުންނެވެ.

މިވައިރަސް އެންމެ ފުރަތަމަ އިންސާނެއްގެ ހަށިގަނޑުން ފެނިފައިވަނީ 1970 ވަނަ އަހަރު ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ. މިހާތަނަށް ފެނިފައިވާ އެންމެ ގިނަ ކޭސްތައް ފެނިފައިވަނީވެސް އެޤައުމުންނެވެ. ނަމަވެސް އެފްރިކާގެ ހުޅަނގާއި މެދުތެރޭގެ ހިސާބުތަކުންވެސް މަންކީޕޮކްސްގެ ކޭސްތައް ފެނިފައިވެއެވެ.

އެފްރިކާއިން ބޭރުން އެންމެ ފުރަތަމަ އިންސާނުންގެ ގައިން މަންކީޕޮކްސް ފެނިފައިވަނީ 2003 ވަނަ އަހަރުއެވެ.

މަންކީޕޮކްސްގެ ކޭސްތައް އާންމުކޮށް އުޅޭ ހުޅަނގު އަދި މެދުތެރޭ އެފްރިކާގެ ގައުމުތަކުން ފެނުނުކަމުގައި ވިޔަސް، މިއިން ގައުމަކާއި ގުޅުމެއް ނެތްގޮތަށް، ބަލި އައިސް ފެތުރެން ފެށި ގޮތް ނޭނގި މިފަދަ އައުޓްބްރޭކްއެއް ފެނުން މިއީ ފުރަތަމަ ފަހަރެވެ. އެހެންކަމުން، ކޭސްތައް ފެނިފައިވާ ގައުމުތަކާއި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގުޅިގެން މި އައުޓްބްރޭކް ފެތުރެން ފެށިގޮތާއި، މަންކީޕޮކްސް ފަތުރާ ވައިރަހަށް އަދި ބަލިޖެހޭ ގޮތަށް ބަދަލުތަކެއް އައިސްފައިވޭތޯ ދިރާސާތައް ދަނީ ކުރަމުންނެވެ.

މަންކީ ޕޮކްސްއިން ދިފާއުވާނީ ކިހިނެއް؟

މަންކީޕޮކްސް އަކީ ސްމޯލްޕޮކްސް (ކަށިވިދުރި) ޖައްސާ ވައިރަސްއާއި އެއް އާއިލާގެ ވައިރަސްއަކުން ޖެހޭ ބައްޔެކެވެ. ސްމޯލްޕޮކްސް ނައްތާލުމަށް ޖެހި ވެކްސިން އިން މަންކީޕޮކްސްއިން ރައްކާތެރިކަން ލިބެއެވެ. މިހާތަނަށް ދިރާސާތައް ދައްކާގޮތުން ސްމޯލްޕޮކްސް ވެކްސިން އިން މަންކީޕޮކްސް ބައްޔަށް 85 އިންސައްތަ ދިފާއު ލިބެއެވެ.

1980 ވަނަ އަހަރު ދުނިޔެއިން ސްމޯލްޕޮކްސް ނައްތާލެވުމާއެކު، އޭގެ ވެކްސިން ޖެހުން ހުއްޓާލުމަށްފަހު މިވީ އަހަރުތަކުގެ ތެރޭގައި މަންކީޕޮކްސްގެ ކޭސްތައް، ހާއްސަކޮށް މިދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި މިބަލި އުޅޭ ގައުމުތަކުގައި އިތުރުވެފައިވެއެވެ.

މަންކީޕޮކްސްގެ އަލާމާތްތައް

ބަލީގެ އަލާމާތްތަކަކީ އާންމުކޮށް ވެސް އިންސާނެއްގެ ހަށިގަނޑުން ފެންނަން ހުންނަ އަލާމާތްތަކެވެ. މަންކީޕޮކްސް ޖެހިއްޖެނަމަ ފުރަތަމަ ހުން އައަންނާކަމަށް މާހިރުން ބުނެއެވެ. އަދި ގައިގައި ރިއްސުމާއި، ވަރަށް ބޮޑަށް ވަރުބަލިވުމުގެ އިތުރުން ބޮލުގައި ރިއްސުން އަދި ކަރުގައާއި، ކިހިލީގައި ނުވަތަ އުކުޅުވަޅުގައި ގޮށްލުން ހިމެނެއެވެ.

އެއަށްފަހު 1 ދުވަހާއި، 4 ދުވަހުގެ ތެރޭގައި ހަށިގަނޑުގައި ބިހިތައް ނަގައެވެ. މިބިހިތައް ނަގާ އިރު ފުރަތަމަ ހުންނާނީ ފަތިކޮށްނެވެ. އެއަށްފަހު ފެންފޮޅަށްވެ، އޭގެ ފަހުން ފޮޅުތަކުގައި ދޮސްލައެވެ. ދެން ފޮޅުތައް ފަޅައިގެން ގޮސް، ކުރަލައެވެ.

ކުރައިގެ ދަށުން އާ ހަންގަނޑު އުފެދި، ކުރަ ވެއްޓެންދެން ބަލި، މީހާގެ ފަރާތުން އެހެންމީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. މި ބަލިޖެހުމުން ނަގާ ބިހިތައް ބައެއްފަހަރު ފާނަބަސަންދު ޖެހުމުން ނަގާ ބިހިތަކާ އެއްގޮތްވެދާނެއެވެ. މި ބައްޔަށް ސީދާ ފަރުވާއެއް ނެތްކަމުގައިވީނަމަވެސް، ބަލީގެ އަލާމާތްތަކަށްދޭ ފަރުވާއަށްފަހު ގިނަ މީހުން ބަލިން ރަނގަޅުވެއެވެ.

ވައިރަސް ހަށިގަނޑަށް ވަންނަތާ 7 ދުވަހާ 14 ދުވަހާ ދެމެދު ބަލީގެ އަލާމާތްތައް ފެންނަން ފަށާނެއެވެ. މިބަލީގައި އެތައް ހަފްތާތަކެއްވަންދެންވެސް އުޅެންޖެހެއެވެ.

މަންކީޕޮކްސް ފެތުރެނީ ކިހިނެއް؟

މަންކީޕޮކްސްއަކީ އާންމުކޮށް މި ބަލީގެ ވައިރަސް ހުންނަ ޖަނަވާރުންގެ ފަރާތުން ފެތުރޭ އެއްޗެކެވެ. ނޭވާލާ ނިޒާމުގެ ޒަރީޔާއިން ފެތުރޭ އެހެން ގިނަބަލިތަކާ ތަފާތުކޮށް، އިންސާނުންގެ ތެރޭގައި މަންކީޕޮކްސް އާންމުކޮށް ފެތުރެނީ ބަލިޖެހިފައިވާ މީހަކާ ގިނައިރު ކޮންޓެކްޓް ވެގެންނެވެ. އިންސާނުންގެ ތެރެއިން އެކަގައިން އަނެކަކު ގަޔަށް މި ބަލީގެ ވައިރަސް ފެތުރެނީ ބަލިޖެހިފައިވާ މީހެއްގެ ކުޅުގައި ހުންންނަ ޖަރާސީމު ނޭވާލުމުގެ ނިޒާމަށް ގޮސްގެންނާއި، ބަލި މީހާގެ ހަމުގައިވާ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހުމުންނާއި، ބަލިމީހާގެ ހެދުމާއި، ބެޑްޝީޓް، ތުވާލިފަދަ ތަކެތީގައި ޖެހުމުންނެވެ.

މިވައިރަސް އެއްތަނުން އަނެއްތަނަށް އުފުލާ މައިގަނޑު އެއްޗަކީ ކޮބައިކަން އަދިވެސް ދެނެގަނެވިފައެއްނުވެއެވެ. ނަމަވެސް ބައެއް މާހިރުން ލަފާކުރާ ގޮތުގައި އެފްރިކަން ރޯޑެންޓްސްއަކީ މިވައިރަސް އުފުލާ މައި ޖަނަވާރެވެ. ރޯޑެންޓްސްގެ ތެރޭގައި ހިމެނޭ ޖަނަވާރުތަކަކީ މީދަލުގެ އާއިލާގައި ހިމެނޭ ޖަނަވާރުތަކެވެ.

އެފްރިކާގެ މެދުތެރެއާއި ހުޅަނގުގެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް މިވައިރަސް ޖެހިފައިވަނީ ވައިރަސް ޖެހިފައިވާ ޖަނަވާރެއް ދަތް އެޅުމުގެ ސަބަބުން ނުވަތަ ވަކި އެޅުމުގެ ސަބަބުންނެވެ. މީގެއިތުރުން ވައިރަސް ޖެހިފައިވާ ޖަނަވާރެއްގެ ގައިގައި އަތްލުމާއި އޭގެ ޖަނަވާރެއްގެ ބަޔަކުން ހަދާފައިވާ އެއްޗެއްގައި ޖެހިގެންނެވެ.

އެއް އިންސާނަކުން އަނެއް އިންސާނެއްގެ ގަޔަށް ބަލި ފަސޭހަކަމާއެކު ނޭރިކަމުގައިވިޔަސް ކުކުޅުގެ ޒަރީއާއިން މިބަލި އިންސާނުންގެ ތެރޭގައި ފެތުރެއެވެ. ޖައްވު ތެރޭގައި ހުންނަ ޑްރޮޕްލެޓްސްތަކަށް އެހާ ދުރަށް ދަތުރު ނުކުރެވުނުނަމަވެސް ގިނައިރު ތަކެއް ވަންދެން މޫނާއި މޫނު ޖެހޭ ހިސާބުގައި ތިބޭނަމަ އެކަކު ގައިން އަނެކަކު ގަޔަށް ބަލި އަރާނެކަމަށް ސީޑީސީން ބުނެއެވެ.

ޖިންސީގުޅުމުން ވެސް މި ބަލި ފެތުރޭކަމަށްވެއެވެ.

މަންކީޕޮކްސް އަކީ ކިހާ ނުރައްކާތެރި ބައްޔެއް؟

ޑަބްލިޔުއެޗްއޯއިން ބުނާގޮތުގައި މިބަލި ޖެހޭ ގިނަ މީހުން ހަފްތާތަކެއްގެ ތެރޭގައި ބަލިން ރަނގަޅުވެއެވެ. ނަމަވެސް ބައެއް މީހުންނަށް މިއީ މަރު ބައްޔަކަށް ވެއެވެ.

މިހާތަނަށް ސައިންސްވެރިން ވަނީ މަންކީޕޮކްސްގެ ދެ ވައްތަރެއްގެ ވައިރަސް ދެނެގަނެފައެވެ. އެއީ ހުޅަނގު އެފްރިކާ ކްލޭޑް އަދި ކޮންގޯ ބޭސިން ކްލޭޑްއެވެ. މީގެތެރެއިން ނުރައްކާތެރިކަން ކުޑައީ ހުޅަނގު އެފްރިކާ ކްލޭޑްގައެވެ. ހުޅަނގު އެފްރިކާ ކްލޭޑްގެ ވައިރަސް ޖެހޭ މީހުންގެ ތެރެއިން މަރުވަނީ އެވައިރަސް ޖެހޭ މީހުންގެ އެކެއް އިންސައްތަ މީހުންނެވެ. ނަމަވެސް ކޮންގޯ ބޭސިން ކްލޭޑް ޖެހޭ ކޮންމެ 10 މީހަކުން 1 މަރުވާކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

އެޕިޑެމޮލޮޖީގެ ޕްރޮފެސަރެއްކަމުގައިވާ ޑރ. އޭން ޑަބްލިޔު. ރައިމޮއިން ވިދާޅުވާ ގޮތުގައި މިހާރު ފެނިފައިވާ ކޭސްތަކަކީ ބޮޑަށް ބެލެވޭ ގޮތުގައި ހުޅަނގު އެފްރިކާ ކްލޭޑްއާ ގުޅުންހުރި ކޭސްތަކެކެވެ. ނަމަވެސް މިކޭސްތަކުގެ ކުރީކޮޅުގައި އުޅޭތީ އަދި މާބޮޑު ތަފްސީލުތަކެއް ނޭންގެއެވެ.

ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންގައި ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޖިމީ ވައިޓްވޯރތް ރޮއިޓަރސްއާ ވާހަކަދައްކަވަމުން ވިދާޅުވީ ކޮވިޑް-19 އާ އެއްގޮތަށް މުޅި ދުނިޔެއަށް ފެތުރި އެވަރަށް މީހުން މަރުވެގެންދާ ބައްޔަކަށް މަންކީޕޮކްސް ނުވާނެއެވެ.

ޑރ ރައިމޮއިން ވަނީ ކޮވިޑް-19 އާ މަންކީޕޮކްސް އަޅާ ނުކިޔުމަށް އިރުޝާދުދެއްވާފައެވެ. އެއީ މަންކީޕޮކްސް އަކީ ނޮވެލް ވައިރަސްއަކަށް ނުވާތީއެވެ. މާނައަކީ މަންކީޕޮކްސްއަކީ މީގެކުރިން ދެނެގަނެވި ދިރާސާތަކެއް ކުރެވިފައިވާ ވައިރަސްއެކެވެ.

ޑރ ރައިމޮއިން ވިދާޅުވީ މަންކީޕޮކްސްއަކީ އެހާ އަވަހަށް ގިނަވެގެންނުދާ ވައިރަސް އެކެވެ. އޭގެ ރިޕްރޮޑަކްޓިވް ރޭޓް އުޅެނީ ދަށުގައެވެ. އެއީ ކުރީގައި ފެނިފައިވާ ކޭސްތަކަށް ބަލާއިރު ފެންނަ ގޮތްކަމަށް ރައިމޮއިން ވިދާޅުވިއެވެ. އެހެންކަމުން ހަލުވިކަމާއެކު މިވައިރަސް ފެތުރިގެންނުދާނެއެވެ. ނަމަވެސް އިތުރަށް މިވައިރަސް އަދިވެސް ދިރާސާކުރަން ޖެހޭކަމަށް ޑރ ރައިމޮއިން ވިދާޅުވިއެވެ.

ރާއްޖެއަށް ބަލި އައިސްދާނެތަ؟

ރާއްޖެއަށް މި ބަލި އައިސްދާނެތޯ ކުރެވޭ ސުވާލުގެ ޖަވާބަކީ އާނއެކެވެ. ބަވަނަވެފައިވާ މި ދުނިޔޭގައި މިފަދަ ބަލިތައް އެއްގައުމުން އަނެއްގައުމަށް އިންސާނުންގެ ޒަރިޔާއިންނާއި، އެހެނިހެން ގޮތްގޮތުން ދަތުރުކުރުމަކީ ވެދާނެކަމެކެވެ.

މެއިމަހުގެ 21 އާއި ހަމައަށް ރާއްޖޭގައި އަދި އަވަށްޓެރި ގައުމުތަކުން ވެސް މަންކީޕޮކްސް ކޭސް ފެނިފައި ނުވެއެވެ. މަންކީ ޕޮކްސްއަކީ ބަލިޖެހިފައިވާ މީހަކާއެކު ގިނައިރު ކޮންޓެކްޓްވުމުން ފެތުރޭ ބައްޔަކަށްވުމާއެކު، މިވަގުތު ރާއްޖޭގައި މި ބަލި ފެތުރުމުގެ ރިސްކު ކުޑައެވެ. އެހެންނަމަވެސް ގިނަ ގައުމުތަކުން ބަލި އުޅޭތޯ ދެނެގަތުމަށް ކުރާ މަސައްކަތްތައް އިތުރުވުމާއެކު، އިތުރު ގައުމުތަކުން ކޭސްތައް ފެނިދާނެކަމަށް ބެލެވެއެވެ. އަދި އެއާއި ގުޅިގެން ރާއްޖެއަށް ވެސް ކޭސްއެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

ހުޅަނގުގެ ގައުމުތަކުގެ އިތުރުން މިހާރު ބަލި ފެނިފައިވާ ބައެއް ގައުމުތައް ކަމުގައިވާ އެމެރިކާ، ދުބާއީ ފަދަ ގައުމުތަކަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތައްކަމަށްވުމާއެކު، މި ބަލި އައުމުގެ ފުރުސަތު ބޮޑެވެ.

މަންކީޕޮކްސްއިން ރައްކާތެރިވުމަށް ކުރެވޭނީ ކޮންކަމެއް؟

ބަލިން ރައްކާތެރިވުމަށް އާންމުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަންދިނުން މުހިންމެވެ. މިގޮތުން މަންކީޕޮކްސް އާއި މިފަދަ އެހެނިހެން ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް ގިނަގިނައިން ސާފްތާހިރުކުރުމާއި، މާސްކް އެޅުމުން އަދި އެއްވެސް އަލާމާތެއް ހުރިނަމަ އެހެންމީހުންނާއި ބައްދަލުވެ، ގައިގޯޅިވެ ނޫޅުން މުހިންމެވެ. އަދި ހުންއައުމާއި، ގައިގައި ރިހުންފަދަ އަލާމާތްތަކާއެކު، ގޮށްލާ، ހަމުގައި ބިހި ނަގައިފިނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުން މުހިންމެވެ.

ދުނިޔޭގައި ފެތުރޭ އެހެނިހެން މުހިންމު ނުވަތަ އާދަޔާ ހިލާފު އައުޓްބްރޭކް ތަކެކޭ އެއްގޮތަށް މި އައުޓްބްރޭކް ވެސް ރާއްޖޭގެ ކަމާއިބެހޭ އިދާރާތަކުން އަންނަނީ މޮނޮޓަރކޮށް ރިސްކް އެސެސްމަންޓްތައް ހަދަމުންނެއެވެ. މި ބައްޔާބެހޭ މައުލޫމާތު ސިއްހީ ފަރުވާދޭ ފަރާތްތަކާއި ހިއްސާކުރުމާއި، ބައްޔަށް ޓެސްޓްކުރުމުމުގެ އިންތިޒާމް ހަމަޖެއްސުމާއި، ކޭސްއެއް ފެނިއްޖެނަމަ އެކަމާއި ގުޅިގެން އަމަލުކުރާނެ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޑރ ރައިމޮއިން ވިދާޅުވީ ސްމޯލްޕޮކްސްއަކީ މީގެ އަހަރެއްތަކެއް ކުރިން ދުނިޔެއިން ނައްތާލާފައިވާ ވައިރަސްއަކަށް ވުމުން މިހާރު އެވައިރަސްގެ އާއިލާގެ އެހެން ވައިރަސްތަކުން އިންސާނުން ދިފާއުވުމުގެ ބައި ކުޑަވާނެއެވެ. އޭގެތެރެގައި މަންކީޕޮކްސްވެސް ހިމެނެއެވެ. އަނެއްކޮޅުން ސްމޯލްޕޮކްސް ވެކްސިނަކީ ދުނިޔޭގެ އާބާދީގެ ބޮޑުބަޔަކަށް ދީފައިވާ ވެކްސިނެއް ނޫނެވެ. އެހެންކަމުން މަންކީޕޮކްސްއިން ދުނިޔޭގެ އާބާދީގެ ބޮޑު އާބާދީއެއް ދިފާއުވާވަރުގެ އިމިޔުނިޓީއެއް ލިބިފައެއްނުވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
20%
20%
0%
60%
ކޮމެންޓް