ކ. މާލެ
|
4 އޭޕްރިލް 2022 | ހޯމަ 17:22
ދައުވާލިބޭ މީހާ ބޭނުންވާ ވަކި ޑޮކްޓަރަކަށް ދެއްކުމަކީ ކަރެކްޝަންސްއަށްވެސް ފަސޭހަކަމަކަށް ނުވޭ
ދައުވާލިބޭ މީހާ ބޭނުންވާ ވަކި ޑޮކްޓަރަކަށް ދެއްކުމަކީ ކަރެކްޝަންސްއަށްވެސް ފަސޭހަކަމަކަށް ނުވޭ
ރާއްޖެއެމްވީ
ޤައިދީންގެ ބޭސްފަރުވާގެ ކަންކަން
ޤައިދީން ބޭނުންވާ ވަކި ޑޮކްޓަރަކަށް ދެއްކުން: ފަހަތުގައި ފޮރުވިފައިވާ ކަމެއްވޭތަ؟
 
މިފަދަ މައްސަލަތަކުގައި ކޯޓުން އަމަލު ކުރާނެ ވަކި ޚާއްސަ އުސޫލުތަކެއް އޮންނަން ޖެހޭ
 
ކަރެކްޝަންސްގެ އިހުމާލެއް ވާނަމަ، ލިޔުމުން އެކަން ކޯޓަށް އެންގޭނެ
 
ދައުވާލިބޭ މީހާ ބޭނުންވާ ވަކި ޑޮކްޓަރަކަށް ދެއްކުމަކީ ކަރެކްޝަންސްއަށްވެސް ފަސޭހަކަމަކަށް ނުވޭ

ރާއްޖޭގެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން ދިޔަ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ އަޑުއެހުމެކެވެ. ދައުވާލިބޭ ފަރާތް ބޭސްފަރުވާއަށް ކަމަށް ބުނެ، ރާއްޖެއިން ބޭރަށް ފިލައިގެން ދިޔަގޮތަށް، އިދާރާތަކުން އަދިވެސް އުޅެނީ އޭނާ ނުގެނެވިގެންނެވެ. އިންޓަރޕޯލް ރެޑް ނޯޓިސް ނެރެގެންވެސް އޭނާ ގެނެވޭނެ ކަމާމެދު އެތައް ބަޔަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ.

އެ މައްސަލައިގެ ދައުވާލިބޭ ފަރާތް ބޭސްފަރުވާއަށް ދިއުމަށް ދޫކޮށްލީ، ޑޮކްޓަރެއްގެ ބަހަށް ރިއާޔަތް ކުރެއްވުމަށްފަހު، ދައުވާލިބޭ ފަރާތުގެ ފުރާނައަށް ނުރައްކާ ވެދާނެކަމަށް ބެލެވިގެންނެވެ.

އެހެން މައްސަލައެކެވެ. ބޮޑު އަދަދުތަކުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ފަރާތެއްގެ ބަންދު މުރާޖައާ އަޑުއެހުމެކެވެ. އެ އަޑުއެހުމުގައި ދައުވާލިބޭ ފަރާތަށް ބޭސްފަރުވާ ނުލިބޭކަމުގެ ޝަކުވާ ކުރުމާއެކު، ދައުލަތުން ވަނީ އެއީ ރަނގަޅު ވާހަކައެއް ނޫންކަން ފާހަގަކޮށް، އެކަން ހިނގާ ދިޔަ ގޮތް ކަރެކްޝަންސްއާ ޙަވާލާދީ ކޯޓުގައި ކިޔާދީފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ވަކީލުން ވިދާޅުވާ ގޮތުގައި އެ މައްސަލައިގައި ދައުވާލިބޭ ފަރާތް ބޭނުންވަނީ ވަކި ޑޮކްޓަރަކަށް ދައްކާށެވެ. އެގޮތުން ކަށީގެ ޑޮކްޓަރަކަށް އެޕޮއިންޓްމަންޓް ހެއްދުމުންވެސް، ދައުވާލިބޭ ފަރާތް ވަނީ އޭނާ ބޭނުންވާ ވަކި ޑޮކްޓަރަކަށް ދައްކަން ބޭނުންވާކަމަށް ބުނެ، އިތުރު ޑޮކްޓަރަކަށް ދެއްކުމަށް އިންކާރު ކޮށްފައެވެ.

ދައުލަތުން ބުނާ ގޮތުގައި ދައުވާލިބޭ މީހާ ބޭނުންވާ ވަކި ޑޮކްޓަރަކަށް ދެއްކުމަކީ ކަރެކްޝަންސްއަށްވެސް ފަސޭހަކަމަކަށް ނުވެއެވެ. ހަމައެއާއެކު، ބަންދުގައި ހުރި މީހަކު ޑޮކްޓަރަށް ދައްކަން ބޭނުންވާ ކޮންމެ ފަހަރަކު އާއިލާއިން އެޕޮއިންޓްމަންޓް ހައްދައިގެން ޑޮކްޓަރަށް ދެއްކުމަކީވެސް ފަސޭހަ ކަމަކަށް ނުވާނެކަން ދައުލަތުން ފާހަގަކުރިއެވެ. އެ ދުވަހު ގާޒީ ނިންމެވީ، ދައުވާލިބޭ ފަރާތް ބޭނުންވާ ޑޮކްޓަރަކަށް ދެއްކުމުގެ ފުރުސަތު ލިބިދޭންޖެހޭނެ ކަމަށެވެ. ވުމާއެކު، ދައުވާލިބޭ މީހާ ބޭނުންވާ ޑޮކްޓަރަށް ދެއްކުމާއި އޮޕަރޭޝަން ކުރުމަށް އާއިލާއިން އެޕޮއިންޓްމަންޓް ހެއްދުމަށްފަހު، އެކަން އެންގުމަށް ގާޒީ ނިންމެވިއެވެ.

އިއްތިފާޤަކުން މި ދެ މައްސަލަވެސް ނިންމެވީ އެއް ގާޒީއެކެވެ. އިއްތިފާޤަކުން ދެ މައްސަލައިގައިވެސް ހިމެނެނީ ދާދި އެއް ކަހަލަ ސިއްޙީ މައްސަލަތަކެކެވެ.

އެހެން މައްސަލައެކެވެ. ދައުލަތުގެ މުދަލެއްގައި ރޯކޮށްލައިގެން، ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ބައެއްގެ ބަންދު މުރާޖައާ އަޑުއެހުމެކެވެ. ދައުވާލިބޭ ފަރާތްތަކުން ފާހަގަކުރީ ކުރިން މި ދެންނެވި މައްސަލަތަކާއި ދާދި އެއް ކަހަލަ ސިއްޙީ މައްސަލަތަކެކެވެ. މި މައްސަލަ ބައްލަވަނީ އެހެން ގާޒީއެކެވެ.

މި އަޑުއެހުމުގައިވެސް ދައުލަތުން ވަނީ،  އޭނާގެ ބޭސްފަރުވާގެ ކަންކަން ހަމަޖެއްސި ނަމަވެސް އޭނާ ބޭނުންވަނީ ވަކި ޑޮކްޓަރަކަށް ދެއްކުމަށް ކަން ފާހަގަ ކުރައްވާފައެވެ. އަދި އެއީ ކަރެކްޝަންސްއަށްވެސް ފަސޭހަ ކަމަކަށް ނުވާނެކަން ކަރެކްޝަންސްއިން ފޯރުކޮށްދިން މައުލޫމާތުތަކާއި ޙަވާލާދީ ދައުލަތުގެ ވަކީލާ އެ އަޑުއެހުމުގައިވެސް ވިދާޅުވިއެވެ.

ދާދި އެއްކަހަލަ ޙާލަތްތަކެއް ނަމަވެސް، އެ މައްސަލަ ބެއްލެވި ގާޒީގެ ނިންމެވުން ތަފާތެވެ. މި މައްސަލަ ބެއްލެވި ގާޒީ ވިދާޅުވީ، ޖަލުގައި ހުންނައިރު އެންމެ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ނުވެދާނެކަމަށް ޤަބޫލު ކުރަންޖެހޭ ކަމަށެވެ. މިސާލެއްގެ ގޮތުން ޖަލުގައި ހުންނަ މީހަކު މުގުރިހަ ކާން ބޭނުން ނުވި ނަމަވެސް، ޖަލުގައި ހުންނައިރު ކޮންމެ ޤައިދީއަކު ބޭނުންވާ ވަކި އިންތިޒާމުތަކެއް ހަމަޖައްސަންވެއްޖެނަމަ، އެއީ އެންމެ އިންސާފުވެރިގޮތަކަށް ނުވެދާނެކަމަށް ގާޒީ ވިދާޅުވިއެވެ.

ހަމައެއާއެކު، އެ މައްސަލައިގައި ބޭސްފަރުވާ ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރެވިފައިވާކަންވެސް ގާޒީ ވަނީ ފާހަގަކުރައްވާފައެވެ. ގާޒީ ވަނީ ޝަރީއަތުން އޭނާގެ ބޭސްފަރުވާގެ ކަންކަން ގާތުން ބަލަމުންގެންދާނެކަމަށް ވިދާޅުވެފައެވެ. އަދި މިވަގުތު އޭނާގެ ބޭސްފަރުވާގެ ކަންކަމުގައި މައްސަލައެއް އުޅޭކަމަށް ދެކިވަޑައިނުގަންނަވާކަމަށް ގާޒީ ވިދާޅުވިއެވެ.

އޭގެ އިތުރުން، ބޭސްފަރުވާއާއި ގުޅިގެން އެއްވެސް މައްސަލައެއް އުޅޭނަމަ ނުވަތަ ކަރެކްޝަންސްގެ އިހުމާލެއް ވާނަމަ، ލިޔުމުން އެކަން އެންގުމަށްވެސް ގާޒީ ވިދާޅުވިއެވެ.

މިއީ މިހާރު އާންމުކޮށް، ބަންދު މުރާޖައާ އަޑުއެހުންތަކުގައި އިވޭ ވާހަކައެކެވެ. ބަންދުގައި ތިބޭ މީހުން ބޭނުންވާ ވަކި ޑޮކްޓަރަކަށް ދައްކަން ބޭނުންވާ މިފަދަ މައްސަލަތަކުގައި، ކޯޓުން އަމަލު ކުރާނެ ވަކި އުސޫލެއް އޮންނަން ޖެހެއެވެ. ސަބަބަކީ އެއް ބާވަތުގެ އެކި މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ ބޭސްފަރުވާގެ ކަންކަމުގައި ތަފާތު ނިންމުންތައް އައުމަކީ، އަދުލު އިންސާފާމެދު ސުވާލު އުފެއްދުމުގެ ޖާގަ ދެވިގެންދާނެ ސަބަބަކަށްވާތީއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ބަންދުގައި ތިބޭ މީހުން ބޭނުންވާ ވަކި ޑޮކްޓަރަކަށް ދެއްކުމަށް ގެންދިއުމުން، ދެން ތިބި ޤައިދީންގެ ފަރާތުން އެތައް ޝަކުވާތަކެއް ކަރެކްޝަންސްއަށްވެސް އަމާޒުވެއެވެ. އެ ފަރާތްތަކުންވެސް ހަމަ އެ ޑިމާންޑް ކުރެއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކޮށްލުމުން ކޮމިޝަނަރ އޮފް ޕްރިޒަންސް (ސީޕީ) އަހުމަދު މުޙައްމަދުފުޅު ވަނީ، އެއީ ކަރެކްޝަންސްއަށް ޙަޤީޤަތުގައި ދަތިކަމެއްކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ކަރެކްޝަންސްއިން އާންމު އުސޫލުގެ ތެރެއިން ހަމަޖައްސާފައިވާ ނިޒާމުގެ ބޭރުން ޑޮކްޓަރަށް ދައްކަން ގެންދިއުމަކީ، އެކި ގޮތްގޮތުން އެކަމުގެ ދަތިތައް ކުރިމަތިވާ ކަމެއްކަން ސީޕީ ފާހަގަ ކުރެއްވިއެވެ.

ސީޕީ ވިދާޅުވާ ގޮތުގައި ޖަލުގައި އޯޕީޑީއަށް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައި އޮވެއެވެ. އެގޮތުގެ މަތިން ދުވާލެއްގެ މައްޗަށް 100 ވަރަކަށް މީހުން ހަމައެކަނި މާފުށީ ޖަލުގެ އޯޕީޑީއަށްވެސް ދައްކާކަމަށްވެއެވެ. އަދި އެގޮތަށް ދައްކާއިރު، ޚާއްސަ ޑޮކްޓަރަކަށް ރިފަރ ކުރުމުން، އެ އިންތިޒާމު ކަރެކްޝަންސްއިން ހަމަޖައްސާގޮތަށް ނިޒާމު ބައްޓަން ވެފައިވީނަމަވެސް، ކޯޓުގައި ދައުވާލިބޭ ފަރާތްތައް ވަކި ޚާއްސަ ޑޮކްޓަރަކަށް ދައްކަން ބޭނުންވާކަމަށް ބުނެ، އެކި މައްސަލަތަކުގައި އެކި ނިންމުންތައް އައުމުން އެކަމުގެ ދަތިތައް ކަރެކްޝަންސްއަށް ކުރިމަތިވެއެވެ.

އެހިސާބުން އަޅުގަނޑުމެންގެ ނިޒާމު ޖެހޭނެ ދެއްތޯ ވަރަށް ބޮޑަށް އެފުއް މިފުށަށް ޖަހާލަން
ކޮމިޝަނަރ އޮފް ޕްރިޒަންސް (ސީޕީ) އަހުމަދު މުޙައްމަދުފުޅު

އެހެންކަމުން، މިފަދަ މައްސަލަތަކުގައި ކޯޓުން އަމަލު ކުރާނެ ވަކި ޚާއްސަ އުސޫލުތަކެއް އޮންނަން ޖެހެއެވެ. އަދި މިކަމުގައި ކަމާ ގުޅުންހުރި އިދާރާތަކުން މަޝްވަރާކޮށް، އެންމެންގެ މެދުގައިވެސް ހަމަހަމަ އުސޫލަކުން ކަންކަން ކުރެވޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހެއެވެ. އެހެންނޫންނަމަ، މިއީ ވަކި ޚާއްސަ މަޤްސަދެއް ފަހަތުގައި އޮވެގެން ހިނގާ ކަމެއްކަމަށް އެކި ފަރާތްތަކުން ސުވާލު އުފެއްދުމުގެ ޖާގަ ނުހަނު ބޮޑުވެގެން ދެއެވެ.

ހަމައެއާއެކު، ބަންދުގައި ތިބޭ ފަރާތްތަކުގެ ބޭސްފަރުވާވެސް، ކަރެކްޝަންސްގެ މިހާރު އޮންނަ ނިޒާމުގެ ދަށުންވެސް އެންމެ ފުރިހަމައަށް ނުލިބޭ ކަމުގެ ޝަކުވާއަކީ އަދިވެސް އިވޭ ޝަކުވާއެކެވެ. އެކަމަކީވެސް ޙައްލު އަންނަންޖެހޭ ކަމެކެވެ. މުޅި މި މައްސަލައަށް އެންމެ އިންސާފުވެރި ޙައްލެއް އަންނާނެކަމަށް ފެންނަނީ އެކަންކަންވެސް ޙައްލުވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
17%
0%
83%
ކޮމެންޓް
7 އޭޕްރިލް 2022 | ބުރާސްފަތި 23:53
އާދަނު123
ކުއްވެރިންގެ ހައްގުތަށް ބޮޑު ކުށެއް ނުކުރާ އާނމުންނަށްވުރެއް ޖަލަށް ލާފާ ތިބޭމީހުން މާ މޮޅުކޮށް ގެންގުލޭތި ތިހެންވަނީ ޖަލުން ނުކުންނަނި ފަޚުރުވެރި ވެލާފަ