ކ. މާލެ
|
23 މާރޗް 2022 | ބުދަ 07:39
ކުރީގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލް
ކުރީގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލް
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޮލޮޖީ
ކޮމިޔުނިކޭޝަން މިނިސްޓްރީގެ އޮޑިޓް ރިޕޯޓް
މަލީހު އިންނެވުމަށް ހެއްދެވި ކޮޓަރިކޮޅާއި އޮފީސް އިމާރާތަށް ހޭދަކުރެއްވި 795،000 ރުފިޔާ މާލިއްޔަތު ގަވާއިދާއި ޚިލާފު
 
އޮޑިޓް ރިޕޯޓުން ހާމަވީ މާލިއްޔަތު ގަވާއިދާއި ޚިލާފަށް ކަންތައްތަކެއް ކޮށްފައިވާކަން
 
މަސައްކަތް ނިންމާފައިވަނީ ނިންމަން ހަވާލުކުރި މުއްދަތު ފަހަނައަޅާ ދިޔަ ފަހުން
 
މިނިސްޓްރީ ހިންގާ އިމާރާތުގެ ބީ ބްލޮކް މަރާމާތުކުރުމަށް 795،000 ރުފިޔާއަށް އަމިއްލަ ފަރާތަކާއި 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ހަވާލުކޮށްފައިވޭ

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރަކަށް ކުރިން ހުންނެވި މުހައްމަދު މަލީހް ޖަމާލް، އެ މިނިސްޓްރީގައި އޭނާގެ ކޮޓަރިކޮޅާއި އެތަނާއި ގުޅުވައިގެން ހަމަ އެޑިޒައިނާއި އެއްގޮތަށް ބްލޮކް-ބީ މަރާމާތު ކުރުމަށް 795،000ރ. ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްފައިވާއިރު، ބައެއް ކަންކަން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ޚިލާފަށްކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

މަލީހުގެ މިނިސްޓަރުކަމުގައި މިނިސްޓަރު އިންނަވާ ކޮޓަރިކޮޅު ތަފާތު ޑިޒައިނަކަށް މަރާމާތުކުރުމުން އެކަމުގެ ފާޑުކިޔުންތައް އޭރު އަމާޒުވެފައިވެއެވެ. އޮޑިޓަރ ޖެނެރަލް އޮފީހުން ކޮމިޔުނިކޭޝަން މިނިސްޓްރީގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހާމަކޮށްފައިވާއިރު އޮޑިޓްގައި ފާހަހަކުރެވުނު މައްސަލަތައް ވަނީ ހިމަނާފައެވެ. އެގޮތުން މިނިސްޓްރީ ހިންގާ އިމާރާތުގެ ބީ ބްލޮކް މަރާމާތުކުރުމަށް 795،000 ރުފިޔާއަށް 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އަމިއްލަ ފަރާތަކާއި ހަވާލުކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.

އަމިއްލަ ފަރާތަކާއި ހަވާލުކޮށްގެން މިމަސައްކަތްކުރިއިރު ފާހަގަކުރެވުނު ކަންކަން އޮޑިޓް ރިޕޯޓްގައި ހިމަނާފައިވެއެވެ. އެގޮތުން ފާހަގަކޮށްފައިވާ ކަންކަމަކީ:

-މަސައްކަތް ލަސްވުމުން ލިކުއިޑޭޓް ޑެމޭޖަސް އުނިކޮށްފައިނުވުން:

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ މިނިސްޓަރުގެ ކޮޓަރިކޮޅުގެ އިންޓީރިއަރ ޑިޒައިނެއް ތައްޔާރުކޮށް އެ ޑިޒައިނާއި އެއްގޮތަށް ބީ ބްލޮކް މަރާމާތުކުރުމަށް އެކުލަވާލި އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 25 ދުވަސްތެރޭ މަސައްކަތް ނިންމަންޖެހޭނެކަމަށް އެއްބަސްވުމުގައިވެއެވެ. މިމުއްދަތު ހަމަވާ ތާރީޚަކީ 10 އޮކްޓޯބަރ 2019 އެވެ. ނަމަވެސް އެއްބަސްވުމުގައިވާ ތާރީޚަށް މަސައްކަތް ނިމިފައިނުވާއިރު މުއްދަތު އިތުރުކޮށްދިނުމަށް މަސައްކަތްކުރާ ފަރާތުން އެދިފައިވާކަން އެނގެން ނެތްކަމަށް އޮޑިޓް ރިޕޯޓްގައި ބުނެއެވެ. މަސައްކަތް ނިމިފައިވަނީ 5 އޮކްޓޯބަރ 2020 ގައިކަން ލިޔެކިޔުންތަކުން އެނގެއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި އެގްރިމެންޓްކޮށްގެން ހަވާލުކުރާ މަސައްކަތް ލަސްވަމުންދާނަމަ އެލަސްވާ ލަސްވުން އެކަމެއް ހަވާލުކުރި ފަރާތަށް ލިބޭ ގެއްލުމުގެ އަގު ނުވަތަ ލިކުއިޑޭޓެޑް ޑެމޭޖަސް އެކަމެއް ހަވާލުވި ފަރާތުން ދޭންޖެހޭނެކަމަށް އޮވެއެވެ. އަދި ލަސްވުމުގެ އަގަށް ދޭންޖެހޭވަރު މުޅި ކޮންޓްރެކްޓްގެ އަގުގެ 15 އިންސައްތައަށްވުރެ ބޮޑުވެގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ. މިމަސައްކަތްކުރުމަށް ހަދާފައިވާ އެއްބަސްވުމުގައިވެސް އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތުގައި މަސައްކަތް ނުނިމި ލަސްވަމުންދާނަމަ މަސައްކަތް ނުނިމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު މަސައްކަތްކުރާ ފަރާތުން މަސައްކަތުގެ ވެރިފަރާތަށް ދައްކަންވާނެކަމަށް ބަޔާންކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެއެވެ.

އެހެންނަމަވެސް އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ނިމިފައިނުވާއިރު މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތަށް ލަސްވުމުގެ އަގަށްވާ ޖުމްލަ 119،250 ރުފިޔާ އުނިކޮށްފައިނުވާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެއެވެ. މީގެއިތުރުން މިމައްސަލަ 10 ސެޕްޓެމްބަރ 2020 ވަނަ ދުވަހު އޮޑިޓަރުން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން މިނިސްޓްރީން ވަނީ ލިކިއުޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި 9834 ރުފިޔާ އުނިކޮށްފައެވެ. ނަމަވެސް މިއަދަދަކީ ލިކުއެޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި ހަގީގަތުގައި ދައްކަންޖެހޭ އަދަދު ނޫންކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

- ރިޓެންޝަން ފައިސާ އުނިކޮށްފައި ނުވުން:

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބުނެފައިވަނީ ކުރުވާ މަސައްކަތާއި ހޯދާ ޚިދުމަތުގެ ޖުމްލަ އަގު 250،000 ރުފިޔާއަށްވުރެ ބޮޑުނަމަ ހުށަހަޅާ ކޮންމެ ބިލަކުން ބިލުގެ ޖުމްލަ އަގުގެ 5 އިންސައްތަ ރިޓެންޝަން ފައިސާގެ ގޮތުގައި އުނިކުރަންވާނެކަމަށެވެ. ނަމަވެސް މިމަސައްކަތާއި ގުޅިގެން ހުށަހަޅާފައިވާ ބިލްތަކަށް ފައިސާ ދައްކާފައިވާއިރު ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން ރިޓެންޝަން ފައިސާ އުނިކޮށްފައިނުވާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

- އެގްރިމެންޓް ކޮށްފައިވާ މަސައްކަތާއި ގުޅުމެއް ނެތް ކަމެއް އިތުރު މަސައްކަތުގެ ގޮތުގައި ހަވާލުކޮށްފައިވުން:

މިނިސްޓަރުގެ ކޮޓަރިކޮޅު މަރާމާތުކުރުމުގެ މަސައްކަތް ހިނގަމުންދަނިކޮށް އެމަސައްކަތުގެ ސްކޯޕްގެ ތެރޭގައި ނުހިމެނޭ އިތުރު މަސައްކަތެއް އިއުލާނުނުކޮށް ހަމަ އެފަރާތާއި ހަވާލުކޮށްފައިވާ ކަމަށާއި އެމަސައްކަތް ހަވާލުކޮށްފައިވަނީ ފުރަތަމަ މަސައްކަތުގެ މުއްދަތު ހަމަވިފަހުންކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އިތުރު މަސައްކަތުގެ ގޮތުގައި މިނިސްޓަރުގެ ކޮޓަރިކޮޅުގައި ހުރިގޮތަށް ވޯކްވޭ ދެފަރާތުގައި ގުރޫ ކަނޑާ ފިލާޖެހުމުގެ މަސައްކަތް ޖުމްލަ 103،880 ރުފިޔާ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ހަވާލުކޮށްފައިވަނީ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތަށް އާންމުކޮށް އިއުލާންނުކޮށްކަމުގައި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މިމައްސަލަގައިގައި އޮޑިޓް އޮފީހުން ވަނީ 4 ކަމެއް އިސްލާހުކުރުމަށް ލަފާދީފައެވެ. އެގޮތުން އިސްލާހުކުރުމަށް ލަފާދީފައިވާ ކަންކަމަކީ:

- ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އެއްބަސްވުމަށް އެއްވެސް ބަދަލެއް ގެންނަން ޖެހިއްޖެނަމަ ނުވަތަ އެއްބަސްވުން އުވާލަން ޖެހިއްޖެނަމަ އެ އޮފީހަކާއި ބެހޭ މަސްއޫލު އޮފީހުގެ އެންމެ އިސްފަރާތުގެ ހުއްދަ ލިޔުމުން ހޯދުމަށް ދެންނެވުން

- ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އެގްރިމެންޓްކޮށްގެން ހަވާލުކުރާ މަސައްކަތް ލަސްވަމުންދާނަމަ އެލަސްވާ ލަސްވުމުން އެކަމެއް ހަވާލުކުރި ފަރާތަށް ލިބޭ ގެއްލުމުގެ އަގު އެކަމެއް ހަވާލުވި ފަރާތުން ހޯދުމަށް ދެންނެވުން

- ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ކުރުވާ މަސައްކަތާއި ހޯދާ ޚިދުމަތުގެ ޖުމްލަ އަގު 250،000 ރުފިޔާ އަށްވުރެ ބޮޑުނަމަ ހުށަހަޅާ ކޮންމެ ބިލަކުން ބިލުގެ ޖުމްލަ އަގުގެ 5 އިންސައްތަ ރިޓެންޝަން ފައިސާގެ ގޮތުގައި އުނިކުރުން

- ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ތަކެތި ގަތުމާއި މަސައްކަތް ކުރުވުމާއި ޚިދުމަތް ހޯދުމުގެ ޕްރޮޖެކްޓްތަކުގެ އަގު 35،000 ރުފިޔާއިން ފެށިގެން 2،500،000 (ދެ މިލިއަން ފަސް ސަތޭކަ ހާސް) ރުފިޔާއަށްވުރެ ބޮޑު ނުވާނަމަ އާންމުކޮށް އިއުލާނުކޮށްގެން ކުރިޔަށް ގެންދިޔުން

މަލީހުގެ އިތުބާރުނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ 2021 ވަނަ އަހަރު ފާސްކޮށްފައެވެ. އަދި އެމިނިސްޓްރީ އުވާލައްވާ ފަހުން ވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވާފައެވެ. މަލީހުގެ އިތުބާރުނެތްކަމުގެ ވޯޓު ނެގީ ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަން ޖެހޭ ގަވައިދުތައް ނުހެދުމާއި އިންޓަނެޓް އަގުހެޔޮ ނުކުރާ ކަމަށް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް