ކ. މާލެ
|
7 މާރޗް 2022 | ހޯމަ 07:14
އަގުތަކާއި މެދު ޓެކްސީ ޑްރައިވަރުން އަބަދުވެސް ހިތްހަމަނުޖެހޭ
އަގުތަކާއި މެދު ޓެކްސީ ޑްރައިވަރުން އަބަދުވެސް ހިތްހަމަނުޖެހޭ
ރާއްޖެއެމްވީ
ޓެކްސީގެ ޚިދުމަތް
އަމިއްލަ އަގު ކަނޑައެޅުން: ޓެކްސީ ޑްރައިވަރުންނަށް ފިޔަވަޅު އަޅާނަމޭ ބުނުމުން އެ ނިމުނީ؟
 
ސަރުކާރުން ހުއްދަ ނުދިން ނަމަވެސް ގިނަ ޓެކްސީ ޑްރައިވަރުން އެއްބަސްވާނަމަ މި އަގުތައް ނަގާނެ

ކޮންމެ މީހަކީ އެއްގަމު ދަތުރުތައްކުރުމަށްޓަކައި އަމިއްލަ އުޅަނދެއް ގެންގުޅޭ މީހެއް ނޫނެވެ. އަދި އެމީހަކު ވަޒީފަށް ގެންގޮސް، ގެނެސް ހަދާނެ މީހުން ވެސް ތިބޭނެ މީހެއް ނޫނެވެ. ނުވަތަ އުޅަނދެއް ދުއްވަން އެނގޭނެ މީހެއް ނޫނެވެ. މިހެންވުމުން މިޖެހެނީ ދަތުރުފަތުރު ކުރުމަށްޓަކައި ޓެކްސީގެ ބޭނުން ކުރާށެވެ. މާލޭގެ މަގުމައްޗަށް ނުކުތުމުން މަދު ނުވާވަރަށް ޓެކްސީތައް ފެނެއެވެ. އެހެންނަމަވެސް ތަނަކަށް ދާން ޓެކްސީއެއް ހޯދުން ވަނީ ފަރުބަދައެއް ކެނޑުން ފަދަ ކަމަކަށެވެ. ޚާއްސަކޮށް މާލެތެރެއަށް ދަތުރެއް ކުރަން ޓެކްސީއެއް ހޯދުމެވެ.

ކަން މިހެން އޮތްއިރު އަޑު އިވިގެން މިދިޔަ ވާހަކައަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލާއި، ތަކެތީގެ އަގަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ޓެކްސީ ސެންޓަރުތަކުން އަމިއްލައަށް ދަތުރުތަކުގެ އަގުތައް ބޮޑުކުރުމަށް ނިންމި ވާހަކައެވެ. އެއީ މިނިސްޓްރީ އެކަމަށް ހުއްދަ ނުދިނަސް ހެޔޮކަމަށް ނިންމައިގެންނެވެ.

ޓެކްސީ ސެންޓަރުތަކުން އަމިއްލައަށް ކަނޑައެޅި އަގުތަކަށް ބަލާއިރު، މާލޭ ސިޓީގެ އެތެރޭގެ ދަތުރަކަށް 30 ރުފިޔާ، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގެ އެތެރޭ ދަތުރަކަށް 25 ރުފިޔާ، ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް 40 ރުފިޔާ ނެގުމަށްވަނީ ނިންމާފައެވެ. އަދި ހުޅުމާލެ ފޭސް ދޭކުން މާލެއަށް އަދި މާލެ އިން ހުޅުމާލެ ފޭސް ދޭކަށް 120 ރުފިޔާ، މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް 100 ރުފިޔާ، އެއާޕޯޓުން މާލެއަށް އަދި މާލެއިން އެއާޕޯޓަށް 80 ރުފިޔާ، ހުޅުމާލެއިން އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް 100 ރުފިޔާ، މާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް 100 ރުފިޔާ އަދި، ހުޅުމާލެ ފޭސް ދޭކުން ހުޅުލެ ސީޕްލޭން ޓާމިނަލަށް 120 ރުފިޔާއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އާއްމުކޮށްފައިވާ ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަލާއިރު، މިހާރު މާލެއާއި ހުޅުމާލޭގެ ފޭސް އަކަކާ ދެމެދު ޓެކްސީ ދަތުރު ކުރެވޭނީ 75 ރުފިޔާއަށެވެ. އަދި މާލެއިން އެއާޕޯޓަށް އަދި އެއާޕޯޓުން މާލެއަށް ކުރާ ޓެކްސީ ދަތުރަކަށް އެންމެ ގިނަވެގެން ނެގޭނީ 60 ރުފިޔާއެވެ. ހުޅުމާލެ ފޭސް ދޭކުން މާލެއަށް އަދި މާލެ އިން ހުޅުމާލެ ފޭސް ދޭކަށް 90 ރުފިޔާއެވެ. އަދި ޑިކީއަށް އަރުވާ ދާގީނާ ހިމެނޭހެން، މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް އެންމެ ބޮޑުކޮށް ނެގޭނީ 25 ރުފިޔާއެވެ. ނަމަވެސް ރޭގަނޑު 12:00 އާއި ހެދުނު 06:00 ދެމެދު ކުރާ ދަތުރުތަކުން އިތުރު 5 ރުފިޔާ ނެގޭނެކަމަށް މިނިސްޓްރީން ވަނީ އިއުލާން ކޮށްފައެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލާއި، ތަކެތީގެ އަގަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން އަސަރު ކުރާނީކީ ހަމައެކަނި ޓެކްސީ ޑްރައިވަރުންނަކަށް ނޫނެވެ. އެހެން އާންމު މީހުންގެ ދިރިއުޅުމަށް ވެސް މިކަމުން އަސަރު ކުރާނެއެވެ. އެހެންކަމުން މިފަދަ ދަނޑިވަޅެއްގައި މިއީ އެމީހުން އަމިއްލައަށް ނިންމި ވަރަށް ދެރަ ނިންމުމެކެވެ. ފުލުހުން ވެސް ވަނީ މިހާރު ކަނޑައެޅިފައިވާ އަގަށްވުރެން އިތުރަށް ޓެކްސީ ޚިދުމަތްދޭ މީހުން އަގު ނަގާނަމަ، އެކަމުގެ ޝަކުވާ 7943434 ނަންބަރަށް މެސެޖްކޮށްގެން އެޝަކުވާ ހުށަހެޅުމަށް އެދިފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ވެސް އެ މިނިސްޓްރީން ފާސްކޮށް، އިއުލާންކޮށްފައިވާ އަގަށްވުރެ ބޮޑު އަގު ނަގާ ޓެކްސީތަކާއިމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް އަންގައިފިއެވެ.

މި ހާލަތުގައި ނޫނަސް އަގުތަކާއި މެދު ޓެކްސީ ޑްރައިވަރުން ހިތްހަމަ ނުޖެހިގެން އެކަމުގެ ޝަކުވާ އަބަދުވެސް ކުރެއެވެ. ޓެކްސީ ޑްރައިވަރުން މާލެ ތެރޭގައި ދަތުރުކޮށްދިނުމަށް ދެކޮޅު ހަދާ ވާހަކަތަކެއް ވެސް މީގެ ކުރިން ފެންމަތިވެގެން ދިޔައެވެ. ޓެކްސީއަށް އެރުމަށްފަހު މާލޭގެ ތަނަކަށޭ ބުނެފިނަމަ ދަތުރު ނުކޮށްދޭނެކަމަށް ބުނެ ޓެކްސީން ބާލުވާ ވާހަކަ ވެސް އަޑުއިވިގެން ދިޔައެވެ. މިފަހަރު ވެސް މި ފެނިގެންދަނީ ޓެކްސީ ޑްރައިވަރުން އެމީހުންގެ އަމިއްލަ ގޮތްތަކެއް ކަނޑައަޅަން މަސައްކަތް ކުރާ މަންޒަރެވެ. ސުވާލަކީ މުއައްސަސާތަކުން ފިޔަވަޅު އަޅާނަމޭ ބުނުމުން މިކަންތައް ހައްލުވޭތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް