ކ. މާލެ
|
23 ފެބްރުއަރީ 2022 | ބުދަ 02:42
ޑޮނެޓްސްކާއި ލުހަންސްކާއެކު ރަޝިޔާއިން ސިޔާސީގުޅުން ގާއިމުކުރުން
ޑޮނެޓްސްކާއި ލުހަންސްކާއެކު ރަޝިޔާއިން ސިޔާސީގުޅުން ގާއިމުކުރުން
ދި މޮސްކޯ ޓައިމްސް
ރަޝިޔާ-ޔޫކްރޭންގެ މަސްރަހު
ޑޮނެޓްސްކާއި ލުހަންސްކާއެކު ރަޝިޔާއިން ސިޔާސީގުޅުން ގާއިމުކޮށްފި
ޔޫކްރެއިންގެ އިރުމަތީ ސަރަހައްދަކީ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ރަޝިޔާ އިން ބަލައިގަތުމަށް ރަޝިޔާއިން ވަނީ ނިންމާފައި

ޔޫކްރެއިނުން ވަކިވެގަނެފައިވާ ޑޮނެޓްސްކް ޕީޕަލްސް ރިޕަބްލިކާއި ލުހަންސްކް ޕީޕަލްސް ރިޕަބްލިކާއެކު ރަޝިޔާއިން ސިޔާސީ ގުޅުން ގާއިމުކޮށްފިއެވެ.

ރަޝިޔާއިން މި ގާއިމުކުރި ގުޅުމާއެކު ޔޫކްރެއިންގެ އިރުމަތީ ސަރަހައްދު ބޯޑަރުގެ ބޮޑު ބަޔަކަށް ރަޝިޔާއަށް ބާރުފޯރުވޭނެއެވެ. އަދި ހަމަލާއެއްދޭ ހާލަތެއްގައި އެކަން ކުރުމަށްވެސް ރަޝިޔާއަށް ފަސޭހަވެގެންދާނެއެވެ.

ޔޫކްރެއިންގެ އިރުމަތީ ސަރަހައްދަކީ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ރަޝިޔާ އިން ބަލައިގަތުމަށް ނިންމިކަން އިއުލާނުކޮށް، އަންގާރަ ދުވަހު އެ ސަރަހައްދުތަކުގެ ސުލްހަ ބަލަހައްޓަން ކަމަށް ވިދާޅުވެ ރަޝިޔާގެ ސިފައިން އެސަރަހައްދަށް އަރަން އެ ގައުމުގެ ރައީސް ވްލަޑްމިއަރ ޕުޓިން ވަނީ އަމުރުކުރައްވާފައެވެ. ޔޫކްރެއިންގެ އިރުމަތީގައި އޮންނަ މި ދެސަރަހައްދަކީ ވަކި މިނިވަން ދެ ދައުލަތުގެ ގޮތުގައި ބަލައިގަތުމަށް ނިންމަވާފައިމިވަނީ އެފަދަ ކަމެއް ނުކުރުމަށް ހުޅަނގުން ތަކުރާރުކޮށް އިންޒާރު ދެމުންދަނިކޮށެވެ.

ޔޫކްރެއިންގެ ސިފައިން ބުނާގޮތުގައި ހިނގާދިޔަ ހަމަނުޖެހުމުގައި ސިފައިންގެ އެކަކު މަރުވެ، ހަތަރު މީހަކަށް ވަނީ އެކިވަރުގެ ޒަޚަމްތައް ލިބިފައެވެ.

ހުޅަނގުން ވަނީ ރަޝިޔާއިން އެ ދެސަރަހައްދު ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެފިނަމަ އެކަން ވެގެންދާނީ ގާނޫނާއި ޚިލާފު އަދި ސުލްހައިގެ ވާހަކަތައް މަރާލުންކަމަށް ބުނެފައެވެ. ޔޫކްރެއިންގެ އިރުމަތީ ދެ ސަރަހައްދަކީ މިނިވަން ދެ ދައުލަތުގެ ގޮތުގައި ބަލައިގަތުމަށް ޕުޓިން ނިންމެވީ ސެކިޔުރިޓީ ކައުންސިލްގެ ބައްދަލުވުމަކަށްފަހުއެވެ.

ޓީވީ މެދުވެރިކުރައްވާ ރަޝިޔާގެ ރައްޔިތުންނާއި މުޚާތަބުކުރައްވަމުން ޕުޓިން ޔޫކްރެއިން ސިފަކުރެއްވީ ރަޝިޔާގެ ބައެއްގެ ގޮތުގައެވެ. ޕުޓިން ވިދާޅުވީ އިރުމަތީ ޔޫކްރެއިން އަކީ ރަޝިޔާގެ ތާރީޚަށް ބަލާއިރު ރަޝިޔާގެ ބިމެއްކަމަށެވެ. އަދި ޕުޓިންގެ މިނިންމެވުމަށް ރަޝިޔާގެ ރައްޔިތުން ގަބޫލުވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ޕުޓިން ވިދާޅުވިއެވެ.

މީގެއިތުރުން ޕުޓިންގެ ވާހަކަފުޅުގައި ވަނީ ޔޫކްރެއިން އަކީ ދުވަހަކުވެސް އަމިއްލަ ދައުލަތެއްގެ ސިފަ ލިބިފައިވާ ގައުމެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި ސޯވިއެޓް ޔޫނިއަން އަށްފަހު ޔޫކްރެއިން އިން ރަޝިޔާ ފުށުން ހުރިހާ ކަމެއް ބޭނުންވާކަމަށާއި ނަމަވެސް ބަދަލެއްގެ ގޮތުން ރަޝިޔާއަށް އެއްވެސް އެއްޗެއް ދޭން ބޭނުންނުވާކަމަށް ވިދާޅުވިއެވެ.

ޔޫކްރެއިންގެ އިރުމަތީ ސަރަހައްދަކީ ރަޝިޔާ އިން 2014 ވަނަ އަހަރު ޔުކްރެއިންގެ ކްރައިމިއާ ހިފުމާއެކު ވަކިވެގަތުމަށް މަސައްކަތްކުރާ ބައެކެވެ. ޑޮންބަސްގެ ނަމުން ނަންދީފައިވާ އެ ސަރަހައްދުގެ ހަމަނުޖެހުމުގައި މިހާތަނަށް 140،000 މީހުން މަރުވެފައި ވާއިރު ރަޝިޔާ އިން އަންނަނީ ޔޫކްރެއިން އިން ވަކިވެގަތުމަށް މަސައްކަތްކުރާ މީހުންނަށް އެހީތެރިވެދެމުންނެވެ.

- ކޮމެންޓް