ކ. މާލެ
|
22 ފެބްރުއަރީ 2022 | އަންގާރަ 18:55
ޔޫކްރޭން - ރަޝިއާ މައްސަލަ: ރަޝިއާ ސިފައިން ތިބީ ތައްޔާރީ ހާލަތުގައި
ޔޫކްރޭން - ރަޝިއާ މައްސަލަ: ރަޝިއާ ސިފައިން ތިބީ ތައްޔާރީ ހާލަތުގައި
ރޮއިޓަރސް
ޔޫކްރޭން - ރަޝިއާ މައްސަލަ
ޔޫކްރޭން މައްސަލާގައި ދުނިޔޭގެ ލީޑަރުން ބަސްބުނެފި
 
ޗައިނާއިން ވަނީ ޑިޕްލޮމެޓިކް ހައްލެއް ގެނައުމަށް ބުނެފައި
 
ގިނަ ގައުމުތަކުން ވަނީ ރަޝިއާގެ ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލާފައި

ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންގެ އޯޑަރަށް ޔޫކްރޭންގެ އިރުމަތީ ފަރާތުން ރަޝިއާ ސިފައިން އެގައުމުގެ ތެރެއަށް ވަންނަން ނިންމުމާއެކު، އެކަން ދުނިޔޭގެ ލީޑަރުން ކުށްވެރިކުރައްވައިފިއެވެ. ރަޝިއާގެ ނިންމުމާއެކު ލީޑަރުން ވަނީ އެގައުމާ ދޭތެރޭގައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންވެސް ގޮވާލާފައެވެ.

ދުނިޔޭގެ ލީޑަރުން ރަޝިއާގެ ނިންމުން ކުށްވެރިކޮށްފައިވާ އިރު، ރަޝިއާގެ ސިފައިން އިރުމަތީ ޔޫކްރޭންގެ ސަރަހައްދަށް ވަތްކަމެއް އަދި ސާފެއް ނުވެއެވެ. އޭޝިއާގެ އިތުރުން ދުނިޔޭގެ އެހެނިހެން ލީޑަރުން އަންނަނީ ޔޫކްރޭނާއެކު ތިއްބެވިކަން ހާމަކުރައްވައި, އެގައުމުގެ މިނިވަންކަމަށް ގޮވާލައްވަމުންނެވެ. މި މައްސަލައިގެ ތެރެއިން ހުޅަނގުގައި ހަނގުރާމައެއް ފެށިއްޖެނަމަ, އެކަމުގެ ސަބަބުން މުޅި ދުނިޔެއަށާއި ޔޫރަޕްގެ އިގުތިސާދަށް އަންނާނެ ލޮޅުމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، ޔޫކްރެއިންގައި ތާށިވެފައި ތިބި އެހެން ގައުމުތަކުގެ އާންމުންނާމެދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޔޫކްރޭންގެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައި, ދެކުނު ކޮރެއާގެ ރައީސް މޫން ޖެއިން ވިދާޅުވީ, ޔޫކްރޭންގެ މިނިވަންކަމާއި އެގައުމުގެ ސަރަހައްދީ އިމުގެ ކަންކަމުގައި އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ. އަދި މިއީ ބައިނަލްއަގުމާވީ މުޖްތަމައާ ދެކޮޅަށް ކުރަމުންދާ ކަމެއް ކަމަށް މޫން ވިދާޅުވިއެވެ. މޫން ވިދާޅުވީ, މިކަމުގެ ސަބަބުން ސިޔާސީ ގޮތުންނާއި އިގުތިސާދީ ގޮތުން ހަމައެކަނި އަސަރު ކުރާނީ ޔޫރަޕަށް އެކަނި ނޫން ކަމަށާއި، މިއީ މުޅި ދުނިޔެއަށް އެކަމުގެ އަސަރު ކުރާނެ ކަމެއް ކަމަށެވެ.

ދެގައުމުގެ ދެމެދުގައި ބޮޑު ހަމަނުޖެހުމެއް ހިނގައިފިނަމަ، ޔޫކްރޭންގެ އެތެރޭގެ ހަމަޖެހުން ގެއްލި, މުޅި ޔޫރަޕްގެ އިގުތިސާދަށް އެކަމުގެ އަސަރުކުރާނެއިރު، ޔޫރަޕަކީ ރަޝިއާގެ ހަކަތައަށް ބަރޯސާވެފައި އޮންނަ ސަރަހައްދެން ކަމުން, އެކަމުގެ އަސަރުވެސް ކުރާނެ އެވެ. މިއީ ޔޫރަޕްގައި ހިނގާ ކަމެއް ނަމަވެސް މިކަމާގުޅިގެން އޭޝިއާގެ ގައުމުތަކުގެ ކަންބޮޑުވުންތައް ވެސް އެބަހުއްޓެވެ.

ދެކުނު ކޮރެއާގެ ރައީސް މޫން ވަނީ އެގައުމުގެ އިގުތިސާދަށް އަންނާނެ ލޮޅުމަކުން ސަލާމަތްވެ ތައްޔާރަށް ތިބުމަށް އޮފިޝަލުންނަށް އަންގަވާފައެވެ. މިގޮތަށް އެންގެވީ ޔޫކްރެއިންގެ މައްސަލަ ގޯސްވެ އެމެރިކާއަށް ވާގިވެރިވާ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް އިގުތިސާދީ ބޮޑެތި ފިޔަވަޅުތައް އަޅާފާނެކަމަށް ބެލުމަށްފަހުގައެވެ.

ރަޝިއާއާ ޔޫކްރޭނާ ދެމެދު ބޮޑު މައްސަލަގަނޑަކަށް ނުވެ ކަންކަން ނިމިދާނެ ކަމުގެ އުއްމީދު ވަނީ ކުޑަވެފައެވެ. ޔޫކްރެއިންގެ އިރުމަތީ ސަރަހައްދަކީ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ރަޝިޔާއިން ބަލައިގަތުމަށް ނިންމެވިކަން އިއުލާނުކޮށް، އެ ސަރަހައްދުތަކުގެ ސުލްހަ ބަލަހައްޓަން ޕުޓިން ވަނީ ރަޝިޔާގެ ސިފައިން އެސަރަހައްދަށް އަރަން އަންގަވާފައެވެ. ޕުޓިންގެ މި ނިންމެވުމާއެކު ހުޅަނގުގެ ލީޑަރުންގެ ކަންބޮޑުވުންތައް ވަނީ ބޮޑުވެފައެވެ.

ޔޫކްރޭންާ ރަޝިއާއާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމަކީ ނޭޓޯއާހެދި އުފެދިފައިވާ މައްސަލައެއްކަމަށް ޕުޓިން ވަނީ ވިދާޅުވެފައެވެ. އަދި އެމެރިކާ އިސްވެގެން އުފައްދާފައިވާ ނޭޓޯއަކީ ރަޝިއާއަށް އޮތް ނުރައްކަލެއްކަމަށް ވަނީ ވިދާޅުވެފައެވެ.

ޕުޓިންގެ ނިންމެވުމާއެކު ބައެއް ގައުމުތަކުން އަންނަނީ އެކަމާ ދެކޮޅުހަދަމުންނެވެ. ޖަޕާންގެ ބޮޑު ވަޒީރު ފުމިއޯ ކިޝީޑާ ވަނީ ޔޫކްރެއިންގެ ސަރަހައްދަށް ރަޝިއާއިން ވަންނަން އުޅޭ މައްސަލައިގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ބައިނަލްއަގުވާމީ މުޖްތަމައުއާ މަޝްވަރާކުރުމަށްފަހު ހަރުކަށި ފިވަޔަޅުތަކެއް ރަޝިއާއާ ދެކޮޅަށް އެޅުމަށް ނިންމަވާނެ ކަމަށެވެ.

ޕޫޓިންގެ އަމަލުތަކަކީ ބަލައިގަނެވޭނެ އަމަލުތަކެއް ނޫންކަމަށް ބޮޑުވަޒީރު ކިޝީޑާ ވަނީ ވިދާޅުވެފައެވެ. އަދި ޖަޕާނުން މަސްރަހު ގާތުން ބަލަމުންދާނެ ކަމަށް ވިދާޅުވިއެވެ. ދެވަނަ ބޮޑު ހަނގުރާމަ ނިމުނުތަނާހެން ރަޝިއާއިން ބާރު ހިންގާ ހަތަރު ރަށެއް ރަޝިއާގެ ބަލުމުގެ ދަށަށް ގެންދިޔަ މައްސަލާގައި އެގައުމާއެކު ޖަޕާނުން ބޭއްވި ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އަދި ދެގައުމުގެ ދެމެދުގައި ސުލްހައިގެ އެއްބަސްވުމުގައި ވެސް ސޮއިކޮށްފައެއްނުވެއެވެ.

ބައިނަލްއަގުމާވީ ގޮތުން ރަޝިއާއަށް ނުރުހުން އަމާޒުވުން އިތުރުވެފައިވަނީ ޔޫކްރޭންގެ އިރުމަތީ ސަރަހައްދުގައި ހިންގަމުން އަންނަ ކަންތަކާ ގުޅިގެންނެވެ. ހުޅަނގުން ގަބޫލުކުރާ ގޮތުގައި ރަޝިއާއިން ބަހަނާ ދައްކައިގެން މި ސަރަހައްދު ބޭނުންކޮށްގެން ޔޫރަޕަށް ހަމަލާދީފާނެއެވެ.

ނިއުޒިލޭންޑްގެ ފޮރިން މިނިސްޓަރ ނަނައިއާ މަހުތާ ވިދާޅުވީ, ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ޕުޓިންއަށް އިރުމަތީ ޔޫކްރެއިންއަކީ މިނިވަންތަނެއްގެ ގޮތުގައި ކަނޑަނޭޅޭނެ ކަމަށާއި، މިއީ ހަމަލާދިނުމަށް ބަހަނާ ދެއްކުމުގެ ގޮތުން ޕުޓިން ކުރައްވާ ކަމެއް ކަމަށެވެ. މަހުތާ ވަނީ މި މައްސަލާގައި ވާހަކަ ދައްކައިގެން ނަމަވެސް އަވަސް ހައްލެއް ހޯދުމަށް ގޮވާލައްވާފައެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ, އެއްވެސް ޝަރުތަކާނުލައި ރަޝިއާއިން ޔޫކްރޭންގެ ހިފާފައިވާ ސަރަހައްދުން ފައިބަން ޖެހޭ ކަމަށާއި، އަވަށްޓެރި ގައުމުތަކަށް ބިރު ދެއްކުން ހުއްޓާލަންޖެހޭ ކަމަށެވެ. އަދި ރަޝިއާގެ އަމަލުތަކަކީ ބަލައިގަނެވޭ ކަމެއް ނޫންކަމަށެވެ.

މޮރިސަން ވަނީ އެއްވިސްނުން ހުރި ގައުމުތަކުން މިކަންކަން ކުށްވެރިކޮށް އެއްގަލަކަށް އަރަން ޖެހޭ ކަމަށާއި، ރަޝިއާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް ގައުމުތަކުން އަޅަންޖެހޭކަމަށެވެ. އަދި އެކަމުގައި އޮސްޓްރޭލިއާއިން އަވަސް ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

ރަޝިއާއާއި ޔޫކްރޭންގެ ވެސް ގާތް, އަދި ނޭޓޯގެ މެންބަރު ގައުމެއް ކަމަށްވާ ތުރުކީން ވެސް ވަނީ އިރުމަތީ ޔޫކްރޭންއަކީ މިނިވަން ތަނެއްގެ ގޮތުގައި ރަޝިއާގެ ނިންމި ނިންމުމަށް ފާޑުކިޔާފައެވެ. ތުރުކީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރަޝިއާގެ ނިންމުމަކީ ބަލައިގަނެވޭނެ ނިންމުމެއް ނޫން ކަމަށާއި، އެކަމާ ދެކޮޅުހަދާކަމަށެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ޖޭ ބްލިންކެން ވަނީ ޔޫކްރޭންގެ ފޮރިން މިނިސްޓަރަށް ފޯނުން ގުޅުއްވައި, އެމެރިކާގެ ފުރިހަމަ ތާއިދު ޔޫކްރޭނަށް އޮތް ކަމަށް ވިދާޅުވެފައެވެ.

ވައިޓް ހައުސްއިން ވަނީ ރައީސްގެ އޯޑަރެއް ނެރުއްވާފައެވެ. އެ އޯޑަރުގައި ވަނީ އިންވެސްޓްމަންޓާއި ވިޔަފާރީގެ ގުޅުން, ވަކިވެގަނެފައިވާ ސަރަހައްދަށް ކަނޑާލުމަށެވެ. މީގެ އިތުރުން އިތުރު ފިޔަވަޅުތައް އަޅަން ނިންމައި އެކަންކަން އަންގާރަ ދުވަހު އިއުލާނެކަމަށް ވަނީ ބުނެފައެވެ.

ޔޫކްރެއިނާއި އެމެރިކާގެ އިތުރުން އިތުރު 6 ގައުމެއް ވަނީ އދ ގެ ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމަކަށް ގޮވާލާފައެވެ. ރަޝިއާއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވީ އދ އާ ހުޅަނގުގެ ބައިވެރިން މަސައްކަތް ކުރަމުން ދަނީ ޔޫކްރެއިން މެދުވެރިކޮށް ހަތިޔާރާއެކު ކަމެއް ފެށުމަށް ކަމަށެވެ. އޭނާ ވިދާޅުވީ ވަކިވެގަނެފައިވާ ސަރަހައްދުތަކަށް ހަމަލާދިނުމަށް ޔޫކްރޭނުން މަސައްކަތް ކުރަމުން އަންނަކަމަށާއި، އޭގެ އިތުރުން ބޯޑަރު ކައިރީގައި ތިބި ރަޝިއާގެ ރަށްތަކާއި އަވަށްތަކަށް ހަމަލާދިނުމަށްފަހު, ފާއިތުވި ހަފުތާތަކުގެ ތެރޭގައި މަސައްކަތް އިތުރުކޮށްފައިވާ ކަމަށެވެ.

ޔޫކްރޭނުން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ ޔޫކްރޭނުން ވަކިވި ސަރަހައްދުތަކަކީ ރަޝިއާގެ ބައެއްކަމަށް ބަލައިގަތުމަށް ނިންމި ނިންމުން ބަދަލުކުރުމަށް ގޮވާލާފައެވެ. އަދި ވަގުތުން ވަގުތަށް އެމީހުންގެ ސިފައިން އެތަނުން އަނބުރާ ގެންދިއުމަށް ވަނީ ގޮވާލައްވާފައެވެ. އޭނާ ވަނީ ޑޮނެސްކް އަދި ލުހާންސްކް ސަރަހައްދު ރަޝިއާއިން ބަލައިގަނެފައިވަނީ ގަވާއިދާ ޚިލާފަށް ކަމަށް ވިދާޅުވެފައެވެ.

ގިނަ ގައުމުތަކުން ރަޝިއާގެ އަމަލުތައް ކުށްވެރިކުރިއިރު، ރަޝިއާގެ ގާތް އެއް ގައުމުކަމުގައިވާ ޗައިނާއިން ބުނެފައިވަނީ މި މައްސަލަ ހައްލުކުރުމަށް ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށެވެ.

ރަޝިއާގެ 150،000 ސިފައިން ވަނީ ޔޫކްރޭންގެ ތިން ސަރަހައްދަކަށް ފޮނުވާލާފައެވެ. އެމެރިކާއިން ވަނީ ރަޝިއާއިން ޔޫކްރޭނަށް އަރައިގަތުމަށް ނިންމާފައިވާކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއި ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވަނީ ބައްދަލުކުރައްވަން ނިންމަވާފައެވެ. ރަޝިއާއިން ޔޫކްރޭނަށް އަރައިގެންފިނަމަ މި ބައްދަލުކުރެއްވުން ކެންސަލްވާނެއެވެ.

ޔޫކްރޭނާއި ހުޅަނގުން ވަނީ, ޔޫކްރޭނުން ވަކިވެގަނެފައިވާ ސަރަހައްދުތަކުގައި ރަޝިއާގެ އަސްކަރީ ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވަމުން އަންނަކަމަށް ބުނެފައެވެ. ނަމަވެސް މިކަން ރަޝިއާއިން ދޮގުކުރެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
13%
40%
7%
27%
7%
7%
ކޮމެންޓް