ކ. މާލެ
|
27 ޖެނުއަރީ 2022 | ބުރާސްފަތި 11:30
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް
އަވަސް
މަހުލޫފްގެ ޝަރީއަތް ކުރިއަށް ނުދާ މައްސަލަ
މަހުލޫފުގެ ޝަރީއަތް ވަކި ގޮތަކަށް ކުރިއަށް ގެންދަން ގާޒީންގެ މަޖިލީހުން ނިންމާފައެއް ނުވޭ: އިސް ގާޒީ
ވަކި ވަކި ގާޒީން މައްސަލަތައް ތާވަލު ކުރައްވާ ގޮތަކީ އެ ގާޒީންގެ ނިންމެވުމެއް
ތައައްސުބުން އެއްކިބާވެގެން ޝަރީއަތްތައް ކުރިއަށް ގެންދަންޖެހޭނެ
ގާޒީ އެހެން ވިދާޅުވީ ދިފާއީ ވަކީލުން ނެންގެވި ނުކުތާއަކަށް ޖަވާބު ދެއްވަމުން

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީޢަތް ވަކި ގޮތަކަށް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމާފައިނުވާނެކަމަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ގާޒީ ޝަކީލު އެހެން ވިދާޅުވީ ވ.އާރަށު ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ދިފާއީ ވަކީލުން ނެންގެވި ނުކުތާއަކަށް ޖަވާބުދެއްވަމުންނެވެ.

ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި ޔާމީނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ވަކި ކޮޅަކަށް ނުޖެހި، ތައައްސުބުން އެއްކިބާވެގެން ޝަރީއަތްތައް ކުރިއަށް ގެންދަންޖެހޭނެކަމަށް ޤާނޫނު އަސާސީގައި ބަޔާން ކޮށްފައިވީނަމަވެސް، މިނިސްޓަރ މަހުލޫފުގެ މައްސަލައިގައި ކޮވިޑުގެ ޙާލަތަށް ބަލައި، އަޑުއެހުންތައް މަޑުޖައްސާލުމަށް ކޯޓުން ނިންމާފައިވާކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ 2 ވަކީލަކުވެސް ކޮވިޑުގެ ޙާލަތުގެ ސަބަބުން އަޑުއެހުމުގައި ބައިވެރިނުވެވޭއިރު، ރަައީސް ޔާމީންގެ މައްސަލައިގެ އަޑުއެހުންތައްވެސް ކޮވިޑުގެ ޙާލަތަށް ބަލައި ފަސް ކުރުމާމެދު ދައުލަތުގެ އިއުތިރާޒެއް އޮތްތޯ ޑރ ޖަމީލް ވަނީ ސުވާލު ކުރައްވާފައެވެ.

މިކަމާއި ގުޅޭގޮތުން ދައުލަތުގެ ވަކީލާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާޙުގެ ދަށުން އޯޑިއޯ ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ކުރިއަށް ގެންދެވޭގޮތަށް ޤާނޫނަށް ބަދަލުގެނައުމުގެ މަޤްސަދަކީވެސް ޝަރީއަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވޭނެ ގޮތް ހެދުމަށް ކަމަށެވެ. ވީއިރު ދައުލަތުން ދެކެނީ ހުރިހާ މައްސަލައެއްވެސް އެގޮތުގެ މަތިން ކުރިއަށް ގެންދެވެން ޖެހޭނެ ކަމަށްކަން ދައުލަތުގެ ވަކީލާ ފާހަގަ ކުރެއްވިއެވެ.

މިކަމާއި ގުޅޭގޮތުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ވަކި މައްސަލައަކަށްވީތީ ތަފާތުކުރުން ގެންގުޅުމަކީ ޝަރީއަތުން ޤަބޫލުކުރާ ކަމެއް ނޫން ކަމަށެވެ. އެގޮތުން ފާއިތުވި ދުވަސްތަކުގައިވެސް މީހުން ކޯޓަށް ހާޒިރުކޮށްގެން މަރުގެ ބޮޑެތި އަޑުއެހުންތައްވެސް ކުރިއަށް ގެންގޮސްފައިވާނެކަން އިސްގާޒީ ޝަކީލު ފާހަގަ ކުރެއްވިއެވެ.

އިސް ގާޒީ ވިދާޅުވީ، މަހުލޫފުގެ މައްސަލަ ކުރިއަށް ގެންދާނީ ކޮވިޑުގެ ޙާލަތު ރަނގަޅުވުމުން ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމާފައިނުވާނެ ކަމަށެވެ. ނަމަވެސް ކޯޓުގެ ސެކްޝަންތަކުގެ ވަކި ވަކި ގާޒީން މައްސަލަތައް ތާވަލު ކުރައްވާ ގޮތަކީ އެގާޒީންގެ ނިންމެވުމެއްކަމަށް ޝަކީލް ފާހަގަ ކުރެއްވިއެވެ.

މަހުލޫފްގެ މައްސަލައިގެ ޝަރީޢަތާއި ގުޅޭގޮތުން ކޯޓުން ބުނެފައިވަނީ އެމައްސަލައިގެ ޝަރީޢަތް ކުރިޔަށްގެންދާނީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުންކަމަށެވެ.

މަހުލޫފްގެ މައްޗަށް ދައުވާ އުފުލާފައިވަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުންނެވިއިރު 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބްދުލްޣަފޫރު، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކު އޮފް މޯލްޑިވްސް ގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކަކުން މަހުލޫފަށް ދިން 33،000 އެމެރިކާ ޑޮލަރު އޭނާގެ ނަމުގައި ބީއެމްއެލް ގައި ހުޅުވާފައިވާ އެކައުންޓަށް 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާތީއެވެ.

މަހުލޫފްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ ހ އާ ހަވާލާދީ އެމާއްދާގެ ށ ގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް