ކ. މާލެ
|
18 ޖެނުއަރީ 2022 | އަންގާރަ 17:51
ކޮރޯނާވައިރަސް- ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ހަމައެކަނި އޭޝިއާ ބައްރުންވެސް 20 މީހުން ބިލިއަނަރުންނަށް ވެފައިވޭ
ކޮރޯނާވައިރަސް- ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ހަމައެކަނި އޭޝިއާ ބައްރުންވެސް 20 މީހުން ބިލިއަނަރުންނަށް ވެފައިވޭ
ކޮވިޑް-19ގެ މަންފާ ހޯދުން
ކޮވިޑު އައީ ހިނިތުންވަމުން، ސިއްހީ ދާއިރާ މުއްސަނދި ކުރަމުން..
 
މުޅި ޕެންޑެމިކް ތެރޭގައި ޕެންޑެމިކް ބިލިއަނަރުންގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ އެތައް ފަރާތެއް ހަމައެކަނި އޭޝިއާ ބައްރުގައިވެސް އެބަތިބި
 
ފިޔަވަޅުތައް އަޅުއްވާ ބޭފުޅުންނަކީ އެކަމުގެ މާލީ މަންފާ ސީދާ ގޮތެއްގައި ލިބިވަޑައިގަންނަވާ ފަރާތްތަކެއްނަމަ އެކަން އެނގެންޖެހޭ
 
ކޮވިޑުގެ ބަލިމަޑުކަން ވެގެން ގޮސްފައިވަނީ އެތައް ބަޔަކަށް މުއްސަނދިކަން ގެނުވި ބަލިމަޑުކަމަކަށް

ކޮވިޑާއެކު ޕީޕީއީއާއި، މާސްކާއި، ގައިދުރުކަން ފަދަ ބަސްތައް އާންމުވި ގޮތަށް "ޕެންޑެމިކް ބިލިއަނަރސް"ވެސް މިއީ ކޮވިޑާއެކު އާންމުވެގެން ދިޔަ ބަހެކެވެ. މުޅި ކޮވިޑުގެ ބަލިމަޑުކަން ވެގެން ގޮސްފައިވަނީ އެތައް ބަޔަކަށް މުއްސަނދިކަން ގެނުވި ބަލިމަޑުކަމަކަށެވެ. ބައެއް މީހުންނަށް އެކަންވީ ޖެކްޕޮޓަކަށެވެ.

އެމެރިކާގެ، ސިއްހީ ކަންކަމުގައި ރައީސަށް ލަފާއަރުއްވާ ޓީމުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވާ ޑރ އެންތަނީ ފައުޗީއަކީ، ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އަޅާނެ އެކި ފިޔަވަޅުތައް ނިންމާ ޓާސްކްފޯހުގެވެސް ފަހުބަސް ވިދާޅުވާ ބޭފުޅާއެވެ. އެންތަނީ ފައުޗީ ދިވެހިންގެ މެދުގައި އެހާ ދަންނަ ބޭފުޅަކަށްވީވެސް ކޮވިޑް-19އާ ގުޅިގެންނެވެ.

މިސާލަކަށް ރާއްޖޭގައި ނަމަ، ކޮވިޑުގެ ކަންކަމުގައި ފަހުބަސް އިއްވައި، ރައީސަށާއި، ކަމާބެހޭ ފަރާތްތަކަށް ލަފާދެއްވުމަށް އެންމެ އިސްކޮށް ތިއްބަވާ ބޭފުޅުންނެވެ. އެގޮތުން ސަރުކާރުން ކަންކަން ނިންމާނީ ސިއްހީ ތަޖުރިބާކާރުންގެ ލަފަޔާއި މަޝްވަރާގެ މަތިންކަމަށް ރާއްޖޭގެ ރައީސްވެސް ވަނީ ވިދާޅުވެފައެވެ.

ހަމައެގޮތަށް ޑރ ފައުޗީއަކީ އެމެރިކާގެ ކުރީގެ ރައީސް ރޮނާލްޑް ރޭގަންގެ ޒަމާނުން ފެށިގެން އެ މަގާމު ފުރުއްވަމުން އަންނަ ބޭފުޅެކެވެ. ޚިދުމަތުގައި ބައި ގަރުނަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ކުރިއާ ޚިލާފަށް ކޮވިޑުގެ އާލަމީ ވަބާގެ ތެރޭގައި ޑރ ފައުޗީއާއި އަނބިކަނބަލުންގެ މުއްސަނދިކަންވެސް އެތައް ގުނައަކަށް އިތުރުވެގެން ގޮސްފައިވާކަމަށްވެއެވެ. ފޯރބްސްގައި ރިޕޯޓު ކޮށްފައިވާ ގޮތުން، ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި 2020 ވަނަ އަހަރު އެކަނިވެސް ފައުޗީއަށް 1.7 މިލިއަން ޑޮލަރު ލިބިވަޑައިގެންފައިވާއިރު، އޭގެ ތެރޭގައި އާމްދަނީއާއި ފައުޗީގެ އިންވެސްޓްމަންޓުތައް ހިމެނެއެވެ.

ޑރ ފައުޗީގެ މާލީ ބަޔާން ހާމަ ކުރަންޖެހޭ ހިސާބަށް ދިޔައީ ސެނެޓުގެ މެމްބަރެއް ކަމަށްވާ ރޮޖަރ މާރޝަލްގެ ހުށައެޅުއްވުމެއްގެ ތެރެއިންނެވެ. ހޫނު ބަހުސަކަށްފަހު މާލީ ބަޔާން އާންމުކުރުމާއެކު، މީގެ ކުރިން ލިބިވަޑައިގެންފައި ނެތް މުއްސަނދިކަމެއް މިހާރު ލިބިވަޑައިގެންފައިވާކަން ހާމަވެފައިވާކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓު ކުރިއެވެ. އެގޮތުން ފައުޗީގެ މިހާރުގެ މިލްކިއްޔާތުގެ އަދަދު 10.4 މިލިއަން އެމެރިކާ ޑޮލަަރަށް އަރާއިރު، ހަމައެކަނި 1 އަހަރު އެދެކަނބަލުން އިންވެސްޓް ކުރައްވާފައިވާ ފައިސާގެ އަދަދުތައްވެސް ޑރ.ފައުޗީގެ އެ އަހަރުގެ މުސާރައަށް ވުރެ އެތައް ގުނައެއް ބޮޑުކަމަށްވެއެވެ. އެގޮތުން 1 އަހަރު ދުވަހު މުސާރައިގެ ގޮތުގައި 434،312 އެމެރިކާ ޑޮލަރު ލިބިވަޑައިގެންފައިވާއިރު، އިންވެސްޓްމަންޓުތަކުގެ އަދަދު އޭގެ އެތައް ގުނައެއް އިތުރެވެ.

ފައުޗީގެ އިތުރުންވެސް މުޅި ޕެންޑެމިކް ތެރޭގައި ޕެންޑެމިކް ބިލިއަނަރުންގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ އެތައް ފަރާތެއް ހަމައެކަނި އޭޝިއާ ބައްރުގައިވެސް އެބަތިއްބެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކަކީ ކުއްލިއަކަށް މުއްސަނދިވެ ބިލިއަނަރުންނަށް ވި ފަރާތްތަކެވެ. އަނެއް ބަޔަކީ މިހާރުވެސް މުއްސަނދި، ނަމަވެސް ކޮވިޑާއެކު މިލްކިއްޔާތު އެތައް ގުނައަކަށް އިތުރުވެގެން ދިޔަ ފަރާތްތަކެވެ. ނަމަވެސް މި އެންމެންގެވެސް އެއްގޮތް ކަމެއް އޮވެއެވެ. އެއީ ކުރާ ވިޔަފާރިއާއި އިންވެސްޓްމަންޓުތައް ގޮސް ގުޅެނީ ކޮވިޑް-19އާ ގުޅުންހުރި ކޮންމެވެސް ކަމަކާއެވެ.

އެއް ބަޔަކީ ޕީޕީއީ ކިޓް ތައްޔާރުކުރާ މީހުންނެވެ. އަނެއް ބަޔަކީ ކޮވިޑް-19 ވެކްސިން ތައްޔާރުކުރާ ނުވަތަ ވެކްސިން އުފައްދާ ކުންފުނިތަކަށް އިންވެސްޓްކުރާ މީހުންނެވެ. އަނެއް ބަޔަކީ ކޮވިޑްގެ ކުއްލި ހާލަތްތަކުގައި ބޭނުންކުރަންޖެހޭ އާލާތްތަކާއި ފަރުވާދޭ މެޝިންތައް ތައްޔާރުކުރާ ވިޔަފާރިތަކާއި، އެކަންކަމަށް އިންވެސްޓްކުރާ ފަރާތްތަކެވެ. ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ހަމައެކަނި އޭޝިއާ ބައްރުންވެސް 20 މީހުން ބިލިއަނަރުންނަށް ވެފައިވާކަމަށްވެއެވެ.

މި ހުރިހާ ކަމަކާއެކު، ބައެއް ފަރާތްތަކުން ބުނަމުންދަނީ ކޮވިޑަކީ އާލަމީ ވަބާއެއްގެ ގޮތުގައި ސިފަވަނީ ބައެއް މީހުންނަށް ކަމަށެވެ. އަނެއް ބަޔަކަށް މިއީ އާމްދަނީ ހޯދުމަށް ކުއްލި ގޮތަކަށް ހުޅުވާލެވުނު ދޮރެކެވެ. ރަންބިސް އަޅާ ކުކުޅެކެވެ. ގިނަ ގައުމުތަކުގައި ކޮވިޑާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެކަންކަން އިންތިޒާމު ކުރެއްވުމުގައި އެންމެ އިސްކޮށް އުޅުއްވަނީވެސް މި ދެންނެވި ވިޔަފާރިތަކުން މަންފާ ލިބިވަޑައިގަންނަވާ ބޭފުޅުންނެވެ. ރާއްޖޭގައިވެސް މިކަން މިގޮތަށް ހިނގާ ކަމަށްވެއެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގައި ހަރަކާތްތެރިވާ ސިއްހީ އެކި ފަރާތްތައްވެސް ކުއްލި ގޮތަކަށް މުއްސަނދިވެގެން ގޮސްފައިވާކަމަށް ވެއެވެ. އޭގެ ތެރޭގައި ގިނައީވެސް ކޮވިޑުގެ ފްރަންޓްލައިންގެ ކަންކަމުގައި އިސްކޮށް އުޅުއްވާ ފަރާތްތައް ކަމަށްވެއެވެ. ހާލަތު ނިޔާކުރާ ގޮތުން ރާއްޖޭގައި އުފައްދަނީ ވެކްސިނަށް ނުވެދާނެއެވެ. އަދި މިއީ ޕީޕީއީ ކިޓް އުފައްދާ ގައުމަކަށްވެސް ނުވެދާނެއެވެ. ނަމަވެސް ބަލިވާ ކޮންމެ މީހަކާއި، އެމީހާއާ ދިމާވާ ކޮންމެ މީހަކާއި، ރަނގަޅުވާ ކޮންމެ މީހަކާއި، ދަތުރުކުރަން ބޭނުންވާ ކޮންމެ މީހަކާއި، ދަތުރުން އެނބުރި އަންނަ ކޮންމެ މީހަކާއި، ކޮންމެ ސިވިލް ސަރވަންޓަކާއި، ކޮންމެ ބެލެނިވެރިއަކާއި، ކޮންމެ ދަރިވަރަކާއި، ޖުމުލަ ގޮތެއްގައި މުޅި ރައްޔިތުންވެސް އެ އެއްޗެއް ނުހަދާ ސަލާމަތްނުވާނެ ޕީސީއާރް ޓެސްޓު މި ގައުމުގައިވެސް ހަދަންޖެހޭނެކަން އެއީ ޔަގީންކަމެއް ނޫންތޯއެވެ؟

އެކަން ކުރައްވާނީ ކޮންމެވެސް ކްލިނިކަކުން ނުވަތަ ކޮންމެވެސް ލެބޯޓަރީއަކުން ނޫންތޯއެވެ؟ މި ތަންތަން ހިންގަވަން، ފެންނަ ހިސާބުގައި ނެތް ނަމަވެސް ތަންތަނުގެ ހިއްސާދާރުންގެ ގޮތުގައި އުޅުއްވަނީ ސިއްހީ ދާއިރާގައި ގޮތް ނިންމާ ފެންވަރުގައި ތިއްބަވާ މަތީ ފަންތީގެ ބޭފުޅުންކަމީ މިއަދު ކާކު ނުދަންނާނެ ކަމެއްތޯއެވެ؟

ގިނަ ބަޔަކު ބުނަމުންދަނީ ރޮޖަރ މާރޝަލްގެ ހުށައެޅުއްވި ގޮތަށް، އެ ފަރާތްތަކުގެ މާލީ ބަޔާން އާންމު ކުރައްވައި، އެކަންކަން ހާމަ ކުރައްވަން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން މަސައްކަތެއް ފައްޓަވާނަމަ ހާދަހާވާ ރަނގަޅެވެ. ހަމަ ގައިމުވެސް އެކަމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ހުރި ޝައްކަކާއި ވަހުމެއް ސާފުވެގެންދާނެ ނޫންތޯއެވެ؟ ސިއްހީދާއިރާގެ މަތީ ފަންތީގައި އުޅުއްވާ އަދި ކޮވިޑް-19ގެ ކަންކަމުގައި ރައީސަށް ލަފާއަރުއްވާ، ފިޔަވަޅުތައް އަޅުއްވާ ބޭފުޅުންނަކީ އެ ފިޔަވަޅުތަކުގެ މާލީ މަންފާ ސީދާ ގޮތެއްގައި ލިބޭ ފަރާތްތަކެއްނަމަ، ނަޒާހަތްތެރިކަމާމެދުވެސް އެތައް ސުވާލެއް އުފެދޭ ނޫންތޯއެވެ؟ މިކަންކަން ސާފުކޮށްދިނުމަކީ މިއަދު ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނޫނީ ކޮވިޑު އައީ ހިނިތުންވަމުން، ސިއްހީ ދާއިރާ މުއްސަނދި ކުރަމުން ކަމަށް ދެކިގެން މިވާހަކަ ނިންމާލަންވީތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
15%
0%
7%
22%
0%
56%
ކޮމެންޓް