ކ. މާލެ
|
13 ޖެނުއަރީ 2022 | ބުރާސްފަތި 15:49
ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފު- މަހުލޫފުގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ
ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފު- މަހުލޫފުގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ
ރައްޔިތުންގެ މަޖިލިސް
މަހްލޫފުގެ މައްޗަށް ކޮށްފައިވާ ދައުވާ
މަހުލޫފުގެ ޝަރީއަތް އަންނަ ހަފުތާގެ ބުދަ ދުވަހު ފަށަނީ
މަހުލޫފުގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ
ފުރަތަމަ އަޑުއެހުން އޮންނާނީ 19 ޖެނުއަރީ 2022 ވާ ބުދަ ދުވަހު
33،000 އެމެރިކާ ޑޮލަރު މަހުލޫފްގެ ނަމުގައި ބީއެމްއެލް ގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާވެފައިވޭ

ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފުގެ މައްޗަށް އެމްއެމްޕީއާރްސީ ޚިޔާނާތާއި ގުޅިގެން ތަހުގީގުކޮށް ދައުވާކުރަން ފޮނުވާފައިވާ މައްސަލައިގެ ޝަރީއަތް އަންނަ ހަފްތާގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މަހުލޫފުގެ މައްޗަށް ދައުވާކޮށްފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނާނީ 19 ޖެނުއަރީ 2022 ވާ ބުދަ ދުވަހު ކަމަށެވެ.

މަހުލޫފްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ ހ އާ ހަވާލާދީ އެމާއްދާގެ ށ ގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިޔަށްގެންދާ ޖޮއިންޓް އިންވެސްޓިގޭޝަނުން ހިންގި ތަހުގީގުގައި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ގ.ހާފްސީ އަހުމަދު މަހުލޫފަށް ފައިސާ ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މަހުލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ނިމިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 24 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ.

މަހުލޫފްގެ މައްޗަށް ދައުވާ އުފުލާ ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނެފައިވަނީ މަހުލޫފް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުންނެވިއިރު 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބު އަބްދުލްޣަފޫރު، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކު އޮފް މޯލްޑިވްސް ގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކަކުން މަހުލޫފަށް ދިން 33،000 އެމެރިކާ ޑޮލަރު މަހުލޫފްގެ ނަމުގައި ބީއެމްއެލް ގައި ހުޅުވާފައިވާ އެކައުންޓަށް 2014 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާތީކަމަށެވެ.

މަހުލޫފް މީގެކުރިން ވިދާޅުވެފައިވަނީ ދައުވާ އުފުލާ ހިސާބުން މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ހިމެނޭ، ސަރުކާރުގެ އިސްވެރިންގެ މައްސަލަތައް ކޯޓަށް ފޮނުވާ ހިސާބުން އެ ބޭފުޅުން މަގާމުތަކުން ވަކިކުރައްވަން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. 

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން މަހުލޫފް ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ސަސްޕެންޑް ކޮށްފައެވެ. އެގޮތުން މި މައްސަލައިގައި ފެބްރުއަރީ 14، 2019 ގައި ވެސް މަހުލޫފް ވަނީ ސަސްޕެންޑްކޮށް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައެވެ. އޭސީސީ އާއި ޕޮލިހުން އެއްވެސް މައްސަލައެއް ނެތްކަމުގެ ޔަގީންކަން އެރުވުމުން އޭޕްރީލް 16، 2019 ގައި މަހުލޫފްގެ ސަސްޕެންޝަން އުވާލާ މަގާމުގެ މަސްއޫލިއްޔަތުތައް އަލުން ވަނީ ހަވާލު ކޮށްފައެވެ. 

އޭނާ އެންމެފަހުން ސަންސްޕެންޑް ކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ. މަސައްކަތުން އެކަހެރި ވުމަށް މަހުލޫފަށް ރައީސުލްޖުމްހޫރިއްޔާ އެންގެވިތާ ހަތަރު މަސް ފަހުން އޮކްޓޯބަރ މަހުގެ 9 ވަނަ ދުވަހު ވަނީ ސަސްޕެންޝަން އުވާލައްވައި، މަސައްކަތަށް އަލުން ނިކުތުމަށް އަންގަވާފައެވެ. އެފަހަރު ސަސްޕެންޝަން އުވާލެއްވީ ހަތަރު މަސް ދުވަސް ފާއިތުވެދިޔައިރު ވެސް އެ މައްސަލާގައި ދައުވާ ކޮށްފައިނުވާތީއެވެ.

- ކޮމެންޓް