ހިޔާ ފްލެޓް: މައްސަލަތައް ހައްލުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަންޖެހޭ
9 ޑިސެމްބަރު 2021 | ބުރާސްފަތި 13:10އެސަރަހައްދުގެ މާހައުލު ބައްޓަންވެފައި އޮތީ އެކިކަހަލަ ކުށްތަކަށް އަރައިގަނެވޭ ގޮތަށް


ހިޔާ ފްލެޓްތައް
ހިޔާ ފްލެޓް ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބުދަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ނިޔާޒު ވިދާޅުވީ, ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހުޅުމާލޭގައި ކާމިޔާބު ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާފައިވާ ކަމަށާއި، ބޮޑެތި ތަކުލީފުތަކެއް ރައްޔިތުން އުފުލާފައިނުވާ ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ހިޔާ މަޝްރޫއުއިން ގިނަ ތަކުލީފުތަކެއް މިހާރު އުފުލަން ޖެހިފައިވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ.
ނިޔާޒު ވިދާޅުވީ ރައީސް ޔާމީންގެ ވިސްނުންފުޅު ހުރީ ކުޑަތަނަކަށް ގިނަ ބަޔަކު ޖަމާކުރުން ކަމަށާއި، އެސަރަހައްދުގައި އަމާންވެއްޓެއް ގާއިމްކުރުމަށް ރަނގަޅު ޕްލޭންތަކެއް އެކުލަވާލާފައިނުވާ ކަމަށެވެ. އެހެންކަމުން ހިޔާ ފްލެޓް ސަރަހައްދުގައި ހުރި މައްސަލަތައް ދެނެގަނެ، ހައްލުކުރުމަށް، ކަމާ ގުޅުންހުރި އިދާރާތައް އެކުގައި މަޝްވަރާކޮށް މަސައްކަތް ކުރަންޖެހޭ ކަމަށް ނިޔާޒު ވިދާޅުވިއެވެ.
އެސަރަހައްދުގެ މާހައުލު ބައްޓަންވެފައި އޮތީ އެކިކަހަލަ ކުށްތަކަށް އަރައިގަނެވޭ ގޮތަށްކަން ފާހަގަކުރައްވައި ނިޔާޒު ވިދާޅުވީ، މިހާރުން މިހާރަށް ހައްލު ކުރަންޖެހޭ ގިނަ މައްސަލަތައް އެބަހުރި ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލައާއި، ފޭރުމުގެ އިތުރުން ވައްކަމުންގެ މައްސަލަ އިތުރުވަމުންދާކަން ނިޔާޒު ފާހަގަކުރެއްވިއެވެ.
ނިޔާޒު ވިދާޅުވީ މިމައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން ވަރަށް ބޮޑު ފޯކަސްއެއްދޭން ޖެހޭ ކަމަށެވެ. ހިޔާ ފްލެޓް ސަރަހައްދުގައި ރަނގަޅު ޕްލޭންތަކެއް ތަންފީޒު ނުކުރެވެނީސް މީހުން ދިރިއުޅެން ފަށާފައިވާއިރު، ރައްޔިތުންނަށް ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދޭންޖެހޭ ކަމަށް ނިޔާޒު ވިދާޅުވިއެވެ.
ނިޔާޒު ވިދާޅުވީ މިއަދުގެ ހާލަތަށް ބަލާއިރު، ހައުސިން ޔުނިޓްތަކުގެ ކުޑަބޮޑުމިނުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށާއި، ރައްޔިތުންގެ މަސްލަހަތާ ގުޅުންހުރި ކަންކަން ކުރުން މާ މުހިންމު ކަމަށެވެ. އެގޮތުން ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕްރޭޝަން (އެޗްޑީސީ)އާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނިޔާޒު ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި، ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކަށް ފަސޭހަ އަމާން ދިރިއުޅުމެއް ލިބިގެންދާނެ ކަމަށެވެ.










