ކ. މާލެ
|
7 ޑިސެންބަރ 2021 | އަންގާރަ 12:40
ފުރަމާލޭގެ މަގުތަކުގައި " އިންޑިއާ އައުޓް" ލިޔެފައިވާ ކަރުދާސްތައް އަޅާފައި
ފުރަމާލޭގެ މަގުތަކުގައި " އިންޑިއާ އައުޓް" ލިޔެފައިވާ ކަރުދާސްތައް އަޅާފައި
ރާއްޖެއެމްވީ
އިންޑިއާ އައުޓް ސިޔާސީ ކެމްޕޭން
އިންޑިއާ އައުޓްއަކީ ސީދާ 2023 ގެ ކެމްޕޭނަށް ފައްކާކުރާ އުކުޅެއް
 
އިންޑިއާ އައުޓް ކެމްޕޭންގެ ބޭނުމަކީ ރިޔާސީ އިންތިޚާބަށް ތައްޔާރުވުން
 
ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައި، ރާއްޖެ އެކަހެރިވެގެން އޮވެވިދާނެތަ؟
 
މަނީ ލޯންޑަރިންގ އަށް އިންޑިއާއަށް ރަށްތައް ވިއްކިކަމުގެ ތުހުމަތު

ކެމްޕޭން ތަކަށް ތައްޔާރުވުމަށް އެކި މީހުން އެކި އުކުޅުތައް ގެންގުޅެއެވެ. ސިޔާސަތުތަކެއް ވިއްކައި، ރައްޔިތުންނަށް ކޮށްދޭނެ ކަންތައްތަކެއް ބުނެދިނުމާއި، ވައުދުތަކެއް ވުމަކީ އެއްބަޔަކު ކޮށްއުޅޭ ކަމެކެވެ. އެފަދަ ސިޔާސަތެއް ވިއްކެން ނެތް މީހުންވެސް ތަފާތު އެކި ކެމްޕޭން އުކުޅުތައް ބޭނުން ކުރެއެވެ. އެގޮތުން ރައްޔިތުންގެ ޖަޒުބާތުތަކާއި އެންމެ ބޮޑަށް ކުޅެވޭލެވޭނެ ފަދަ ކަންކަމާއި ގުޅޭ ސްލޯގަންތައް ހަދައި، އެ ސްލޯގަން ފުޅާކޮށް ފިކުރީ ގޮތުން ރައްޔިތުންގެ ސިކުނޑިތަކާއި ކުޅެލުމަކީވެސް ބައެއް މީހުން ބޭނުންކުރާ ކެމްޕޭން އުކުޅެކެވެ. މިސާލެއްގެ ގޮތުން ދީނާއި، ވަތަނާއި، މިނިވަންކަމަކީ އެ ކަންކަމުން ސީދާ ދިވެހިންގެ ހިތުގެ ފުންމިނަށް އަސަރުކުރުވާނެ ފަދަ ކަންކަމެވެ. ސިޔާސީ ސިކުނޑިން ވިސްނާ މީހާ އެ ކަންކަމަކީވެސް ކެމްޕޭން އުކުޅަކަށް ބަދަލުކޮށްލައި، ނެތް ޙާލަތުތައްވެސް ވުޖޫދުކޮށްލަނީ ހަމައެކަނި ސިޔާސީ މަންފާއެއް ޙާސިލު ކުރުމަށެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކަށްވެސް ވަނީ އެހެންނެވެ.

އިންޑިއާ އައުޓް ކަރުދާސްތައް މާލޭ މަގުތައްމަތީ، ތަހުޒީބު މަންޒަރެއް ނޫން

އަންގާރަ ދުވަހު އަލިވިލިގެން އައިއިރު، މާލޭގެ މަގުތައްމަތިން ފެނިގެން ދިޔައީ ވަރަށް ނާތަހުޒީބު މަންޒަރެކެވެ. ފުރަމާލޭގެ މަގުތަކުގައި " އިންޑިއާ އައުޓް" ލިޔެފައިވާ ކަރުދާސްތައް ފުނިޖެހިފައިވާއިރު، އެކަން ކުރި ބައެއްގެ މަޤްސަދަކީ ކޮބައިބާއޭ ވިސްނާލެވުނެވެ. ސުކޫލުތަކަށް ދިއުމަށް ތައްޔާރުވެގެން ނުކުތް އެތައް ދަރިވަރުންނަކަށްވެސް އެ މަންޒަރުތައް ފެނިގެން ދިޔައެވެ. ކިތަންމެ ދަރިވަރަކު އެކަމާ ސުވާލު އުފެއްދިއެވެ. ތަހުޒީބު މުޖުތަމައެއްގައި، ޑިމޮކްރަސީގެ ހަމަތަކުގެ މަތިން އިސްލާޙަށް މަސައްކަތް ކުރާ ބަޔަކަށް އެކަން ކުރެވޭނެ އެއަށްވުރެ ރިވެތި އުސޫލުތައް ނުހުންނާނެބާއޭ ހިތަށް އަރައެވެ.

އެހިސާބުން ދެން އަންނަ ރައްދަކީ މިވެނި ޒަމާނެއްގައި މިވެނި ބަޔަކު އެވެނި ކަމެއް ކުރިކަމުގެ ވާހަކައެވެ. ސުވާލަކީ ތިމާ ކުރިއަށްދާ ވަރަކަށް އުމުރު ފަހަތަށްދާ ބީދައިން، ޤައުމު ކުރިއަށްދާ ވަރަކަށް ޤައުމުގެ ރައްޔިތުންގެ ވިސްނުންވެސް ދާންވީ ފަހަތަށްބާއެވެ؟ ހިޔާލުފާޅުކުރުމާއި މިނިވަންކަމަކީ ކޮންމެ މީހަކަށްވެސް ލިިބިގެންވާ އަސާސީ ޙައްޤަކަށްވާއިރު، ތަހުޒީބު މުޖުތަމައުތަކުގައި އެކަން ކޮށް އުޅެނީ މަގުތައް ހަޑިކޮށް، އެހެންމީހުންނަށްވެސް ބޮޑު ލުކުސާނަކަށް ވާ ގޮތަކަށްހެނެއް ހިއެއް ނުވެއެވެ. ނޫނީ އަޅުގަނޑުގެ ވިސްނުން އެކަމުގައި މާ ކޮށީ ކަމަށްވެސް ވެދާނެއެވެ.

ސުކޫލުތަކުގެ ދަރިވަރުން އެކަންޏެއް ނޫނެވެ. ވެރިރަށް މާލެއަކީ ތަފާތު އެކި ޤައުމުތަކުގެ ރައްޔިތުން އެކި ބޭނުންތަކުގައި އައިސް ގޮސް އުޅޭ ތަނެކެވެ. ފަތުރުވެރިންނަށް ބަލާލިޔަސް، ނޫނީ ރާއްޖެއަށް އެކި ކަންކަމުގައި ޒިޔާރަތްކުރާ މީހުންނަށް ބަލާލިޔަސް، އެ މަންޒަރަކީ މާ ރީތި މަންޒަރަކަށް ނުވާނެއެވެ. އެހެނެއް ނޫނެވެ. އެއްކަލަ ސިޔާސީ ތޮފި އަޅައިގެން ހުންނަ މީހާއަށް ފަހަރުގައި އެއީ ރަނގަޅު ކެމްޕޭން އުކުޅެއްކަމަށް ފެނި، އެކަމުގައި މައްސަލައެއް ނުފެނުމަކީ އެކަށީގެންވާ ކަމެކެވެ. ސިޔާސީ މީހާ ވިސްނާނީ ހަމައެކަނި ސިޔާސީ މަންފާއަށެވެ. ޤައުމުގެ ނަން ކިލަނބުވުމާއި، ޤައުމުގެ އިޖުތިމާއީ ފޭރާމުން ތަހުޒީބުގެ ކުލަވަރު ގެއްލިގެން ދިއުމަކީ އަދި އޭނާ ބަލަންޖެހޭ ކަމަކަށް ނުވެދާނެއެވެ.

އިންޑިއާ އަސްކަރިއްޔާގެ ބޫޓުޖޯޑު ކަމުދަނީ ހަމައެކަނި ބައެއް ބޭނުންތަކަށް

ދާދި މިދާކަށް ދުވަހަކު އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީނު ވިދާޅުވި ވާހަކައެކެވެ. އިންޑިއާ އަސްކަރިއްޔާގެ އެންމެ ބޫޓު ޖޯޑެއްވެސް ރާއްޖޭގައި ހުންނަން ބޭނުންނުވާ ވާހަކައެވެ. އިންޑިއާގެ ބޫޓު ޖޯޑުގެ ވާހަކަ ދައްކާއިރު އެއާ ވިދިގެން ދެން މި ފެންނަނީ ދުނިޔޭގެ އެންމެ ބާރުގަދަ މީހުންގެ މަނީ ލޯންޑަރިންގ އާއި ޓެކުހަށް މަކަރު ހަދާފައިވާ ލިޔުންތަކާއެކު ދުނިޔޭގެ 117 ގައުމެއްގެ 600 ށް ވުރެ ގިނަ ނޫސްވެރިން އެކުވެ ލީކު ކޮށްލިޕެންޑޯރާ ޕޭޕާސްގައި އެ ލިޔެފައިވާ ވާހަކަތަކެވެ.

އިންޑިއާގެ އެތައް ސަރަހައްދެއްގައި ލަގްޒަރީ ހޮޓެލްތައް ހިންގަމުން އަންނަ ބޯސްލޭ އާއިލާއަށް 50 އިންސައްތަ ލިބޭ ޑީލެއްގެ ދަށުން،  ޓެންޑަރ ކުރުމެއް ނެތި، ސެޕްޓެމްބަރ 2015ގައި 1.55 މިލިއަން ޑޮލަރަށް ރ ފުއްގިރި ދިން ވާހަކަ އެ އޮތީ ފެންނާށެވެ. ދިވެހި ގައުމުގެ އެންމެ ފަސްކޮޅެއްވެސް، ވެލިކޮޅެއްވެސް، ފަރެއްވެސް، ގިރިއެއްވެސް ނުދެއްވާނަމޭ ވިދާޅުވެ އަޑަށް ބާރުލައި އިންޑިއާ އައުޓް ކިޔުއްވަމުން ގެންދަވާއިރު، އެތައް މިލިއަން ޑޮލަރަށް ރާއްޖޭގެ ރަށްތައް ވިއްކައި އޭން ނާޖާއިޒް މަންފާ ހޯދަން ވީމައި، އިންޑިއާވެސް އޯކޭވީތޯއެވެ؟ މިއީ ދައުލަތުގެ އިދާރާތަކުން ތަހުގީގުކޮށް، ހެކި ހޯދައި، ދައުވާ އުފުލައި މިހާރުވެސް ޝަރީއަތް ކުރިއަށްދާ ކަންކަމެވެ.

އިންޑިއާގެ ކަނޑުގެ ސިފައިން ގުޅިގެން ރާއްޖޭގެ އީއީޒެޑް ބަލަހައްޓާތާ 13 އަހަރު!

އިދިކޮޅުން ވަނީ އިންޑިއާގެ ސިފައިން ރާއްޖޭގައި އޮޕަރޭޝަންތައް ހިންގަން ފުރުސަތު ދޭނަމަ ރާއްޖެ ހިސޯރުކުރާނެ ކަމަށް ބުނެ، "އިންޑިއާ އައުޓް" ނަމުގައި ސޯޝަލް މީޑިއާ ކެމްޕޭނެއްވެސް ފަށާފައެވެ.

ހަޤީޤަތަކީ އިންޑިއާގެ ސިފައިންނާއި ގުޅިގެން ދިވެހި އަސްކަރިއްޔާއިން ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަޙައްދު (އީއީޒެޑް)ގައި ސަރވައިލެންސް އޮޕަރޭޝަންސްތައް ހިންގާތާ 12 އަހަރު ވެފައިވާ ކަމެވެ. އެގޮތުން މިއީ ކޮންމެ 3 މަހަކުން ހިންގާ އޮޕަރޭޝަނެކެވެ. ކުރިއާ އަޅާބަލާއިރު، މިހާރު އައި ހަމައެކަނި ތަފާތަކީ ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓްކުރަނީ ދިވެހިރާއްޖޭގެ ދިދަ އާއި އެމްއެންޑީއެފްގެ މަރުކާއާއި އެކު، އެމްއެންޑީއެފް ގެ ކޮމާންޑްގެ ދަށުން ކަމެވެ. އެހެން ނަމަވެސް، މިކަމުގައި އިންޑިއާ އިން ފޯރުކޮށްދޭނީ ހަމައެކަނި ފަންނީ އެހީތެރިކަމެވެ.

އޭގެ އިތުރުން، އިންޑިއާއިން ރާއްޖެއަށް ދީފައިވާ ހެލިކޮޕްޓަރުތަކުގެ އޮޕަރޭޝަންތައް ވެސް ހިންގަމުންދަނީ އެމްއެންޑީއެފުގެ ކޮމާންޑުގެ ދަށުންނެވެ.

ރާއްޖެއާއި އިންޑިއާއާމެދު ޚާރިޖީ ގުޅުން ބަދަހި ކުރުމަށް ކުރެވޭ މަޝްވަރާތަކުގެ ދަށުން އެއްވެސް އިރެއްގައި ރާއްޖޭގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ބިނާ ކުރުމަށް މަޝްވަރާ ކުރެވިފައެއް ނުވެއެވެ. އޭގެ ބަދަލުގައި މަޝްވަރާ ކުރެވެމުންދަނީ ދިވެހިރާއްޖެއާއި އެކު ގުޅުން ބަދަހިވެފައިވާ ދޭދޭ ޤައުމުތަކުގެ އެހީގައި އަސްކަރީ ތަމްރީންތައް ހިނގުމާއި، އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި، އިންޓެލިޖެންސަށް ލިބިފައިވާ މަޢުލޫމާތު ޙިއްސާކުރުމަށް ބާއްވާ ޑިފެންސް ކޯޕަރޭޝަން ޑައިލޮގްތަކުގައި ދިވެހި ރާއްޖެއިން ބައިވެރިވުން ފަދަ ކަންކަމާއެވެ. ޙަޤީޤަތަކީ މިކަމުގެ ސަބަބުން ދިވެހި އަސްކަރިއްޔާ އިތުރަށް ކުރިއަރައި، ޒަމާނީ ވެގެން ދާނެ ކަމެވެ.

އޭގެ އިތުރުން، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ނުވަތަ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އައިސްފައިވާ އެހެން ގައުމެއްގެ އަސްކަރީ ފަރާތްތަކަށް، އެމީހުންގެ އެގްރީމަންޓުގައި ބަޔާންކޮށްފައިވާ ކަންކަން ނޫން އިތުރު ކަންކަން ނުކުރެވޭނެކަމަށްވެސް ސާފުކޮށް އަންގާފައި އޮވެއެވެ. މިއީ ޒަމާނުއްސުރެ މިކަން ހިނގަމުންދިޔަ ގޮތް ކަމަށްވީއިރު، މިހާރު ކުއްލި ގޮތަކަށް އިދިކޮޅުން ސަރުކާރާމެދު ރުޅިވެރިކަން އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ޙަޤީޤަތް ސާފެވެ.

ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިގެން ދިވެހިންނަށް ތިބެވިދާނެ؟

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން އޭރު ގެންގުޅުނު "ޗައިނާ ފަރސްޓް" ޕޮލިސީގެ ސަބަބުން ޚާރިޖީ ގުޅުންތަކަށް އޭރު ބުރޫއެރިކަން މިއީ މިއަދު ފެންނަން އޮތް ޙަޤީޤަތެކެވެ. އެހެން ނަމަވެސް، މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ހަމަހަމަކަމާއެކު، ރާއްޖެއަށް އެންމެ ލާބައާއި މަންފާ ކުރާނެ ގޮތަކަށް ޚާރިޖީ ގުޅުންތައް ބައްޓަން ކުރުމަށެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން މިއަދު ޗައިނާއާއި، އަވައްޓެރި އިންޑިއާއިންވެސް ދަނީ ރާއްޖެއާ ގުޅިގެން އެކި މަޝްރޫއުތަކުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮވިޑުގެ ދަތި ޙާލަތުގަައިވެސް ޒަރޫރީ ބޭސްފަރުވާއަށް ރާއްޖެއިން ދާން ބޭނުންވާ ފަރާތްތަކަށް އިންޑިއާއިން ހުއްދަ ދިނީ ޚާއްސަ ޙާލަތެއްގެ ދަށުންނެވެ. ފިޔާ އެކްސްޕޯޓު ކުރުން ހުއްޓާލައި، އިޤްތިސާދީ ބޮޑު ތަޑުމަޑުކަމަކާއި ކުރިމަތިވެގެން ދިޔައިރުވެސް ރާއްޖެއަށް އެ ތަކެތި މެދުކެނޑުމެއްނެތި ފޯރުކޮށްދިނީ ޚާއްސަ ޙާލަތެއްގެ ދަށުންނެވެ. އިންޑިއާއިން ކޮވިޑް-19 އަށް އުފެއްދި ވެކްސިން އެންމެ ފުރަތަމަ ފޯރުކޮށްދިން ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނި، މިއަދު އާބަދީގެ ބޮޑު ބައެއް ވެކްސިން ފުރިހަމަ ކޮށްފައިވާ ޤައުމުތަކުގެ ޝަރަފު ރާއްޖެއަށް ލިބިގެން ގޮސްފައިވާއިރު، ވެކްސިން ލިބުމުގެ ދަތިތަކުގެ ސަބަބުން ވެކްސިން ފުރިހަމަ ނުކުރެވި އެތައް ޤައުމުތަކެއްގެ ރައްޔިތުން އެބަތިއްބެވެ. މިއީ ހައްތަހާވެސް ޑިޕްލޮމެޓިކް ގުޅުންތައް ބަދަހިކޮށް، ހަރުދަނާ ޚާރިޖީ ސިޔާސަތެއް ގެންގުޅުމުގެ ނަތީޖާއެވެ.

މިއަދު މިނިވަންކަމުގެ ނަމުގައި ކެމްޕޭނަށް ތިޔަ ފައްކާކުރާ އުކުޅަކީ މާދަމާ ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެ އެކަހެރިވެގެން އޮންނަން ޖެހުމުގެ ކޮޅުމައްޗަށް ވެދާނެއެވެ. ތިއަށް ކިޔަނީ ރައްޔިތުންނަށް ހެޔޮ އެދުމެއް ނޫނެވެ. ތިއީ ސިޔާސީ މަޤްސަދަކަށްޓަކައި، ރައްޔިތުންގެ މުސްތަޤުބަލު ބަނަކޮށްލުމެވެ. މިނިވަންކަމުގެ ހަނގުރާމަ މީހުން ކޮށް އުޅެނީ ތިހެނެއް ނޫނެވެ. ކުޑަމިނުން މިނިވަންކަމަށް އަސަރު ކުރާފަދަ ތިޔަ ވިދާޅުވާ ޙާލަތެއް އޮތްނަމަ، އިދިކޮޅު އިސް ފަރާތްތަކުން މަޖިލީހުގައި އެ މައްސަލަތަކަށް ވާހަކަ ދެއްކެން އޮންނަ މަޖިލިސްތައް ދޫކުރައްވައި ފިއްލަވަނީ ކީއްވެތޯއެވެ؟ އިހުލާސްތެރި ނިޔަތެއްގައި ކެރިވަޑައިގެން އެހެން ވިދާޅުނުވަނީ ކީއްވެތޯއެވެ؟ ބޮނދައިގެން، ފިއްލަވައިގެން ތިއްބަވައި މުޅި މަގުތަށް ކުނިން ފުރާލުމަކީ އަދި މިނިވަންކަން ހޯދައިދިނުމަށް މަސައްކަތް ކުރުމޭ ބުނުން ގާތެއްވެސް ނޫނެވެ. ރައްޔިތުންނަށް އޮޅުވާނުލައްވާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މުހައްމަދު އާދަމް ސަލީމް
0%
0%
0%
67%
0%
33%
ކޮމެންޓް
ގުޅުންހުރި