Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖެ - އިންޑިއާ

އިންޑިއާ: ނަމުން ބޮޑުބޭބެ، ކަމުން ދޮންދަރި!

ބަސްނާހާ ނަމަ އަދަބު ދިނުމުގެ ހައްގު ބޮޑުބޭބެ އަށް ވެސް ލިބިގެންވޭ

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2017 | ބުރާސްފަތި 17:28
އިންޑިއާގެ ފޮރިން ސެކްރެޓަރީ ސުބްރަމާނިޔަމް ޖަޔަޝަންކަރު އޭޕްރީލް މަހު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް އަބްދުﷲ ޔާމީނަށް ބައްދަލުކުރައްވަނީ

އިންޑިއާގެ ފޮރިން ސެކްރެޓަރީ ސުބްރަމާނިޔަމް ޖަޔަޝަންކަރު އޭޕްރީލް މަހު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް އަބްދުﷲ ޔާމީނަށް ބައްދަލުކުރައްވަނީ

"އިންޑިއާއަކީ އަޅުގަނޑުމެންނާ އެންމެ ގާތް ގައުމު. މިއީ ޒަމާނުއްސުރެ މިކަން އޮތް ގޮތް. އެހެންވެ، އެއްގޮތަކަށް ވެސް ކޮށްގެން ނުވާނެ ކަމަކީ އިންޑިއާ އަށް، އިންޑިއާގެ ވެރިންނަށް، ސިޔާސީ ބޭފުޅުންނަށް ރައްދުވާ ގޮތަށް ބަދުބަސް ބުނުމަކީ އަޅުގަނޑުމެން ކޮށްގެން ވާނެ ކަމެއް ނޫން. އެއީ ސަރުކާރުން ކުރާނެ ކަމެއް ނޫން،" މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. ވެލިދޫގައި ވާހަކަ ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވާން ޖެހިވަޑައިގެންނެވި ސަބަބުތަކެއް އެބަހުއްޓެވެ. މި ސަރުކާރު ވެރިކަމަށް އައީ ވެސް އިންޑިއާއާ މެދު ނަފްރަތުގެ ތެރެއިންނެވެ. އެމްޑީޕީގެ ވެރިކަން ނިމުމަކަށް ގެނައުމުގެ މަރުހަލާގެ ތެރޭގައި އެންމެ ބޮޑަށް ބަހުގެ ހޫނު ހަމަލާތައް އަމާޒުވީ ވެސް އިންޑިއާއަށެވެ. ވެރިކަން ނިމުމުގެ ސަބަބު ގުޅިފައި ވަނީ ވެސް އިންޑިއާއާއެވެ. ސަރުކާރު ބަދަލުކުރުމަށް ރައްޔިތުން ކެއްކުވުމަށް ބޭނުންކުރި ސްލޯގަންއަކީ "ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް" އެވެ. ރާއްޖޭގެ މައި ދޮރާށި އިންޑިއާ އަށް ދިން ކަމުގެ ތުހުމަތު އަޅުވައި "ރަތް މަހަށް އެއްޗެހި ނުގޮވާ ވަރަށް" އިންޑިއާ އަށް ނިސްބަތްކޮށް އޭރު އިދިކޮޅުގައި ތިއްބެވި އަދި މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން އެއްޗެހި ކިޔާފައި ވެއެވެ.

ފާއިތުވި ފަސް ވަރަކަށް އަހަރުގެ ތެރޭގައި އިންޑިއާއާ މެދު ރާއްޖެއިން ގެންގުޅުނު ސިޔާސަތުގައި އޮތީ ބީރައްޓެހި ކަމެވެ. އެވެރިކަން ނިމި މިހާރުގެ ސަރުކާރުގެ ފުރިހަމަ ބާރު އޮތް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ވެސް އިންޑިއާއާ މެދު އަމަލުކުރީ އިހާނެތިކޮށެވެ. އިންޑިއާގެ ޖީއެމްއާރު ކުންފުނި ބޭރުކޮށްލިއެވެ. ދެ ގައުމުގެ މެދުގައި މިހާތަނަށް ގުޅުން ގޯސްނުވާހާ ދަރަޖަ އަށް އެ މައްސަލައިގަ ގުޅުން ގޯސްވިއެވެ. އޭގެ ފަހުން އިންޑިއާގެ ޓާޓާ ކުންފުންޏާ މެދު އަމަލުކުރި ގޮތުން ވެސް މި ސަރުކާރާއި އިންޑިއާއާ ދެމެދު އިތުރަށް ކުނި ޖެހިގެން ދިޔައެވެ.

އިންޑިއާ އާއި އިންޑިއާގެ ކުންފުނިތަކާ މެދު އިހާނެތިކޮށް ހިތި ނަމަވެސް އިންޑިއާ އިން ދިޔައީ މި ސަރުކާރާއި ދިވެހިން ބޭނުންވި ކޮންމެ ދަނޑިވަޅެއްގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ފެން ކުންފުނީގައި އަލިފާނުގެ ހާދިސާއެއް ހިނގައި މުޅި މާލެއިން ފެން ކަނޑައިގެން ގޮސް މާލެ ފެނަށް ޖެހުނު ދަނޑިވަޅު އެންމެ ފުރަތަމަ އެހީގެ އަތެއް ފޯރުކޮށްދިނީ އިންޑިއާއިންނެވެ. މަނަވަރުތަކުގައި ފެން އުފުލައި ބޮޑުބޭބެގެ ޒިންމާ އިންޑިއާ އިން ވަނީ އަދާކޮށްފައެވެ. އޭގެ ފަހުން ގައުމުގެ ރިޒާވް ދަށްވެ މުސާރަ ދިނުން ފަދަ ރިކަރަންޓް ޚަރަދުތައް ފޫބެއްދުމަށް ލުއި ލޯނުގެ އެހީތެރިކަން ވެސް އެންމެ އަވަހަށް ފޯރުކޮށްދިނީ އިންޑިއާ ސަރުކާރާއި ސަރުކާރު މެދުވެރިވެގެން އިންޑިއާގެ ބޭންކްތަކުންނެވެ. ރާއްޖޭގެ ދުރު ހިސާބަކުން މީހަކު ބަލިވެއްޖެ ނަމަ މާލެއާ ހަމައަށް އެންމެ އަވަހަށް ގެނެސްދިނުމުގައި ވެސް މިހާރު ވެސް އިންޑިއާގެ އަސްކަރީ ހެލިކޮޕްޓަރާއި އެ އުޅަނދުގެ އިންޑިއާގެ ފަޅުވެރިން އަބަދު ވެސް ތިބެނީ ތައްޔާރަށެވެ.

މިފަދަ އެތައް ކަމެއްގައި ޒަމާނުއްސުރެއް އިންޑިއާއަކީ "ބޮޑުބޭބެ" އެވެ. އެއީ ފެށުނީއްސުރެ އެކަން އޮތް ގޮތެވެ. އިންޑިއާ ކަންކަން ކޮށްދެނީ އެކަން ގަބޫލުކުރެވޭތީއެވެ. ބޮޑު ބުރާސްފަތި ނުވަތަ ތަމަޅަ ޓައިގަރުންގެ ބަޔަކު ރާއްޖެ އަޅުވެތިކުރަން ދިން ހަމަލާއިން މި ރާއްޖެ ސަލާމަތްކޮށްދިނުމުން ފެށިގެން ރާއްޖޭގެ ތަރައްގީގައި އިންޑިއާގެ ހިއްސާ ބޮޑެވެ. ސިއްހީ ޚިދުމަތްތައް ތަރައްގީކުރުމުގައި އިންޑިއާގެ އެހީ ގުނާ އަދަދު ނުކުރެވެއެވެ. ރާއްޖޭގައި ހުރި ސިއްހީ ޚިދުމަތްދޭ އެންމެ ބޮޑު މަރުކަޒުގެ ނަން ވެސް ނިސްބަތްވަނީ އިންޑިއާގެ ބޮޑުވަޒީރަށެވެ. އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަކީ ސީދާ އިންޑިއާ ސަރުކާރުގެ އެހީއެވެ. ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރޭގައި އިންޑިއާގެ ހިއްސާ ބޮޑެވެ. މިހެން ގޮސް ވަރަށް ދިގުކޮށް ވާހަކަ ދެއްކިދާނެއެވެ. އިންޑިއާ އިން ކަމަކަށް އެދެން ވީމާ "ބޮޑުބޭބެ" އަށް ވިޔަސް ފަހަކަށް އައިސް ދިވެހި ސަރުކާރުން އިންޑިއާ މެދު އަމަލުކުރަނީ، ދުރުހިލޭ މީހުންނާ މެދު އަމަލުކުރާ ގޮތަށް ވުރެ ގޯސްކޮށެވެ.

އިންޑިއާއަށާއި އިންޑިއާގެ ވެރިންނަށް ބަދުބަސް ނުބުނަން ރައީސް ޔާމީން ނޫސްވެރިންނާއި މީޑިއާތަކަށް އިލްތިމާސްކުރެއްވީ އިންޑިއާއާބެހޭ ގޮތުން ރާއްޖޭގެ މީޑިއާއަކުން ގެނެސްދިން ރިޕޯޓަކާ ގުޅިގެންނެވެ. އިންޑިއާއަކީ "ބެސްޓް ފްރެންޑް" ނޫން ކަމަށާއި އެއީ ހަތުރެއް ކަމަށް ސިފަކޮށް "ވަގުތު" އޮންލައިންގައި ލިޔުނު އެ ރިޕޯޓް އެ ނޫހުން ނެގި ނަމަވެސް އެ ލިޔުމުގެ ސަބަބުން އިންޑިއާ ވަނީ ހަގީގަތުގައި ވެސް ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. ހާއްސަކޮށް ސަރުކާރުގެ ކުންފުނިތަކުގެ ބޮޑު އެހީތެރިކަމަކާ އެކު ހިންގާ އަދި ސަރުކާރުގެ އެކި ފަރާތްތަކާ ގާތްގުޅުމެއް އޮތް މީޑިއާއަކުން އެފަދަ ވާހަކަތަކެއް ގެނައުމުން ހަގީގަތުގައި ވެސް އެއީ ސަރުކާރުގެ ވެސް ސިޔާސަތު ހުރި ގޮތް ކަމަށް ގަބޫލުކުރަން ފުރުސަތުތަކެއް ލިބިގެން ހިނގައްޖެއެވެ.

އިންޑިއާ އަށް ބަދުބަސް ނުބުނަން ރައީސް ޔާމީން އިލްތިމާސްކުރައްވާ އިރު ސަރުކާރުން ޚާރިޖީ ސިޔާސަތު ބައްޓަންކޮށްފައި ވަނީ އިންޑިއާ ހިތުގައި ޖެހޭ ގޮތަށެވެ. މި ސަރަހައްދުގައި އިންޑިއާއާ އެންމެ ވާދަވެރި ޗައިނާއަށް ރާއްޖެ އިން ގިނަ ފުރުސަތުތަކެއް ދިނުމާއި މި ސަރަހައްދުގެ ސަލާމަތަށް ނުރައްކާވާ ފަދަ ބާރުތަކެއް ރާއްޖޭގެ ތެރެއިން ޗައިނާ އަށް ދިނުމަކީ އިންޑިއާ އިން ކޮށްދޭ ކަންކަމުގައި ކޮޅުފައިން ޖެހުން ކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއެވެ. އިގްތިސާދީ ގޮތުން ޗައިނާއާ ގާތްވުމަކީ މާބޮޑު މައްސަލައެއް ނޫނެވެ. އެހީތަކާއި ފުރުސަތު ލިބޭ ނަމަ ގާތްވާންވީއެވެ. ނަމަވެސް ސަރަހައްދުގެ ސަލާމަތަށް ނުރައްކާވާ ފަދަ ގޮތަކަށް ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރާ ނަމަ ވަށައިގެންވާ ގައުމުތަކުން ކަންބޮޑުވާނެއެވެ. ހާއްސަކޮށް މި ސަރަހައްދުގެ ހަމަޖެހުން އެ ގައުމަކަށް ބިނާވެފައި އޮތް އިންޑިއާ އިން އެކަމާ ކަންބޮޑުވާނެއެވެ.

އަނެއްކޮޅުން އިންޑިއާއަކީ އެންމެ ގާތް އެކުވެރިޔާ ކަމަށް ރައީސް ސިފަކުރެއްވި ނަމަވެސް ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ޝަފީރަށް ރާއްޖޭގެ ރައްޔިތުންނާ މިނިވަންކަމާ އެކު ބައްދަލުކޮށްލެއްވުމުގެ ފުރުސަތެއް ނެތެވެ. ރަށްރަށަށް ދަތުރުކުރައްވައި ކައުންސިލްތަކާ ބައްދަލުކޮށްލުމުގެ ހައްގެއް ވެސް މިހާރަކު ނެތެވެ. ދިވެހިންގެ ދިރިއުޅުން ގާތުން ބައްލަވައި ރަށްރަށުގެ ދިރިއުޅުމާ ބެހޭ ގޮތުން މައުލޫމާތު ހޯއްދެވުމުގެ ޝައުގުވެރިކަން ސަފީރު އަކިލޭޝް މިޝްރާގެ ހުންނެވިޔަސް އެއިން ރަށަރަކަށް ގޮސް ކައުންސިލަރަކާ ބައްދަލުކޮށްފި ނަމަ އެ ކައުންސިލަކަށް އަދަބު ދެނީއެވެ. ރާއްޖޭގެ ބޭރުގެ ފަރާތްތަކާ ބައްދަލުކޮށް މައުލޫމާތު ހިއްސާކުރެވޭނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ހުއްދަ ލިބިގެން ކަމަށް ކައުންސިލްތަކަށް އެލްޖީއޭ އިން އެންގި ނަމަވެސް އެ އެންގުމުގެ ދަށުން މިހާތަނަށް ފިޔަވަޅު އެޅީ އިންޑިއާ ސަފީރާ ބައްދަލުކުރި ކައުންސިލަށެވެ. އެ އިއުލާނުގެ ފަހުން ވެސް ކައުންސިލްތަކުން ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލުކޮށްފިއެވެ. ފިޔަވަޅެއް ނާޅައެވެ. އެހެންކަމުން އެ އެންގުމުގެ މާނަ އިންޑިއާ އިން ނަގަންވީ އެއީ ހަމައެކަނި އިންޑިއާ އަށް އަމާޒުކޮށްގެން ހެދި އުސޫލެއް ކަމަށްތޯއެވެ؟

އިންޑިއާ އަށް ބަދުބަސް ބުނުން ހުއްޓާލުމަކުން ނުފުދެއެވެ. އެއީ ހަމައެކަނި ނޫސްވެރިންނަށް އޮތް ޒިންމާއެއް ނޫނެވެ. ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ފަރާތްތަކުން ވެސް އެކަމަށް ސަމާލުވާން އެބަޖެއެވެ. ސަރުކާރަށް ނިސްބަތްވާ ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކައަކީ ވެސް ސަރުކާރަށް ނިސްބަތްވާނެ ވާހަކަތަކެކެވެ. އެހެން ކަމުން އެއީ ވެސް ދެ ގައުމުގެ ގުޅުމަށް އަސަރުކުރާނެ ކަމެކެވެ. އޭގެ އިތުރުން އިންޑިއާއާ މެދު ގެންގުޅޭ ސިޔާސަތު ވެސް ހަމަހަމަކުރަންޖެހެއެވެ. އިންޑިއާގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ސިޔާސަތު ކަނޑައަޅާ އިރު ވެސް ވިސްނަންޖެހެއެވެ. އެހީއެއް ބޭނުންވުމުން ނުވަތަ ހިތްރުއްސަށް ހަމައެކަނި "ބޮޑުބޭބެ" ގެ ލަގަބު ދިނުމަކުން ނުފުދެއެވެ. އަމަލުން ވެސް އެކަން ދައްކަންޖެހެއެވެ. ނޫން ނަމަ ބަސް ނާހައި އުޅޭ ކުދިންނަށް އަދަބު ދިނުމުގެ ހައްގު "ބޮޑުބޭބެ" އަށް ވެސް އޮންނާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަދަކަމުން ހޯދާ "ތާއީދު"ގެ ބޮޑު މަންޒަރު

ގަދަކަމުން ހޯދާ "ތާއީދު"ގެ ބޮޑު މަންޒަރު

24 އޮކްޓޯބަރު 2017
 ސީޝެލްސް: ޗައިނާއާއި އިންޑިއާގެ ކުރިމަތިލުމުގެ މައިދާން

ސީޝެލްސް: ޗައިނާއާއި އިންޑިއާގެ ކުރިމަތިލުމުގެ މައިދާން

14 އޮކްޓޯބަރު 2017
ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

11 ސެޕްޓެމްބަރު 2017
ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

15 އޯގަސްޓު 2017
އިންޑިއާގެ އާ ރައީސް ގިނަ ބަޔަކަށް ނޭނގޭ

އިންޑިއާގެ އާ ރައީސް ގިނަ ބަޔަކަށް ނޭނގޭ

21 ޖުލައި 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު