ރޭޕްކުރުމާއި ޖިންސީ އަނިޔާ ހިންގާ މައްސަލަތަކުގެ ތަހުގީގުގައި، ކުށުގެ ޝިކާރައަކަށްވާ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނަގައި އެ ސާމްޕަލްގެ ފޮރެންސިކް ތަހުލީލުކުރުމަށް ލާޒިކުރާގޮތަށް، ޖިންސީ ކުށުގެ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފިއެވެ.
ނޮވެމްބަރ މަހުގެ 29 ވަނަ ދުވަހު ބޭއްވި މިއަހަރުގެ އެންމެ ފަހު ޖަލްސާގައި މިގާނޫނު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެމްބަރުންގެ އިއްތިފާގުންނެވެ. ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި ދެ ބިލެއް މަޖިލީހަށް ހުށަހެޅިއެވެ. އެއީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއީލް އަހުމަދު ނަސީމްއާއި ތުޅާދޫ ދާއިރާގެ މެމްބަރ ހިސާން ހުސައިން ހުށަހެޅުއްވި ބިލެވެ. މި ދެ ބިލް ދިރާސާކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީންނެވެ.
ކޮމިޓީން ދިރާސާކުރުމަށްފަހު މަޖިލީހުން ފާސްކޮށް މިހާރު ގާނޫނަކަށް ވެފައިވާއިރު، މިހާރު ގާނޫނު އޮތްގޮތުން، ރޭޕްކުރުމާއި ޖިންސީ އަނިޔާ ހިންގާ މައްސަލަތަކުގެ ތަހުގީގުގައި، ކުށުގެ ޝިކާރައަކަށްވާ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނަގައި އެ ސާމްޕަލްގެ ފޮރެންސިކް ތަހުލީލުކުރުމަށް ލާޒިކުރާއިރު، އެތަހުލީލުތަކުގައި ރޭޕް އެވިޑެންސް ކިޓް ބޭނުންކުރަންޖެހޭނެއެވެ.
ކުށުގެ ޝިކާރައަކަށްވާ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނެގުމަށާއި، އެ ސާމްޕަލްތަކުގެ ފޮރެންސިކް ތަހްލީލުކުރުމަށް، ކުށުގެ ޝިކާރައަކަށްވާ ފަރާތުގެ ރުހުން ހޯދުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި، ކުށުގެ ޝިކާރައަކަށްވާ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ސާމްޕަލް ނެގުމަށް ރޭޕް އެވިޑެންސް ކިޓް ބޭނުންކުރާނޭ ގޮތުގެ އުސޫލުތަކާއި، އެފަދަ ސާމްޕަލް ނަގައި އެ މަރުކަޒުގައި ރައްކާތެރިކޮށް ބަހައްޓާނޭ ގޮތުގެ އުސޫލުތައް ބަޔާންކުރާ ގަވާއިދު، ދިވެހި ފުލުހުންގެ ޚިދުމަތާއި، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާއި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ މަޝްވަރާއާއެކު، މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައި ސިއްހީ ކަންކަމާއި ގުޅޭ މަސްއޫލިއްޔަތު ހަވާލުވެގެންވާ ވަޒީރު، ހަދައި އާންމު ކުރަންވާނެއެވެ.
އަދި ރޭޕް އެވިޑެންސް ކިޓް ބޭނުންކުރާނެ ގޮތުގެ ތަމްރީން ލިބިފައި ހުރި ޑޮކްޓަރެއް ނުވަތަ ނަރުހެއް ނުވަތަ ސިއްހީ އެހީތެރިއެއް، ދިވެހިރާއްޖޭގައި ސަރުކާރުން ހިންގާ ކޮންމެ ސިއްހީ މަރުކަޒެއްގައާއި ދިވެހިރާއްޖޭގައި ހިންގާ ކޮންމެ ހޮސްޕިޓަލެއްގައި ހުންނަން ޖެހޭނެއެވެ. އަދި އެފަރާތްތަކަކީ "ވިކްޓިމް ސެންޓަރޑް އަދި ޓްރައުމާ އިންފޯރމްޑް" ނަޒަރިއްޔާތުގެ ތަމްރީނުވެސް ލިބިފައިވާ ފަރާތްތަކަށްވާންވާނެއެވެ.
މީގެއިތުރުން، މިގާނޫނުގެ ދަށުން ރުހުމަކާ ނުލައި ދެމަފިރިންގެ ދެމެދުގައި ޖިންސީ ގުޅުން ހިންގުމަކީ ރޭޕްކުރުމެވެ. ގާނޫނު ބުނާގޮތުން ރޭޕްކުރުން ކަމަށް ބުނެފައި އެވަނީ ދެމަފިރިން ކަމުގައިނުވާ ދެމީހުންގެ މެދުގައި، ނުވަތަ ދެމަފިރިންގެ މެދުގައި މީހެއްގެ ޖިންސީ ގުނަވަނެއް، އެހެން މީހެއްގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް އެމީހެއްގެ ރުހުމާ ނުލާ ވެއްދުމަށެވެ. ރޭޕްކުރަން އުޅުމުގެ ކުށުގެ އަދަބަކަށް 7-15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ވަނީ ކަނޑައަޅާފައެވެ.
ޖިންސީ ގޯނާގެ ގޮތުގައި ބަޔާންކޮށްފައިވަނީ ރޭޕްކުރުމަށް ނުވާގޮތަށް، އަދި ޖިންސީ އަނިޔާއަށް ނުވާގޮތުން، ޖިންސީ ނިޔަތެއް އޮވެގެން، ނުވަތަ ޖިންސީ ނިޔަތެއް އޮވެގެން ނޫން ނަމަވެސް، މީހެއްގެ ރުހުމާ ނުލައި، އޭނާގެ ޖިންސީ ގުނަވަނެއްގައި، މީހަކު އެއްވެސް އާލާތެއް ނުވަތަ އެއްޗެއް މެދުވެރިކޮށް، ނުވަތަ އެފަދަ އެއްވެސް އާލާތެއް ނުވަތަ އެއްޗެއް މެދުވެރިނުކޮށް އަތްލުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނެއް، އޭނާގެ ރުހުމާ ނުލައި، ހާމަކުރުވުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނަކަށް އޭނާގެ ރުހުމާ ނުލައި، ހާނިއްކައެއް ކުރުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނަކަށް އެނޫންވެސް އިހާނެތި އަމަލެއް އޭނާގެ ރުހުމާ ނުލައި ކުރުމަށެވެ.