ކ. މާލެ
|
25 ނޮވެންބަރ 2021 | ބުރާސްފަތި 14:27
އިންޓެލް މައުލޫމާތު ލީކުކުރި ފުލުހަކަށް ވަޒީފާ އަނބުރާނުދޭން ހުކުމްކޮށްފައިވަނީ އޭނާގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން
އިންޓެލް މައުލޫމާތު ލީކުކުރި ފުލުހަކަށް ވަޒީފާ އަނބުރާނުދޭން ހުކުމްކޮށްފައިވަނީ އޭނާގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން
ޕޮލިސް
އިންޓެލް މައުލޫމާތު ލީކުކުރި މައްސަލަ
މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ އިންޓެލް މައުލޫމާތު ލީކުކުރި ފުލުހަކަށް ވަޒީފާ އަނބުރާ ނުދޭން ހުކުމްކޮށްފި
 
ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމީ އިންޓެލް މައުލޫމާތު މީހަކަށް ދިންކަމަށް ސާބިތުވާ ކަމަށް
 
ޝާމިޚް އަހުމަދު ވަޒީފާއިން ވަކިކުރީ 2018 ވަނަ އަހަރު

ގދ. ތިނަދޫ ޕޮލިސްޓޭޝަނުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތު އެ މައްސަލައިގައި ހިމެނޭ މީހަކަށް ފޯރުކޮށްދިން މައްސަލައިގައި ފުލުހުންގެ ވަޒީފާއިން ވަކިކުރި އޮފިސަރަށް އަލުން ވަޒީފާ އިޔާދަކޮށްދޭން ނުޖެހޭކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

މި މައްސަލައަކީ ގދ. ވާދޫ، ޖުޕިޓަރ ޝާމިޚް އަޙްމަދު، ދިވެހި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވެފައިވާކަމަށް ބުނެ، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެކުށްތަކަށް އަދަބުދިނުމާބެހޭ ޤަވާޢިދުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ވަޒީފާއިން ވަކިކުރުމަށް، ޑިސިޕްލިނަރީ ބޯޑުން ނިންމައި 2018 އޭޕްރިލް 05 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ޕޮލިސް ކޮންސްޓަބަލްގެ ވަޒީފާއިން ވަކިކޮށްފައިވާތީ، ޝާމިޚް އަޙްމަދު ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކުރުމަކާނުލައިކަމާއި، އަދި ވަކިކުރި ކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ވެސް ޤާއިމްކުރެވިފައިނުވާތީ، ޝާމިޚް އަޙްމަދުއަކީ މިއަދާ ހަމައަށްވެސް ވަޒީފާގައި ދެމިހުރި މީހެއްކަމުގައި ކަނޑައަޅައިދީ ވޭތުވެދިޔަ ދުވަސްތަކުގެ މުސާރައާއި ޢިނާޔަތްތައް ހޯދުމަށް އެދި، ޝާމިޚް އަޙްމަދުގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ދަޢުވާކޮށްފައިވާ މައްސަލައެކެވެ.

މި މައްސަލައިގައި ގދ. ވާދޫ، ޖުޕިޓަރ، ޝާމިޚް އަޙްމަދު، މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ރައްދުވާ ގޮތަށް، ދިވެހި ދައުލަތުގެ މައްޗަށް ހުށަހަޅާފައިވާ މިދަޢުވާއަށް، ދައުލަތުން އިންކާރު ކޮށްފައިވެއެވެ. އަދި ދަޢުވާކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، ދަޢުވާކުރާ ފަރާތުގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ޕްރޮފެޝަނަލް ސްޓޭންޑާރޑްސް ކޮމާންޑުން ތަޙުޤީޤުކުރިއިރު، ދަޢުވާކުރާ ފަރާތުން ފުލުހުންގެ ޤާނޫނުގެ 07 ވަނަ މާއްދާގެ (ހ)ގެ 10 ވަނަ ނަންބަރާއި، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދުގެ 11 ވަނަ މާއްދާގެ (ހ)ގެ 10 ވަނަ ނަންބަރާއި، ދިވެހި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓް އަދި ކޯޑް އޮފް އެތިކްސް އާ ޚިލާފުވެފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ޑިސިޕްލިނަރީ ބޯޑަށް ސާބިތުވާތީ، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދުގެ 18 ވަނަ މާއްދާގެ (ބ)ގެ ދަށުން ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން ކަމަށްވާތީ، ދަޢުވާކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، ޝަރުއީ އަދި ޤާނޫނީ ހަމަތަކުގެ މަތިންކަމުގައި ކަނޑައަޅުއްވައި ދެއްވުން އެދޭކަމަށް ބުނެ، ދައުލަތުގެ ފަރާތުން ޖަވާބުދީފައިވެއެވެ.

މި މައްސަލައިގެ ހުކުމްގައި 7 ކަމެއް ވަނީ ފާހަގަކޮށްފައެވެ. ޝާމިހް މައްޗަށް ތުހުމަތު ކުރެވުނު މައްސަލައިގައި ކަން ހިގާފައިވާ ގޮތަށް ބަލާއިރު، މި މައްސަލައިގެ ތަޙުޤީޤަށް ޝާމިޚް އަޙްމަދުގެ ފަރާތުން ބަޔާންދީފައި އޮންނަކަމާއި، އެ ބަޔާނުގައި، ދަޢުވާކުރާ ފަރާތަކީ ގދ. ވާދޫ އަށް އުފަން ރައްޔިތެއްކަމަށާއި، އުޅެ ބޮޑުވީވެސް ގދ. ވާދޫގައި ކަމަށް ބުނެފައިވެއެވެ. އަދި ދަޢުވާކުރާ ފަރާތް މަސައްކަތްކުރަމުންދިޔައީ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގައިކަމަށާއި، މަސްތުވާތަކެތީގެ މައްސަލައިގައި ގދ. ވާދޫގައި ފުލުހުން ފާރަލަމުންދިޔަ ފަރާތަކީ ދަޢުވާކުރާ ފަރާތުން ދަންނަ ފަރާތެއްކަމަށާއި، އަދި އޭނާއަކީ ވާދޫގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިއްކާ އޭގެ ވިޔަފާރި ކުރާ މީހެއްކަމަށާއި، ދަޢުވާކުރާ ފަރާތުން އޭނާއަށް ގުޅާ ހަދާކަމަށާއި، އެއީ އެއްކޮށް އުޅޭ ރައްޓެހިންގެ ތެރޭގައި އޭނަވެސް ހިމެނޭތީކަމަށާއި، ނަމަވެސް އޭނާ ކުރާ ކުށުގެ ޢަމަލުތަކާ ގުޅިގެން ނުވަތަ އެފަދަ ކަމަކަށް ހިތްވަރުދިނުމަށް ނުވަތަ އެހީތެރިވެދިނުމަށް އެއްވެސް އިރެއްގައި ގުޅާ ހަދާފައި ނުވާނެކަމަށް ބުނެފައިވެއެވެ.

އަދި ފުލުހުން ގދ. ވާދޫގައި ކުރިއަށްގެންދާ އޮޕަރޭޝަންގެ މައުލޫމާތު ދަޢުވާކުރާ ފަރާތަށް ލިބިފައިވަނީ އޮޕަރޭޝަންގައި ބައިވެރިވި އިންޓެލް މީހާގެ ފަރާތުންކަމަށެވެ. އަދި އޭނާއަށް މިއޮޕަރޭޝަންގެ ފުރިހަމަ މައުލޫމާތު ހޯދާ ދިނުމަށް އެހީތެރިވެދީފައިވާނެކަމަށާއި، މިކަން ގދ. ތިނަދޫ ޕޮލިސް ސްޓޭޝަން އިންޗާޖް ޕޮލިސް ސްޓާފް ސަރޖަންޓް މުޙައްމަދު މުސްޢިދު އަށް އެނގޭނެކަމަށް ބުނެފައިވެއެވެ. އަދި 2017 އޯގަސްޓް 21 ވަނަ ދުވަހުގެ 10:11 ގައި ދަޢުވާކުރާ ފަރާތުން ފުލުހުން ފާރަލަމުންދިޔަ މީހާގެ މޯބައިލް އަށް ގުޅާފައިނުވާނެކަމަށާއި، އަދި ބޯޓު ކައިރިއަށް މަސްތުވާތަކެތި ބަލައި ނުދިއުމަށް ބުނެފައިނުވާނެކަމަށާއި، އަދި އެއްވެސް މީހަކަށް ގުޅާފައި މި މައުލޫމާތު އޭނާއަށް ފޯރުކޮށްދިނުމަށް ބުނެފައިނުވާނެކަމަށް ބުނެފައިވާކަން، އެނގެން އޮންނަ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ދަޢުވާކުރާ ފަރާތުން ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރަމުންދިޔަ ދުވަސްވަރު، މަސްތުވާތަކެތީގެ މައްސަލަތަކުގައި ތުހުމަތުކުރެވިގެން ފުލުހުންގެ އިންޓެލިޖެންސްއިން ބަލަމުންދާ މީހުންނަށް އެކަމުގެ މައުލޫމާތު ދަޢުވާކުރާ ފަރާތުން ދޭކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ފުލުހުން ތުހުމަތުކުރާ ފަރާތާ، ދަޢުވާކުރާ ފަރާތާ ގާތް ގުޅުމެއް އޮންނަކަމާއި، 2017 އޯގަސްޓް 21 ވަނަ ދުވަހު އޮޕަރޭޝަން ޖެއްސިއިރު ދަޢުވާކުރާ ފަރާތް ހުރީ ގދ. ވާދޫގައި ކަމާއި، ދަޢުވާކުރާ ފަރާތާ އިންޓެލިޖެންސް އިން ބައެއް މައުލޫމާތު ޙިއްސާކޮށް އަދި ދަޢުވާކުރާ ފަރާތް މެދުވެރިކޮށް އޮޕަރޭޝަން އާއި ގުޅުންހުރި މައުލޫމާތު ހޯދާފައިވާކަމާއި، ދަޢުވާކުރާ ފަރާތުގެ މޯބައިލް ނަންބަރ އިން އިންޓެލިޖެންސް އިން ފާރަލަމުންދިޔަ ފަރާތުގެ މޯބައިލް ނަންބަރަށް 2017 އޯގަސްޓް 21 ވަނަ ދުވަހު ގުޅާ ބޯޓު އަޔަސް އެތަކެތި ބަލާ ނައުމަށް ބުނެފައިވާކަމާއި، މާލެއިން ގދ. ވާދޫ އަށް އެދުވަހު ގެނެވުނު މަސްތުވާތަކެއްޗާ ޙަވާލުވުމަށް އެފަރާތުން ގޮސްފައިނުވާކަން، އެނގެން އޮންނަކަމަށް ތަޙުޤީޤުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން މި މައްސަލައިގެ ތަޙުޤީޤު ބަޔާނާއި، ހުށަހެޅިފައިވާ ހެކި ޤާރީނާގެ މައްޗަށް ރިޢާޔަތްކުރާއިރު، މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ ފަރާތާ ޝާމިޚު އަޙްމަދާ ދެމެދު ފޯނުގެ ޒަރިއްޔާއިން ސިއްރު މައުލޫމާތުތަކެއް ބޭނުންކޮށްގެން މިއޮޕަރޭޝަންއާބެހޭ ވަރަށް ގިނަ ވާހަކަތަކެއް ދެކެވިފައިވާކަން އެނގެން އޮވެއެވެ. އަދި މި އޮޕަރޭޝަން ފެއިލްކޮށްލުމުގައި ޝާމިޚް އަޙްމަދުގެ ރޯލު ވަރަށް ބޮޑަށް އޮތްކަމަށް ފެންނާތީއާއި، ޝާއިޚު އަޙްމަދުގެ ފަރާތުން ފެނިފައިވާ އެ އަމަލަކީ، ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފު ޢަމަލެއްކަން އެނގެން އޮންނާތީ، މިކުށުގެ އަދަބެއްގޮތުން ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދުގެ 18 ވަނަ މާއްދާއާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ދަޢުވާކުރާ ފަރާތް ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް، ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވެއެވެ.

މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ބަޔާންތަކާއި، ފާހަގަ ކުރެވުނު ނުކުތާތަކާއި ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ބަލާއިރު، ގދ. ވާދޫ، ޖުޕިޓަރ ޝާމިޚް އަޙްމަދު، މޯލްޑިވްސް ޕޮލިސް ސާރވިސްގައި އަދާކުރަމުންދިޔަ ޕޮލިސް ކޮންސްޓަބަލްގެ މަޤާމުން ވަކިކުރުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވަނީ، ފުލުހުންގެ ޤާނޫނާއި އެޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދުތަކާއި ޚިލާފަށްކަން، ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ޘާބިތުވާން ނެތަތީ، ދަޢުވާކުރާ ފަރާތުން އެދިފައިވާ ގޮތަށް ދަޢުވާކުރާ ފަރާތުގެ ވަޒީފާ އަނބުރާ އިޢާދަކޮށްދިނުމަށާއި، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް، މޯލްޑިވްސް ޕޮލިސް ސާރވިސްގެ މައްޗަށާއި، ދިވެހި ދައުލަތުގެ މައްޗަށް ޝަރީޢަތުން އަންގައި އަމުރު ކުރާނެ ތަނެއް ނެތްކަމުގައި ކަނޑައަޅާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް