ކ. މާލެ
|
19 ނޮވެންބަރ 2021 | ހުކުރު 03:15
ބަޖެޓް ދިރާސާކުރި ކޮމިޓީގެ މަސައްކަތްތަކުގެ ތެރެއިން
ބަޖެޓް ދިރާސާކުރި ކޮމިޓީގެ މަސައްކަތްތަކުގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ބަޖެޓްގެ ރިކޮމެންޑޭޝަންތައް
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ އަންނަ އަހަރު ތަހުގީގުކޮށް ނިންމުން ހިމެނޭ ގޮތަށް ބަޖެޓަށް 10 ރިކޮމެންޑޭޝަނެއް
 
އާސަންދަ ސްކީމް ހަރުދަނާކުރުމާއި ސްކޫލްތަކާއި ސިއްހީ މަރުކަޒުތަކަށް ބަޖެޓްގައި ކަނޑައަޅާފައިވާ އަދަދުތައް އެތަންތަނަށް ވަކިވަކިން އެނގޭނެގޮތަށް ހެދުމަށް ހުށަހެޅި
 
އެއް ރިކޮމެންޑޭޝަނެއް ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރ އިލްޔާސް ލަބީބު ހުށަހެޅުއްވި
 
9 ރިކޮމެންޑޭޝަން ހުށަހަޅުއްވާފައިވަނީ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރ ޔައުގޫބް އަބްދުﷲ

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓް ދިރާސާކުރި ބަޖެޓް ކޮމިޓީން 10 ކަމެއް ރިކޮމެންޑޭޝަނުގެ ގޮތުގައި ހިމެނުމަށް ފާސްކޮށްފިއެވެ.

ބަޖެޓަށް ކޮމިޓީން ހުށަހަޅާފައިވާ ރިކޮމެންޑޭޝަންތަކުގެ ތެރެއިން 9 ރިކޮމެންޑޭޝަން ހުށަހަޅުއްވާފައިވަނީ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބް އަބްދު ﷲ އެވެ. ޔައުގޫބް ހުށަހެޅުއްވި ރިކޮމެންޑޭޝަންތަކުގެ ތެރޭގައި އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރ ހުށަހެޅުއްވި ބަޖެޓަށް މިނިވަން މުއައްސަސާތަކުން ބޮޑުކުރަން ހުށަހެޅި މަސައްކަތް ވަކި ތާރީޚުތަކެއްގައި ނިންމުމަށް ވަނީ ހުށަހަޅުއްވާފައެވެ. އޭގެތެރޭގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް ތަހުގީގުކުރަމުންދާ އޭސީސީން އެމަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް ވަނީ ރިކޮމެންޑޭޝަނެއް ހުށަހަޅުއްވާފައެވެ. އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން އޭސީސީއަށް ހުށަހެޅި ބަޖެޓަށް ބަޖެޓް ކޮމިޓީން ވަނީ އިތުރު 3.9 މިލިއަން ރުފިޔާ އިތުރުކޮށްފައެވެ. އެއީ އެމްއެމްޕީއާރުސީ މައްސަލައިގެ ތަހުގީގު ނިންމުމަށް އިތުރަށް ބޭނުންވާ މުވައްޒަފުން ނެގުމަށެވެ.

މީގެއިތުރުން އިންތިގާލީ އިންސާފުގެ އޮމްބަޑަސްޕާސަން އޮފީހުގެ ގާނޫނުގައި ބަޔާންކުރާ ތާރީޚަށް ކަންކަން ނިންމުމަށް މުވައްޒަފުން ނެގުމަށްވެސް ބަޖެޓް ކޮމިޓީން ވަނީ 2.2 މިލިއަން ރުފިޔާ އިތުރުކުރުމަށް ފާސްކޮށްފައެވެ. އެއާއެކު އިންތިގާލީ އިންސާފުގެ ގާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެއޮފީހަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކޮށް ނިންމުމަށް މަގުފަހިވާގޮތަށް އަމަލުކުރުމަށް އިންތިގާލީ އޮމްބަޑަސްޕާސަން އޮފީހުގައި ދެންނެވުމަށްވެސް ވަނީ ބަޖެޓެއް ރިކޮމެންޑޭޝަނެއް ހުށަހަޅާފައެވެ.

ބަޖެޓަށް ދެން ހުށަހަޅާފައިވާ ރިކޮމެންޑޭޝަންތަކަކީ:-

އާސަންދަ ސްކީމްގެ ޚަރަދުތައް ދެމެހެއްޓެނެވި މިންވަރަކަށް ގެނައުމަށާއި މިސްކީމް ހިންގުމުގައި ބޭކާރުވާ ޚަރަދުތައް ކުޑަކޮށް އެފިޝެންސީ އިތުރުކޮށް ރައްޔިތުންނަށް އޭގެ ފުރިހަމަ ނަފާ ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ އެކްޝަން ޕްލޭނާ އެއްގޮތަށް 2022 ވަނަ އަހަރު ތަންފީޒުކުރުމަށް ދެންނެވުމަށް. އަދި ސިއްހީ އިންޝުއަރެންސްގެ ޚަރަދު ނުވަތަ އާސަންދައިގެ ޚަރަދުގެ ތެރެއިން މެޑިކަލް ކޮންސިޔުމަބަލް އަށް ކުރާ ޚަރަދު ކުޑަކުރުމަށް ފެންނަކަމަށް ދަންނަވާ އަދި ބޭހަށް އެންމެ މަތީ އަގު ކަނޑައަޅާ ބޭހަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމުގެ މަސައްކަތް 2022 ވަނަ އަހަރު ތެރޭގައި ތަންފީޒުކުރުމަށާއި އާސަންދަ ސްކީމް ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ދެންނެވުމަށް ފެންނަކަމަށް.

- ދައުލަތުގެ ބަޖެޓުން ދޭ އިންޑައިރެކްޓް ސަބްސިޑީތަކުގައި ހުރި އިންއެފިޝެންސީތައް ކުޑަކުރުމަށް ފެންނަކަމަށް ދަންނަވާ އަދި އިންއެފިޝެންސީ ތަކުގެ ސަބަބުން ކުރިމަތިވާ ޑެބްޓް ވެއިޓް ލޮސް ނުވަތަ އެ އިންއެފިޝެންސީ ތަކުގެ ސަބަބުން މުޅި މުޖުތަމައަށް ގެއްލިގެންދާ ބައި ކުޑަކޮށް ދައުލަތުގެ ބަޖެޓުން އިސްރާފްވާ ބައި ކުޑަކުރުމަށް ދެންނެވުމަށް ފެންނަކަމަށް ފިނޭންސް މިނިސްޓްރީއަށް ދެންނެވުމަށް.

- 2021 ވަނަ އަހަރުގެ ބަޖެޓް ފާސްކުރި ފަހުން ގާނޫނުތަކަށް ގެނެވުނު ބަދަލުތަކާއެކު ޖުމްލަ 52.7 މިލިއަން ރުފިޔާ މި އަހަރުގެ ތެރޭގައި ބަޖެޓަށް އިތުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާތީ އާއި ގާނޫނުތަކުން ގެނެވޭ ބަދަލުތަކުން އިތުރުވާ ޚަރަދު ގާނުނުތައް ޑްރާފްޓް ކުރުމުގެ މަރުހަލާގައި ދެނެގަތުމަށާއި ބަޖެޓްގައި ނުހިމެނޭ އައު ޕޮލިސީއެއް ނުވަތަ އައު ގާނޫނެއް ފާސްވެއްޖެނަމަ ދެން ފެށޭ ބަޖެޓް ސައިކަލް ތެރޭގައި އެޕޮލިސީ ނުވަތަ ގާނޫނު ތަންފީޒުކުރުމަށާއި އަހަރުތެރޭގައި ބަޖެޓް ގައި ނުހިމެނޭ އައު ބިލެއް ފާސްވެއްޖެނަމަ ސަޕްލިމެންޓްރީ ބަޖެޓާއެކު ބިލް ފާސްކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ފެންނަކަމަށް.

- ދައުލަތާ ދެކޮޅަށް ކުރާ ދައުވާތަކާއި ގުޅިގެން އަންނަ ކޯޓު ހުކުމްތަކުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން ދައްކަންޖެހޭ ފައިސާގެ ގޮތުގައި ހިރާސް ކުޑަކުރުމަށްޓަކައި މަޝްރޫއުތަކަށާއި ޚިދުމަތް ހޯދުމާ ގުޅޭ ކޮންޓްރެކްޓަކާއި ގުޅޭ މައްސަލަތައް އިސްލާހުކުރުމަށާއި ޕްރޮޖެކްޓްގެ ސްކޯޕާއި މުއްދަތާއި ދޭ ޚިދުމަތް ނުވަތަ މަޝްރޫއުގެ ފެންވަރާއިމެދު ދައުލަތާއި ކޮންޓްރެކްޓް ހަވާލުކުރެވޭ ފަރާތާ ދެމެދު ކޮންޓްރެކްޓްގައި ސޮއިކުރުމުގެ ކުރިން އެއްބަސްވުމަށާއި އަދި މަޝްރޫއުތައް ހިނގާ މިންވަރު ބަލާ މޮނިޓަރ ކުރުމުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ސަރުކާރުގެ އިދާރާތަކަށް ދެންނެވުމަށް ފެންނަކަމަށް.

- 2022 ވަނަ އަހަރުގެ ތެރޭގައި ޖެންޑަރ ރެސްޕޯންސިވް ބަޖެޓިންގެ މަސައްކަތްތައް ފެށުމާއި ބައެއް ދާއިރާތަކުގެ ޖެންޑަރ ރެސްޕޯންސިވް ބަޖެޓްތައް ޕައިލެޓްކޮށް ބަޖެޓް ތައްޔާރުކުރުމަށް ފިނޭންސް މިނިސްޓްރީގައި ދެންނެވުމަށް ފެންނަކަމަށް.

- 2022 ވަނަ އަހަރުގެ ބަޖެޓް ޚަރަދުތަކުގެ ތެރެއިން ސްކޫލްތަކާއި ސިއްހީ މަރުކަޒުތަކަށް ބަޖެޓްގައި ކަނޑައަޅާފައިވާ އަދަދުތައް އެތަންތަނަށް ވަކިވަކިން އެނގޭނެގޮތަށް ހެދުމަށް އެދި ހުށަހެޅުން.

- ދައުލަތުގެ ބަޖެޓަށް އާމްދަނީ ހޯދުމަށް ހުށަހަޅަންޖެހޭ ބިލްތައް ދައުލަތުގެ ބަޖެޓާއެކު ހުށަހެޅުމަށް މިނިސްޓްރީގައި ދެންނެވުމަށް.

ދެން ބަޖެޓަށް ރިކޮމެންޑޭޝަން ހުށަހަޅުއްވާފައިވަނީ ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރ އިލްޔާސް ލަބީބެވެ. އިލްޔާސް ލަބީބު ހުށަހެޅުއްވި ރިކޮމެންޑޭޝަނަކީ:

- ދިވެހިރައްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 79 ވަނަ މާއްދާގެ ދަށުން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ފިސްކަލް ފޯރމިޔުލާ ބޭނުންކޮށްގެން ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް އެއަހަރަށް ފާސްކުރާ ބަޖެޓްގެ އާމްދަނީގެ ގޮތުގައި އަންދާޒާކުރާ އާމްދަނީ މަދުވެގެން ލިބިދެވޭ 5 އިންސައްތައާއި ބްލޮކް ގްރާންޓް ދޭ އުސޫލަށް ބަދަލެއް ގެންނަންޖެހޭތޯ މާލިއްޔަތު ކޮމިޓީން ދިރާސާކުރުމަށްފަހު އިސްލާހެއް ގެންނަން ޖެހިއްޖަނަމަ އެބަދަލެއް ގެނުމަށް ލާމަރުކަޒީ ކޮމިޓީއަށް ހުށަހެޅުމަށް.

ބަޖެޓް ދިރާސާކުރި ކޮމިޓީގެ އިއްތިފާގުން ވަނީ މިހުރިހާ ރިކޮމެންޑޭޝަންތަކެއް ފާސްކޮށްފައެވެ.

މީގެއިތުރުން ބަޖެޓް ދިރާސާކުރި ކޮމިޓީން ވަނީ ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރ ހުށަހެޅުއްވި 36.9 ބިލިއަން ރުފިޔާގެ ބަޖެޓަށް 73 މިލިއަން ރުފިޔާ އިތުރުކުރުމަށް ފާސްކޮށްފައެވެ. ޕީއެސްއައިޕީ މަޝްރޫއުތަކަށް 82 ރަށަކަށް 57.42 މިލިއަން އިތުރުކުރުމަށާއި، މިނިވަން މުއައްސަސާތަކާއި އޮފީސްތަކުގެ ބަޖެޓަށް 16 މިލިއަން ރުފިޔާއާއެކު ޖުމްލަ 73،856،026 މިލިއަން ރުފިޔާ އިތުރުކުރުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. މިއާއެކު އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ މިހާރުގެ ޖުމްލައަކީ 36،999،280،550 (ތިރީސްހަ ބިލިއަން ނުވަ ސަތޭކަ ނުވަދިހަ ނުވަ މިލިއަން، ދުއިސައްތަ އަށްޑިހަ ހާސް، ފަސް ސަތޭކަ ފަންސާސް) ރުފިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް