ފުޓްބޯޅައަކީ ދިވެހީންގެ ލެޔާ ގުޅިފައިވާ ކުޅިވަރެކެވެ. ޚާއްސަކޮށް ގައުމީ ފުޓްބޯޅަ ޓީމަކީ ދިވެހީން އެޓީމަކަށް ނުހަނު ލޯބިކުރާ ޓީމެކެވެ. މެޗަކުން މޮޅުވެއްޖެ ނަމަ މުޅި ގައުމު އެކަމާ އުފާކުރެއެވެ. އަދި މެޗަކުން ބަލިވެއްޖެ ނަމަ މުޅި ގައުމުގައި ހިތާމައިގެ މަޑުމޮޅިކަން ފެތުރެއެވެ. އެއީ ދިވެހީން ފުޓުބޯޅައަށް ދީފައިވާ އަހަންމިއްޔަތުކަން ބޮޑުވެފައި، ގައުމީ ޓީމު ދިވެހީންގެ ލެޔާ ގުޅިފައިވާ ކަމުގެ ނިޝާނެވެ.
އެހެންނަމަވެސް 2008 ގެ ސާފް ޗެމްޕިއަންޝިޕަށްފަހު ގައުމީ ޓީމަށް އަދި ކުލަބުތަކަށް ދިވެހީން އިހު ސަޕޯޓުކުރި ގޮތަށް ބަދަލުތަކެއް އައެވެ. ޚާއްސަކޮށް ކުލަބު ފުޓްބޯޅައިގެ ފޯރިދަށްވިއެވެ. އެހެންނަމަވެސް ރާއްޖޭގެ ފުޓްބޯޅައިގެ ރަސްކަލުން ކަމަށް ދެކޭ ދެ ކުލަބު ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކުލަބު އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މެޗުތައް ބަލަން އޭރުވެސް ދަނޑަށް ސަޕޯޓަރުން ވަދެއެވެ.
ސަޕޯޓަރުން ދަނޑަށް ވަނުން މަދުވީ ކީއްވެތޯ މިއީ މިއަދާ ހަމައަށްވެސް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ޖަވާބު ނުދެވިވާ ސުވާލެކެވެ. ބައެއް މީހުންގެ ނަޒަރުގައި ސަޕޯޓަރުން ދަނޑަށް ވަދުން މަދުވީ ދިވެހި ފުޓްބޯޅައިގެ ފެންވަރު ދުވަހެއް ދުވަހަކަށް ދަށްވާން ފެށުމުންނެވެ.
ތެދެކެވެ. ދިވެހި ފުޓުބޯޅަ މިއަދު މިއޮތީ ލަދުވެތިވާންޖެހޭ މިންވަރަށް ދަށަށް ގޮސްފައެވެ. ސަރަހައްދުގެ ގަދަ ބާރެއްގެ ގޮތުގައި އޮތް އޮތުންވެސް ބަދަލުވާން ފަށައިފިއެވެ. މީގެ ކުރިން ރާއްޖޭން ފަސޭހަކަމާއެކު ކުރި ހޯދާ ގައުމުތައް އަތުން ދިވެހީން ބަލިވާން ފަށައިފިއެވެ. އޭގެ ހެއްކަކީ އަމިއްލަ ފަސްގަނޑުގައި ނިމިދިޔަ ސާފް ޗެމްޕިއަންޝިޕުގައި ފުރަތަމަ ފަހަރަށް ނޭޕާލް އަތުން ދިވެހީން ބަލިވުމެވެ. މީގެ އިތުރުން މިހާރު ސްރީ ލަންކާގައި ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް) ރާއްޖޭން ނިންމާލަން ޖެހުނީ މެޗަކުން މޮޅުނުވެ ހުސްއަތާއެވެ. މިއީ ފަހުގެ ތާރީޚުގައި ދިވެހީން މުބާރާތެއްގެ މެޗަކުން މޮޅުނުވެ ނިންމާލި ފުރަތަމަ މުބާރާތްވެސްމެއެވެ. މީގެ އިތުރުން މި މުބާރާތުގައި ދިވެހީން މީގެ ކުރިން ފަސޭހަކަމާއެކު ކުރިހޯދަމުން އައި ގައުމުތައް އަތުން ބަލިވެއްޖެއެވެ. ޚާއްސަކޮށް ބަންގްލަދޭޝް އަތުން 18 އަހަރަށްފަހު ދިވެހީން ބަލިވި ބަލިވުން ގިނަ މީހުންނަށް ގަބޫލުކުރަންވެސް ދައްޗެވެ.
އެއާއެކު ގައުމީ ޓީމުން ބަދަލުތަކެއް ފެންނާންޖެހޭ ވާހަކަ މިވަނީ ގަދަވެފައެވެ. ޚާއްސަކޮށް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭންޖެހޭ ވާހަކަ މިވަނީ ގަދަވެފައެވެ.
ހުތުރު ރަތް ކާޑަކާއެކު ބޮޑެތި ފާޑުކިޔުންތަކެއް:
ގައުމީ ޓީމުން 2018 ވަނަ އަހަރު ރިޓަޔާކުރުމަށްފަހު މިހާރު އުމުރުން 34 އަހަރުގެ މިޑްފިލްޑަރު އަސްހަދު އަލީ (އަޑުބަރޭ) އަލުން ގައުމީ ޓީމަށް ކުޅެން ނިންމީ މި އަހަރުގެ ތެރޭގައެވެ. އަނިޔާގެ ސަބަބުން ދެ އަހަރެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު އަޑުބަރޭ ކުލަބު ފުޓްބޯޅަވެސް ކުޅެން ފެށީ މިދިޔަ ސީޒަނުގެ ފަހު ކޮޅުގައެވެ. އެހެންކަމުން މިދިޔަ ސީޒަނުގެ ބޮޑު ބައެއްވެސް އަޑުބަރޭއަށް ވަނީ ގެއްލިފައެވެ.
ފޯ ނޭޝަންސް ކަޕުން ގައުމީ ޓީމު ހުސްއަތާ ނިންމާލަން ޖެހުމުން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި އެއް ކުޅުންތެރިއަކީ އަޑުބަރޭއެވެ. އަދި ނިމިދިޔަ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައިވެސް އަޑުބަރޭއަށް ވަނީ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.
ފޯ ނޭޝަންސް ކަޕުގައި ކުޅުނު ފަހު މެޗުގައި ސީޝެލްސްއާ ދެކޮޅަށް ރާއްޖެ ނުކުތްއިރު، މި މެޗުގައި އެންމެ ބޮޑަށް ދިވެހީން ނުރުހުން ފާޅުކުރީ އަޑުބަރޭއަށެވެ. މެޗު ނިމެން އުޅެނިކޮށް އަޑުބަރޭ ދަނޑަށް އެރުވިއިރު، މިނެޓެއްގެ ތެރޭގައި ސީޝެލްސްގެ ކުޅުންތެރިއަކަށް ބޯޅަ ނެތީސް އަޑުބަރޭ ވަނީ ހަމަލާދީފައެވެ. އެއާއެކު އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާފައިވެއެވެ. އެއާއެކު ޕްރެޝަރު މެޗެއްގެ ފަހު ވަގުތުކޮޅު ރާއްޖޭން ލަނޑު ޖަހަން މަޖުބޫރުވެފައިވަނިކޮށް ކުޅުންތެރިއަކު މަދުވީއެވެ.
ސީޝެލްސް މެޗުގައި އަޑުބަރޭގެ ފަރާތުން ފެނިގެންދިޔަ އަމަލާ ގުޅިގެން ފާޑުކިޔުން އަމާޒުވީ އަޑުބަރޭ އަދާ ކުރަމުންދާ މަގާމުގެ ސަބަބުންވެސް މެއެވެ. ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނަވައި އެފަދަ އަމަލެއް ފެނިގެން ނުވާނެ ކަމަށް ސަޕޯޓަރުން ވަނީ ބުނެފައެވެ.
ފުޓުބޯޅަ ދަށަށް ދާން ޖެހުނު ސަބަބު:
ދިވެހި ފުޓްބޯޅަ ދަށަށް ދާން ޖެހުނު މައިގަނޑު ސަބަބަކީ ދިވެހި ލީގުގެ ފެންވަރު ދަށްވުމެވެ. ކުލަބުތައް އަޑިއަޅާލައި ބޮޑު ދެ ކްލަބު ކަމަށްވާ ނިއު ރޭޑިއަންޓާއި ވިކްޓަރީ ވަނީ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިފައެވެ. އަދި ސަސްޕެންޝަނުން އަރައިގަނެ އެނބުރި ލީގުގައި ވާދަކުރެވޭނެ ދުވަހެއް މިއަދާ ހިސާބަށްވެސް ފެންނާކަށް ނެތެވެ.
ދިވެހި ލީގުގައި މިހާރު ކުޅޭ ޓީމުތަކުގެ ތެރެއިން ރަނގަޅަށް ހިނގަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެކަންޏޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މާޒިޔާ ފިޔަވައި ދެންހުރި ޓީމުތަކުގެ ދަރަނި ބޮޑުވެފައިވާއިރު، ގިނަ ކުލަބުތަކުން އަހަރު ދުވަހުގެ މުސާރަ ކުޅުންތެރިންނަށް ދޭންޖެހޭކަން ކުޅުންތެރިންނާ ވާހަކަ ދައްކާލުމުން އެނގެއެވެ.
ގައުމީ ޓީމުން ނެރެމުންދާ ނަތީޖާތައް ދަށްވުމުގެ އަނެއް ސަބަބަކީ ބައިނަލްއަގުވާމީ މެޗުތައް މަދުވުމެވެ. ފީފާގެ ގަވާއިދު ބުނާ ގޮތުން ލަންކާގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕް ބަލާނީ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކެއްގެ ގޮތުގައެވެ. މި މުބާރާތުގެ ކުރިން ރާއްޖޭން އެންމެ ފަހުން ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއް ކުޅެފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހެވެ. މެލޭޝިއާއާ ދެކޮޅަށް ކުޅުނު އެ މެޗުން ރާއްޖެ ވަނީ 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.
"މާފުކުރޭ، ރަނގަޅު ޓީމެއް އެކުލަވާލާނަން"
މެޗަކުން މޮޅުނުވެ ރާއްޖެއަށް ފޯ ނޭޝަންސް ކަޕް ނިންމާލަން ޖެހުމުން މިދިޔަ މަހު ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމާ ހަވާލުވި އިޓަލީގެ ފްރެންސެސްކޯ މޮރިއޭރޯ ވަނީ އެކަމަށް މާފަށް އެދިފައެވެ. އަދި ރާއްޖެ އައުމަށްފަހު ގައުމީ ޓީމު އަލުން އައު ކުޅުންތެރިންނާއެކު އެކުލަވާލާނެ ކަމަށް މޮރިއޭރޯ ބުންޏެވެ.
މޮރިއޭރޯ ބުނީ އަންނަ ސީޒަނުގެ ހުރިހާ މެޗެއް ބަލަން އޭނާ ދާނެ ކަމަށާއި، އެއަށްފަހު އޭނާގެ އަމިއްލަ ޓީމެއް އެކުލަވާލާނެ ކަމަށެވެ. އަދި މި މުބާރާތުން މުޅިން އައު ކަންކަން އޭނާއަށް ދަސްވެއްޖެ ކަމަށާއި، އެކަމުގެ އަލީގައި ގައުމީ ޓީމު ފައްކާ ކުރެވޭނެ ކަމަށް މޮރިއޭރޯ ވަނީ ބުނެފައެވެ.
މި މުބާރާތަށް ތައްޔާރުވާން ގައުމީ ޓީމާއެކު މޮރިއޭރޯއަށް ލިބުނީ ދެ ހަފުތާއަށްވުރެ ކުރު މުއްދަތެކެވެ. އަދި އެހާ ކުރު މުއްދަތެއްގެ ތެރޭގައި ކުޅުންތެރިން ތައްޔާރުކޮށް މުބާރާތަކަށް ނުކުތުން އެއީ ކޯޗަކަށް އުނދަގޫ ކަމެކެވެ. މޮރިއޭރޯގެ ވިސްނުން ހުރީ އޭނާގެ ސިކުނޑީގައި ހުރި ޔޫރަޕް ފުޓްބޯޅައިގެ ހުރިހާ މައުލޫމާތެއް ރާއްޖޭގައި ބޭނުން ކުރުމަށެވެ.
ކޮންމެއަކަސް މި ވަގުތަކީ ފުޓްބޯޅައިގެ ހާލަތު އިތުރަށް ރަނގަޅުކުރަން ވިސްނަންވީ ވަގުތެވެ. ގައުމީ ކޯޗު އެދޭނެ ޓީމެއް ބިނާކޮށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު އޭނާއަށްވެސް ލިބެންޖެހެއެވެ. އެކަމަކު އެއްވެސް ކަހަލަ ނުފޫޒެއް ބޭރުތެރެއިން ޓީމަށް ނައުން އެއީ ދިވެހި ފުޓްބޯޅައަށް މިއަދު އެންމެ ރަނގަޅު ގޮތެވެ.