ކ. މާލެ
|
15 ނޮވެންބަރ 2021 | ހޯމަ 14:35
ކުރީގެ ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް
ކުރީގެ ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް
ރައީސް އޮފީސް
ކުރީގެ ޗީފް ޝިޔާމުގެ މައްސަލަ
ކުރީގެ ޗީފް، ޝިޔާމްގެ ކޮރަޕްޝަން މައްސަލައިގެ އަޑުއެހުމަށް ނޫސްވެރިން ވަނުމުން ކޯފާ އިސްކުރައްވައިފި
 
އޭނާގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ
 
އަޑުއެހުން ކަވަރުކުރަން ހާޒިރުވި ނޫސްވެރިޔާ ނެރެން ކޯޓު އޮފިސަރުގެ ކިބައިން އެދިވަޑައިގަތް
 
ނޫސްވެރިން ވަނުމަށް ބޭނުންފުޅުނުވާކަމަށް ވިދާޅުވެ، ނުރުހުން ފާޅުކުރެއްވި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯރސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ބައްޕާފުޅު އެމްއެންޑީއެފްގެ ވީ.އައި.ޕީ އިމާރާތެއްގައި ދިރިއުޅުއްވި މައްސަލައިގައި އުފުލާފައިވާ ދައުވާގެ އަޑުއެހުމަށް ނޫސްވެރިން ވަނުމުން ކޯފާ އިސްކުރައްވައިފިއެވެ.

މި މައްސަލައިގައި ޝިޔާމްގެ މައްޗަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގެ އަޑުއެހުމަށް ޝިޔާމްގެ އިތުރުން، ނޫސްވެރިންވެސް ހާޒިރުކޮށްގެން ކުރިއަށް ގެންދާ ގޮތަށް އޮތީ ހަމަޖެހިފައެވެ. އެހެންނަމަވެސް، ނޫސްވެރިއަކު ޝަރީއަތުގެ މަޖިލީހަށް ވަނުމުން ޝިޔާމް ވަނީ ނޫސްވެރިން ވަނުމަށް ބޭނުންފުޅުނުވާކަމަށް ވިދާޅުވެ، ނުރުހުން ފާޅުކުރައްވާފައެވެ. އަދި އެ އަޑުއެހުން ކަވަރުކުރަން ހާޒިރުވި ނޫސްވެރިޔާ ނެރެން ކޯޓު އޮފިސަރުގެ ކިބައިންވެސް ޝިޔާމް އެދިވަޑައިގަތެވެ. އެހެންނަމަވެސް، އޮންނަ އުސޫލުގެ މަތިން، ނޫސްވެރިޔާއަށް އަޑުއެހުމުގައި ބައިވެރިވުމުގެ ފުުރުސަތު ކޯޓުން ވަނީ ދީފައެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި، ދައުވާއަށް އޭނާ އިންކާރު ކުރައްވާފައިވީނަމަވެސް، ހޯމަ ދުވަހު ވަކީލަކާއެކު ބޭއްވި މި އަޑުއެހުމުގައި ދައުވާތައް ސާފުވެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޑުއެހުން ނިމުމަށްފަހުވެސް ޝިޔާމް ވަނީ އޭނާގެ މައްސަލައިގެ އަޑުއެހުންތަކަށް ނޫސްވެރިން ވަނުމަށް ބޭނުންފުޅުނުވާކަމަށް ވިދާޅުވެފައެވެ. އަދި ޝަރީއަތުގެ މަޖިލީހަށް ވަން ނޫސްވެރިޔާގެ ފޮޓޯވެސް އޭނާ ވަނީ ފަހުން ނަންގަވާފައެވެ.

ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގައި ވަނީ އަޑުއެހުމެއް އާންމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދިއުމަށް ފަނޑިޔާރަށް ނިންމެވިދާނެ ހާލަތްތަކެއް ބަޔާންކޮށްފައެވެ. އެގޮތުން ދައުވާލިބޭ ފަރާތުން ހަމައެކަނި އެދުމަކީ އަޑުއެހުން ސިއްރު ކުރެވޭ ސަބަބެއް ނޫނެވެ. ދައުވާލިބޭ ފަރާތް އެދުމުން ޝަރީއަތުން އެ ސަބަބުތަކަށް ރިއާޔަތްކޮށް، ގޮތް ނިންމުގެ ފުރުސަތު ފަނޑިޔާރަށް ލިބިވަޑައިގަންނަވާނެއެވެ.

މި މައްސަަލައަކީ ޝިޔާމް ޗީފް އޮފް ޑިފެންސް ފޯރސްގެ މަގާމުގައި ހުންނެވިއިރު، ކ. ވިލިނގިލީގައި ހުންނަ ކޯސްޓްގާޑުގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހުންނަ ބިމުގައި ހުރި ވީއައިޕީ ގެއެއްގައި، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ތެރޭގައި (އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް) އޭނާގެ ބައްޕަ ދިރިއުޅުއްވުމަށް ބަހައްޓަވައި، އެ މުއްދަތުގައި އޭނާގެ ބައްޕާފުޅު ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކާ ހަވާލުކުރެއްވި މައްސަލައެކެވެ.

މި މައްސަލައާ ގުޅިގެން ޝިޔާމުގެ މައްޗަށް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ)އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

އެމްއާރްސީސީގެ ވީއައިޕީ ގޭގައި ހުރެފައިވަނީ ޝިޔާމް އަންގައިގެން ކަމާއި، ތަހުގީގަށް ހޯދާފައިވާ ލިޔުންތަކުން ޝިޔާމުގެ ބައްޕާފުޅު ސިފައިންގެ މަރުކަޒެއްގައި ދިރިއުޅުއްވުން ހުއްދަކުރާ ޤާނޫނެއް، ގަވާއިދެއް ނުވަތަ އުސޫލެއް ނެތުމުން އޭނާ އެތަނުގައި ދިރިއުޅޭނެ ހައިސިއްޔަތެއް ނެތްކަން އޭސީސީން މި މައްސަލައިގެ ތަހުގީގާއި ގުޅޭގޮތުން ފާހަގަކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
75%
0%
0%
13%
13%
0%
ކޮމެންޓް