ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ޕަބްލިކް ފޯރަމެއް ބޭއްވުމަށް ނިންމައިފިއެވެ.
މިބިލް ދިރާސާކުރުމުގެ މަސައްކަތްކުރަމުންދަނީ އިޖުތިމާއީ ކޮމިޓީންނެވެ. މަޖިލީހުގެ އިދާރާއިން ބުނީ, ރެސްޓޯރެންޓާއި ކެފޭ ވިޔަފާރިކުރާ ފަރާތްތަކާއި ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ކާބޯތަކެތި އިމްޕޯޓް އަދި އެކްސްޕޯޓްކުރާ ފަރާތްތަކުގެ ތެރެއިން ފޯރަމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާކަމަށެވެ. އެގޮތުން ނޮވެމްބަރ މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިން ކޮމިޓީއަށް އީމެއިލްކުރުމަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް ވަނީ އެދިފައެވެ.
ސަރުކާރުގެ ފަރާތުން، މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ހުށަހެޅުއްވި މިބިލު ހުށަހެޅުއްވުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ފެންވަރުކަނޑައެޅުމާގުޅޭ އުސޫލުތައް ބަޔާންކުރުމާއި، ކާބޯތަކެތި އުފައްދައި، ގުދަންކޮށް، ތައްޔާރުކޮށް، ވިއްކާ ތަންތަނުގައި, ކާބޯތަކެއްޗަކީ އިންސާނުންނަށް ސިއްހީގޮތުން އެކަށީގެންވާ، ރައްކާތެރި ތަކެތި ކަމުގައި ހެދުމަށްޓަކައި އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތަކަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމުކުރުމެވެ. މި ބިލަށް ގާނޫނީ ހައިސިއްޔަތު ލިބޭތާ 3 މަސް ދުވަހުގެ ތެރޭގައި 19 ގަވާއިދެއް ހަދައި ގެޒެޓް ކުރަން ޖެހެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާބޯތަކެތި އުފައްދާއިރު ކައުންސިލްތަކަށް ރައްޔިތުން ހޭލުންތެރި ކުރުމާއެކު ކައުންސިލްތަކަށް ބާރުތަކެއް ދީފައިވެއެވެ. އެގޮތުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ކައުންސިލްތަކަށްވަނީ ލާޒިމްކޮށްފައެވެ.
ކާބޯތަކެތި އުފެއްދުމުގެ މަރުހަލާގައި ރައްކާތެރިކަން ކަށަވަރުކުރުމާއި، ކާބޯތަކެތި އުފައްދައިގެން ވިއްކުމުގައި ހުންނަންޖެހޭ މިންގަނޑުތަކާއި، ކާބޯތަކެތި އުފައްދާ މީހާގެ ހުންނަންޖެހޭ މިންގަނޑުތައް ވެސް މި ބިލުގައި ބަޔާން ކޮށްފައިވެއެވެ.
ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ ނުވަތަ ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ އަދި ދިވެހިރާއްޖޭގައި އުފައްދާ ކާބޯތަކެތި ޓެސްޓުކުރުމަށާއި، ކާބޯތަކެތި އުފައްދާ ތަންތަނާއި، ނުވަތަ ބަންދުކުރާ ތަންތަނާއި، ނުވަތަ ގުދަންކުރާ ތަންތަނާއި، ވިއްކާތަންތަނާއި، ކާބޯތަކެތި ފޯރުކޮށްދޭ ތަންތަނުގެ ސިއްހީ ރައްކާތެރިކަން ބެލުމަށާއި ތަހުލީލުތައް ކުރުމަށް ނޭޝަނަލް ހެލްތު ލެބޯޓްރީއެއް ގާއިމުކުރަންވާނެކަމަަށް ބިލުގައި ބުނެފައިވެއެވެ. ރާއްޖޭގައި ހުރި ލެބޯޓްރީއަކުން ޓެސްޓް ނުހެދޭނަމަ ރާއްޖެއިން ބޭރުން ޓެސްޓް ހެދުމުގެ ފުރުސަތު ވެސް ފަހި ކޮށްދޭން ޖެހޭ ކަމަށް ބިލުގައި ވެއެވެ.