Advertisement
ކ. މާލެ
|
4 ނޮވެންބަރ 2021 | ބުރާސްފަތި 23:13
ޖޭ.އެސް.ސީ
ޖޭ.އެސް.ސީ
ރާއްޖެއެމްވީ
ފަނޑިޔާރު ފާއިޒު ސަސްޕެންޑްކުރުން
އޯޑިއޯ މައްސަލައާ ގުޅިގެން ފަނޑިޔާރު ފާއިޒަށް ދެ މަސްދުވަހުގެ ސަސްޕެންޝަނެއް
5 ނޮވެމްބަރުން ފެށިގެން 60 ދުވަސްވަންދެން ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރުމަށް ވަނީ އަންގާފައި
މީޑިއާތަކުން ތުހުމަތު ރައްދުކުރި 3 ފަނޑިޔާރުންގެ ތެރެއިން، ކްރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޒު ޢަލީ އާދަމްއާއި ޑްރަގް ކޯޓުގެ ގާޒީ މުޙައްމަދު ސަމީރުގެ އަޑު ދިމަލެއްނުވޭ

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނަލިސިސްއިން، އެ އޯޑިއޯތަކުގައި ހިމެނޭ އޯޑިއޯއެއްގައިވާ އަޑާއި ކްރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޒު ޙުސައިން ފާއިޒު ރަޝާދުގެ އަޑާ ދިމާވާކަމަށް, އޯޑިއޯ އެނަލިސިސްގައި ކަނޑައަޅާފައިވާތީ, ދެ މަސްދުވަހުގެ ސަސްޕެންޝަނެއްގައި ފަނޑިޔާރު ބެހެއްޓުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.

އެކަމާގުޅިގެން ޖޭއެސްސީން ބުނީ, "ކޮމިޝަނުން ތަޙުޤީޤުކުރަން ނިންމާފައިވާ، ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ ސުލޫކީ މައްސަލައާ ގުޅިގެން، އެ މައްސަލައިގެ ބާވަތަށާއި ތަޙުޤީޤަށް ހޯދިފައިވާ މަޢުލޫމާތަށް ބަލައި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ތ)ގެ ދަށުން، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، އެޤާނޫނުގެ 25 ވަނަ މާއްދާގެ (ލ)ގެ ދަށުން، 05 ނޮވެންބަރުން ފެށިގެން ވަގުތީގޮތުން 60 (ފަސްދޮޅަސް) ދުވަހަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް، ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދަށް އެންގުމަށް ފެންނަކަމަށް ކޮމިޝަނުގެ 83 ވަނަ ބައްދަލުވުމުގައި ނިންމާފައި"ވާކަމަށެވެ.

ފަނޑިޔާރުންގެ އޯޑިއޯގެ މައްސަލައިގައި ފުލުހުންގެ ފަރާތުން އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސް ހެދުމަށްފަހު، އޭގެ ނަތީޖާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ފޮނުވާފައިވާކަން އެކޮމިޝަނުން ހާމަކޮށްފައިވަނީ ނޮވެމްބަރ މަހުގެ 2 ވަނަ ދުވަހުއެވެ. އެކަމާގުޅިގެން ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ; އޯޑިއޯ އެނާލިސިސްގެ ނަތީޖާއިން އެނގޭ ގޮތުގައި ބައެއް މީޑިއާތަކުން ތުހުމަތު ރައްދުކުރި ތިން ފަނޑިޔާރުންގެ ތެރެއިން، ކްރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޒު ޢަލީ އާދަމްއާއި ޑްރަގް ކޯޓުގެ ގާޒީ މުޙައްމަދު ސަމީރުގެ އަޑާ, އެ އޯޑިއޯތަކުގައި ވާހަކަދައްކާފައިވާ މީހާގެ އަޑު ދިމާނުވާކަން ކަށަވަރުވާ ކަމަށެވެ. އަދި ގާޒީ ޢަލީ އާދަމްއާއި ގާޒީ މުޙައްމަދު ސަމީރުގެ މައްޗަށް އުފައްދާފައިވަނީ ދޮގު ތުހުމަތުތަކެއްކަން ފާހަގަކޮށް, އެ ދެ ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއް ނެތްކަމަށް ކޮމިޝަނުން ނިންމާފައިވާކަމަށެވެ.

ފޮރެންސިކް ތަހުލީލަށް ފޮނުވި ތިން އޯޑިއޯއަކީ ވެސް ޓެމްޕަރކޮށް ރެކޯޑިންގގައިވާ ވަކި ބައެއް ޑިލީޓްކޮށް ނުވަތަ ވަކިވަކި ކްލިޕްތަކަކުން ގުޅުވައިފައިވާ އޯޑިއޯތަކެއްކަން ފޮރެންސިކް އެނާލިސިސްއިން އެނގޭކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

Advertisement

ޖޭއެސްސީން ބުނީ,ކްރިމިނަލް ކޯޓުގެ ގާޒީ ޙުސައިން ފާއިޒު ރަޝާދުގެ އޯޑިއޯ ކަމަށް ބުނާ އޯޑިއޯއަކީ ވެސް ޓެމްޕަރ ކޮށްފައިވާ އޯޑިއޯއެއްކަމުގައި ވިޔަސް، އެ އޯޑިއޯގައިވާ އަޑާއި އެ ބޭފުޅާގެ އަޑާ ދިމާވާކަމަށް އޯޑިއޯ އެނާލިސިސްގައި ކަނޑައަޅާފައިވާ ކަމަށެވެ.

ގާޒީ ޙުސައިން ފާއިޒު ރަޝާދުގެ އަޑާ ދިމާވާ އޯޑިއޯގައި ދައްކާފައިހުރި ވާހަކަތަކަށް ބަލާއިރު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގި ޝަރީއަތާ ގުޅިގެން އެއްވެސް ފަރާތަކުން އެއްވެސް ފަނޑިޔާރަކާ ބައްދަލުކޮށްފައިވާކަމަށް، ނުވަތަ ބައްދަލު ކުރަން އެދިފައިވާކަމަށް ނުވަތަ އެ ޝަރީއަތަށް ނުފޫޒުހިންގުމަށް އެއްވެސް މަސައްކަތެއްކޮށްފައިވާކަމަށް ބުނެފައި ނުވާކަން އެ ކޮމިޝަނަށް ފާހަގަކުރެވޭކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ. ނަމަވެސް، އެ އޯޑިއޯގައި ކޯޓުގެ ޝަރީއަތަކާ ގުޅޭގޮތުން ކޯޓުން ބޭރުގައި ގިނަ ވާހަކަތަކެއް ދައްކާފައިވާކަމާއި، އެގޮތަށް ފަނޑިޔާރު އަމަލު ބެހެއްޓެވުމުގެ ސަބަބުން، ބަޔަކަށް އޭގެ ނާޖާއިޒް ފައިދާނެގުމުގެ ފުރުސަތު ފަހިވެ، އެހެން ފަނޑިޔާރުންގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލޭގޮތަށް، އޯޑިއޯތަކެއް ހަދައިގެން ދައުރުކުރުމުގެ އަމަލުހިންގުމަށް މަގު ފަހިވެގެން ދިޔަކަން އެ ކޮމިޝަނުން ފާހަގަކުރާކަމަށް ބުނެފައިވެއެވެ.

ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯތަކެއް ކަމަށް ބުނެ، ބަޔަކު ހަދައިގެން ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކޮށް ދައުރުކުރި ސައްހަ ނޫން އޯޑިއޯތަކާއި، އޭގެ މައްޗަށް ބިނާކޮށް ފަނޑިޔާރުންގެ މައްޗަށް މަތިކުރި ދޮގު ތުހުމަތުތައް ޖޭއެސްސީން ވަނީ ކުށްވެރިކޮށްފައެވެ. މީގެ އިތުރުން، ކޯޓުތަކާއި ފަނޑިޔާރުންނާ ގުޅޭ ގޮތުން މީޑިއާތަކުން ޚަބަރު ގެނެސްދޭއިރު، އެ މައުލޫމާތު އާންމުކުރުމުގެ ކުރިން އެ މައުލޫމާތަކީ އިތުބާރު ކުރެވޭ މަސްދަރުން ލިބޭ މައުލޫމާތުކަން ޒިންމާދާރުކަމާއެކު ކަށަވަރުކުރުމަށް ޖޭއެސްސީން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް