ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް 4 ބިލެއް ރައީސް އޮފީހަށް ފޮނުވާފައިވާކަމަށް އެޓަރނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނެފިއެވެ.
އޭޖީ އޮފީހުން އެކަމާ ގުޅިގެން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ, މަޖިލީހަށް ހުށަހެޅުމަށް ފޮނުވާފައިވާ ބިލްތަކަކީ ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ, ބައިނަލްއަޤްވާމީ ވިޔަފާރިކުރުމުގެ ބިލާއި ފެނާއި ނަރުދަމާގެ ގާނޫނަށް އިިސްލާހު ގެނައުމުގެ ބިލާއި, ކޯޓުތަކުގެ ގާނޫނަށް އިިސްލާހު ގެނައުމުގެ ބިލުގެ އިތުރުން, ފަނޑިޔާރުންގެ ގާނޫނަށް އިިސްލާހު ގެނައުމުގެ ބިލެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންމިދާ ތިން ވަނަ ދައުރަށް 32 ބިލެއް ހުށަހެޅުމަށް ހަމަޖެހިފައިވާކަމަށް އޭޖީ އޮފީހުން ވަނީ ކުރިން ބުނެފައެވެ. އޭގެ ތެރޭގައި ގާނޫނީ އަދި ޝަރުއީ ދާއިރާއާ ގުޅުންހުރި ބިލުތަކާއި ދީނީ އަދި އިޖްތިމާއީ ދާއިރާއާގުޅޭ ބިލުތަކާއި އިގުތިސާދީ އަދި ތިމާވެށީގެ ދާއިރާއާގުޅޭ ބިލުތައް ހިމެނެއެވެ. އޭގެތެރެއިން މިދައުރަށް ހުށަހަޅާފައިވާ ބިލްތަކުގެ ތެރޭގައި; ހެއްކާބެހޭ ބިލާއި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލާއި އިލެކްޓްރޯނިކް މުއާމަލާތްކުރުމާ ބެހޭ ބިލާއި ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލް ހިމެނެއެވެ.
އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ; މިއަހަރުގެ ތިން ވަނަ ދައުރަށް ސަރުކާރުން ހުށަހަޅާނެކަމަށް ހާމަކޮށްފައިވާ 32 ބިލުގެ ތެރެއިން މިދައުރަށް މިހާތަނަށް އައިއިރު ހުށަހަޅާފައިވަނީ 4 ބިލެއްކަމަށެވެ. އަދި އިތުރު ބިލެއް ދެން މިދައުރުގައި ލިބޭނެކަމަށް ލަފާނުކުރެއްވޭކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް އައިއިރު ސަރުކާރުން ވަނީ 102 ބިލެއް ހުށަހަޅާފައެވެ. އޭގެތެރެއިން 75 ބިލެއް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި 27 ބިލެއްގެ މަސައްކަތް މަޖިލީހުގެ އެކި ކޮމިޓީތަކުގައި އަންނަނީ ކުރަމުންނެވެ. އޭގެތެރޭގައި 2019 ވަނަ އަހަރު މަޖިލީހަށް ހުށަހަޅާފައިވާ ބިލްތައް ވެސް ހިމެނެއެވެ. އެގޮތުން ޖަމިއްޔާތަކުގެ ބިލާއި, އެއްމެދު އިމާރާތްކުރުމުގެ ބިލް އަދި ގައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީ ބިލް ހިމެނެއެވެ.
ސަރުކާރުން މިދައުރަށް ހުށަހަޅާނެކަމަށް ހާމަކޮށްފައިވާ 32 ބިލުގެ ތެރޭގައި, ކުރީ ދައުރުތަކަށް ހުށަހަޅާނެކަމަށް ހާމަކޮށްފައިވާ މުހިންމު ބިލުތައް ވެސް ހިމެނެއެވެ. އޭގެތެރޭގައި އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލާއި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ އޮތޯރިޓީގެ ބިލާއި، ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލް ފާހަގަކޮށްލެވެއެވެ.
މީގެއިތުރުން މިދައުރަށް ހުށަހަޅާނެކަމަށް ސަރުކާރުން ހާމަކޮށްފައިވާ މުހިންމު ބިލްތަކުގެ ތެރޭގައި އިންޑަސްޓްރިއަލް ރިލޭޝަންގެ ބިލާއި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލް ހިމެނެއެވެ. މިއީ މިއަހަރުގެ މޭޑޭ އާ ދިމާކޮށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް މިއަހަރު މަޖިލީހަށް ހުށަހަޅާނެކަމަށް ހާމަކޮށްފައިވާ ބިލްތަކެއް ވެސް މެއެވެ.
މިދައުރުގެ ޖަލްސާތައް ނޮވެމްބަރ މަހުގެ ނިޔަލަށް ކުރިޔަށްދާނެއެވެ.