ކ. މާލެ
|
21 އޮކްޓޯބަރ 2021 | ބުރާސްފަތި 19:15
ރައީސުލްޖުމްހޫރިއްޔާ ހިމަންދޫ ބަނދަރު ހުޅުއްވައިދެއްވަނީ
ރައީސުލްޖުމްހޫރިއްޔާ ހިމަންދޫ ބަނދަރު ހުޅުއްވައިދެއްވަނީ
ރައީސް އޮފީސް
ރައީސް ހިމަންދޫ ބަނދަރު ހުޅުއްވައިދެއްވުން
ރައީސުލްޖުމްހޫރިއްޔާ އއ.ހިމަންދޫ ބަނދަރު ހުޅުއްވައިދެއްވައިފި
ހިމަންދޫގެ ރައްޔިތުން ހުށަހެޅި އެންމެ މުހިންމު ކަމަކީ ރަށުގެ ބަނދަރުކަމަށާއި، އެކަން މިއަދު ފުރިހަމަވެފައިވާކަމަށް ރައީސް ވިދާޅުވި
ހިމަންދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ފެށުމަށް އަންނަނީ ތައްޔާރުވަމުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އއ ހިމަންދޫ ބަނދަރު ހުޅުއްވައިދެއްވައިފިއެވެ.

ބަނދަރު ހުޅުއްވައިދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު އއ އަތޮޅުގެ 6 ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބުރާސްފަތި ދުވަހުގެ ހަވީރު ހިމަންދޫއަށް ވަޑައިގެންނެވެ. ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމް އިސްމާޢީލް ވިދާޅުވީ, ރައީސް ޞާލިޙު ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ހިމަންދޫއަށް ވަޑައިގަތުމުން ހިމަންދޫއަށް ބޭނުންވާކަންތައްތަކުގެ ލިސްޓެއް އެރުވިކަމަށެވެ. މިއަދުވެސް އެލިސްޓް އޮތްކަމަށް ވިދާޅުވެ ހުޝާމް ވިދާޅުވީ އެންމެ ކަމެއް ފިޔަވައި ހުރިހާކަމެއްގައި މިއަދު ވަނީ ހެޔޮފާހަގަ ޖަހާފައިކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ; ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި އެރަށަށް ވަޑައިގެން ރަށުގެ ތަރައްޤީއަށްޓަކައި ރައްޔިތުން ބޭނުންވާ ކަންތައްތަކެއް ހުޝާމް ހުށަހެޅުއްވިކަމަށެވެ. ދަތުރުކުރެއްވި ކޮންމެ ރަށަކުންވެސް އެކަހަލަ ލިސްޓެއް ލިބިވަޑައިގެންނެވިކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ ސަރުކާރުގެ މަސައްކަތްތައް ކުރިޔަށްދަނީ ރައްޔިތުން އެހުށަހެޅި ހުށަހެޅުންތަކާއި އެއްގޮތަށްކަމަށެވެ. ވަކި ރަށެއް ބާކީ ނުކޮށް، އާބާދީއަށް ބެލުމެއްނެތި, ރައްޔިތަކަށް ވީތީ ކޮށްދޭންޖެހޭ ކަންކަން ދައުލަތުގެ ފުދުންތެރިކަން ހުރި މިންވަރަކުން ކޮށްދެއްވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

ހިމަންދޫގެ ރައްޔިތުން ހުށަހެޅި އެންމެ މުހިންމު ކަމަކީ ރަށުގެ ބަނދަރުކަމަށާއި, އެކަން ފުރިހަމަވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ރައްޔިތުންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ އުފާކުރައްވާކަމެއް ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ހިމަންދޫގެ ތަރައްޤީއަށްޓަކައި މިހާރުވެސް ވަރަށް ގިނަ ކަންކަން ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ކުޑަކުދިންގެ ޕާކާއި އައުޓްޑޯރ ޖިމާއި ފުޓް ބޯޅަ ދަނޑުގެ މަސައްކަތްކުރިޔަށްދާކަމަށެވެ. މީގެއިތުރުން ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން މިހާރު ފެށުމަށް އަންނަނީ ތައްޔާރުވަމުން ކަމަށާއި 12 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލް އެޅުމަށް ތައްޔާރުވަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

ފާހަގަނުޖެހި އޮތްކަމެއްގެ ވާހަކަ ހުޝާމް ފާހަގަކުރެއްވި. އެއީ ސިއްހީ ޚިދުމަތުގެ ވާހަކަ އަޅުގަނޑު ހިތުން. އެތަނުގެ ލެބޯޓްރީއެއް ގާއިމުކޮށް، ރަށުގައިދެވޭ ސިއްހީ ޚިދުމަތް މިހާރަށްވުރެ ފުޅާކޮށް ރައްޔިތުންނަށް ރަށުން ލިބޭނެ ގޮތް ހަދައިދެވޭނެ ވާހަކަ. އިރާދަކުރެއްވިއްޔާ އެކަންވެސް ކޮށްދޭނަން. ބަނދަރު މިއޮތީ ރައްޔިތުން ބޭނުންވި ގޮތަށް އިރާދަކުރެއްވިއްޔާ ނިމިފައި.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ހިމަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެންނެވެ. އެމްޓީސީސީއާ ހިމަންދޫގެ ބަނދަރު ހެދުމަށް ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ. މިމަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބަލައިޒްކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުއެވެ.

މިމަޝްރޫޢުގެ ދަށުން 45،252 ކިއުބިކް މީޓަރު ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 372 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލާފައިވެއެވެ. އަދި 251 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި, 147 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލައި, 1750 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދާފައިވެއެވެ. މީގެއިތުރުން 4 މީޓަރު ފުޅާ ބްރިޖެއް ހަދައި, 3 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހަދައި, ބަނދަރު ބައްތި ހަރުކޮށްފައިވެއެވެ.

މިއީ 49.93 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ މަޝްރޫޢެކެވެ. މިމަޝްރޫޢު ނިމިފައިވަނީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް