އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމަވާލައްވައިފިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އ.ދ.ގެ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ދެއްވަމުން ކޮވިޑް-19 ބަލިމަޑުކަމަށް ވަނި އަލިއަޅުއްވާލާފައެވެ. މިފަދަ ބަލިމަޑުކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި މުޅި ދުނިޔް އ.ދ.ގެ ޢާންމު މަޖިލީހަށް ބަރޯސާވާކަން ފާހަގަ ކުރައްވާ، އެކަމަށް ބޭނުންވާ ވަސީލަތްތަކާއި، ޙަކަތައާޢިމ ޢިލްމާއި، ހުނަރާއި އަދި ހޯދުންތައް އެއްތަންކޮށް، އެކަމުގައި ހިއްސާވުމަށް އެއްބަސްވާން ޖެހޭކަން އެމަނިކުފާނުގެ ތަޤުރީރުގައި ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި މޫސުމީ ބަދަލުތަކަށްވެސް ވަނީ އަލި އަޅުއްވާލައްވާފައެވެ. މި މައްސަލައިގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މި މައްސަލައިގައި ކުރާ ޝަކުވާއާއި ކުރާ ވަކާލާތުގައި އަމާންދީ، ފަހަތަށްޖެހުމުގެ އިޙްތިޔާރު ދިވެހިންނަށް ނެތްކަން ފާހަގަކުރައްވާފައިވެއެވެ. އެމަނިކުފާނުގެ ތަޤުރީރުގައި ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރެއްވުމާއި ދުނިޔެށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ މައްސަލަފަދަ އެތައް މައުޟޫޢަކަށް އަލިއަޅުއްވާލެއްވިއެވެ.
އެމަނިކުފާނު އ.ދ.ގެ 76 ވަނަ ޢާންމު މަޖިލީހުގައި ތަޤުރީރުކުރައްވާފައިވަނީ ދިވެހި ބަހުންނެވެ. އަދި މި ތަޤުރީރުގައި ދިވެހިންގެ މާދަރީ ބަސް ކަމަށްވާ ދިވެހި ބަހުން ރިޔާސަތާ މުޚާތަބްކުރައްވައި، ވާހަކަފުޅުދެއްކެވިކަމީ، މިނިވަން ދައުލަތެއްގެ މަޤާމު މީގެ 56 އަހަރުކުރިން ރާއްޖެއަށް ލިބުމާ ގުޅިގެން، ބައިނަލްއަޤްވާމީ މަސްރަޙުގައި ބަސްބުނުމުގެ ޤާބިލިއްޔަތާ މެދުގައާއި، ދިވެހިރާއްޖެއަކީ އެކަމަށް ކުފޫ ހަމަވާ ޤައުމެއްތޯ ބައިނަލްއަޤްވާމީ މައިދާނުގައި ކުރެވުނު ސުވާލުގެ ޖަވާބުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ވަގުތުކޮޅަކީ ރާއްޖެއަކީ ކުޑަ ޤައުމަކަށް ވިޔަސް ދިވެހިން ކުޑަ ނޫންކަން މުޅިދުނިޔެ ހެކިވި ވަގުތުކޮޅެއްކަން ފާހަގަކުރައްވައި މިއީ ހުރިހާ ދިވެހީންނަށް ލިބުނު ބޮޑު އުފަލަކާއި މަތިވެރި ޝަރަފެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އ.ދ.ގެ އާންމު މަޖިލީހުގައި ތަޤުރީރު ކުރެއްވުމުގެ ކުރިން އެމަނިކުފާނުވަނީ އ.ދ.ގެ މައި އިދާރާގައި ބޭއްވި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްގެ "ކްލައިމެޓް މޮމެންޓް" ގައިވެސް ވާހަކަފުޅު ދައްކަވާފައިއެވެ. މި ބައްދަލުކުރެއްވުމަކީ، އ.ދ.ގ ސެކްރެޓަރީ ޖެނެރަލްއާއި، އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ޚާއްޞަ ދައުވަތެއް ލިބިވަޑައިގަންނަވާ ދުނިޔޭގެ މަދު ލީޑަރުންކޮޅެއްގެ މެދުގައި ބޭއްވެވި ބައްދަލުކުރެއްވުމެކެވެ. މި ދަތުފުރުގެ ޙަވާސާގައި، އ.ދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުއާޓްރޭޒްއާއި ބައްދަލުކުރައްވައި އެކިއެކި މުހިންމު މައްސަލަތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ވަނީ މި ބައްދަލުކުރެއްވުމުގައި، ބައެއް ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިވެސް މަޝްވަރާތައް ބާއްވަވާފައެވެ. އެގޮތުން ޕޯޗުގަލްގެ ރައީސް، ހިޒް އެކްސެލެންސީ މާސެލޯ ރެބެލޯ ޑިސޯޒާއާއި ސްވިޒަރލެންޑް(ސްވިސް ކޮންފެޑެރޭޝަން)ގެ ރައީސް، ހިޒް އެކްސެލެންސީ ގައި ޕާރމެލިން އާއި ކާބޯ ވަރޑޭގެ ރައީސް ހިޒް އެކްސެލެންސީ ޖޯޖް ކާރލޮސް ފޮންސެކާ އާއި ކޯޕަރޭޓިވް ރިޕަބްލިކް އޮފް ގަޔާނާގެ ރައީސް، ހިޒް އެކްސެލެންސީ ޑޮކްޓަރ މުޙައްމަދު އިރްފާން ޢަލީއާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ހަރ އެކްސެލެންސީ ޝައިޚް ޙަސީނާއާއި، ރިޕަބްލިކް އޮފް ޕަލާއޫގެ ރައީސް ހިޒް އެކްސެލެންސީ ސުރަންގެލް އެސް. ވިޕްސް ޖޫނިއަރ އާއި އަދި ކުވޭތުގެ ބޮޑުވަޒީރު ހިޒް ހައިނަސް ޝައިޚް ޞަބާޙް ޚާލިދު އަލް-ޙަމަދް އަލް-ޞަބާޙް އާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މަޝްވަރާތައް ބޭއްވެވިއެވެ
ފާއިތުވި ހަތް އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު އ.ދ.ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ނުކުރައްވާ އޮތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އ.ދ.ގެ ޢާންމު މަޖިލީހުގައި ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގަންނަވާފައި ވަނީ 2019 ވަނަ އަހަރެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު އދ.ގެ ޢާންމު މަޖިލީހަށް ވަޑައިގެން ތަޤްރީރުކުރެއްވި ފުރަތަމަ ފަހަރުކަމުގައިވުމުން އެފަހަރަކީވެސް ރާއްޖެއަށް ވަރަށް ޚާއްޞަވެގެންދިޔަ ފަހަރެކެވެ. އަދި މިފަހަރު އ.ދ.ގެ ޢާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވުން ރާއްޖެއަށް ޚާއްޞަވާ ސަބަބަކީ މިއީ ފުރަތަމަ ފަހަރަށް ރާއްޖެއިން އ.ދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ފަހަރުކަމުގައިވާތީއެވެ.