ކ. މާލެ
|
21 ސެޕްޓެންބަރ 2021 | އަންގާރަ 22:45
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ފްރެއިޓް ފޯވަރޑިން ވިޔަފާރިތައް
މާލޭ ކޮމާޝަލް ހާބަރުގެ ޓެރިފް ރޭޓްތައް ކުންފުންޏަށް ގެއްލުންނުވާނެ ގޮތަކަށް ރިވައިސް ކުރެވެން އޮތްނަމަ އެކަން ކުރުމަށް މަޖިލީހުން ފާސްކޮށްފި
ކޮމިޓީ ރިޕޯޓް ފާސްކޮށްފައިވަނީ 40 މެމްބަރުންގެ ވޯޓުން
މައްސަލައާ ގުޅޭގޮތުން ކޮމިޓީން 14 ކަމެއް ފާހަގަކޮށްފައިވޭ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން މާލޭ ކޮމަރޝަލް ހާބަރު ޓެރިފް ރޭޓްތައް ކަނޑައެޅުމުގައި އެކުންފުންޏަށް ގެއްލުންނުވާނެފަދަ ގޮތަށް ޚިދުމަތުގެ ޚަރަދަށާއި ކޮމްޕެޓިޓިވްނަސް އަށް ރިއާޔަތްކޮށް ރޭޓްތައް ރިވައިސްކުރެވެން އޮތްނަމަ ސަރުކާރުގެ މަޝްވަރާއާއެކު ރިވައިސްކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަސް ފާސްކޮށްފައި ވަނީ ދިވެހިރާއްޖޭގެ ފްރެއިޓް ފޯވަރޑިން ވިޔަފާރިތަކެއްގައި ހިނގަމުން އަންނަ ބައެއް ކަންކަމާ ގުޅިގެން، ވިޔަފާރިތަކަކުން ޝަކުވާ ހުށަހަޅުއްވާފައިވާތީ، އެކަންކަން ދިރާސާކުރުމަށް އެދި ފޮނުއްވާފައިވާ މައްސަލަ އިގްތިސާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 40 މެމްބަރުންގެ އިއްތިފާގުންނެވެ.

މިމައްސަލައަކީ ދިވެހިރާއްޖޭގެ ފްރެއިޓް ފޯވަރޑިން ވިޔަފާރިތަކެއްގައި ހިނގަމުން އަންނަ ބައެއް ކަންކަމާއި ގުޅިގެން ވިޔަފާރިތަކަކުން ޝަކުވާ ހުށަހަޅާފައިވާތީ އެކަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 4 ވަނަ ދުވަހު އިގްތިސާދީ ކޮމިޓީއަށް ފޮނުއްވާފައިވާ ސިޓީއަކާ ގުޅިގެން އެކޮމިޓީން ދިރާސާކޮށްފައިވާ މައްސަލައެކެވެ. މިކަން ދިރާސާކުރުމަށްފަހު އެކުލަވާލި ކޮމިޓީ ރިޕޯޓްގައި ބުނެފައިވަނީ ކޮމިޓީން މައިގަނޑު ގޮތެއްގައި ދިރާސާކޮށްފައިވާނީ ދިވެހިރާއްޖޭގެ ފްރެއިޓް ފޯވަރޑިން ބައެއް ވިޔަފާރިތަކުގައި ހިނގަމުން އަންނަ ކަންކަމާގުޅޭ ޝަކުވާތަކާއި ޝިޕިން އޭޖެންސީތަކާއި ފްރެއިޓް ފޯވަރޑިން ގެ ވިޔަފާރިތައް ރެގިއުލޭޓްކުރަމުންދާ ގޮތް ކަމަށެވެ. މީގެއިތުރުން ޝިޕިން އޭޖެންސީތަކާއި ފްރެއިޓް ފޯވަރޑިން ގެ ޚިދުމަތްތައް ރެގިޔުލޭޓްކުރުމަށް ކަމާގުޅޭ އިދާރާތަކުން ކުރަމުން ގެންދާ މަސައްކަތްތައްވެސް ދިރާސާކޮށްފައިވާނެކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

މިކަންކަން ދިރާސާކުރުމަށް ކޮމިޓީން ބައްދަލުކޮށްފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެސްޓީއޯ، ސެންޗޫރިއަން ޕަބްލިކް ލިމިޓެޑް، ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް، ޓޯޓަލް ޓްރާންސްޕޯޓް ސޮލިޔުޝަންސް މޯލްޑިވްސް ޕްރައިވެޓް (ޓީޓީއެސް)، އަދި ބޮނިޓޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ.

މައްސަލައާ ގުޅޭގޮތުން ކޮމިޓީން 14 ކަމެއް ފާހަގަކޮށްފައިވެއެވެ. މިކަންކަމަށް ރިޢާޔަތްކޮށް ކޮމިޓީން 4 ކަމެއް ނިންމާފައިވެއެވެ.

ކޮމިޓީގެ ނިންމުންތަކުގެ ތެރޭގައި ހިމެނެނީ ޝިޕިން އެޖެންސީއާ ބެހޭ ގަވާއިދާއި ވިޔަފާރި ހަރަކާތް ރަޖިސްޓްރީކުރުމުގެ ގަވާއިދު: ފްރެއިޓް ފޯވަރޑިންގެ ޚިދުމަތްތައް އަމަލުކުރަން ފެށިފަހުންވެސް ބައެއް ކުންފުނިތަކުން ގަވާއިދާ ޚިލާފަށް ޗާޖު ނަގަމުންދާކަން ފާހަގަކުރެވިފައިވުމާއެކު އެގަވާއިދުތައް ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށާއި ގަވާއިދުތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ފެންނަކަމަށް އިކޮނޮމިކް މިނިސްޓްރީ އަށާއި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ލަފާދިނުމަށެވެ. މީގެއިތުރުން އެޖެންސީއާ ބެހޭ ގަވާއިދާއި ވިޔަފާރި ހަރަކާތް ރަޖިސްޓްރީކުރުމުގެ ގަވާއިދު: ފްރެއިޓް ފޯވަރޑިންގެ ޚިދުމަތްތައް ތަންފީޒުކުރުން އިތުރަށް ޚަރުދަނާކުރުމަށްޓަކައި ގަވާއިދުތަކުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު އަދި އެ ދާއިރާ އިތުރަށް ޚަރުދަނާކުރުމަށްޓަކައި ކަސްޓަމްސް އަދި އެނޫންވެސް ގުޅުންހުރި އިދާރާތަކަށް ބޭނުންވާ މައުލޫމާތުތައް ލިބޭނެ ފަސޭހަ ނިޒާމެއް ގާއިމުކުރުމަށް ލަފާދިނުމަށްވެސް ކޮމިޓީން ނިންމާފައިވެއެވެ.

އަދި ޝިޕިން އެޖެންސީއާ ބެހޭ ގަވާއިދާއި ވިޔަފާރި ހަރަކާތް ރަޖިސްޓްރީކުރުމުގެ ގަވާއިދު: ފްރެއިޓް ފޯވަރޑިންގެ ޚިދުމަތްތައް ގައި ފުށުއެރުންތަކެއް ހުރިކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ފާހަގަކޮށްފައިވުމާއެކު އެގަވާއިދުތަކުގައި އެއްވެސް ފުށުއެރުމެއް ހުރިނަމަ އޭޖީގެ މަޝްވަރާއާއެކު އިކޮނޮމިކް މިނިސްޓްރީ އަދި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އެގަވާއިދުގައި ހުރި ފުށުއެރުންތައް އިސްލާހުކުރުމަށް ލަފާދިނުމަށްވެސް ކޮމިޓީން ނިންމާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް