ކ. މާލެ
|
14 ސެޕްޓެންބަރ 2021 | އަންގާރަ 18:23
މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން
މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން
ރާއްޖެއެމްވީ
މެންޓަލް ހެލްތް ދާއިރާ
މެންޓަލް ހެލްތް ދާއިރާއިން ގިނަ މީހުން ބިނާކުރަން ޖެހޭ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރ
 
މި ދާއިރާއަށް މީހުން މަދުކަން ވަނީ ފާހަގަކުރައްވާފައި

މެންޓަލް ހެލްތް ދާއިރާއިން ގިނަ މީހުން ބިނާކުރަން ޖެހޭ ކަމަށްމިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.

މެންޓަލް ހެލްތް ދާއިރާއިން މާސްޓަރސް ފެންވަރުގެ 46 ސްކޮލަރޝިޕްގެ ފުރުސަތު ސަރުކާރުން ހުޅުވާލުމާއި ގުޅިގެން ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ މި ދާއިރާއަށް މީހުން މަދުކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި ފުރުސަތުގެ ބޭނުން ހިފާ ވީހާ ވެސް ގިނަ މީހުން ސްކޮލަރޝިޕަށް ކުރިމަތިލުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި މި ދާއިރާ އިން އެންމެ ފުރިހަމައަށް ޚިދުމަތް ފޯރުކޮށްދެވޭނީ ތަމްރީނުވެފައި ތިބި ދިވެހިން މުޖުތަމައަށް ނެރެގެން ކަަމަށެވެ.

ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން އިފްތިތާހު ކޮށްދެއްވައި މިިދިޔަ އޯގަސްޓު މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެސް ވަނީ މި ސްކޮލަރޝިޕްތަކަށް ވަރަށް އަވަހަށް ހުޅުވާލާނެކަން އޭރު ހާމަ ކުރައްވާފައެވެ. އެގޮތުން އިގްތިސާދީ ގޮތުންނާއި، އިޖުތިމާއީ ގޮތުން ރާއްޖެއަށް އަންނަ ބަދަލުތަކަށް ބަލާއިރު، މީހުން ބިނާކުރަންޖެހޭ ވަރަށް ގިނަ ދާއިރާތަކެއް އެބަހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އޭގެ ތެރެއިން ވެސް، މެންޓަލް ހެލްތުގެ ދާއިރާއަކީ، ވަރަށް ޚާއްސަ އިސްކަމެއްދީގެން މީހުން ބިނާކުރަން ޖެހިފައިވާ ދާއިރާއެއް ކަމަށެވެ.

ރައީސް ވިދާޅުވީ، މެންޓަލް ހެލްތުގެ ދާއިރާއިން ކްލިނިކަލް ސައިކޮލޮޖީއާއި، ޕްރޮފެޝަނަލް ކައުންސެލިންގ، އަދި އެޑިކްޝަން ސްޓަޑީޒްގެ ސްކޮލަރޝިޕްތައް ހިމެނޭގޮތަށް، މާސްޓަރސް ފެންވަރުގެ ސްކޮލަރޝިޕްގެ ފުރުސަތު ސަރުކާރުން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ. މިހާރު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިވަނީ މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން އަންނަ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުގެ 13:30 ގެ ނިޔަލަށް ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މާސްޓަރސް ފެންވަރުގެ މި ސްކޮލަރޝިޕްތަކަށް ހުޅުވާލާފައިވާ ދާއިރާތަކަށް ބަލާއިރު، ކްލިނިކަލް ސައިކޮލޮޖީން 10 ފުރުސަތު، އެޑިކްޝަން ސްޓަޑީޒް/މެނޭޖްމަންޓް އިން 5 ފުރުސަތު، ސައިކޭޓްރީން 2 ފުރުސަތު، ސައިކޭޓްރިކް ނަރސިންގ އިން 11 ފުރުސަތު، ކައުންސެލިންގ/ސައިކޯތެރަޕީން 10 ފުރުސަތު، ލާރނިންގ ޑިސްއެބިލިޓީން 8 ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ސްކޮލަރޝިޕްތަކާ ގުޅޭގޮތުން އޭރު ވާހަކަ ދައްކަވަމުން ރައީސް ވަނީ މީހުން ބިނާކުރުމަކީ ގައުމުގެ ކުރިމަގަށްޓަކައި ރައްކާކުރެވޭ ވަރަށް އަގުބޮޑު ރައުސްމާލެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން އެކަމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ހުރިހާ ބެލެނިވެރިން ވަރަށް ފުރިހަމަ އެއްބާރުލުމެއް ދެއްވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. އަދި ސަރުކާރުން ފަހިކޮށްދޭ މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފައި، ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި ފަންނު ކުރިއަރުވައި ތަރައްގީކޮށްގެން، ގައުމުގެ ތަރައްގީގައި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ޒުވާނުންނަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

މި ސްކޮލަރޝިޕްތަކުގެ ތެރެއިން ކޮންމެ ސްކޮލަރޝިފެއްވެސް ވަނީ އެ ސްކޮލަރޝިޕެއް ފުރިހަމަ ކުރާ ދަރިވަރު ދައުލަތުގެ ކޮންމެވެސް މުއައްސަސާއަކުން ކަނޑައަޅާ ތަނެއްގައި ޚިދުމަތްކުރުމަށް އެ މުއައްސަސާއަކަށް އެލޮކޭޓްކޮށްފައެވެ. އެހެންކަމުން، އެ ސްކޮލަރޝިޕެއް ފުރިހަމަކުރާ ދަރިވަރަކު އެ ސްކޮލަރޝިޕެއް އެލޮކޭޓްކޮށްފައިވާ މުއައްސަސާއިން ކަނޑައަޅާ ތަނެއްގައި ވަކި މުއްދަތަކަށް ޚިދުމަތް ކުރުމަށް ބޮންޑް ކުރެވޭނެއެވެ. އެއީ، މާލެއާއި އަތޮޅުތަކުގައި ޚިދުމަތްކުރުމަށް މި ސްކޮލަރޝިޕްތަކުގެ އެހީގައި މީހުން ތަމްރީންކުރުމުގެ ބޭނުމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް