ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޕާޓީގެ މެމްބަރުކަން ފިޔަވައި އިތުރު ޝަރުތުތަކެއް ކަނޑައަޅާނަމަ އެފަދަ ޝަރުތުތަކެއް ކަނޑައެޅޭނީ ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ އިޖުރާއަތްތަކާއި އެއްގޮތަށް ޕާޓީގެ އަސާސީ ގަވާއިދަށް ގެނެވޭ އިސްލާހެއްގެ ދަށުން ނުވަތަ އަސާސީ ގަވާއިދުން ބާރުލިބިގެން ހަދާ ގަވާއިދެއްގެ ދަށުން ކަމަށް އިލެކްޝަންސް ކޮމިޝަނު(އީސީ)ން އެމްޑީޕީއަށް އަންގައިފިއެވެ.
އީސީން މިގޮތަށް އެމްޑީޕީއަށް އަންގާފައި މިވަނީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރުމަށް ޝަރުތު ފުރިހަމަ ނުވާކަމަށް ނިންމާފައިވާ ނިންމުމާ ގުޅިގެން އެ މައްސަލަ އިސްތިއުނާފުގައި އޮވެމެ، ޖަވާބެއް ނުލިބޭތީ ޔޫތު މިނިސްޓަރު އަހުމަދު މަޚުލޫފު އެކަމާއި ގުޅިގެން އީސީއަށް ހުށަހެޅުއްވި މައްސަލައިގެ ޖަވާބުގައެވެ.
ކުރިޔަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި މަޚުލޫފަށް ވާދަނުކުރެވޭނެ ކަމަށް ނިންމައި އެމްޑީޕީން 16 އޮގަސްޓްގައި ފޮނުއްވާފައިވާ ސިޓީގައި ވަނީ ޝަރުތު ފުރިހަމަނުވާކަމަށެވެ. ޝަރުތު ފުރިހަމަ ނުވާކަމަށް ނިންމާފައިވަނީ ޝަރުތު ފުރިހަމަވާ ފަރާތްތައް ބެލުމަށް، ކަމާ ގުޅުންހުރި މުއައްސަސާތަކަށް ފޮނުވުމުން އޭގެތެރެއިން އެންޓި-ކޮރަޕްޝަން ކޮމިޝަނުން މަޚުލޫފްގެ މައްސަލައެއް ވާކަމަށް އަންގާފައިވާތީ ކަމަށް މަޚުލޫފް ވަނީ ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން މަޚުލޫފް ވަނީ އެމްޑީޕީގެ ޗެއަރ ޕާސަން ހަސަން ލަތީފް އަދި އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް އެ ނިންމުން މުރާޖަޢާކޮށްދިނުމަށް އެދި ސިޓީ ފޮނުއްވާފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަޔަކާ ގުޅިގެން ޔޫތު މިނިސްޓަރުކަމުގައި ހުންނެވި މަޚުލޫފް މިހާރު ހުންނެވީ ސަސްޕެންޝަނުގައެވެ.
ނިންމުން މުރާޖާކޮށްދިނުމަށް އެދި މަޚުލޫފް އެމްޑީޕީގައި އެދިވަޑައިގެންފައިވަނީ 24 އޮގަސްޓްގައެވެ. އެ ޝަކުވާއާ ގުޅިގެން އީސީން އެމްޑީޕީގެ ޗެއަރޕާސަން އަށް ފޮނުވާފައިވާ ސިޓީގައި ވަނީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އަހުމަދު މަޚުލޫފަކީ ޝަރުތު ފުރިހަމަވާ ފަރާތެއް ނޫންކަމަށް އެމްޑީޕީން ނިންމާފައިވާ ނިންމުމާއި ގުޅިގެން ޕާޓީގެ އެތެރޭގެ އިންތިޚާބުތަކަކީވެސް އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ކުރިޔަށް ގެންދެވޭ އިންތިޚާބުތަކެއްކަން ކަށަވަރުކުރުމަށް ޕާޓީއަށް އިލްތިމާސްކުރާކަމަށެވެ.
އީސީއަށް މަޚުލޫފް ހުށަހަޅުއްވާފައިވާ ޝަކުވާގެ ޖަވާބުގައި އީސީން މަޚުލޫފަށް ފޮނުވާފައިވާ ސިޓީގައި ވަނީ ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ ހ ގެ ދަށުން ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ލިބިދީފައިވީނަމަވެސް، އެކަން އޮންނާނީ މުތުލަގުގޮތެއްގައި ދޫކޮށްފައި ނޫން ކަމަށާއި ސިޔާސީ ޕާޓީއެއްގެ އެތެރޭގެ މަގާމެއް ނުވަތަ މަގާމުތަކުގެ އިންތިޚާބަކަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ގާނޫނު އަސާސީ އާއި ގާނޫނާއި ގަވައިދާއި ރާއްޖެއިން އަމަލުކުރުމަށް ސޮއިކޮށްފައިވާ މުޢާހަދާތަކާ ޚިލާފުނުވާ ގޮތުގެމަތިން ވަކި ފަރުދަކަށް ނުވަތަ ވަކި ދަނޑިވަޅަކަށް އަމާޒުނުކޮށް ޕާޓީގެ މަގާމުތަކަށް ކުރިމަތިލާ މެމްބަރުންގެ ނަޒާހަތްތެރިކަމާއި ޕާޓީގެ އާންމު މަސްލަހަތު ރައްކާތެރިކޮށްދިނުމަށް މަގުފަހިކޮށްދޭ ޝަރުތެއް ނުވަތަ ޝަރުތުތަކެއް ކަނޑައެޅުމުގެ ހައްގު ސިޔާސީ ޕާޓީތަކަށް ލިބިގެންވާކަމަށް ކޮމިޝަނުން ދެކޭކަމަށެވެ. ނަމަވެސް އެފަދަ ޝަރުތެއް ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ބައިވެރިވާ މެމްބަރަކަށް ކުރިމަތިކުރެވޭނީ ސިޔާސީ ޕާޓީގެ ގާނޫނު ގައި ބުނާގޮތުގެ މަތިން ކަމަށް އީސީގެ ސިޓީގައި ބުނެފައިވެއެވެ.
މީގެއިތުރުން ސިޔާސީ ޕާޓީގެ ގާނޫނުގެ 14 ވަނަ މާއްދާގެ މ ގައި ވަނީ ޕާޓީގެ އިންތިޚާބުކުރެވޭ މަގާމުތަކާއި އެ މަގާމުތަކަށް މީހުން އިންތިޚާބުކުރާނޭ ގޮތުގެ އުސޫލު އެ ޕާޓީއެއްގެ އަސާސީ ގަވާއިދުގައި ކަނޑައަޅަންވާނެކަމަށެވެ. އަދި އީސިއަށް ހުށަހަޅައި ދަފުތަރުކޮށްފައިވާ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އެމްޑީޕީގެ މެންބަރުކަން ފިޔަވައި ވަކި ޚާއްސަ ޝަރުތެއް ބަޔާންކޮށްފައިނުވާކަމަށް އީސީން މަޚުލޫފަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވެއެވެ.
އީސީން މަޚުލޫފާއި އެމްޑީޕީއަށް ފޮނުވި ޖަވާބާ ގުޅިގެން މަޚުލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ މަޚުލޫފަށް ވާދަނުކުރެވޭނެކަމަށް ނިންމާފައިވާ މައްސަލައިގައި، އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވާގޮތަށް، އެމްޑީޕީ ގެ އަސާސީ ގަވައިދުގައި ހިމެނިފައިވާ ޝަރުތެއް ނޫންކަމަށް އީސީން ވަނީ އެމްޑީޕީ އަށް އަންގާފައި ކަމަށެވެ. އަދި ޝަރުތެއް ކުރެވޭނީ އަސާސީ ގަވައިދު އިސްލާހުކޮށް ނޫނީ ހަދާ ގަވައިދެއްގެ ދަށުންކަމަށް މަޚުލޫފްގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިކަން އެންގުމަށް 24 އޭޕްރީލް ގައި ވެބްސައިޓްގައި ޝާއިއުކޮށްފައިވާ އިއުލާންގައި ހިމަނާފައިނުވާ ޝަރުތުތަކެއް އިންތިޚާބަށް އިއުލާންކުރި ފަހުން 27 އޭޕްރީލްގައި ނެރެފައިވާ އިއުލާންގައި ވަނީ ހިމަނާފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި އެކިއެކި މުއައްސަސާތަކަށް ނަން ފޮނުވާ މީހުންނަށް އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ފާސްކޮށްފައި ވަނީ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު ބޭއްވި އެޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ދައުވާކުރުމަށް އަދި ޕީޖީން ކޯޓަށް ފޮނުވާފައެއްނުވެއެވެ. އެމައްސަލައާ ގުޅިގެން މަޚުލޫފް ސަސްޕެންޝަނެއްގައި ހުންނެވިއިރު ޕީޖީން ގޮތެއް ނިންމަންދެން މަޚުލޫފްގެ ސަސްޕެންޝަން ދެމިއޮންނާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވަނީ ވިދާޅުވެފައެވެ.