ކ. މާލެ
|
18 އޯގަސްޓް 2022 | ބުރާސްފަތި 16:50
ރައީސް ސާލިހު އާއި ރައީސް ނަޝީދު
ރައީސް ސާލިހު އާއި ރައީސް ނަޝީދު
ރައީސް އޮފީސް
މަގޭ ރިޕޯޓް
ބަރުލަމާނީ ނުއިނދެ ތިންފަށްވަނީ!!؟
 
ރައީސް ނަޝީދު މިވާހަކަ ދައްކަވަން ހަރުގޭގައި ބޭއްވި ދެ ޖަލްސާގެ މަންޒަރު ތަފާތު
 
އެންމެ ގަދައަށް މިވާހަކަ ދެއްކި އެމްޑީޕީގެ އަޑުމަޑު
 
ކުރީ ދެފަހަރުވެސް ބަރުލަމާނީ އެއް ކާމިޔާބެއް ނުވި

އަނެއްކާވެސް އެއްކަލަ ވާހަކައިގެ އަޑު ގަދަވާން ފަށައިފިއެވެ. ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއްގެ ވާހަކައެވެ. ރިޔާސީ ބަރުލަމާނީގެ އަޑެވެ.

ރާއްޖޭގައި މިވާހަކަތައް ފެތުރިގަންނަ ވަގުތާއި ހާލަތަށް ބަލާއިރު މުޅިންވެސް ފެނިފައި ހުރީ ދާދި އެއްގޮތަކަށެވެ. ވެރިކަމެއް ބަދަލުވާން ނުވަތަ ބަދަލު ކުރުމާ ދިމާލަށެވެ. އެއިރެއްގައި އޮތް ސަރުކާރު ފުރޮޅާލުމުގެ ވިސްނުމާ ހަމައިންނޭ ބުނުމަކީވެސް ގޯހެއް ހެނެއް ހީއެއް ނުވެއެވެ.

ރާއްޖޭގައި ފުރަތަމަ މިވާހަކަތައް ފެށުނީ މިހާރު މިއޮތް ޤާނޫން އަސާސީ އެކުލަވާލުމުގެ ތެރެއިންނެވެ. އޭރުގެ ރައީސް މައުމޫނުގެ ވެރިކަމާ ދެކޮޅަށް އަޑުއުފުލައި އެވެރިކަން ބަދަލުކުރަން ވެއްޖެކަމަށް ފާޅުގައި ކުރަންފެށި ވަކާލާތާއެކު ޤާނޫން އަސާސީ އިސްލާހް ކުރަންޖެހި އެމަސައްކަތުގެ ތެރެއިންނެވެ. އެއަށްވުރެވެސް ތިލަކުރާނަމަ ސީދާ ރައީސް މައުމޫނުގެ ވެރިކަން ބަދަލުކުރުމަށްވެސް ކުރެވޭ ކަމެއްގެ ގޮތުގައެވެ.

އެފަހަރު އެތައް ހިފުމެއް ހިފައި އެތައް ވާހަކައެއް އެކިގޮތައް އެކިތަންތަނުގައި ދައްކައި އެކި ބަހުސްތައްކޮށް ކަރުމާރު ހިފުމަކާހަމައިންގޮސް ނިމުނީ ރައްޔިތުންގެ މެދުގައި ނެގުނު ވޯޓަކުން ރިޔާސީ ނިޒާމެއްކަމަށް ނިންމައި ޤާނޫން އަސާސީގައި ސިއްކަ ޖަހައިގެންނެވެ.

އޭގެފަހުން ދުވަސްތަކަކަށްފަހު  އަނެއްކާވެސް އެވާހަކަތައް ހިލެން ފެށިއެވެ. ރިޔާސީ ބަރުލަމާނީ ނިޒާމުގެ ވާހަކަ އާކުރާން ފެށުނެވެ. ރައީސް ޔާމީނުގެ ވެރިކަމުގައެވެ. ވެރިކަން ބަދަލުކުރުމަށް އިދިކޮޅުން ޖަހާންފެށި މަޅިތަކާއެކު ފެށުނު ޕާޓީ ޓޯކްސްގެ ތެރެއިންނެވެ. އެފަހަރުވެސް ދެކެވުނިއްޔާ ދެކެވުނު ވާހަކައަކާއި ހެދުނިއްޔާ ހެދުނު ޑީލަކަށްފަހުވެސް އާޚިރު ނަތީޖާއަކަށްވީ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ކޮޅަށް ފިރުކާ ނުލެވުމެވެ.

ދެބުރަކަށް އެވާހަކަތައް ދެކެވި ތިންވަނަ ފަހަރަށް މިހާރު މިވަނީ އެވާހަކަތައް ދެކެވެން ފަށާފައެވެ. ބަރުލަމާނީ ނިޒާމެއް ގެނެސް ވެރިކަން ބަދަލުކުރުމުގެ އަޑު މިވަނީ އިވެން ފަށާފައެވެ. މިފަހަރުވެސް ކުރީ ދެފަހަރަކާ މާބޮޑު ތަފާތެއް ނެތެވެ. ކުރީ ފަހަރުތަކާ ޚިލާފަށް މިފަހަރު ތަފާތުވަނީ ވެރިކަން ކުރާ މައިޕާޓީގެ ތެރެއިން މިވާހަކަ ފެށުމެވެ. ކުރީ ފަހަރުތަކާ ޚިލާފަށް އިދިކޮޅު އޮތްގޮތައް އޮއްވާ ވެރިކަންކުރާ މައިޕާޓީގެ ތެރެއިން މިފަހަރު މިވާހަކަ އުފަން ވުމެވެ. ދެންހުރި މައިގަނޑުކަންކަން މިފަހަރުވެސް ސީދާ އެއްގޮތެވެ. އެއީ މިހާރު މިހިނގާ ރިޔާސީ ދައުރު ނިމެން ކައިރިވެފައިވަނިކޮށް ދެން ވެރިކަމަށް އައުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މިވާހަކަ ފެށިގެން އައުމެވެ. ވެރިކަމަށް ކުރިމަތިލައްވާނެކަމަށާއި މިހާރު މިއޮތް ކޯލިޝަން ސަރުކާރުގެ މައިޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވާ ރައީސް ނަޝީދު މިވާހަކަ އަޑުހަރުކޮށް ދެއްކެވުމެވެ.

މިހާރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމުގެ އިތުރު ދައުރަކަށް ކުރިމަތިލެއްވުން ރަނގަޅުކަމަށް ފެނިވަޑައި ނުގަންނަވާކަމަށް ވިދާޅުވަމުން ބަރުލަމާނީ ހުށަހެޅުން ހުށަހެޅުއްވީ ރައީސް ނަޝީދުކަމަށް ވުމެވެ. އެހެންކަމަށްވާނަމަ ހުރިހާ ގޮތަކަށް ބަލާއިރުވެސް މިފަހަރުވެސް މިވާހަކަތަކުގެ އަސްލާ ގުޅެނީ ކުރީ ފަހަރުތަކެކޭ އެއްގޮތަކަށް ވެރިކަމާއެވެ. މިފަހަރު މިވާހަކަ އެންމެ ހަރުކޮށް ދައްކަވާ ރައީސް ނަޝީދު ހުށަހަޅުއްވާ ގޮތުގައި ބޮޑުވަޒީރު ހިންގާ ގޮތަށް ސަރުކާރު އެކުލަވާލާނީ ރައްޔިތުންގެ މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށްވުރެން ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީއަކުންނެވެ. އެއްވެސް ޕާޓީއަކަށް އެ އަދަދަށް ގޮނޑި ނުލިބިއްޖެ ނަމަ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރި އިތުރު ޕާޓީއަކާ ނުވަތަ ޕާޓީތަކަކާ ގުޅިގެން ސަރުކާރު އެކުލަވާލުމުގެ ފުރުސަތު އޮންނަ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުން ހިމެނެ އެވެ.

ބޮޑުވަޒީރުކަމަށް އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަކުން ކަނޑައަޅާ ބޭފުޅެއް ކަމުގައި ގާނޫނުއަސާސީގައި ބަޔާންކުރަންވެސް އެމްޑީޕީގެ ކޮންގރެސްއަށް ހުށަހެޅުއްވި ގަރާރުގައިވެ އެވެ. ރައީސް ނަޝީދު ވިދާޅުވާގޮތައް ބަރުލަމާނީ ނިޒާމެއް ގެނައުމުގެ އެންމެބޮޑު އެއްބޭނުމަކީ ކޯލިޝަނަކުން ކުރާ ވެރިކަމެއް އެހާ ރަނގަޅު ނުވުމާއި ކޮރަޕްޝަން ހުއްޓުވައި، އެކެއްގެ އަތުގައި ބާރުތައް ޖަމާވުން ނިމުމަކަށް ގެނައުމަށެވެ.

ނަޝީދުގެ ހުށަހެޅުން އަނބުރާ ގެންދެވުމަށް ގޮވާލައްވަމުން ނަޝީދަށް ރައްދު ދެއްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވަނީ އެމަނިކުފާނަށް ޕާސަނަލީ ގަބޫލުކުރެއްވެނީ މިހާރު މި އޮތްގޮތް (ރިޔާސީ ނިޒާމް)، އެއީ ރައްޔިތުންގެ ސީދާ ވޯޓަކުން، ރައްޔިތުންގެ ފުރިހަމަ އަގުބަލިއްޔަތަކުން ހޮވޭ ރައީސަކާއެކު އެކުލެވޭ ސަރުކާރަކަށް ހިންގުމުގެ ބާރު އޮތުން ކަމަށެވެ. ދެވަނަ ކަމަކަށް ރައްޔިތުން އިންތިހާބުކުރާ މަންދޫބުންގެ މައްޗަށް އެކުލެވޭ ރައްޔިތުންގެ މަޖިލީހަކުން ގާނޫނު ހެދުމުގެ ބާރު އޮތުން ކަމަށެވެ. އަދި މިނިވަންކަމާއެކީގައި ޝަރީއަތްކުރެވޭ ގޮތަށް ޖުޑިޝަރީ އޮތުމާއި، ތިންބާރު ވަކިކުރެވިފައި އޮތް މިފަދަ ނިޒާމެއް އެއީ އެމަނިކުފާނު ގަބޫލުކުރައްވާ ނިޒާމް ކަމަށެވެ.

ބަރުލަމާނީ ނިޒާމަކުންވެސް ކޯލިޝަން ހަދަން ޖެހުން ނިމުމަކަށް ނާންނަކަމަށް ވިދާޅުވަމުން ރައީސް ސޯލިހް ވިދާޅުވީ ނިޒާމު ބަދަލުކުރުމާއި ގުޅޭ ގޮތުން ކޮންގްރެސްއަށް ހުށަހެޅިފައިވާ ގަރާރުގައި އެންމެ ބޮޑުކަމަކަށް ފާހަގަކުރެވިފައި މިއޮތީ ސަރުކާރެއް އެކުލަވާލާ އިރުގައި ކޯލިޝަނެއް ހެދީމާ، ވައުދުތައް ފުއްދުމުގައި ދަތިތަތަކާއި އުނދަގޫތައް ކުރިމަތިވާ ވާހަކަ ކަމަށެވެ. އަދި ސަރުކާރު ހަރާބުވެގެންދާ ވާހަކަ ކަމަށެވެ. އެހެންކަމުގައިވާނަމަ މި ގަރާރުގައި ގެންނަ ބަދަލުގައި ރަނގަޅު ގޮތެއް އަދި ހައްލެއް ހޯދައިދެވެންޖެހޭނެ ކަމަށާއި އެފަދަ ހައްލެއް އެޤަރާރުން ފެންނަން ނެތްކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މިފަހަރުގެ މިވާހަކަތަކަށް ކޯލިޝަން ސަރުކާރުގައި ހިމެނޭ އެއްވެސް ޕާޓީއަކުން އަދި ރާއްޖޭގެ އެހެން އެއްވެސް ސިޔާސީ ޕާޓީއަކުންވެސް ތާއީދެއް ނުކުރިއެވެ. ހުރިހާ ސިޔާސީ ޕާޓީތަކާއި އެޕާޓީތަކުގެ ލީޑަރުންވެސް ބަރުލަމާނީއާ ސީދާ އިދިކޮޅެވެ. އަދި މިހާރުގެ ބައެއް ވަޒީރުންނާއި ޚުދު ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުވެސް ވިދާޅުވީ ބަރުލަމާނީ ނިޒާމް ރަނގަޅު ނޫންކަމަށެވެ.

މިވާހަކަތަކު އިތުރުން މިފަހަރު އަދި އެހެންކަމެއްވެސް އެބައާދެއެވެ. ދުނިޔެއާއި ރާއްޖެއަށް ދިމާވެފައިވާ އިޤްތިސާދީ ހީނަރުކަމެވެ. ކޮވިޑަށްފަހު ޤައުމުތަކުން އަރައި ނުގަނެވިގެން އުޅޭ ބީދައިން ރާއްޖެވެސް މިވަނީ ހަމަ އެހާލަތުގައެވެ. ރަޝިޔާ، ޔޫކްރެއިން ހަނގުރާމައިގެ އަސަރުވެސް އިޤްތިސާދަށް އިންތިހާއެވެ. އެހެންކަމަށްވާނަމަ މިއީވެސް ބޮޑު ޚަރަދެއްކޮށްގެން މިފަދަ ވޯޓެއް ނަގަންވީ ވަގުތުތޯވެސް ބައެއް މީހުން ސުވާލު އުފައްދައެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވާ ގޮތުގައި ނިޒާމީ ވޯޓެއް ނަގާނަމަ އެކަމަށް 100 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

ކޮންމެއަކަސް ބަރުލަމާނީ ގެނައުމުގެ ވާހަކަ މީގެ ކުރީގައި ދިޔައީ ޗޮކުންނެވެ. މިފަހަރު އަދިވާނެ ގޮތެއް ނޭނގެއެވެ. އެކަމަކު ފެންނަ އެހެންމަންޒަރެއް ހަމަގައިމުވެސް އެބައޮތެވެ. ބަރުލަމާނީގެ ވާހަކައަށް ތާއީދު ކުރާ މީހުން ކުރިއަށްވުރެވެސް މަދުކަމަށް ޤަބޫލު ކުރެވޭ ސަބަބުތަކުންނެވެ. އެވާހަކަ އެންމެ ހަރުކޮށް ވިދާޅުވާ އަދި އެމްޑީޕީ ކޮންގްރެސްއަށް އެކަން ހުށަހެޅުއްވި ރައީސް ނަޝީދު އެމްޑީޕީ ހަރުގޭގައި ބޭއްވި ދެޖަލްސާއިންވެސް ފެނުނު މަންޒަރުންނެވެ. އެންމެ ގިނަ މީހުން އެކަކަށް ތާއީދު ކުރައްވާ އެއްބޭފުޅާ ކަމުގައިވާ ރައީސް ނަޝީދަށް އެކަމުގައި މިހާތަނަށް ލިބުނު ފިނިތަރުހީބުންނެވެ.

މީގެ ކުރިން އެމަނިކުފާނު ހަރުގެއަށް ވަޑައިގަންނަވާނަމަ ސަރަހައްދު ތުކިތުކިލާވަރަށް މީހުން އެއްވިނަމަވެސް މިފަހަރު ބޭރުގައި ތިއްބެވި ބޭފުޅުން އެތެރެއަށް ވެންނެވުމަށް އެމަނިކުފާނު ވިދާޅުވާން ޖެހިވަޑައިގަތުމުންނެވެ. އެންމެގަދައަށް ކުރީ ދެފަހަރުވެސް ބަރުލަމާނީއަށް ވަކާލާތުކުރި އެމްޑީޕީގެ އަޑު މިކަމުގައި މަޑުކަމުންނެވެ. އެހެންކަމަށްވާނަމަ ކަންވާގޮތް އެނގޭނީ ކޮންގްރެސް ތެރެއިންނެވެ. ކާމިޔާބުވެސް ވެދާނެއެވެ. އަނެއްކާވެސް ފަނުފުލުންވެސް ހިނގައިދާނެއެވެ. ސިޔާސީ ހަޤީގަތަކީ ތަފާތު އެއްޗެކެވެ. މިފަހަރު ބަރުލަމާނީ ނުގެނެވިއްޖެނަމަ އެކަމުން ބައިވަރު ވާހަކަތައް ބުނެދޭނެއެވެ. އެއިން އެއްވާހަކައަކަށްވާނީ "ނުއިނދެ ބަރުލަމާނީ ތިންފަށްވުން" ފަދަ ކަމަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
33%
0%
67%
ކޮމެންޓް
ގުޅުންހުރި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
ރައީސް މުއިއްޒު ގެންދަވަނީ އަވަހާރަފުޅު ނުލައްޕަވާ ހުންނަވައިގެން ވެސް ރައްޔިތުންނަށް އިތުރުފުޅު ހައްދަވަމުން - ރައީސް ޞާލިޙު
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު
މި ސަރުކާރު ވެރިކަމަށް އައިސް މުޅި ޤައުމު ހުއްޓުމަކަށް ގެނެސްފި - ރައީސް ސާލިހު
މިސަރުކާރުގެ ކެންޑިޑޭޓުންނަށް ދެވޭ ވޯޓަކީ ކުދިރަށްތަކުގެ ތަރައްގީއާއި ދެކޮޅަށް ދެވޭ ވޯޓެއް: ރައީސް ޞާލިޙް