ރިހިވެލި ބީޗް ރިސޯޓް ސަބްލީސްކުރުމުގެ ގޮތުން މާހަލް ޓުއަރސްއާއި ސޭވް ދަ ޑްރީމް މޯލްޑިވްސްއާ ދެމެދު 2018 ވަނަ އަހަރުގެ މެއި މަހުގެ 8 ވަނަ ދުވަހު ސޮއިކުރެވުނު ސަބްލީސް އެގްރިމެންޓް ބާތިލްކުރުމުގެ ގޮތުން މާހަލް ޓުއަރސްގެ ފަރާތުން ސޭވް ދަ ޑްރީމްއަށް ފޮނުވާފައިވާ ޓަރމިނޭޝަން ނޯޓިސްއަކީ, ސަބްލީސް އެގްރިމެންޓްގެ ދަށުން ފޮނުވާފައިވާ ސައްހަ ނޯޓިސްއެއްކަމަށް ކަނޑައަޅައި އެނޯޓިސް ގެ ދަށުން ދެ ފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ ސަބްލީސް އެއްބަސްވުން ބާތިލްވެފައިވާތީ ސޭވް ދަ ޑްރީމް މޯލްޑިވްސްއަށް ނުވަތަ އެކުންފުނީގެ ހިއްސާދާރަކަށްވެސް މާހަލް ޓުއަރސްގެ ނުރުހުމުގައި ރިހިވެލި ބީޗް ރިސޯޓްގައި އިތުރަށް ތިބެވޭނެ ގާނޫނީ ހަމައެއް ނެތްކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
ސޭވް ދަ ޑްރީމްގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވާ ހުށަހެޅުމުގައި ބުނެފައިވަނީ މާހަލް ޓުއަރސްއާ ދެމެދު ރިހިވެލި ބީޗް ރިސޯޓްގެ ސަބްލީސް 2042އާ ހަމައަށް ކުއްޔަށް ހިފުމަށް 15 ފެބްރުއަރީ 2018ގައި އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހު ތިންވަނަ ފަރާތެއްކަމުގައިވާ ކާސްޓަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މަހަލް ޓުއަރސް, ކުރިން ކުއްޔަށްދީފައިވާ ރިހިވެލި ރިސޯޓުގެ ސަބްލީސް 2018 ވަނަ އަހަރުގެ ޖެނުއަރީ 2ގައި ބާތިލުކުރި ކުރުމުގެ މައްސަލަ ދިވެހިރާއްޖޭގެ ކޯޓުތަކުތަކުގައި ހިނގަމުންދާތީ, އެ މައްސަލަ ކޯޓުތަކުން ނިމުމުގެކުރިން ދައުވާ ރައްދުވާ މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރާ ފަރާތުގެ މައްޗަށް ނޭދެވޭ ފިޔަވަޅެއް ނާޅައި މަޑުކުރުމަށް އެއްބަސްވުމަށްފަހު، ދައުވާ ރައްދުވާ ފަރާތުން 14 ސެޕްޓެމްބަރ 2020ގައި ރިހިވެލި ބީޗް ރިސޯޓުގެ ލީސް ބާޠިލުކޮށްފައިވާތީއާއި، 2018 ވަނަ އަހަރު ދައުވާ ރައްދުވާފަރާތުން ރިހިވެލި ލީސް އެހެންފަރާތަކަށް ވިއްކާލާފައިވާތީ އާއި، މާހަލް ޓުއަސްގެ ޑިރެކްޓަރުންގެ ބޯޑު ޣައިރު ޤާނޫނީ ގޮތުން ކުރިއަށްގެންދާތީއާއި، މި ހާލަތްތަކުގައި ދައުވާ ރައްދުވާ ފަރާތުން ނެރޭ ޓާމިނޭޝަން ނޯޓިސް ސައްހަނުވާނޭކަމަށް ކަނޑައަޅައިދިނުމަށާއި، ދައުވާކުރާ ފަރާތަށް ބަދަލުގެ ގޮތުގައި 800,000.00 (އަށްލައްކަ ޔޫއެސް ޑޮލަރު) ދިނުމަށް މަހަލް ޓުއަސް މައްޗަށް އަމުރުކޮށްދިނުމަށް އެދި މާހިލް ޓުއަސް ޕްރައިވެޓް ލިމިޓެޑާއި ތަނޑިނޫމާގެ މުހައްމަދު ޝިހާމް އާއި ތަނޑިނޫމާގެ ހުސައިން ޝިހާމް އަލީގެ މައްޗަށް ހުކުމް ކޮށްދިނުމަށެވެ.
އެކަމާއި ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ، ރިހިވެލި ބީޗް ރިސޯޓް ސަބްލީސްކުރުމުގެ ގޮތުން މާހަލް ޓުއަސްއާއި ސޭވް ދަ ޑްރީމް މޯލްޑިވްސްއާއި ދެމެދު އަށެއް މެއި 2018 ގައި ސޮއިކުރެވުނު ސަބްލީސް އެގްރީމެންޓް ބާޠިލްކުރުމުގެ މާހަލް ޓުއަސްގެ ފަރާތުން ސޭވް ދަ ޑްރީމް މޯލްޑިވްސްއަށް ފޮނުވާފައިވާ ޓަރމިނޭޝަން ނޯޓިސްއަކީ ސަބްލީސް އެގްރީމެންޓުގެ ދަށުން ފޮނުވާފައިވާ ސައްހަ ނޯޓިސްއެއްކަމަށް ކަނޑައަޅައި ކަމަށެވެ. އަދި އެނޯޓިސްގެ ދަށުން ސޭވް ދަ ޑްރީމް އާއި، މާހަލް ޓުއަރސް އާއި ދެމެދު ސޮއިކުރެވިފައިވާ ސަބްލީސް އެއްބަސްވުން ބާތިލްވެފައިވާތީ, ސޭވް ދަ ޑްރީމް މޯލްޑިވްސްއަށް ނުވަތަ އެކުންފުނީގެ ހިއްސާދާރަކަށްވެސް މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ ނުރުހުމުގައި ރިހިވެލި ބީޗް ރިސޯޓުގައި އިތުރަށް ދެމިތިބުމުގެ, ނުވަތަ އެތަނުން މަންފާ ހާސިލްކުރުމުގެ ހައްގެއް ލިބިގެން ނުވާކަމަށާއި، ދައުވާކުރާ ފަރާތުން ބަދަލެއްގެ ގޮތުގައި މާހަލް ޓުއަރސްގެ ކިބައިން ހޯދުމަށް އެދިފައިވާ 800,000.00 (އަށްލައްކަ ޔޫއެސް ޑޮލަރު)ވެސް ޝަރީއަތުން ނަގައިދެވޭނެ ގާނޫނީ ހަމައެއް ނެތްކަމަށް ވަނީ ހުކުމްކޮށްފައެވެ.
ސޭވް ދަ ޑްރީމް މޯލްޑިވްސްއަށް ނުވަތަ އެކުންފުނީގެ ހިއްސާދާރަކަށްވެސް މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ ނުރުހުމުގައި ރިހިވެލި ބީޗް ރިސޯޓުގައި އިތުރަށް ދެމިތިބުމުގެ ނުވަތަ އެތަނުން މަންފާ ހާސިލްކުރުމުގެ ހައްގެއް ލިބިގެން ނުވާކަމަށް ނިންމައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ރިހިވެލި ބީޗް ރިސޯޓަކީ ސޭވް ދަ ޑްރީމް ފްރާންސް އާއި، މާހަލް ޓުއަސްއާ ދެމެދު 15 ފެބުރުއަރީ 2018ގައި ސޮއިކުރެވުނު "ސޭލް އެންޑް ޕާޗޭސް އެގްރީމެންޓް އިން ރެސްޕެކްޓް އޮފް ރިހިވެލި ބީޗް ރިސޯޓް (މަހާނައެޅި ހުރާ) މޯލްޑިވްސް" އެގްރީމެންޓްގައި މިދެފަރާތުން އެއްބަސްވެފައިވާގޮތުގެ މަތީން، ރިހިވެލި ބީޗް ރިސޯޓް ސަބްލީސްކުރުމަށްޓަކައި އުފެއްދި ޖޮއިންޓް ވެންޗަރއެއް ކަމުގައިވާ ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 08 މެއި 2018 ގައި ސޮއިކުރެވުނު "އެގްރީމެންޓް ފޯރ ދަ ސަބްލީސް އޮފް މަހާނައެޅިހުރާ އިން އަތޮޅު ފޯރ ދަ ރީ-ޑިވެލޮޕްމެންޓް އެންޑް އޮޕަރޭޝަން އޭޒް އަ ޓޫރިސްޓް ރިސޯޓު" އެގްރީމެންޓުގެ ދަށުން ސޭވް ދަ ޑްރީމް މޯލްޑިވްސްއަށް ސަބްލީސް ކުރެވިފައިވާ ރިސޯޓެއް ކަމަށެވެ.
އެ ސަބްލީސް އެގްރީމެންޓުގެ ދަށުން ސޭވް ދަ ޑްރީމް އާއި ރިސޯޓު ހަވާލު ކުރެވިފައިވާކަމާއި، އެދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ ސަބްލީސް އެގްރީމެންޓް މާހަލް ޓުއަރސް ގެ ފަރާތުން ބާޠިލްކޮށްފައިވަނީ ސަބްލީސް އެގްރީމެންޓުގެ ދަށުން ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ފަރާތުން މާހަލް ޓުއަރސް އަށް ދައްކަންޖެހޭ ސަބްލީސް ރެންޓާއި ހެޑްލީސް ރެންޓް އެއްބަސްވުމުގައި ބަޔާންވެގެންވާ ގޮތަށް ދައްކަމުން ނުދާތީކަން ސަބްލީސް އެގްރީމެންޓް ބާޠިލްކުރުމުގެ ގޮތުން މާހިލް ޓުއާސްގެ ފަރާތުން ސޭވް ދަ ޑްރީމް މޯލްޑިވްސްއަށް ފޮނުވާފައިވާ ނަންބަރު ޓާމިނޭޝަން ނޯޓިސްއިންނާއި، ދައުވާލިބޭ ފަރާތްތަކުގެ ބަހުން އެނގޭ ކަަމަށެވެ.
އެހެންކަމުން ސަބްލީސް އެގްރީމެންޓުގެ ދަށުން ދައްކަންޖެހޭ ރެންޓް, އެއްބަސްވުމާ އެއްގޮތަށް ދައްކާފައިވާކަން ނުވަތަ ދައްކަމުންދާކަން ޝަރީއަތަށް ސާބިތުވާފަދަ ކާފީ ހެއްކެއް ހުށަހެޅިފައި ނުވާއިރު، އެއްބަސްވުމާއި އެއްގޮތަށް ސަބްލީސް ރެންޓް ނުދައްކާކަން ސޭވް ދަ ޑްރީމް މޯލްޑިވްސްގެ 50 އިންސައްތަ ހިއްސާ ދާރެއްކަމުގައިވާ ދައުވާކުރާ ސޭވް ދަ ޑްރީމް ފްރާންސްގެ ބަހުންވެސް އެނގެން އޮތުމާއިއެކު، ލީސް އެގްރީމެންޓެއްގެ ދަށުން ދައްކަންޖެހޭ ރެންޓަކީ އެގްރީމެންޓްގެ ޖައުހަރީ މާއްދާއެއް ކަމަށްވުމުން އެފަދަ އެގްރީމެންޓެއްގެ ދަށުން ދައްކަންޖެހޭ ރެންޓް އެއްބަސްވުމާއި އެއްގޮތަށް ނުދެއްކުމަކީ އެ އެގްރީމެންޓް ބާޠިލްކުރުމުގެ ހައްގު ކުއްޔަށް ދިންފަރާތަށް ލިބިގެންވާ ކަމެއް ކަމަށެވެ. އަދި ރެންޓް ދެއްކުމަކާނުލައި އެ އެގްރީމެންޓުގެ ދަށުން ލީސް ކުރެވިފައިވާ ތަނަކުން ނުވަތަ އެއްޗަކުން މަންފާ ހާސިލްކުރުމުގެ ޤާނޫނީ ހައިސިއްޔަތެއް ކުއްޔަށް ނަގާ ފަރާތަށް ލިބިގެން ނުވާކަމީ އެފަދަ އެއްބަސްވުންތަކުގެ އަސާސްކަން ކޮންޓްރެކްޓާ ބެހޭ ގޮތުން އަމަލުކުރެވެމުންދާ އިސްތިޤްރާރުވެފައިވާ އުސޫލުތަކަށް ރިއާޔަތްކުރުމުން އެނގެން އޮތް ކަމަށެވެ.
މިހުކުމް އިއްވިތާ 10 ވަރަކަށް މިނެޓް ތެރޭ މަހާލް އިން ވަނީ ރިހިވެއްޔަށް އަރައި އެރިސޯޓުގައި ތިބި ސޭވްދަ ޑްރީމްގެ މެނޭޖްމަންޓް އެރަށުން ބޭލުމަށް މަސައްކަތްކޮށްފައެވެ. އެކަމާގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ފުލުހުން ބުނީ ރިހިވެލި ރިސޯޓަށް ބަޔަކު އަރައި ހަމަނުޖެހުން ހިންގަމުންދާކަމުގެ މައުލޫމާތު އަންގާރަ ދުވަހުގެ ހަވީރު 4:00 އެހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
މި ހަމަނުޖެހުން ހިނގާފައިވަނީ ކޯޓުން ނިންމާފައިވާ ނިންމުމަކާމެދު ރިސޯޓުގެ ކުރީގެ މެނޭޖްމެންޓާއި، މިހާރުގެ މެނޭޖްމެންޓާ ދެމެދު ޖެހިގެން އުޅޭ މައްސަލައަކާއި ގުޅިގެންނެވެ. އިތުރު ހަމަނުޖެހުމެއް ހިނގިޔަ ނުދިނުމަށް ފުލުހުން އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، ވާހަކަ ދައްކައިގެން މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.
ރިހިވެލި ރިސޯޓަށް މާހަލްއިން އެރުމާގުޅިގެން ސޭވް ދަ ޑްރީމްގެ ވަކީލު ނާޒިމް ސައްތާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރިހިވެއްޔާ ގުޅޭ މައްސަލަތައް ޝަރުއީ އެންމެ ފަހު މަރުހަލާއިން ނިމެންދެން ސޭވް ދަ ޑްރީމް ރިހިވެލިން ނުބޭލޭނެކަމަށެވެ.
ސޭވް ދް ޑްރީމްގެ ފަރާތުން ހައިކޯޓުގެ ވަގުތީ އަމުރުގެ ނިންމުން އިސްތިއުނާފު ކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލެން ނެތްކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ. އަދި މިމައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މުރާޖާކުރުމަށް ހުށަހަޅާފައެވެ.
ސިވިލް ކޯޓުން ނެރުނު އަމުރާ ގުޅިގެން ނާޒިމް ސައްތާރު ވަނީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙުމަދު މުޢުތަޞިމް ޢަދްދާނަށް, ރިހިވެލި ބީޗް ރިސޯޓުގެ މައްސަލައިގައި ވަގުތީ އަމުރެއްގެ ހިމާޔަތް ލާޒިމްވާތީ އެމައްސަލަ ސުޕްރީމް ކޯޓުގައި ރަޖިސްޓްރީކޮށްދެއްވުން އެދި ސިޓީ އެއް ފޮނުވާފައެވެ. އެސިޓީގައި ވަނީ ރިހިވެލި ބީޗް ރިސޯޓުގެ މައްސަލަ ހައްލުވާނީ ސޭވް ދަ ޑްރީމް ފްރާންސް ވ. މާހަލް ޓުއަރސްގެ މައްސަލައިގެ އިތުރުން ސޭވް ދަ ޑްރީމް ފްރާންސް ވ. ޙުސައިން ޝިހާމް ޢަލީގެ މައްސަލައަށްވެސް ފައިސަލާކުރަނިވި ނިންމުމެއް ނިންމިގެން ކަމުގައިވާތީ, އަދި މި ދެ މައްސަލަވެސް ކޯޓުގައި ކުރިޔަށްދާއިރު، ރިހިވެލި ރިސޯޓުގެ "ސްޓޭޓަސް ކުއޯ" ދެމެހެއްޓުމަށް ވަގުތީ އަމުރެއްގެ ހިމާޔަތް ލާޒިމްވާތީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވީހާވެސް އަވަހަށް ރަޖިސްޓްރީކޮށް ތާވަލްކުރުމަށް ދަންނަވާކަމަށެވެ.
ސިވިލް ކޯޓުގައި ރިހިވެލި ރިސޯޓުގެ މައްސަލަ ކުރިއަށް ދަނިކޮށް އަލުން އެ ރިސޯޓް ހުޅުވުމަށް ފްރާންސްގެ އޮޕަރޭޓަރުންނަށް ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދީފައިވަނީ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުއެވެ.
އެ ރިސޯޓު ހުޅުވަން ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދިނީ, ރިހިވެލި ދަ ޑްރީމް ރިސޯޓު ހިންގާ ފްރާންސްގެ "ސޭވް ދަ ޑްރީމް" ކުންފުނީގެ ހައްގު ގެއްލޭ ފަދަ އެއްވެސް ފިޔަވަޅެއް ނޭޅުމަށް މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ސިވިލް ކޯޓުން ނެރުނު ވަގުތީ ކޯޓު އަމުރަށް ހައި ކޯޓުން ތާއީދު ކުރުމާގުޅިގެންނެވެ. ސިވިލް ކޯޓުން ވަގުތީ ކޯޓު އަމުރެއް ނެރެފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އަދި އެ އަމުރަށް ހައިކޯޓުން ތާއީދު ކޮށްފައި ވަނީ ޖުލައި މަހުގެ 7 ވަނަ ދުވަހުއެވެ.